[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޖުވީދުގެ ފުރަމަތަ މަރުޙަލާ (ތިލާވަތުކުރުމުގެ އަދަބުތައް)

ކީރިތި ޤުރުއާން ތިލާވަތުކުރުމުގެ އަދަބުތައް [1]

 

 

  1. ޠާހިރުވުން

 

ކީރިތި ޤުރުއާން ކިޔަވަންވާނީ ފުރިހަމައަށް ޠާހިރުވެގެންނެވެ. މިކަމުގައި ހަށިގަނޑާއި ހެދުމާއި ކިޔަވާ ތަން ޠާހިރުކުރުމާ އަދި މިސްވާކުކުރުން (އަނގައާއި ދަތްތައް ސާފުކުރުން) ހިމެނެއެވެ. މިއީ އެންމެ ފުރިހަމަ ގޮތެވެ. [2] ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنِّي كَرِهْتُ أَنْ أَذْكُرَ اللَّهَ عَزَّ وَجَلَّ إِلَّا عَلَى طُهْرٍ أَوْ قَالَ: عَلَى طَهَارَةٍ» [رواه أبو داود في سننه برقم: (17) وصححه الألباني في صحيح أبي داود برقم: (13)]

މާނައީ: “ހަމަކަށަވަރުން ޠަހާރަތުގެ މަތީގައި ހުންނަވައިގެން މެނުވީ ﷲ ހަނދުމަކުރުމަށް ތިމަންކަލޭގެފާނު ނުހުރުންތެރިވެވަޑައިގަތީއެވެ.”

 

 

  1. ކިޔަވަން ފެށުމުގެ ކުރިން أَعُوْذُ ކިޔުން

 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ﴾ [سورة النحل ٩٨] 

މާނައީ: “ފަހެ، ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާ ހިނދު، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި، ﷲ ގެ ރައްކާތެރިކަމަށް އެދި ދަންނަވާށެވެ!”

 

 

  1. މަޑުމޮޅިކަމާއި ޚުޝޫޢަތްތެރިކަމާއެކު ކިޔެވުން

 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا﴾ [سورة الإسراء ١٠٩] 

މާނައީ: “އަދި އެއުރެން ރޮމުން މޫނުވަތަށް ސަޖިދައަށް ތިރިވެއެވެ. އަދި އެ ޤުރުއާން އެއުރެންނަށް މަޑުމޮޅިކަން އިތުރުކޮށްދެއެވެ.”

 

 

  1. ކީރިތި ޤުރުއާން ކިޔަވަމުންދާއިރު އަޑުގަދަ ނުކުރުން

 

ކީރިތި ޤުރުއާން ކިޔަވަމުންދާއިރު އަޑުގަދަކޮށް، ހަޅޭއްލަވާ ހީސަމާސާކޮށް އަދި ބޭކާރުވާހަކަ ދެއްކުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَـٰذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ ﴿٢٦﴾ فَلَنُذِيقَنَّ الَّذِينَ كَفَرُوا عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ الَّذِي كَانُوا يَعْمَلُونَ ﴿٢٧﴾ [سورة فصلت] 

މާނައީ: “ކާފިރުވި މީހުން ބުންޏެވެ. ތިޔަބައިމީހުން މި ޤުރުއާން އަޑުނާހާށެވެ! (އަދި ޤުރުއާން ކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަކުރާށެވެ! އެއީ ތިޔަބައިމީހުންނަށް ގަދަވެގަނެވޭތޯއެވެ! [26] ފަހެ، ހަމަކަށަވަރުން ކާފިރުވި މީހުންނަށް ތިމަންއިލާހު ގަދަވެގެންވާ ޢަޛާބުގެ ރަހަ ދައްކަވާ ހުށީމެވެ. އަދި ހަމަކަށަވަރުން އެއުރެން ކޮށްއުޅުނު ނުބައި ޢަމަލުތަކަށް ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ. [27]”

 

 

  1. ނިޔަތް ﷲ އަށް ޚާލިޞްކުރުން

 

ކީރިތި ޤުރުއާން ކިޔެވުމުގައި ﷲ އަށް އިޚްލާޞްތެރިވުމަކީ ހަމައެކަނި އެއިލާހުގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި، އެއްވެސް ދެއްކުން ތެރިކަމެއް ނެތި ކީރިތި ޤުރުއާން ކިޔެވުމެވެ. އަދި އެކަމަށްޓަކައި އެއްވެސް މީހެއްގެ ޘަނާއަށް އުންމީދު ނުކުރުމެވެ. އެހެނީ ކޮންމެ މީހަކަށްވެސް އެމީހަކު ކުރާ ހެޔޮ ޢަމަލަކުން ލިބެނީ އެމީހަކު ނިޔަތް ގަތް ކަމެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى» [رواه البخاري في صحيحه برقم: (1) واللفظ له ومسلم في صحيحه برقم: 155 – (1907)]

މާނައީ: “ޢަމަލުތައް (ބިނާ) ވަނީ، ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވާހުށީ އެމީހަކު އެ ނިޔަތްގަތް ކަމެކެވެ.”

 

 

  1. ކީރިތި ޤުރުއާން ރިވެތިކޮށް ކިޔެވުން

 

ކޮންމެ މީހަކުވެސް ކީރިތި ޤުރުއާން ރިވެތިކޮށް ކިޔެވޭތޯ މަސައްކަތް ކުރަންވާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ» [رواه أبو داود في سننه برقم: (1468) وصححه الألباني في صحيح أبي داود برقم: (1320)]

މާނައީ: “ތިޔަބައިމީހުންގެ އަޑުތަކުން ޤުރުއާން ޒީނަތްތެރިކުރާށެވެ.”

އެބަހީ: ޤުރުއާން ރީތިކޮށް ކިޔަވައިގެން އޭގެ ރިވެތިކަން ފާޅުކުރާށެވެ. [3]

 


 

[1] ބައްލަވާ: قواعد الإتقان لإيمان بنت محمد علي الزين (ص: 12 – 13) وغاية المريد لعطية قابل نصر (ص: 14).

[2] ބައްލަވާ: الإيجاز في شرح سنن أبي داود للنووي (ص: 136) وقواعد الإتقان لإيمان بنت محمد علي الزين (ص: 12).

[3] ބައްލަވާ: ومرقاة المفاتيح للملا علي القاري (4/1501)

 

ތަޖުވީދުގެ ފުރަމަތަ މަރުޙަލާ