-
މޫސާގެފާނާއި އެކަލޭގެފާނުގެ އަޚް ހާރޫން عليهما السلام :
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَلَقَدْ آتَيْنَا مُوسَى الْكِتَابَ وَجَعَلْنَا مَعَهُ أَخَاهُ هَارُونَ وَزِيرًا ﴿٣٥﴾ فَقُلْنَا اذْهَبَا إِلَى الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا فَدَمَّرْنَاهُمْ تَدْمِيرًا ﴿٣٦﴾ [سورة الفرقان 35-36]
މާނަ: “ހަމަކަށަވަރުން މޫސާގެފާނަށް ތިމަންއިލާހު ފޮތް ދެއްވީމެވެ. އަދި ތިމަންއިލާހު އެކަލޭގެފާނާއެކު އެކަލޭގެފާނުގެ އަޚް، ހާރޫނުގެފާނު ވަޒީރަކުކަމުގައި ލެއްވީމެވެ. ފަހެ، ތިމަންއިލާހު ވަޙީކުރެއްވީމެވެ. ތިމަންއިލާހުގެ އާޔަތްތައް ދޮގުކުޅަ މީހުންގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ފަހެ، ތިމަންއިލާހު އެއުރެން ހަލާކުކުރައްވައި ނެތިކުރެއްވީމެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَارُونَ بِآيَاتِنَا وَسُلْطَانٍ مُّبِينٍ ﴿٤٥﴾ إِلَىٰ فِرْعَوْنَ وَمَلَئِهِ فَاسْتَكْبَرُوا وَكَانُوا قَوْمًا عَالِينَ ﴿٤٦﴾ [سورة المؤمنون 45-46]
މާނަ: “ދެން ތިމަންއިލާހުގެ ހެކިތަކާއި، ބަޔާންވެގެންވާ ބާރަކާއެކު މޫސާގެފާނާއި، އެކަލޭގެފާނުގެ އަޚް، ހާރޫނުގެފާނު ތިމަންއިލާހު ފޮނުއްވީމެވެ. (އެއީ) ފިރުޢައުނާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން ބޮޑާވެގަތެވެ. އަދި ކިބުރުވެރިވެގަތް ބަޔަކުކަމުގައި އެއުރެން ވިއެވެ.”
-
މޫސާގެފާނާއި އެއް ޒަމާނެއްގައި ޚަޟިރު عليه السلام އުޅުއްވިއެވެ.
ބައެއް ޢިލްމުގެ އަހުލުވެރިން ދެކިލައްވާ ގޮތުގައި އެކަލޭގެފާނަކީ ނަބިއްޔެކެވެ. އެކަލޭގެފާނު މޫސާގެފާނާއި ބައްދަލުވެވަޑައިގަތެވެ. ﷲ ތަޢާލާ އަހުރެމެންނަށް ކަހްފު ސޫރަތުގައި މިކަންތައް ބަޔާންކޮށްދެއްވާފައިވެއެވެ.
فَوَجَدَا عَبْدًا مِّنْ عِبَادِنَا آتَيْنَاهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا ﴿٦٥﴾ [سورة الكهف 65]
މާނަ : “ދެން (އެތަނުން) އެ ދެކަލުންނަށް ތިމަންއިލާހުގެ އަޅުންގެ ތެރެއިން (ޚާއްޞަ) އަޅަކު ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަންއިލާހުގެ ޙަޟްރަތުން ރަޙްމަތެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންއިލާހުގެ ޙަޟްރަތުން ޚާއްޞަ ޢިލްމެއް އުނގަންނައިދެއްވީމެވެ.”
އިބްނު ޢައްބާސް އާއި ޙުއްރު ބުން ޤައިސް ބުން ޙިޞްނު އަލްފަޒާރީއާ ދެބޭކަލުން މޫސާގެފާނުގެ ޞާޙިބާއި ބެހޭގޮތުން ދެބަސްވެވަޑައިގަތެވެ. އިބްނު ޢައްބާސް ވިދާޅުވިއެވެ.
އެއީ ޚަޟިރެވެ. އެވަގުތު އެތަނުން ވަޑައިގެންނެވީ އުބައްޔު ބުން ކަޢުބެވެ. އިބްނު އައްބާސް އެކަލޭގެފާނަށް ދެންނެވިއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މިފެންނަ އެކުވެރިޔާ (އެބަހީ: ޙުއްރު ބުން ޤައިސް) ދެބަސްވެވަޑައިގެން މިއުޅުއްވަނީ މޫސާގެފާނަށް އެބޭފުޅަކާއި ބައްދަލުކުރެއްވުމަށް އަމުރުކުރެވުނު ޞާޙިބާ ބެހޭގޮތުންނެވެ. ކަލޭގެފާނު މިކަމާ ބެހޭގޮތުން އެއްވެސް ޙަދީޘެއް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން އަޑުއެއްސެވީމުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
((بَيْنَمَا مُوسَى فِي مَلَإٍ مِنْ بَنِي إِسْرَائِيلَ جَاءَهُ رَجُلٌ فَقَالَ: هَلْ تَعْلَمُ أَحَدًا أَعْلَمَ مِنْكَ؟ ” قَالَ مُوسَى: لاَ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَى مُوسَى: بَلَى، عَبْدُنَا خَضِرٌ، فَسَأَلَ مُوسَى السَّبِيلَ إِلَيْهِ، فَجَعَلَ اللَّهُ لَهُ الحُوتَ آيَةً)) [رواه البخاري (74) ومسلم 174 – (2380)]
މާނަ: “މޫސާގެފާނު ބަނޫ އިސްރާއީލުންގެ އިސްމީހުންނާއެކު ހުންނަވަނިކޮށް މީހަކު އައިސް ސުވާލުކުރިއެވެ. ކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭކަލަކު ކަލޭގެފާނަށް އެނގިލައްވާ ހެއްޔެވެ؟ މޫސާގެފާނު ދެންނެވިއެވެ. ނޫނެކެވެ. އެހިނދު ﷲ عَزَّ وَجَلَّ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. އާދޭހެވެ. ކަލޭގެފާނަށް ވުރެ ޢިލްމުވެރި ބޭކަލަކުވެއެވެ. އެއީ ތިމަން އިލާހުގެ އަޅާ ޚަޟިރުއެވެ. އެހިނދު މޫސާގެފާނު އެކަލޭގެފާނުގެ އަރިހަށް ވާސިލުވެވޭނެ ގޮތެއް ދެއްކެވުމަށް އެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނަށް (ޚަޟިރުގެފާނާއި ހަމައަށް ވާސިލްވުމަށް) ޢަލާމާތެއްގެ ގޮތުގައި، ﷲ ތަޢާލާ މަހެއް ލެއްވިއެވެ.”
=ނުނިމޭ=
____________________________