-
އާޔަތްތައް
އެހެން އާޔަތެއް ﷲ ޞުބްޙާނަހޫ ވަތަޢާލާ އެ މީހުންގެ މައްޗަށް ފޮނުއްވިއެވެ. ﷲ ތަޢާލާ އެމީހުންނަށް (ފެންބޮޑުވުމުގެ) ޠޫފާނެއް ފޮނުއްވިއެވެ. ހުއްޓާނުލައި ވެހޭ ގޮތުގައެވެ. އޭގެ ސަބަބުން ނީލަ ކޯރު ބަންޑުން ވެގެން ދިޔައެވެ. އެމީހުންގެ ދަނޑުތައް ފެނުގެ ސަބަބުން ޣަރަޤުވެގެން ދިޔައެވެ. މޭވާތައް ހަލާކުވެގެން ދިޔައެވެ. ވާރޭފެންވީ އެމީހުންނަށް ބަލާއެއް ކަމުގައެވެ. މީގެ ކުރިން އެމީހުން ޝަކުވާ ކުރަމުން ދިޔައީ ފެން މަދުކަމާ ހުރެއެވެ. މިހާރު ޝަކުވާ ކުރަނީ ފެން ބޮޑުވެގެންނެވެ.
އެމީހުންގެ މައްޗަށް، ﷲ ތަޢާލާ ގޮއްފުޅަނގިވެސް ފޮނުއްވެވިއެވެ. ގޮއްފުޅަނގި އެމީހުންގެ ދަނޑުތައް ކައި ހުސްކުރަމުން ދިޔައެވެ. އެކަމުގެ ސަބަބުން ދަނޑުތަކުގައި އެއްވެސް އެއްޗެއް ނުހެއްދެއެވެ. ﷲ ގެ ލަޝްކަރުތަކާ ހަނގުރާމަކުރުމަށް ފިރުޢައުނާއި އޭނާގެ ސިފައިން ނުކުޅެދުނެވެ. އެހިނދު މިޞްރުގެ ރައްޔިތުންނަށް އެނގި ފަހުމު ވެގެން ދިޔައީ ފިރުޢައުނުގެ ބަލިކަށިކަމެވެ. އަދި ހާމާނުގެ ހުރި ނުކުޅެދުންތެރިކަމެވެ. އަދި އެކަންކަން ޙައްލުކުރުމަށް ފިރުޢައުނުގެ ސިފައިންގެ ކުޅަދާނަކަން ނެތް މިންވަރެވެ. އެކަމަކު ޢިބްރަތް ލިބިގަންނަ ބަޔަކު ކަމުގައި އެ މީހުން ނުވެއެވެ. އަދި އިންޒާރު ލިބިގަންނަ ބަޔަކު ކަމުގައި އެމީހުން ނުވިއެވެ.
އަނެއްކާވެސް އެމީހުންގެ މައްޗަށް އެހެން އާޔަތެއް ﷲ ފޮނުއްވިއެވެ. އެއީ އުކުނެވެ. އެމީހުންގެ މައްޗަށް މި އެއްޗެހި ވެރިވެގަތެވެ.
ﷲ ތަޢާލާ އެމީހުންގެ މައްޗަށް ޢަޛާބެއްގެ ގޮތުގައި ބޮއްވެސް ފޮނުއްވިއެވެ. ބޮކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް، ފިރުޢައުނުގެ މީހުން ނުކުޅެދުނެވެ.
ﷲ ތަޢާލާ އެމީހުންގެ މައްޗަށް އާޔަތެއްގެ ގޮތުގައި ލޭ ފޮނުއްވިއެވެ. އެ މީހުންގެ ނޭފަތުން އަންނަނީ ހުސް ލެޔެވެ. އަދި ބޯން ގެންގުޅޭ ފެންވެސް ލެއަށް ބަދަލުވިއެވެ. ﷲ ގެ ޢަޛާބުން ދުރުކުރުމުގެ ކުޅަދާނަކަމެއް އެމީހުންގެ ކިބަޔަކު ނެތެވެ. އެންމެ ފަހުން އެ މީހުން ބަލިކަށިވެގެންދިޔައެވެ. ޑޮކްޓަރުންނަށް ވެސް، ފަރުވާއެއް ނުހޯދުނެވެ. އެއްވެސް ބޭހަކުންވެސް މެއެވެ.
ﷲ އެމީހުންނަށް ފޮނުއްވި ކޮންމެ އާޔަތަކަށް ފަހުވެސް، އެމީހުން މޫސާގެފާނުގެ އަރިހަށް އައިސް ބުނެއެވެ. އަހަރުމެންގެ ކިބައިން މި މުޞީބާތް ފިއްލަވައި ދެއްވާތޯ ކަލޭގެފާނުގެ ވެރި އިލާހަށް ދަންނަވައިދެއްވާށެވެ. އޭރުން އަހަރުމެން ތައުބާވެ، ކަލޭގެފާނުގެ ދަޢުވަތަށް އީމާންވާނަމެވެ. އަދި ކަލޭގެފާނާއެކު ބަނޫ އިސްރާއީލުގެ މީހުން ފޮނުއްވައި ދެއްވާނަމެވެ. އެމީހުންގެ ކިބައިން މުޞީބާތް ﷲ ފިއްލަވައިދެއްވައިފިނަމަ، އެމީހުންވީ އަޙުދު އުވާލައެވެ.
(فَأَرْسَلْنَا عَلَيْهِمُ الطُّوفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَادِعَ وَالدَّمَ آيَاتٍ مُّفَصَّلَاتٍ فَاسْتَكْبَرُوا وَكَانُوا قَوْمًا مُّجْرِمِينَ) [1]
މާނަ: “ދެން ކަނޑައެޅި، ބަޔާންވެގެންހުރި އާޔަތްތަކެއް ކަމުގައި (ފެންބޮޑުވުމުގެ) ޠޫފާނާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންއިލާހު އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] 133 الأعراف