-
ބަނޫއިސްރާއީލުގެ މީހުން މިޞްރުން ނުކުތުން
ބަނޫ އިސްރާއީލުގެ މީހުންނަށް މިޞްރުގެ ބިމުގައި އުޅެން ދަތިވިއެވެ. އެއީ އެ ބިމަކީ ތަނަވަސް (ބޮޑު) ބިމެއް ކަމުގައި ވިޔަސްމެއެވެ. މިޞްރުގެ ބިމުގައިވާ ޙަޒާނާތަކުން ބަނޫ އިސްރާއީލުގެ މީހުންނަށް އެއްވެސް ފައިދާއެއް ނެތެވެ. އެމީހުންގެ ގިނަމީހުން އުޅެން ޖެހެނީ ފިރުޢައުނުގެ އަޅު މަސައްކަތުގައެވެ. ކޮންމެ ދުވަހަކުވެސް އެމީހުންނަށް އެކިވައްތަރުގެ އިހާނަތްތެރި ޢަޛާބު ދެވެއެވެ. އެމީހުން ކެތްތެރިވާންވީ ކިހާ ދުވަހަކަށް ހެއްޔެވެ؟ އުދަނގުލާއި ވޭންދެނީ، ބަނޫއިސްރާއީލުގެ މީހުންނީ އާދަމުގެ ދަރީންނެއް ނޫން ހެއްޔެވެ؟
ބަނޫ އިސްރާއީލުގެ މީހުން ގޮވައިގެން ރޭގަނޑުގައި ހިންގަވައިފާ މިޞްރުން ނުކުމެވަޑައިގަތުމަށް، މޫސާގެފާނަށް ﷲ ވަޙީކުރެއްވިއެވެ. ބަނޫ އިސްރާއީލުގެ މީހުން މިޞްރުން ނުކުމެއްޖެކަން، ފިރުޢައުނުގެ ސިފައިންނަށް އެނގުނެވެ. އެ މީހުންގެ ލޯ ތަކަކީ ކާޅުގެ ލޯ ފަދަ ތޫނު ލޯތަކެކެވެ. އަދި ހިނިތައް ހޮރުން ނުކުމެ އުޅޭހެން ބަނޫ އިސްރާއީލުގެ މީހުންނަށް ޖާސޫސްކުރުމުގައި އުޅޭ ބަޔެކެވެ. އެމީހުން މި ޚަބަރު ފިރުޢައުނަށް ދިނެވެ.
ބަނޫ އިސްރާއީލުގެ ބާރަ ޤަބީލާ މޫސާގެފާނާއި އެކު ނުކުތެވެ. އެ މީހުން ދަތުރު ކުރަމުން ދިޔައީ ރޭގަނޑުގެ ކަނު އަނދިރީގައެވެ. ފަތިހުގެ އަލިކަން ފާޅުވިއިރު، އެމީހުންނަށް ފެނުނީ އެ މީހުންގެ ކުރިމަތީގައި ކަނޑު އޮއްވައެވެ. އެ މީހުންގެ ތެރެއިން މީހުން ބުނާ އަޑު އިވެއެވެ. އަހަރުމެންނަށް މި ދެވެނީ ކޮންތާކަށް ހެއްޔެވެ؟ ޖަވާބުގައި ބަޔަކު ބުނެފިއެވެ. އަހަރުމެންގެ ކުރިމަތިގައި މިއޮތީ ކަނޑެވެ. ކުއްލިއަކަށް އެމީހުން ފަހަތަށް އެނބުރިއްޖެއެވެ. އެމީހުންނަށް ފެނުނީ ވަރުގަދަ ހިރަފުސް ގަނޑެކެވެ. އެ ހިރަފަސްގަނޑު ކުޑަކޮށް ސާފުވިހިނދު، ފެނުނީ ބިޔަ ލަޝްކަރެކެވެ. އެބަހީ ފިރުޢައުނުގެ ލަޝްކަރެވެ. އެ މީހުންގެ ހިތް ބިރުން ބޭރަށް ނުކުތް ފަދައެވެ.
އެހިނދު ބަނޫ އިސްރާއީލުގެ އަޑުގަދަވެގެން ދިޔައެވެ. އަދި ބުންޏެވެ. އެބައިމީހުން އަހަރުމެންނާ އަރާ ހަމަކުރާނެއެވެ.
އެހިނދު ދުނިޔެއިން އެމީހުން މާޔޫސްވެ، އުންމީދު ކެނޑިއްޖެއެވެ. އަޑުތައް މަޑުވެއްޖެއެވެ. ބަނޫ އިސްރާއީލުގެ ކޮންމެ މީހެއްވެސް ވީ އެފަދަ ޙާލެއްގައެވެ. އެކަމަކު މޫސާގެފާނު ﷲ އާމެދު އޮތް އީމާންކަމަށް ގުޑުމެއް ނާރައެވެ. އެހިނދު މޫސާގެފާނު ގެ އަޑު އެމީހުންނަށް އިވުނެވެ.
(قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ) [1]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރައްބު ތިމަންނާއާއެކު ވޮޑިގެންވެއެވެ. އެއިލާހު ތިމަންނާއަށް މަގުދައްކަވާނެއެވެ.”
މޫސާގެފާނުގެ އަޞާ ކަނޑުގައި ޖެއްސެވުމަށް ﷲ އަމުރުކުރެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ އަޞާ އިން ކަނޑުގައި ޖެއްސެވިއެވެ. އެހިނދު ބާރަ ބަޔަށް (މަގަށް) އެ ކަނޑު އިރައިގެން ދިޔައެވެ. ކޮންމެ ބަޔެއްގެ އެއްފަރާތުގައި ފަރުބަދައެއް ފަދައިން ކަނޑުގެ ފެން އުފުލިގެންވިއެވެ. ކޮންމެ ޤަބީލާއަކަށް ކަނޑު ހުރަސްކުރާނެ މަގެއް ވިއެވެ. އަމާންކަމާއި، ސަލާމަތްތެރިކަމާއެކު ކަނޑު ހުރަސްކޮށް އެއްގަމަށް، އެމީހުން ވާޞިލުވިއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] الشعراء 62