[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަށުނަމާދުކުރާނެ ގޮތް

އިންސާނާ ދިރިހުރިއިރުގައި ޙުރުމަތްތެރިކުރެއްވި ފަދައިން މާތް ﷲ ވަނީ އޭނާ މަރުވުމަށްފަހުގައިވެސް ޙުރުމަތްތެރިކުރައްވާފައެވެ. އިންސާނާއަށް ލާބައާއި މަންފާ ލިބިދެނިވި އެންމެހާ މަގަކަށް ވަނީ މަގުދައްކަވާފައެވެ. މިގޮތުން؛ މާތް ﷲ ވަނީ މުސްލިމުންގެ ތެރެއިން މަރުވާ މީހުންނަށާއި ދިރިތިބީންނަށް ހެވެއްގެ ގޮތުގައި ކަށުނަމާދު ޝަރުޢުކުރައްވާފައެވެ.

 

ކަށުނަމާދަކީ ކޮބާ؟

ކަށުނަމާދަކީ ދިރިތިބީންގެ ފަރާތުން މައްޔިތާއަށް ކޮށްދެވޭނެ އެންމެ ހެޔޮ ޢަމަލެވެ.  ކަށުނަމާދަކީ މުސްލިމުންގެ މައްޗަށް ފަރުޟު ކިފާޔަތެކެވެ. މުސްލިމުންކުރެ ކޮންމެވެސް އެއްބަޔަކު މި ނަމާދުކުރުމުން އެންމެންގެ މަތިން ފުދިގެންދާނެއެވެ. ކަށުކަމާކެމީގެ އެންމެހާ ކަމެއް އަވަހަށް ކުރުމަކީ އެދެވިގެންވާ ކަމަކަށްވާއިރު، ކަށުނަމާދުވެސް ކުރުކުރުމަކީ އެދެވިގެންވާ ކަމެކެވެ. މި ނަމާދުގައި ވީހާވެސް ގިނަ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ބައިވެރިވުމަކީ ވަރަށް ބޮޑަށް ބާރުއެޅިފައިވާ ކަމެކެވެ. ހިތާމަޔަކީ މައްޔިތާއަށް ހަމްދަރުދީވެ، މައްޔިތާގެ މޫނު ބެލުމަށްޓަކައި ޒިޔާރަތްކުރާ ބައެއް ބޭފުޅުން، މައްޔިތާއަށް އެންމެ މަންފާކުރާނެ ކަންކަމުގައިވާ ކަށުނަމާދު ކުރުމާމެދު ފަރުވާކުޑަކުރާކަމެވެ.

ކޮންމެ މުސްލިމު މައްޔިތެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނެއެވެ. ކާފަރެއްގެ މައްޗަށް ކަށުނަމާދު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. ހަތަރުމަހަށްވުރެ ގިނަދުވަސްވީފަހުން ބައިގެންދާކުއްޖާގެ މައްޗަށްވެސް ކަށުނަމާދު ކުރެވޭނެއެވެ. ކަށުނަމާދުނުކޮށް ވަޅުލެވިއްޖެ މައްޔިތެއްގެ މައްޗަށް ކަށުނަމާދުކުރާނީ ޤަބުރުސްތާނުގައި ވަޅުލާފައިވާ ތަނުގެ ކައިރީގައެވެ. މި ނަމާދަކީ ތަކްބީރުތަކަކާއި ސަލާމްދިނުމުގެ މައްޗަށް އެކުލެވިގެންވާ ނަމާދެކެވެ. 4 ތަކްބީރުން ފެށިގެން 9 ތަކްބީރާ ހަމައަށް ތަކްބީރުކިޔުން ހުއްދަވެގެންވެއެވެ. އެންމެ ގިނަ ރިވާޔަތްތަކުގައި ވާރިދުވެފައި ވަނީ 4 ތަކްބީރު ކިޔުމަށެވެ. މި ނަމާދުގައި ރުކޫޢުއެއް އަދި ސަޖިދައެއް ނުހިމެނެއެވެ. މައިދާނެއްގައިވެސް، އަދި މިސްކިތެއްގައިވެސް އަދި ޤަބުރުސްތާނެއްގެ ތެރޭގައިވެސް މި ނަމާދުކުރެވިދާނެއެވެ. ޠަހާރަތާއި، ޤިބްލަޔަށް ކުރިމަތިލުމާއި، ޢައުރަ ނިވާކުރުންފަދަ އެހެން ނަމާދުތަކަށް ޝަރުޠުވެގެންވާ ކަންކަން ކަށުނަމާދަށްވެސް ޝަރުޠުވެގެންވެއެވެ.

ކަށުނަމާދުގެ ރުކުންތަކަކީ: (1) ކުޅަދާނަކަން ހުރިނަމަ ކޮޅަށް ހުރުން، (2) 4 ތަކްބީރު ކިޔުން، (3) ފާތިޙާ ސޫރަތް ކިޔެވުން. (4) ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތް ކިޔެވުން. (5) މައްޔިތާއަށް ދުޢާކުރުން. (6) ތަރުތީބުކުރުން. (7) ސަލާމްދިނުން.

ކަށުނަމާދުގެ ސުންނަތްތަކަކީ: (1) މީހުން މަދުނަމަވެސް މަދުވެގެން ތިން ސަފު ހެދުން. (2) އަޑުހަރުކޮށް ތަކްބީރުތައް ކިޔުން. (3) ކޮންމެ ތަކްބީރަކާއެކު ކޮނޑާހަމައަށް ނުވަތަ ކަންފަތުގެ ފޫޅާ ހަމައަށް ދެއަތް އުފުލުން. (4) ފާތިޙާ ސޫރަތް ނުވަތަ އެ ސޫރަތާއެކު ކިޔަވާ ކުރު ސޫރަތް ކިޔަވާއިރު ސިއްރުން ކިޔެވުން. ކަށުނަމާދުކުރަނީ ދުވާލުކަމުގައިވީނަމަވެސް އަދި ރޭގަނޑުގައި ކަމުގައި ވީނަމަވެސް ތަފާތެއް ނެތެވެ. (5) ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތް ކިޔަވާއިރު ސިއްރުން ޞަލަވާތް ކިޔުން. (6) މައްޔިތާއަށް ދުޢާކުރާއިރު ސިއްރުން ދުޢާކުރުން. (6) އަޑުހަރުކޮށް ސަލާމްދިނުން.

 

ކަށުނަމާދުގެ މާތްކަން

ކަށުނަމާދަކީ ގިނަގުނަވެގެންވާ ޘަވާބާއި ދަރުމަ ލިބޭކަމެކެވެ. ޤިޔާމަތްދުވަހުގައި ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކޮށްލުމަށް ލިބޭ މަތިވެރި ފުރުޞަތެކެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. ((مَنِ اتَّبَعَ جَنَازَةَ مُسْلِمٍ إِيمَانًا وَاحْتِسَابًا، وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا، فَإِنَّه يَرْجِعُ مِنَ الأَجْرِ بِقِيرَاطَيْنِ، كُلُّ قِيرَاطٍ مِثْلُ أُحُدٍ، وَمَنْ صَلَّى عَلَيْهَا ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ، فَإِنَّهُ يَرْجِعُ بِقِيرَاطٍ)) (البخاري ومسلم) މާނައީ: “އީމާންކަމާއި ދަރުމައަށް އެދިގެން މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، ކަށުނަމާދުކޮށް ނިމި، އޭނާ ވަޅުލާ ނިމެންދެން އެ މައްޔިތާއާއެކުގައިވެއްޖެމީހަކު އެނބުރި އެ ދަނީ ދެ ޤީރާޠުގެ ދަރުމައާއެކުގައެވެ. އެއިގެ ކޮންމެ ޤީރާޠެއް އުޙުދު ފަރުބަދަހާ ވަރުވެއެވެ. އަދި އެ މައްޔިތާގެ މައްޗަށް ކަށުނަމާދުކުރުމަށްފަހު، ވަޅުލުމުގެކުރިން އެނބުރިހިނގައްޖެމީހަކު އެ ދަނީ އެއް ޤީރާޠާ އެކުގައެވެ.” اللهُ أَكْبَرُ

 

މައްޔިތާއަށް ލިބޭ ފައިދާ

މައްޔިތާގެ މައްޗަށް ކަށުނަމާދުކުުރުމަކީ އެކަމުގެ ފައިދާ މައްޔިތާއަށް ލިިބޭނެކަމެކެވެ. އަދި ކަށުނަމާދުގެ ޖަމާޢަތުގެ ޢަދަދު ގިނަވިވަރަކަށް އެކަމުގެ ފައިދާ މައްޔިތާއަށް ބޮޑުވާނެއެވެ. މިގޮތުން؛ ސަތޭކަ މީހުން، އަދި އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން ސާޅީސްމީހުން މައްޔިތެއްގެ ކަށުނަމާދުގައި ބައިވެރިވެ، އެ މައްޔިތާއަށް ފާފަފުއްސެވުމަށާއި ރަޙްމަތް ލެއްވުމަށް އެދި ޝަފާޢަތްތެރިވެއްޖެނަމަ، އެ ޝަފާޢަތް ޤަބޫލުކުރެވޭނެކަމަށް ޙަދީޘްތަކުގައި ރިވާވެގެން އައިސްފައިވެއެވެ.

 

ކަށުނަމާދުކުރުމަށްޓަކައި އިމާމާ ހުއްޓޭނީ ކޮންތާކު؟

ކަށުނަމާދު ކުރެވެނީ ފިރިހެނެއް ނުވަތަ ފިރިހެން ކުއްޖެއްކަމުގައިވާނަމަ، އިމާމާ ހުއްޓޭނީ މައްޔިތާގެ ބޮލާދިމާލު ފަހަތުގައެވެ. އަދި އަންހެނެއް ނުވަތަ އަންހެން ކުއްޖެއްކަމުގައިވާނަމަ މައްޔިތާގެ މެދާދިމާލުން ފަހަތުގައެވެ. ދެ ޖިންސުގެ މައްޔިތުންތަކަކަށް ކުރާނަމަ، އިމާމާއާ ކައިރިއަށް ފިރިހެން މައްޔިތުން، އަދި އިމާމާއާ ދުރަށް އަންހެން މައްޔިތުން ވާގޮތަށް ތަރުތީބުކުރާނީއެވެ. މިގޮތަށް ތަރުތީބުކުރާއިރު، ފިރިހެން މައްޔިތުންގެ ބޮލާދިމާލަށް، އަދި އަންހެން މައްޔިތުންގެ މެދަށް ވާގޮތަށް މައްޔިތުންތައް ތަރުތީބުކުރާނީއެވެ.

 

ކަށުނަމާދު ކުރާނެގޮތް

އެންމެ ފުރަތަމަ ކަށުނަމާދު ކުރުމަށްޓަކައި ނިޔަތް ގަންނާނީއެވެ. އެއްވެސް ނަމާދަކަށް ދުލުން ނިޔަތް ކިޔުމަށް އައިސްފައި ނުވާތީ، ކަށުނަމާދު ކުރަން ފަށާއިރު ދުލުން ކިޔާނެ ނިޔަތެއް ނުވެއެވެ. ކަށުނަމާދުކުރެވޭ މައްޔިތާގެ ނަމަކީ ކޮބައިކަން ނޭނގުނުނަމަވެސް، އަދި ކަށުނަމާދު ކުރެވެނީ ކޮން މައްޔިތަކަށް ކަމެއް ނޭނގުނު ނަމަވެސް، މައްޔިތާއަށް ކަށުނަމާދު ކުރަން ހިތުން ނިޔަތް ގަތީމަ ފުދޭނެއެވެ.

ދެން، އަޑުހަރުކޮށް ފުރަތަމަ ތަކްބީރު ކިޔުމާއެކު ދެ އަތް ދެ ކޮނޑާ ހަމައަށް ނުވަތަ ދެ ކަންފަތުގެ ފޫޅާހަމައަށް އުފުލުމަށްފަހު ހަށަން ބަންނާނީއެވެ. ދެން އޭގެފަހުގައި ސިއްރުން أَعُوْذُ އާއި بِسْمِ ކިޔުމަށްފަހު ފާތިޙާ ސޫރަތް ކިޔަވާނީއެވެ. ދެން ވަގުތު އޮތްނަމަ ކުރުސޫރަތެއްވެސް ކިޔެވިދާނެއެވެ.

ދެން، ހަށަން މޮހެލާނީއެވެ. މިގޮތަށް ހަށަން މޮހެލާއިރު، ދެ އަތް ތިރިކުރުމަށް އައިސްފައިނުވާތީ، އަތް ތިރިކުރުމެއް ނެތެވެ. ދެވަނަ ތަކްބީރާއެކު އަތް އުފުލުމަށްފަހު، ހަށަންބަންނާނީއެވެ. ދެން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތް ޞަލަވާތް ކިޔަވާނީއެވެ. މިގޮތުން، ފަހުއައްތަޙިއްޔާތުގައި ކިޔަވާ އިބްރާޙީމީ ޞަލަވާތް ކިޔެވުން މޮޅު އިތުރެވެ. މިނޫންވެސް ޞަލަވާތެއް ކިޔެވިނަމަވެސް ފުދޭނެއެވެ.

ދެން، ތިންވަނަ ތަކްބީރަށް ހަށަންބަނުމަށްފަހު، މައްޔިތާއަށް ދުޢާކުރާނީއެވެ. މިގޮތުން ވާރިދުވެފައިވާ ބައެއް ދުޢާތަކުގެ ތެރޭގައި: ((اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ)) މި ދުޢާއާއި، ((اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا، وَشَاهِدِنَا وَغَائِبِنَا، وَصَغِيرِنَا وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الإِسْلَامِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الإِيمَانِ، اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ)) ވެއެވެ. ވާރިދުވެފައިވާ ދުޢާއެއް ނޭނގޭނަމަ ((اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ)) ފަދަ މައްޔިތާއަށް ކުރެވޭ ހެޔޮދުޢާއެއްވެސް ކުރެވޭނެއެވެ. އަދި މައްޔިތާއަކީ ކުޑަކުއްޖެނަމަ ((اللَّهُمَّ اجْعَلْهُ لَنَا فَرَطًا وَسَلَفًا وَأَجْرًا)) މި ދުޢާކިޔުމަށް އައިސްފައިވެއެވެ. އަދި ބަޔާންވެދިޔަ ((اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا …)) މި ދުޢާ ކީނަމަވެސް ފުދޭނެއެވެ.

ޢަރަބިބަސް އެނގޭ ބޭފުޅެއްނަމަ، މި ދުޢާތަކުގައިވާ ޟަމީރުތައް (އެބަހީ؛ ބަދަލު ނަންތައް) ކަށުނަމާދުކުރެވޭ މައްޔިތުންގެ ޖިންސާއި، ޢަދަދާ އެކަށޭނެގޮތަށް ބަދަލުކުރުން ހުއްދައެވެ. އަދި ނޭނގޭ ބޭފުޅަކުނަމަ، އައިސްފައިވާ ގޮތަށް ދުޢާތައް ކިޔުމުންވެސް ޞައްޙަވާނެއެވެ.

ދެން، ހަތަރުވަނަ ތަކްބީރަށްފަހުގައި ކުޑައިރުކޮޅަކު މަޑުކޮށްލާނީއެވެ. މި ތަކްބީރަށްފަހު އެއްވެސް ދުޢާއެއް ކިޔުމަށް ޞައްޙަކޮށް އައިސްފައެއްނުވެއެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި މި ތަކްބީރަށްފަހުވެސް މައްޔިތާއަށް ދުޢާ ކުރެވިދާނެއެވެ. ދެން ސަލާމްދޭނީއެވެ. ދޭނީ އެއް ސަލާމްތޯ ނުވަތަ ދެ ސަލާމްތޯއާމެދުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އައިސްފައިވެއެވެ. އެންމެ މޮޅުއިތުރު ގޮތަކީ ކަނާއަތް ފަރާތަށް އެއް ސަލާމްދިނުމަށެވެ. މިގޮތަށް، ދިހަ ޞަޙާބީބޭކަލުންގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ސަލާމްދިނުމަށްފަހު، އަތްއުފުލައިގެންވެސް އަދި ނުއުފުލާވެސް އިތުރު ދުޢާއެއް ކިޔުމަށް އައިސްފައެއްނުވެއެވެ.

 

ޣާއިބަށް ކަށުނަމާދުކުރުން

ކަށުނަމާދުނުކޮށް ވަޅުލާފައިވާމީހަކަށް، ނުވަތަ ޙާދިސާއެއްގެ ސަބަބުން ގެއްލިފައިވާމީހެއްގެ މައްޗަށް ޣާއިބަށް ކަށުނަމާދު ކުރެވޭނެއެވެ.

ކަށުނަމާދުކޮށްފައިވާ މީހަކަށް ޣާއިބަށް ކަށުނަމާދުކުރުމާމެދު ދަންނައެވެ! މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން ނަޖާޝީގެ މައްޗަށް ޣާއިބަށް ކަށުނަމާދުކުރެއްވިއެވެ. މި ޙާދިސާގެ މައްޗަށް ބުރަވެ، ކަށުނަމާދުކޮށްފައިވާ މީހަކަށް ޣާއިބަށް ކަށުނަމާދުކުރެވޭނެތޯއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އައިސްފައިވެއެވެ. ބައެއް ޢިލްމުވެރިން މި ކަމަކީ ނަޖާޝީއަށް ޚާއްޞަކަމެއްކަމުގައި ނަންގަވައި، ކަށުނަމާދުކޮށްފައިވާމީހަކަށް އެއްގޮތަކަށްވެސް ޣާއިބަށް ކަށުނަމާދު ނުކުރެވޭނެކަމަށް ވިދާޅުވެއެވެ. އަދި އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި ކޮންމެ މީހެއްގެމައްޗަށްވެސް ޣާއިބަށް ކުރެވިދާނެކަމަށް ވިދާޅުވާއިރު، އަނެއްބައި ޢިލްމުވެރިންގެ ރައުޔަކީ ނަޖާޝީ ފަދައިން މުސްލިމުންނަށް އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާ މީހަކަށް ޣާއިބަށް ކަށުނަމާދު ކުރެވިދާނެއެވެ. ބޮޑަށް ބުރަވެވެނީ؛ ކަށުނަމާދުކޮށްފައިވާ މީހެއްގެ މައްޗަށް ޣާއިބަށް ކަށުނަމާދު ނުކުރުމެވެ. އެއީ؛ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ މަތިވެރި ޚަލީފާއިންނާއި، އެހެނިހެން ޞަޙާބީން ހަވަހާރަވުމުންވެސް މުސްލިމުންގެ އެކި ކަންކޮޅުތަކުގައި ޣާއިބަށް ކަށުނަމާދުކޮށްފައިވާކަން އެނގެން ނެތުމުންނެވެ. އަދި އިސްލާމީ އުއްމަތަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ޣާއިބަށް ކަށުނަމާދު ކުރެވިދާނެކަމަށް ބުރަވެވެއެވެ. واللهُ أَعْلَمُ.

 

ކަށުނަމާދުގެ މެދުތެރެއިން ބައިވެރިވެވޭމީހާ ކަންތައްކުރާނެ ގޮތް

ކަށުނަމާދުކޮށް ނިމި، މައްޔިތާ ވަޅުލުމުގެ ކުރިން ޖަނާޒާގައި ބައިވެރިވެއްޖެމީހާ ކަށުނަމާދު ކުރާނީ މައްޔިތާ ވަޅުލާނިމުމުން، މައްޔިތާގެ ކަށްވަޅު ކައިރީގައެވެ.

ކަށުނަމާދުގެ މެދުތެރެއިން ބައިވެރިވެވިއްޖެނަމަ، ގެއްލުނު ތަކްބީރުތައް ފުރިހަމަކުރަންޖެހޭނެތޯއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އައިސްފައިވެއެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ޢީދުނަމާދު ފަދައިން ތަކްބީރުތައް ފުރިހަމަ ކުރާކަށްނުޖެހޭނެއެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި ފުރިހަމަކުރަންޖެހޭނެއެވެ. އެންމެ ރައްކާތެރިގޮތަކީ ތަކްބީރުތައް ފުރިހަމަކުރުމެވެ.

ތަކްބީރުތައް ފުރިހަމަކުރާނެ ގޮތަކީ: އިމާމާ ޖެހިގެން އޮތް ތަކްބީރު ކިޔަންދެން މަޑުނުކޮށް، ތަކްބީރު ކިޔައި ހަށަންބަނުމަށްފަހު، ފާތިޙާ ސޫރަތް ކިޔަވާނީއެވެ. ދެން އިމާމާއާއެކު ތަކްބީރުތައް ކިޔަމުން ކަށުނަމާދު ކުރާގޮތުގެ ތަރުތީބުން ކުރިއަށް ގެންދާނީއެވެ. އަދި އިމާމާ ސަލާމްދިނުމުން، ސަލާމްނުދީ ގެއްލުނު ތަކްބީރުތައް ފުރިހަމަކުރުމަށްފަހު ސަލާމްދޭނީއެވެ.

 

ކަށުނަމާދު އޮޅިއްޖެނަމަ ކަންތައް ކުރާނެގޮތް

ކަށުނަމާދު އޮޅިއްޖެނަމަ ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. ކަށުނަމާދުގެ މެދުތެރެއިން ބައިވެރިވެވޭމީހާ ފިޔަވައި އެހެންމީހަކު ޤަސްތުގައި 4 ތަކްބީރަށްވުރެ މަދުކޮށްފިނަމަ ނަމާދު ބާޠިލުވާނެއެވެ. ކަށުނަމާދުގައި 4 ތަކްބީރަށްވުރެ އިތުރުވުމަކީ މައްސަލައެއް ނޫނެވެ.

ހަނދާންނެތިގެން، ނުވަތަ އޮޅިގެން 4 ތަކްބީރަށްވުރެ މަދުން ތަކްބީރު ކިޔައި ސަލާމްދެވިއްޖެނަމަ، މާގިނައިރުތަކެއް ނުވާނަމަ، ތަކްބީރުތައް ފުރިހަމަކުރުމަށްފަހު ސަލާމްދޭނީއެވެ. ސަލާމްދިނުމަށްފަހު ގިނައިރުތަކެއްވެއްޖެނަމަ ކަށުނަމާދުޖެހޭނީ އަލުން ކުރާށެވެ.

މާތް ﷲ އަޅަމެންނަށާއި އަޅަމެންގެ ކުރިން މަރުވެގޮސްފައިވާ މުސްލިމުންނަށް ފާފަފުއްސަވައި ރަޙްމަތް ލައްވާށި!