- ޔޫޝަޢު ބިން ނޫން عليه السلام :
މޫސާގެފާނާއި ޚަޟިރުގެފާނުގެ ވާހަކައިގައި ބަޔާންކޮށްފައިވާ މޫސާގެފާނާ އެކުގައިވާ ޚާދިމަކީ ޔޫޝަޢު ބިން ނޫންކަމުގައި ޙަދީޘްތަކުގައި އައިސްފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾ [سورة الكهف 60]
މާނަ: “މޫސާގެފާނު އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާންދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާންދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ.”
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އުބައްޔު ބުން ކައުބު ރަޟިޔަﷲ ޢަންހު ރަސޫލާ صلى الله عليه وسلم އަރިހުން އަހަރެމެންނަށް ބަޔާންކޮށްދެއްވި ޙަދީޘެއްގައިވެއެވެ.
((قَامَ مُوسَى النَّبِيُّ خَطِيبًا فِي بَنِي إِسْرَائِيلَ فَسُئِلَ أَيُّ النَّاسِ أَعْلَمُ؟ فَقَالَ: أَنَا أَعْلَمُ، فَعَتَبَ اللَّهُ عَلَيْهِ، إِذْ لَمْ يَرُدَّ العِلْمَ إِلَيْهِ، فَأَوْحَى اللَّهُ إِلَيْهِ: أَنَّ عَبْدًا مِنْ عِبَادِي بِمَجْمَعِ البَحْرَيْنِ، هُوَ أَعْلَمُ مِنْكَ. قَالَ: يَا رَبِّ، وَكَيْفَ بِهِ؟ فَقِيلَ لَهُ: احْمِلْ حُوتًا فِي مِكْتَلٍ، فَإِذَا فَقَدْتَهُ فَهُوَ ثَمَّ، فَانْطَلَقَ وَانْطَلَقَ بِفَتَاهُ يُوشَعَ بْنِ نُونٍ…)) [رواه البخاري (122) ومسلم 170 – (2380)]
މާނަ: “މޫސާގެފާނު ބަނޫއިސްރާޢީލުގެ މީހުންނަށް ޚުތުބާދެއްވަމުން ގެންދަވަނިކޮށް އެކަލޭގެފާނާ ސުވާލުކުރެވުނެވެ. މީސްތަކުންގެ ތެރެއިން އެންމެ ޢިލްމުވެރީ ކޮން ބޭކަލެއް ހެއްޔެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އެންމެ ޢިލްމުވެރީ ތިމަންކަލޭގެފާނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނުގެ އެބަސްފުޅާ ރުހިވޮޑިނުގެންނެވިއެވެ. އެއީ ﷲ ތަޢާލާއަށް އެކަމުގެ ޢިލްމު، އެކަލޭގެފާނު ނިސްބަތް ނުކުރެއްވުމުންނެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ތިމަން އިލާހުގެ އަޅުތަކުންގެ ތެރެއިން މަޖްމަޢަލް ބަޙްރައިންގައިވާ އަޅަކަށް ކަލޭގެފާނަށް ވުރެ ބޮޑަށް ޢިލްމު ލިބިގެންވެއެވެ. މޫސާގެފާނު ދެންނެވިއެވެ. އޭ ތިމަންކަލޭގެފާނުގެ ވެރިރައްބެވެ! (އެމީހަކާ) ބައްދަލުކުރެވޭނީ ކޮންތަނަކުން ހެއްޔެވެ؟ އެކަލޭގެފާނަށް ވަޙީކުރެއްވުނެވެ. ވަށިގަނޑެއްގެ ތެރެއަށް މަހެއް ލައިގެން ވަޑައިގަންނަވާށެވެ. އެމަސް ދޫވާ ހިސާބަކީ އެސަރަހައްދެވެ. އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ޚާދިމް ޔޫޝަޢު ބިން ނޫން ވަޑައިގެންނެވިއެވެ.”
ޔޫޝަޢު ބިން ނޫންގެ ނަބީކަން ޙަދީޘްތަކުން ސާބިތުވެއެވެ. އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި އަބޫހުރައިރާގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ
صلى الله عليه وسلم ޙަދީޡްކުރެއްވިއެވެ.
((إِنَّ الشَّمْسَ لَمْ تُحْبَسْ عَلَى بَشَرٍ إِلَّا لِيُوشَعَ لَيَالِيَ سَارَ إِلَى بَيْتِ الْمَقْدِسِ)) [رواه أحمد (8315) ، وصححه الحافظ ابن حجر في “فتح الباري” (6 / 221) ، وجوّد إسناده الألباني في “سلسلة الأحاديث الصحيحة” (1 / 393)]
މާނަ: “ހަމަކަށަވަރުން ޔޫޝަޢު ބިން ނޫން ފިޔަވައި އިތުރު މީހެއްގެ މައްޗަށް އިރުއޮއްސުން ލަސްކުރެވިގެން ނުދެއެވެ. އެއީ ބައިތުލްމަޤްދިސް ފަތަޙަކުރެއްވި ރެއެވެ.”
ޙާފިޡް އިބްނު ޙަޖަރު ފަތުޙުލް ބާރީގައި (6 / 221) މި ޙަދީޘް ޞައްޙަ ކުރައްވާފައިވެއެވެ. އަދި “سلسلة الأحاديث الصحيحة” (1 / 393) ގައި މި ޙަދީޘްގެ ސަނަދު ރަނގަޅުކަމުގައި އަލްބާނީ ދެކިލައްވައެވެ.
ބުޚާރީއާއި މުސްލިމްގައިވާ ޙަދީޘްއިން އެބޭކަލަކަށްޓަކައި އިރުއޮއްސުން ލަސްކޮށްލެވުނު ބޭކަލަކީ އެއީ ނަބިއްޔެކެވެ. އަބޫޙުރައިރާ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
((غَزَا نَبِيٌّ مِنَ الأَنْبِيَاءِ، فَقَالَ لِقَوْمِهِ: لاَ يَتْبَعْنِي رَجُلٌ مَلَكَ بُضْعَ امْرَأَةٍ، وَهُوَ يُرِيدُ أَنْ يَبْنِيَ بِهَا وَلَمَّا يَبْنِ بِهَا، وَلاَ أَحَدٌ بَنَى بُيُوتًا وَلَمْ يَرْفَعْ سُقُوفَهَا، وَلاَ أَحَدٌ اشْتَرَى غَنَمًا أَوْ خَلِفَاتٍ وَهُوَ يَنْتَظِرُ وِلاَدَهَا، فَغَزَا فَدَنَا مِنَ القَرْيَةِ صَلاَةَ العَصْرِ أَوْ قَرِيبًا مِنْ ذَلِكَ، فَقَالَ لِلشَّمْسِ: إِنَّكِ مَأْمُورَةٌ وَأَنَا مَأْمُورٌ اللَّهُمَّ احْبِسْهَا عَلَيْنَا، فَحُبِسَتْ حَتَّى فَتَحَ اللَّهُ عَلَيْه …)) [رواه البخاري (3124) ومسلم 34 – (1747)]
މާނަ: “ނަބިއްޔުންގެ ތެރެއިން ނަބިއްޔެއް ހަނގުރާމަކުރެއްވިއެވެ. އެބޭކަލަކު ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. މީހަކާއިނދެ އެމީހާއާ ރޭކުރަން ބޭނުންވެފައި ރޭނުކޮށްހުރި މީހަކު ތިމަންކަލޭގެފާނާއެކު ނާންނާށެވެ. އަދި ގެއެއް ބިނާކޮށްފައި އެގޭގެ ފުރާޅުނުލައި ހުރިމީހަކުވެސް ތިމަންކަލޭގެފާނު ފަހަތުންނާންނާށެވެ. އަދި ބަކަރިތަކެއް ނުވަތަ ވިހަންކައިރިވެފައިވާ ޖަމަލުތަކެއް ގަނެފައިވާ މީހަކު އޭތިވިހައި އޭގެ ދަރިންތަކަށް އިންތިޒާރުކޮށްގެން ހުރިމީހަކުވެސް ތިމަންކަލޭގެފާނު ފަހަތުން ނާންނާށެވެ. ދެންއެބޭކަލަކު ހަނގުރާމައަށް، ޢަޞުރުނަމާދު ވަގުތުގައި ނުވަތަ އެވަގުތާ ކައިރިވެފައި ވަނިކޮށް ރަށާ ކައިރިވިއެވެ. ދެން އެބޭކަލަކު އިރަށް ވިދާޅުވިއެވެ. ކަލެއަކީ އަމުރުވެވިގެންވާ އެއްޗެކެވެ. އަދި ތިމަންކަލޭގެފާނަކީވެސް އަމުރުވެވިގެންވާ ފަރާތެކެވެ. އޭ އަޅުގެ ރައްބެވެ. އެއިރު ނުއޮއްސި ލަސްކޮށްލައްވާނދޭވެއެވެ. އެބޭކަލުން އެރަށް ފަތަޙަކޮށްފުމަށް ދާންދެން އެއިރު ނުއޮއްސި ހުއްޓެވެ.”
=ނުނިމޭ=
____________________________