[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 68

  1. އިމާމު ޢުމަރު ބުން ޢަބްދުލް ޢަޒީޒާއި އިބްނު ޝިހާބު އައްޒުހުރީ رحمهما الله ސުންނަތް ރައްކާތެރިކުރެއްވުމަށް ކުރެއްވި މަސައްކަތްތައް:

 

ހ. ސުންނަތް ދިރުވުމަށާއި ބިދުޢަތައް ނައްތާލެއްވުމަށް ބަހާއި ޢަމަލުން އެ ދެބޭކަލުން ކުރެއްވި ކަންތައްތަކަކީ މި މަޤާމުގައި ޛިކުރުކުރާ ވަރަށްވުރެވެސް މާ މަޝްހޫރު ކަންތައްތަކެކެވެ. އޭގެ ތަފްޞީލު ބެއްލެވުމަށް “ސިޔަރު އަޢުލާމުއް ނުބަލާ” ގައިވާ އެދެބޭކަލުންގެ ތަރުޖަމާ މުރާޖަޢާކުރައްވާށެވެ.

ށ. ޢަބްދުﷲ ބުން ދީނާރުގެ އަރިހުން އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރެއްވިއެވެ.

“އަބޫ ބަކުރު ބުން ޙަޒުމަށް ޢުމަރު ބުން ޢަބްދުލްޢަޒީޒު ލިޔުއްވިއެވެ. ކަލޭގެފާނު ބައްލަވާފައި، ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ޙަދީޘްތައް ލިޔުއްވާށެވެ. ޢިލްމާއި ޢިލްމުވެރިން ނެތިގެން ހިނގައިދާނެކަމުގެ ބިރު ތިމަންކަލޭގެފާނަށް ހީވާން ފަށައިފިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެއް މެނުވީ ޤަބޫލުނުކުރައްވާށެވެ. ޢިލްމު ފަތުރުއްވާށެވެ. އަދި ނޭނގޭ މީހާއަށް އެނގެންދެން ކަލޭގެފާނު ކިޔަވައިދެއްވާށެވެ. ޢިލްމު ނެތިގެންދާނީ ސިއްރިއްޔާތުގައި ކިޔަވައި ދިނުމުންނެވެ.” [1]

 

ނ. އިބްނު ޝިހާބުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ސުންނަތްތައް އެއްކުރެއްވުމަށް ޢުމަރު ބުން ޢަބްދުލްޢަޒީޒު އަމުރުކުރެއްވިއެވެ. ފަހެ ދަފްތަރަކަށް ފަހު ދަފްތަރެއްގައި ތިމަންބޭކަލުން އެ ލިޔުއްވީމެވެ. ފަހެ އެކަލޭގެފާނުގެ ބާރު ފޯރާ ކޮންމެ ރަށަކަށް އެއިން ދަފްތަރެއް އެކަލޭގެފާނު ފޮނުއްވިއެވެ.” [2]

 

ރ. މަދީނާގެ އަހުލުވެރިންނަށް ޢުމަރު ބުން ޢަބްދުލް ޢަޒީޒު ލިޔުއްވިކަމަށް އައްދާރިމީ އެކަލޭގެފާނުގެ ސަނަދުން ރިވާކުރެއްވިއެވެ.

“ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތައް ބެއްލެވުމަށް ފަހު އެ ލިޔުއްވާށެވެ. ފަހެ ޢިލްމާއި ޢިލްމުވެރިން ނެތިދާނެކަމުގެ ބިރު ތިމަންކަލޭގެފާނަށް ހީވާން ފަށައިފިއެވެ.” [3]

 

ބ. އައްޒުހުރީ ވިދާޅުވިކަމަށް އަލްޚަޠީބުލް ބަޣްދާދީ އެކަލޭގެފާނުގެ ސަނަދުން ރިވާކުރެއްވިއެވެ.

“އިރުމަތީގެ ރަށްތަކުން އަޅުގަނޑުމެން ނުދަންނަ ޙަދީޘްތަކާ އަދި އިންކާކުރެވޭ ފަދަ ޙަދީޘްތައް (އެބަހީ: ޙަދީޘްތައްކަމަށް ބުނެ މީސްތަކުން ހަދައިގެން އުޅޭ ޙަދީޘްތަކާއި ޞައްޙަ ނޫން ޙަދީޘްތައް) ތިމަންބޭކަލުންގެ އަރިހަށް ނާންނަނަމަ، ތިމަންކަލޭގެފާނު ޙަދީޘެއް ނުލިޔުއްވާނަމެވެ. އަދި އެކަމަށް ހުއްދައެއްވެސް ނުދެއްވާނަމެވެ.” [4]

 

ޅ. ޞާލިޙު ބުން ކީސާނު ވިދާޅުވިއެވެ.

“ތިމަންބޭކަލުން ކިޔަވަން އުޅުއްވި ދުވަސްވަރުގައި ތިމަންކަލޭގެފާނާއި ޒުހުރީއާއި ބައްދަލުވިއެވެ. އޭރު ބުނެ އުޅުނީ ލިޔާނީ ޙަދީޘް ކަމުގައެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ޙަދީޘްތައް ތިމަންބޭކަލުން ލިޔުއްވީމެވެ. ދެން ބުނެ އުޅުނީ ލިޔާނީ ޞަޙާބީބޭކަލުން ބަސްފުޅުތައް ކަމުގައެވެ. ފަހެ ތިމަން ދަންނަވައިފީމެވެ. އެއީ ސުންނަތެއް ނޫނެވެ. ފަހެ އެޔެއް ނުލިޔުއްވާނަމެވެ. އެހެނަސް އެކަލޭގެފާނު އެވެސް ލިޔުއްވިއެވެ. ތިމަންކަލޭގެފާނު އެޔެއް ނުލިޔުއްވަމެވެ. ފަހެ އެކަމުގައި އެކަލޭގެފާނު ކާމިޔާބު ހޯއްދެވިއެވެ. އެހެނަސް ތިމަންކަލޭގެފާނަށް އެ ފާއިތުވީއެވެ.” [5]

 

ކ. އިމާމު މާލިކުގެ ވިދާޅުވިކަމަށް އިބްނު ޢަބްދުލްބައްރު އެކަލޭގެފާނުގެ ސަނަދުން ރިވާކުރެއްވިއެވެ.

“އެންމެ ފުރަތަމަ ޢިލްމު ރައްކާތެރިކުރެއްވީ އިބްނު ޝިހާބު އައްޒުހުރީއެވެ.” [6]

މިތަނުގައި (އެބަހީ: އިމާމު މާލިކުގެ ބަސްފުޅުގައި) ޢިލްމު ރައްކާތެރިކުރުމުގެ މުރާދަކީ ޢުމަރު ބުން ޢަބްދުލް ޢަޒީޒުގެ އަމުރުފުޅަށް އިމާމު ޒުހުރީ ފެއްޓެވި ޝާމިލު މަސައްކަތްޕުޅެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން މިކަމުގެ ތަފްޞީލު ވަނީ ޚަޠީބުލް ބަޣްދާދީ “ތަޤްޔީދުލް ޢިލްމު” އޭ ކިޔުނު ފޮތުގައި ގެންނަވާފައެވެ. އެކަލޭގެފާނު ސުންނަތް ރައްކާތެރިކުރުން ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައްޔާއި ޞަޙާބީ ބޭކަލުންގެ ޒަމާނުގައްޔާއި ތާބިޢީ ބޭކަލުންގެ ޒަމާނުގައި ފެށިފައިވާކަމުގެ ދަލީލުތައް ގެންނަވާފައެވެ. އެހެން އެޒަމާންތަކުގައި އެކަން ކޮށްފައިވަނީ ޝާމިލު ގޮތަކަށެއް ނޫނެވެ. [7]

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] كتاب العلم – باب كيف يقبض العلم.

[2] جامع بيان العلم وفضله 1 / 76.

[3] سنن الدارمي 1 / 104 باب من رخص في كتابة العلم، تقييد العلم للخطيب ص: 106.

[4] تقييد العلم ص: 107 – 108.

[5]  تقييد العلم ص: 106 – 107، جامع بيان العلم 1 / 76 – 77

[6] جامع بيان العلم 1: 76.

[7]  ބައްލަވާ: މިބާބުގެ ފުރަތަމަ ފަޞްލުގެ ފުރަތަމަ ޕެރެގްރާފް.