-
އެއްގަމުގައި
އަމާންކަމާއި ސަލާމަތްތެރިކަމާއެކު ބަނޫ އިސްރާއީލުގެ މީހުންނަށް ކަނޑު ހުރަސްކޮށް އެއްގަމަށް ދެވުނެވެ. އެހިނދު ފުރަތަމަ ފަހަރަށް އެ މީހުންނަށް މިނިވަންކަމާއެކު ނޭވާލުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. މިހާރު އެ މީހުން ފިރުޢައުނު ދެކެ ބިރެއް ނުގަނެއެވެ. އަދި ހާމާނު ދެކެވެސް ބިރެއް ނުގަނެއެވެ. އަދި ފިރުޢައުނުގެ ސިފައިން ދެކެވެސް ބިރެއް ނުގަނެއެވެ. މިހާރު އަމާންކަމާ އަދި ހިތްހަމަޖެހުން ލިބިގެންވާ ޙާލު ކުރިއަށް ހިނގައެވެ.
އެކަމަކު އެ މީހުންނަކީ ޙަޟާރާތުގެ އަހުލުވެރިންނެވެ. އިރު ހޫނުކަން އެ މީހުންނަށް އުނދަގޫކުރާ ފަދައެވ
އިރުގެ ހޫނުން ރައްކާތެރިވުމަށް ފޭލިގެތަކެއް ބިނާ ކުރާނީ ކިހިނެއް ހެއްޔެވެ؟ ﷲ ގެ ކަރާމާތްތެރިކަން އެހެން ހުރިހާ ކަރާމަތްތެރިކަމަކަށް ވުރެ މަތިވެރިވެ ވޮޑިގެންވެއެވެ. ބަނޫ އިސްރާއީލުގެ މީހުންނަށް ހިޔާތަކެއްގެ ގޮތުގައި ވުމަށް ވިލާތަކަށް ﷲ އަމުރުކުރެއްވިއެވެ. އެ މީހުން ހިނގަމުން ދިޔައީ ވިލާތަކުގެ ހިޔަލުގައި ތިބެ އެވެ. އެ މީހުންދާ ކޮންމެ ތަނަކަށް ވިލާތައް އެމީހުންނާއެކު ދަތުރުކުރަމުން ދިޔައެވެ. އަދި އެ މީހުން ހުއްޓޭ ކޮންމެ ތަނަކަށް، ވިލާތައްވެސް ހުއްޓެމުން ދިޔައެވެ.
ބަނޫ އިސްރާއީލުގެ މީހުން ކަރުހިއްކައި ގަތެވެ. ފެނުގެ އެއްވެސް އަސަރެއް އެ މީހުން ވަށައިގެންވެސް ފެންނާކަށް ނެތެވެ. ކޯރެއްވެސް ނުވަތަ ވަޅެއްގެ އަސަރެއްވެސް ނުވެއެވެ. މޫސާގެފާނުގެ އަރިހަށް ގޮސް އެކަމާ އެ މީހުން ޝަކުވާކުރިއެވެ. އެހިނދު މޫސާގެފާނު އެކަލޭގެފާނުގެ ވެރި ރައްބަށް ދުޢާ ދެންނެވިއެވެ. ކަންކަމުގައި އެދި ދަންނަވަން ދެން އިތުރު ފަރާތެއް ވޭ ހެއްޔެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ.
(اضْرِب بِّعَصَاكَ الْحَجَرَ) [1]
މާނަ: “ކަލޭގެފާނުގެ އަސާކޮޅުން އެ ހިލައިގައި ޖައްސަވާށެވެ!”
(فَانفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ)
މާނަ: “ދެން (އެކަލޭގެފާނު އެހިލައިގައި ޖެއްސެވިހިނދު) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެން ބޯންވީ ޖާގަ ދެނެގެންފިއެވެ.”
ބަނޫ އިސްރާޢީލުގެ މީހުން ބަނޑުހައިވުމުން، މޫސާގެފާނަށް އެކަމުގެ ޝަކުވާ ކުރިއެވެ. އެހިނދު މޫސާގެފާނު އެކަލޭގެފާނުގެ ވެރި ރައްބަށް ދުޢާ ދެންނެވިއެވެ. ކަންކަމުގައި އެދި ދަންނަވަން ދެން އިތުރު ފަރާތެއް ވޭ ހެއްޔެވެ. ﷲ ތަޢާލާ އެ މީހުންގެ މައްޗަށް ކާ އެއްޗެހި ބާވައިލެއްވިއެވެ. ގަހުގެ ފަތް ފައިބާ ގޮތަށް މާމުޔަށް ވުރެވެސް ފޮނި އެއްޗެއް އެ މީހުންނަށް ބާވައިލެއްވިއެވެ. އެއީ މަންނެވެ. އަދި ކެއުމަށްޓަކައި ދޫނިތަކެއް އެ މީހުންނަށް ﷲ ތަޢާލާ ފޮނުއްވިއެވެ. ގަސްގަހުން ފަސޭހަކަމާއެކު އެ މީހުން އެ ދޫނި ހިފާއުޅެއެވެ. އެއީ ސަލްވާއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] البقرة 60