- އިލްޔާސްގެފާނު އެއަށްފަހު އަލްޔަސަޢު عليهما السلام :
އިބްނު ޖަރީރު އައްޠަބަރީ رحمه الله ވިދާޅުވެފައިވެއެވެ.
“މާޒީގެ ޚަބަރުތަކާއި ކުރީގެ އުންމަތަތަކުގެ ވާހަކަތައް ރިވާކުރައްވާ ޢިލްމުގެ އަހުލުވެރިންގެ ތެރެއިން މިއުންމަތުގެ ބޭކަލުންނާ އަދި އެހެން އުންމަތްތަކުގެ ބޭކަލުން ދެކިލައްވައި ގޮތުގައި ޔޫޝަޢު ބިން ނޫން އަށްފަހު ބަނޫއިސްރާއީލުންގެ ކަންކަމުގައި އިސްބޭކަލެއްގެ ގޮތުގައި ހުންނެވީ ކާލިބް ބިން ޔޫފްނާއެވެ. އެއަށްފަހު ޙިޒްޤީލް ބުން ބޫޛާއެވެ.
އެބޭފުޅަކީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން (ﷲގެ އަމުރުފުޅަށް ހަށިތައް އަލުން ދިރިގެން އައުމަށް) ގޮވާލެއްވި ފަރާތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّـهُ مُوتُوا ثُمَّ أَحْيَاهُمْ﴾ [سورة البقرة 243]
މާނަ: “އެތައްހާސް ބަޔަކުކަމުގައިވާ ޙާލު، މަރަށް ބިރުން އެއުރެންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ ފަހެ، ﷲ، އެއުރެންނަށް ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން މަރުވާށެވެ! (ދެން، އެއުރެން މަރުވީއެވެ.) ދެން، އެކަލާނގެ އެއުރެން ދިރުއްވިއެވެ.” “
[تاريخ الطبري (1 / 457)]
އެއަށްފަހު އިބްނު ޖަރީރު އައްޠަބަރީ رحمه الله ވިދާޅުވެފައިވެއެވެ.
” ﷲ ތަޢާލާ ޙިޒްޤީލް ބުން ބޫޛާ މަރުގެންނެވުމަށް ފަހު ވަރަށް ގިނަ އާކަންތައްތައް ބަނޫއިސްރާއީލުންގެ ތެރޭގައި ފެތުރިގެން ދިޔައެވެ. އެގޮތުން ﷲ ތަޢާލާ އެބައިމީހުންނާ ދެމެދު ތައުރާތުގައި ޢަހްދު ހިއްޕަވައިފައިވާ ކަންތައް އެބައިމީހުން ދޫކޮށްލިއެވެ. އަދި ބުދުތަކަށް އަޅުކަންކުރަން ފެށިއެވެ. އެއަށްފަހު ﷲ ތަޢާލާ އެބައިމީހުންގެ ގާތަށް އިލްޔާސްގެފާނު ފޮނުއްވިއެވެ.
އިބްނު ޙަމީދު އަހަރެމެންނަށް ކިޔައިދީފައިވެއެވެ. އިބްނު ޙަމީދު ވިދާޅުވިއެވެ. ސަލްމަތު ބިން އިސްޙާޤްގެ ކިބައިން އަހަރެމެން ރިވާކުރީމެވެ. އިބްނު އިސްޙާޤް ވިދާޅުވިއެވެ. ވަހްބު ބިން މުނައްބިހް ވިދާޅުވިއެވެ. ދެން އެއަށް ފަހު ބަނޫ އިސްރާއީލުންގެ ގާތަށް ނަބީކަމާއިގެން ފޮނުއްވުނީ (އިލްޔާސްގެފާނަށް ފަހު) އަލްޔަސަޢުގެފާނެވެ. އެއަށްފަހު ﷲ އިރާދަކުރެއްވި ދުވަހެއްވަންދެން އެބައިމީހުންނާއެކު އެކަލޭގެފާނު އުޅުއްވުމަށްފަހު ﷲ ތަޢާލާ އެކަލޭގެފާނުގެ މަރުހިއްޕެވިއެވެ.”
[تاريخ الطبري (1 / 461 – 464)]
އިލްޔާސްގެފާނާއި އަލްޔަސަޢުގެ ނަބީކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ﴾ [سورة الصافات 123]
މާނަ: “ހަމަކަށަވަރުން އިލްޔާސްގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.”
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ [٤٥] إِنَّا أَخْلَصْنَاهُم بِخَالِصَةٍ ذِكْرَى الدَّارِ [٤٦] وَإِنَّهُمْ عِندَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ [٤٧] وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِّنَ الْأَخْيَارِ [٤٨]﴾ [سورة ص 45 – 48]
މާނަ: “އަދި ތިމަންއިލާހުގެ އަޅުން ކަމުގައިވާ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ ޢަމަލު ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ އަހުލުވެރިންނެވެ. [45] ހަމަކަށަވަރުން، ތިމަންއިލާހު އެބޭކަލުން ސާފު ޚަޞީލަތަކުން މާތްކުރައްވައި، ޚިޔާރުކުރެއްވީމެވެ. އެއީ އާޚިރަތް ހަނދުމަކުރެއްވުމެވެ. [46] އަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންއިލާހުގެ ޙަޟްރަތުން ޚިޔާރުކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ. [47] އަދ އިސްމާޢީލުގެފާނާއި، އަލްޔަސަޢުގެފާނާއި، ޛުލްކިފްލިގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ. [48]”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ [٨٤] وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ [٨٥] وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ [٨٦]﴾ [سورة الأنعام 84 – 86]
މާނަ: “ތިމަންއިލާހު، އެކަލޭގެފާނަށް (އެބަހީ: އިބްރާހީމުގެފާނަށް) އިސްޙާޤުގެފާނާއި، ޔަޢޫޤޫބުގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެކުރިން ނޫޙުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، އައްޔޫބުގެފާނާއި، ޔޫސުފުގެފާނާއި، މޫސާގެފާނާއި، ހާރޫނުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އިޙްސާންތެރިންނަށް ތިމަންއިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ. [84] އަދި ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސްގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ ޞާލިޙުންގެ ތެރެއިންނެވެ. [85] އަދި އިސްމާޢީލުގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސްގެފާނާއި، ލޫޠުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންއިލާހު އެއިން ކޮންމެ ބޭކަލަކު ޢާލަމުތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ. [86]”
=ނުނިމޭ=
____________________________