- އެއަށް ފަހު ދެން ވަޑައިގެންނެވީ ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔަޙްޔާގެފާނާއި އެއަށްފަހު ޢީސާ عليهم السلام އެވެ. މިކަން ސާފުކޮށް ކީރިތި ޤުރުއާނުން އެނގެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ [٣٥] فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّـهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ [٣٦] فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖ إِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ [٣٧] هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ [٣٨] فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّـهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّـهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ [٣٩]﴾ [سورة آل عمران 35 – 39]
މާނަ: “ޢިމްރާންގެ އަނބިކަނބަލުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އަޅުގެ ވެރި ރައްބެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (ބައިތުލް މަޤްދިސްގެ ޚިދުމަތަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބައިލާހުގެ ޙަޟްރަތަށް ޚާލިޞްކުރުމަށް، ހަމަކަށަވަރުން ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [35] ދެން އެކަމަނާ އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު ވިދާޅުވިއެވެ. އަޅުގެ ވެރި ރައްބެވެ! ހަމަކަށަވަރުން އަޅު ވިހޭ ދަރިޔަކީ އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން ﷲ ދެނެވޮޑިގެންވެއެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއް ނޫނެވެ. އަދި ހަމަކަށަވަރުން އެ ދަރިކަނބަލުންނަށް ‘މަރްޔަމް’އޭ ނަންދީފީމެވެ. އަދި ހަމަކަށަވަރުން ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށް އެދި، އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ. [36] އެކަމަނާގެ ވެރިރައްބުގެ ރިވެތިވެގެންވާ ޤަބޫލަކުން އެކަމަނާ ޤަބޫލުކުރައްވައިފިއެވެ. އަދި ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި ޒަކަރިއްޔާގެފާނާ، އެކަމަނާ ބެލެހެއްޓެވުން ޙަވާލުކުރެއްވިއެވެ. އެކަމަނާގެ އަރިހަށް މިޙްރާބުގެ ތެރެއަށް ޒަކަރިއްޔާގެފާނު ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެއެވެ. އޭ މަރްޔަމެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުން ހެއްޔެވެ؟ އެކަމަނާ ވިދާޅުވެއެވެ. އެއީ ﷲ ގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން ﷲ އެއިލާހު އިރާދަކުރައްވާ މީހަކަށް އެއްވެސް ޙިސާބެއް ނެތި ރިޒްޤު ދެއްވައެވެ. [37] އެތަނުގައި ޒަކަރިއްޔާގެފާނު އެކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތަށް ދުޢާ ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރައްބެވެ! އިބައިލާހުގެ ޙަޟްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ގިނަގިނައިން ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ. [38] ދެންފަހެ، އެކަލޭގެފާނު މިޙްރާބުގައި ނަމާދު ކުރެއްވުމުގައި ޤާއިމުވެވަޑައިގެން ހުންނަވަނިކޮށް އެކަލޭގެފާނަށް މަލާއިކަތުން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން ﷲ، ކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވައެވެ. ﷲ ގެ ޙަޟްރަތުންވާ ކަލިމަފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، ޞާލިޙުންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ. [39]”
=ނުނިމޭ=
____________________________