އިތުރަށް މަޢުލޫމާތު ހޯއްދެވުމަށް އިބްނުކަޘީރު ރަޙިމަހުﷲގެ قصص الأنبياء ވިދާޅުވާށެވެ.
އަހަރެމެންގެ ޝަރީޢަތުގައި ސާބިތުނުކުރާ އަދި ނަފީވެސްނުކުރާ ކުރީގެ ނަބީންގެ ވާހަކަތަކުގެ ޙުކުމަކީ ތެދުވެސް ނުކުރުމެވެ. އަދި ދޮގުވެސް ނުކުރުމެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.
كَانَ أَهْلُ الكِتَابِ يَقْرَءُونَ التَّوْرَاةَ بِالعِبْرَانِيَّةِ، وَيُفَسِّرُونَهَا بِالعَرَبِيَّةِ لِأَهْلِ الإِسْلاَمِ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((لا تُصَدِّقُوا أَهْلَ الكِتَابِ وَلا تُكَذِّبُوهُمْ، وَقُولُوا: ﴿آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا﴾ [البقرة: 136] )) الآيَةَ. [رواه البخاري (4485)]
މާނަ: “އަހްލުކިތާބީން ތައުރާތު ކިޔައިއުޅެނީ ޢިބްރާނީ ބަހުންނެވެ. އަދި އެބައިމީހުން އިސްލާމުންނަށް އެތައުރާތު ޢަރަބިބަހުން ތަފްސީރުކޮށްދެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. އަހުލު ކިތާބީން (ޔަހޫދީންނާއި ނަޞާރާއިންގެ ބަސްތައް) ތެދުނުކުރާށެވެ. އަދި އެތަކެތި ދޮގުވެސް ނުކުރާށެވެ. ނަމަވެސް ތިޔަބައިމީހުން ބުނާށެވެ. ﴿آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا﴾ [މާނަ: އަހަރުމެން ﷲ އަށް އީމާންވެއްޖައީމެވެ. އަދި އަހަރެމެންގެ މައްޗައް ބާވާލެއްވުނު ތަކެއްޗައްވެސް އަހަރެމެން އީމާންވެއްޖައީމެވެ.] (އާޔަތް ނިމެންދެން ބައްލަވާލައްވާ)”
އިބްނު އަބީ ނަމްލަތުލް އަންޞާރީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
” مَا حَدَّثَكُمْ أَهْلُ الْكِتَابِ فَلَا تُصَدِّقُوهُمْ، وَلَا تُكَذِّبُوهُمْ، وَقُولُوا: آمَنَّا بِاللَّهِ وَرُسُلِهِ، فَإِنْ كَانَ بَاطِلًا لَمْ تُصَدِّقُوهُ، وَإِنْ كَانَ حَقًّا لَمْ تُكَذِّبُوهُ ” [رواه أبو داود (3644) ، وصححه الألباني في “سلسلة الأحاديث الصحيحة” (6 / 712)]
މާނަ: “އަހްލުކިތާބީން ތިޔަބައިމީހުންނާއި ދައްކާ ވާހަކަތައް (އިސްރާއީލީ ރިވާޔަތްތައް) ތެދުނުކުރާށެވެ. އަދި ދޮގުވެސް ނުކުރާށެވެ. ނަމަވެސް ތިޔަބައިމީހުން ބުނާށެވެ. ތިމަންމެން ﷲ އަށާއި އެކަލާނގެ ފޮނުއްވި ރަސޫލުންނަށްވެސް އީމާންވަމެވެ. އޭރުން ބާޠިލު ބަހެއްކަމުގައިވާނަމަ ތިޔަބައިމީހުން އެ ތެދުކުރިކަމަކަށް ނުވާނެއެވެ. އަދި ހައްޤުކަމުގައިވާނަމަ ދޮގުކުރިކަމަކަށް ނުވާނެއެވެ.”
ޝައިޙް މުހައްމަދުލް އަމީން ޝަންޤީޠީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“އިސްރާއީލީ ރިވާޔަތްތައް ކިޔައިދިނުމުގެ ހުއްދަ ނަބިއްޔާ صلى الله عليه وسلم އުންމަތަށް ދެއްވިއެވެ. އެހެންނަމަވެސް އެ ތެދުކުރުންވެސް އަދި ދޮގުކުރުންވެސް ނަޙީކުރެއްވިއެވެ. އެއީ އޭގެ ސަބަބުން ބާޠިލުބަހެއް ތެދުކުރެވި އަދި ޙައްޤުބަހެއް ދޮގުކުރެވިދާނެކަމުގެ ބިރައްޓަކައެވެ.
ބަނޫއިސްރާއީލުންގެ ކިބައިން ރިވާކުރާ އިސްރާއީލީ ރިވާޔަތްތައް ތިން ޙާލަތަކަށް ބެހެއެވެ.
- ފުރަތަމަ ޙާލަތަކީ (އެ ރިވާޔަތްތައް) ތެދުކުރުން ވާޖިބުވެގެންވާ ޙާލަތެވެ. އެއީ ޤުރުއާނުންނާއި ޞައްޙަ ޙަދީޘްތަކުން އެރިވާޔަތްތަކުގެ ތެދުކަމަށް ދަލީލު ލިބޭ ރިވާޔަތްތަކެވެ.
- ދެވަނަ ޙާލަތަކީ (އެ ރިވާޔަތްތައް) ދޮގުކުރުން ވާޖިބުވެގެންވާ ޙާލަތެވެ. އެއީ ޤުރުއާނުންނާއި ޞައްޙަ ޙަދީޘްތަކުން އެރިވާޔަތްތަކުގެ ދޮގުކަމަށް ދަލީލު ލިބޭ ރިވާޔަތްތަކެވެ.
- ތިންވަނަ ޙާލަތަކީ (އެ ރިވާޔަތްތައް) ދޮގުކުރުން ހުއްދަވެގެންނުވާ އަދި ތެދުކުރުން ހުއްދަވެގެންނުވާ ޙާލަތެވެ. އެއީ ރަސޫލާ صلى الله عليه وسلم ހަދީޘްފުޅުގައި އިޝާރާތް ކުރައްވާފައިވާ ފަދައިން ޤުރުއާނާއި ސުންނަތުން ޘާބިތުނުވާނަމަ ތެދުވެސް ނުކުރުމެވެ. އަދި ދޮގުވެސް ނުކުރުމެވެ.” ( ” أضواء البيان ” (4 / 238). )
އެނަބީންނާއި ބެހޭގޮތުން އަހަރެމެންގެ ޝަރީއަތުން ދަލީލު ލިބޭ އަދި އެބޭކަލުން އުޅުއްވި ޒަމާނާއި ތަރުތީބާއި މިކަންތައްތައް ޤަބޫލުކުރުމުގެ ޙުކުމް ސާފުވެގެންވެއެވެ. އެއީ ދަލީލުގައިވާ ގޮތަށް އިޢުތިޤާދުކުރުން ވާޖިބުވެގެންވުމެވެ. އަދި އެކަންކަމާ ބެހޭގޮތުން ދަލީލެއް ނުވާ ކަންކަމުގައި އަދި އަހުލުކިތާބީންގެ ކިބައިން ރިވާކުރާ ރިވާޔަތްތަކުގެ ޙުކުމަކީ ވަކިގޮތަކަށް އިޢުތިޤާދު ނުބޭއްވުމެވެ. (ދޮގުވެސް އަދި ތެދުވެސް ނުކުރުމެވެ.) ފަހަރެއްގައި ތެދުވެސް ވެދާނެއެވެ. އަދި ފަހަރެއްގައި ދޮގަކަށްވެސް ވެދާނެއެވެ.
و الله أعلم
=ނިމުނީ=
____________________________