ދެވަނަ ފަޞްލު: ހިޖުރައިން ދެވަނަ ޤަރުނުގައި ސުންނަތް ލިޔެ ރައްކާތެރިކުރެވުނު ގޮތް
މިޤަރުނުގައި ދެ ޖީލެއްގެ ބޭކަލުން އުޅުއްވިއެވެ. އެއީ:
ފުރަތަމައީ: ތާބިޢީންގެ ތެރެއިން ހަގު ބޭކަލުން
އޭގެ ތެރެއިން ބައެއް ބޭކަލުން އަވަހާރަވެފައިވަނީ ހިޖުރައިން 140 ވަނަ އަހަރަށް ފަހުގައެވެ. ސުންނަތް ލިޔު ރައްކާތެރިކުރެއްވުމުގައި އެބޭކަލުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ވާހަކަވާނީ ތާބިޢީ ބޭކަލުންގެ ޖީލުގެ ވާހަކަތައް ގެނެސްދިން އިރު ގެނެސްދީފައެވެ.
ދެވަނައީ: އަތުބާޢުއް ތާބިޢީންގެ ޖީލު.
ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ޖީލަށް ފަހު ސުންނަތް ރިވާކުރައްވައި އުންމަތަށް ދީން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރެއްވީ އެބޭކަލުންނެވެ. މިޖީލުގެ ބޭކަލުންވަނީ ބިދުޢަވެރިންނާ ދެކޮޅަށް ވަރަށް ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އަދި އެދުވަސްވަރުގައި، އިސްލާމްކަން ފާޅުކޮށް ކުފުރު ވަންހަނާކޮށްގެން އުޅުނު މީހުން ފެތުރި ދޮގުތަކާ ދެކޮޅަށް ވަރަށް ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އެގަރުނު ދެބައިވި ދުވަސްވަރަކީ ސުންނަތާއި ސުންނަތް ރިވާކުރެއްވި ބޭކަލުންނާ ދެކޮޅަށް ކުރެވުނު މަސައްކަތް ކުންނަށް ދިޔަ ދުވަސްވަރެވެ.
އެދުވަސްވަރުގައި ޚަލީފާއަކަށް ހުންނެވި އަލްމަހްދީވަނީ ބައެއް ބޭކަލުން ފޮނުއްވައިގެން އެފަދަ މީހުންގެ ޚަބަރުތައް ހޯދައި އެމީހުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެހެންކަމުން އެކަލޭގެފާނު މަޝްހޫރުވެފައިވަނީ صاحب الزنادقة ގެ ނަމުންނެވެ. (އެބަހީ: އިސްލާމްކަން ފާޅުކޮށް ކުފުރުވަންހަނާކޮށް އުޅުނު މީހުންނާ ދެކޮޅުވެރިވި މީހާގެ ނަމުންނެވެ.) [1]
މިޖީލުގައި އުޅުއްވި އިމާމުންނާއި ޢިލްމުވެރިންވަނީ ސުންނަތާއި އޭގެ ޢިލްމުތަކަށް ޚިދުމަތްކުރެއްވުމުގައި ހީވާގިކަމާއެކު މަސައްކަތްކުރައްވާފައެވެ. އަދި އެ ކިލަނބުކޮށްލަފާނެ ކޮންމެ ކަމަކުން އެ ހިމާޔަތްކޮށްފައެވެ. އަދި އެބޭކަލުންގެ އަތްޕުޅުންވަނީ ޝާމިލުގޮތެއްގައި ތަރުތީބުކަމާއެކު ބާބުތަކަށް ބައްސަވައި ސުންނަތް ރައްކާކުރައްވަން ފައްޓަވާފައެވެ. އޭގެ ކުރީގައި ސުންނަތް ރައްކާކުރެވިފައިވަނީ ވަކި ފަތްފުށްތަކާއި ލިޔެކިޔުންތަކުގެ ގޮތުގައެވެ. އަދި އެއީ މިޖީލުގައި ކުރެވުނު މަސައްކަތްތަކާ ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އަދި އޭރުގައި ބާބުތައް ކަނޑައެޅި ވަކި ތަރުތީބަކުން ގެނެސްފައި ނުވެއެވެ. [2]
ޙަދީޘްގެ ސަނަދާމެދު ސުވާލުކުރުން ފެށިފައިވަނީ ޞަޙާބީ ބޭކަލުންގެ ފަހު ދުވަސްވަރާއި ތާބިޢީގެން ތެރެއިން ދޮށީ ބޭކަލުންގެ ޒަމާނުގައެވެ. އަދި އެއަށްފަހު އަތުބާޢުއް ތާބިޢީންގެ ދުވަސްވަރުގައި ޙަދީޘްގެ ރާވީންގެ ޢިލްމުވަނީ ކުރިއަރައިގެން ގޮސްފައެވެ.
ތަރުތީބުކަމާއެކު ސުންނަތް ރައްކާތެރިކުރުމުގެ އިސް ސަފުގައި މިޖީލުގެ ބޭކަލުން ތިއްބެވި ފަދައިން ޙަދީޘްގެ ރާވީންނާ ބެހޭ ފޮތްތައް ލިޔުއްވުމުގައިވެސް އެބޭކަލުން ތިއްބެވީ އެންމެ އިސް ސަފުގައެވެ. ޙަދީޘްގެ ރާވީންގެ ތާރީޚާ ބެހޭގޮތުން އައްލައިޘު ބުން ސަޢުދާއި (އަވަހާރަވީ: 175 ހ) އިބްނުލް މުބާރަކާއި (އަވަހާރަވީ: 181 ހ) ޟަމްރާ ބުން ރަބީޢާ (އަވަހާރަވީ: 202 ހ) އަދި ފަޟްލު ބުން ދުކައިނުވެސް (އަވަހާރަވީ: 218 ހ) ލިޔުއްވިއެވެ.
މިޖީލުވެގެން ދިޔައީ ސުންނަތުގެ އެތައް ޢިލްމެއްގެ ބިންގާ އެޅި ޖީލަކަށެވެ. ފަހެ އެ ދުވަސްވަރަކީ މިފަންނުތަކުގެ އެންމެ ބޮޑެތި ޢިލްމުވެރިން އުޅުއްވި ދުވަސްވަރެވެ. އޭގެ ތެރޭގައި އިމާމު މާލިކާއި ޝާފިޢީއާއި ޘައުރީއާއި އައުޒާޢީއާއި ޝުޢުބާއާއި އިބްނުލް މުބާރަކާއި އިބްރާހީމް އަލްފަޒާރީއާއި އިބްނު ޢުޔައިނާއާއި އަލްޤައްޠާނުއައި އިބްނުލް މަހްދީއާއި ވަކީއާ އަދިވެސް އެނޫން އެތައް ބޭކަލުންނެއް ހިނެމެނެއެވެ. [3]
= ނުނިމޭ =
[1] އަލްމަހްދީގެ ސިޔަރަތުގައި އައްޛަހަބީ السير (7 / 401) ގައި ވިދާޅުވިއެވެ. “އެކަލޭގެފާނުވީ ޒިންދީގުންނާ ދެކޮޅުވެރިވެ، އެބައިމީހުން ހޯދި ބޭކަލަކަށެވެ.” އަދި التذكرة (1 / 244) ގައި ވިދާޅުވިއެވެ. “މަހްދީ ކުރެއްވި ހެޔޮކަންތައްތަކުގެ ތެރޭގައި ޒިންދީގުންނަށް ފާރަލައްވައި އެބައިމީހުންނަށް ފިޔަވަޅު އެޅުއްވުން ހިމެނެއެވެ.” އަދި البداية والنهاية (10 / 145) ގައިވާ ތަފްޞީލު ބައްލަވާށެވެ. އެކަލޭގެފާނުވަނީ އަލްމުޤައްނަޢުއާއި އޭނާއާ އެކުގައި އުޅުނު ޒިންދީގުން ޤަތުލުކޮށްފައެވެ. ބައްލަވާ: الفتاوى لابن تيمية (4 / 20).
[2] މިދުވަސްވަރުގައި ބިދުޢަތައް ފާޅުވި ވާހަކަ ބަޔާންކުރެއްވުމަށް ފަހުގައި التذكرة (1 / 160 )ގައި އަލްޙާފިޡް އައްޛަހަބީ ވިދާޅުވިއެވެ. “އެބައިމީހުންނާ ދެކޮޅަށް ތާބިޢިންގެ ތެރޭގައި ތިއްބެވި ޢިލްމުވެރިންނާއި ސަލަފުންގެ އިމާމު ނުކުމެވަޑައިގަތެވެ. އަދި އެކަމުން ރައްކާތެރިވުމަށް ނަސޭޙަތްތެރިވިއެވެ. އަދި އޭގެ ތެރެއިން ދޮށީ ބޭކަލުން ސުންނަތް ރައްކާތެރިކުރައްވައި ފިޤުހީ މައްސަލަތައް އެއްކުރެއްވިއެވެ. އަދި ޢަރަބި ބަހުގެ ފޮތްތައް ލިޔުއްވިއެވެ. ދެން ހާރޫނުއް ރަޝީދުގެ ދުވަސްވަރުގައި އެމަސައްކަތްތައް އިތުރުވެގެން ދިޔައެވެ. ފޮތްތައް އިތުރުވެ ބަހުރުވަތަކާ ބެހޭގޮތުން ލިޔުއްވިއެވެ. އަދި ޢިލްމުވެރިންގެ ހިތުދަސްކުރުމުގެ ބާރު ދަށްވެ ފޮތްތައް އެކުލަވާލެވި އެއަށް ބަރޯސާވުން ފެށިގެންދިޔައެވެ. އޭގެ ކުރީގައި ޞަހާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ޢިލްމު ޚަޒާނާ ކުރެވިފައި ހުރީ އެބޭކަލުންގެ ހިތްތަކުގައެވެ. رضي الله عنهم”
[3] ސުންނަތަށް ޚިދުމަތްކުރެއްވުމަށް މިޖީލުގެ ބޭކަލުން ކުރެއްވި މަސައްކަތްފުޅާ ބެހޭ އިތުރު މަޢުލޫމާތުތައް ހޯއްދެވުމަށް الجرح والتعديل (1 / 9 – 11) އާއި އައްޛަހަބީގެ ذكر من يعتمد قوله في الجرح والتعديل (ص: 171) ބައްލަވާށެވެ.