-
ބަނޫ އިސްރާއީލުގެ މީހުން ކުފުރުވެރިވުން
ބަނޫ އިސްރާއީލުގެ މީހުންނަށް މި ހުރިހާ ނިޢުމަތެއް ﷲ ދެއްވާފައިވުމާއެކުވެސް، އެ މީހުން ދިޔައީ ﷲ ދެއްވި ނިޢުމަތްތަކަށް ކުފުރުވެރިވަމުންނެވެ. އެ މީހުންނަކީ ވަރަށް މަދުން ޝުކުރުކުރާ ބަޔެކެވެ. އަދި ގިނަގިނައިން ކަންކަމުގައި ޝަކުވާ ކުރާ ބަޔެކެވެ. އެ މީހުންނަށް މަނާކުރެވިފައިވާ ކަންތައް ކުރުމަށް ލޯބިކުރާ ބަޔެކެވެ. އެ މީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކަށް ނުރުހުންތެރިވާ ބަޔެކެވެ.
ދުވަސްކޮޅަކަށްވެސް މަޑުނުކޮށް އެ މީހުން މުސާގެފާނަށް ދެންނެވިއެވެ. އެކައްޗެއް ކެއުމަށް އަހަރުމެން ފޫހި ވެއްޖެއެވެ. މި މަސް ކެއުމަށް ވެސް އަހަރުމެން ފޫހި ވެއްޖެއެވެ. އަދި މަންނު ކެއުމަށްވެސް މެއެވެ.
އަހަރުމެން ކެއުމަށް އެންމެ ހިތް އެދޭ ތަކެއްޗަކީ ތަރުކާރީއާއި މުގެވެ.
(يَا مُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنبِتُ الْأَرْضُ مِن بَقْلِهَا وَقِثَّائِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا) [1]
މާނަ: “އޭ މޫސާގެފާނެވެ! އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެއެވެ. ފަހެ، ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި، قِثَّاء (އެބަހީ: ކެކުރި ވައްތަރުގެ ތަރުކާރީއެއް) އާއި، ލޮނުމެދާއި، މުގާއި، ފިޔާ، ތިމަންމެންނަށްޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތަށް ދުޢާ ކޮށްދެއްވާށެވެ!”
އެ މީހުންގެ މި ވާހަކައިން، މޫސާގެފާނު ހައިރާންވަޑައިގަތެވެ. އެ މީހުންގެ މި ވާހަކައަށް އިންކާރުކުރެއްވުމުގެ ގޮތުންނާއި ނުރުހުންތެރިފުޅުވާ ޙާލު މޫސާގެފާނު ވިދާޅުވިއެވެ.
(أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَىٰ بِالَّذِي هُوَ خَيْرٌ)
މާނަ: “ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ؟”
ދޫނީގެ މަހުގެ ބަދަލުގައި މުގާއި ތަރުކާރީ ހެއްޔެވެ. އަދި މީގެ ކުރިން އިންސާނެއްގެ އަތް ބިއްސާފައި ނުވާ މަންނުގެ ބަދަލުގައިވެސް ހެއްޔެވެ.
ރަސްކަލުންގެ ކާނާގެ ބަދަލުގައި ދަނޑުވެރިންގެ ކާނާ އެދެނީ ހެއްޔެވެ. އެ މީހުން އިޚްތިޔާރު ކުރާ އެއްޗެއްގެ ނުބައިކަމާއެވެ.
އެހެނެއް ކަމަކު ބަނޫ އިސްރާއީލު މީހުން މޫސާގެފާނުގެ އަރިހުން އެ އެއްޗެއްސަށް އެދޭ އެދުމެއް ހުއްޓާނުލިއެވެ. އެއީ ތަރުކާރީއާއި މުގު އެމީހުންނަށް ދެއްވުމަށެވެ. މޫސާގެފާނު އެ މީހުންނަށް ވިދާޅުވިއެވެ. ކަލޭމެން ތިޔަ އެދޭ އެއްޗެހި މިޞްރާއި އަދި ކޮންމެ ރަށެއްގައިވެސް ވެއެވެ.
(اهْبِطُوا مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ)
މާނަ: “(އެ ގޮތް އެދެނީނަމަ) ތިޔަބައިމީހުން ބޮޑު ރަށަކަށް ފައިބާށެވެ! އޭރުން، ހަމަކަށަވަރުން ތިޔަބައިމީހުން އެދުނު ތަކެތި ލިބޭ ހުށްޓެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] البقرة 61