މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
ހިތްހަރުކަމަށް އޮތް އެންމެ ފުރިހަމަ ޙައްލަކީ މާތްﷲގެ މަގުގައި މުދާ ހޭދަކުރުމެވެ.
މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް
– ޙަދީދު ސޫރަތް ހިމެނެނީ ތަސްބީޙައިގެ ސޫރަތްތަކުގެ ތެރޭގައެވެ. މުސައްބިޙާތުގެ މާނައީ ތަސްބީޙަ ތަކެވެ. ތަސްބީޙައިގެ ސޫރަތް ތަކަކީ “سَبَّحَ” ނުވަތަ “يُسَبِّحُ” ނުވަތަ “سَبِّحُ” ނުވަތަ “سُبْحَانَ” އިން ފެށިފައިވާ ސޫރަތްތަކެވެ. އެއީ އިސްރާ ސޫރަތާއި، ޙަދީދު ސޫރަތާއި، ޙަޝްރު ސޫރަތާއި، ޞައްފު ސޫރަތާއި، ޖުމްޢަތު ސޫރަތާއި، ތަޣާބުން ސޫރަތާއި އަދި އަޢުލާ ސޫރަތެވެ.
– މި ސޫރަތްތައް ފެށިފައިވަނީ ﷲ ތަޢާލާ އެންމެހާ އުނި ސިފަތަކުން ހުސްދުރުވެ ވޮޑިގަންނަވާކަމުގެ ވާހަކައިންނެވެ. އަދި މި ސޫރަތުގެ ފުރަތަމަ ހަ އާޔަތުގައި މާތްﷲގެ ޢިލްމުފުޅުގެ މަތިވެރިކަން ބަޔާންކުރައްވާފައިވެއެވެ. އަދި އެކަލާނގެ ކަށަކުޅަދުންވަންތަކަން ބަޔާންވެފައިވެއެވެ.
– މި ސޫރަތުގެ 7 ވަނަ އާޔަތުގައި، އެންމެހާ މުދަލަކާއި އެންމެހާ ތަކެއްޗެއް މިލްކުވެރިވެވޮޑިގަންނަވަނީ މާތްﷲއަށް ކަން އަންގަވާފައިވެއެވެ. އަދި މާތްﷲ އިންސާނުންނަށް ދެއްވަވާފައިވާ އެއްޗެހި ހޭދަކުރުމަށްވެސް އަންގަވާފައިވެއެވެ.
– މުއުމިނުންގެ ކިބައިން މާތްﷲ ހިއްޕަވާފައިވާ އަހުދުކަށަވަރުމަތިން ހަނދާންކޮށްދެވިފައިވެއެވެ. (8ވަނަ އާޔަތް)
– މައްކާ ފަތަޙަވުމުގެ ކުރިން މާތްﷲގެ މަގުގައި ހޭދަކޮށް، ހަނގުރާމަކޮށް އުޅުނު މީހުން އެނޫން މީހުންނާއި ހަމަހަމަވެގެންނުވާ ކަމުގައި ބަޔާންވެފައިވެއެވެ. އަދި މައްކާ ފަތަޙަވުމުގެ ކުރިންނާއި ފަހުން ހޭދަކުރުމަކީ ވެސް މޮޅު އިތުރުކަމެއްކަން ބަޔާންވެފައިވެއެވެ. (10ވަނަ އާޔަތް)
– އުޚުރަވީ ޙަޔާތުގައި މުނާފިޤުންނާއި އިސްލާމްދީނާއިމެދު ޝައްކުކުޅަމީހުންގެ ޙާލަތު ހުންނާނެގޮތް ބަޔާންވެފައިވެއެވެ. (13ވަނަ އާޔަތުން 15 ވަނަ އާޔަތަށް)
– މާތްﷲގެ މަގުގައި މުދާ ހޭދަކުރުމުގައި ހުރި މޮޅު އިތުރުކަމާއި ބަރަކާތްތެރިކަމުގެ ވާހަކަ ބަޔާންވެފައިވެއެވެ. (18ވަނަ އާޔަތް)
– މި ދުނިޔެވީ ޙަޔާތަކީ އިމްތިޙާންގެ ގޮވައްޗެކެވެ. ނެތިފަނާވެދަނިވި ކުރު ޙަޔާތެކެވެ. (20ވަނަ އާޔަތް)
– ޤަޟާ ޤަދަރަށް އީމާންވާށެވެ. އެއަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެއްވެސް ކަމެއް މެދުވެރިވީ އެމީހަކަށް ދެރައަކަށް ކަމަށް ޤަބޫލުކުރުމެއް ނެތެވެ. އެކަމުގައި ފޮރުވިފައިވާ ޙިކުމަތް އަހަރެމެންނަށް ނުވިސްނެނީއެވެ. ވީމާ އޮތީ ޝުކުރުވެރިވުމެވެ. (22ވަނަ އާޔަތުން 24ވަނަ އާޔަތަށް)
– ﷲތަޢާލާއީ އެންމެ އިންސާފުވެރި ފަރާތެވެ. އެކަލާނގެއީ އޯގާވަންތަ އިލާހެވެ. ރަސޫލު ބޭކަލުން ފޮނުއްވާ ފޮތްތައް ބާއްވައިލެއްވުމުގެ އެއް ޙިކުމަތަކީ ޢަދުލުވެރިކަމާއި ޙައްޤު ޤާއިމުކުރެއްވުމެވެ. (25ވަނަ އާޔަތް)
މި ސޫރަތުން ލިބިދޭ ފައިދާތައް
– ކީރިތި ޤުރުއާނުގައި يَا أَيُّهَا الَّذِينَ آمَنُوا އައިސްފައިވާ ކޮންމެ އާޔަތެއްގެ މުރާދަކީ އީމާންވެއްޖެ މީސްތަކުންކަމުގައިވިޔަސް، މި ސޫރަތުގެ 28 ވަނަ އާޔަތުގައިވާ يَا أَيُّهَا الَّذِينَ آمَنُوا ގެ މުރާދަކީ އަހުލުކިތާބީންކަމުގައި ބުނެވެއެވެ. (تفسير ابن سعدي)
– މައްކާ ފަތަޙަވުމުގެ ކުރިން މާތްﷲގެ މަގުގައި ހޭދަކޮށް، ހަނގުރާމަކޮށް އުޅުނު މީހުން އެނޫން މީހުންނާއި ހަމަހަމަވެގެންނުވާ ކަމުގައި ބަޔާންވެފައިވެއެވެ.
– އެންމެހާ ޞަޙާބީ ބޭކަލުންވަނީ ސުވަރުގޭގައެވެ.
– ހިތްހަރުކަމަށް އޮތް އެންމެ ފުރިހަމަ ޙައްލަކީ މާތްﷲގެ މަގުގައި މުދާ ހޭދަކުރުމެވެ.
__________________________
މަޞްދަރު: أول مرة أتدبر القرآن