މިސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫއު
މުސްލިމު ޢާއިލާ ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން ކުރައްވާފައިވާ ވަޞިއްޔަތްތައް
މިސޫރަތުގެ މުހިންމު ނުކުތާތައް
– ތަޙްރީމް ސޫރަތުގެ ފުރަތަމަ އާޔަތުގައި އައިސްފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ކަމަކަށް ﷲ ނުރުހުންތެރިވެވޮޑިގެންނެވިކަން ހާމަކުރައްވާފައެވެ. އަދި އެއަށްފަހު އަންގަވާފައިވަނީ އެއިލާހަކީ ފާފަ ފުއްސަވާ އިލާހުކަމެވެ.
– ތަޙްރީމް ސޫރަތުގެ ފުރަތަމަ އާޔަތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މުޚާތަބުކުރައްވާފައިވީ ނަމަވެސް، އެއާ ގުޅިގެން އައިސްފައިވާ ޙުކުމްތަކުގައި އެކަލޭގެފާނާއި އުންމަތުގެ އެންމެހާ މުސްލިމުން ޝާމިލުވެއެވެ.
– ދެމަފިރިން އެކަކު އަނެކާގެ ސިއްރުތައް ވަންހަނާ ކުރަން ޖެހެއެވެ. އެއީ އެދެމީހުން އެކަކު އަނެކާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. ދެމަފިރިންގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަކުރުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ އެއީ ދެމަފިރިންގެ ސިއްރެކެވެ. (މި ސޫރަތުގެ 2 ވަނަ އާޔަތުން 5 ވަނަ އާޔަތަށް)
– އިސްލާމްދީނުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމުގެ މަސްއޫލިއްޔަތު ބަޔާން ކުރައްވާފައިވެއެވެ. ދަރިންނަށް އިސްލާމީ ތަރުބިއްޔަތެއް ދިނުމަކީ ޝަރުޢީ ވާޖިބެއްކަން މިކަމުން ދޭހަވެއެވެ. (6ވަނަ އާޔަތް)
– ކުރީގެ އުންމަތްތަކުގެ ވާހަކަތަކުން ޢިބްރަތް ލިބިގަތުން (މި ސޫރަތުގެ 10 ވަނަ އާޔަތުން 12 ވަނަ އާޔަތަށް)
– ހުރިހާ ވަގުތެއްގައި ވެސް ތައުބާވުމަކީ ވާޖިބެއްކަން (8ވަނަ އާޔަތް)
މިސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް
– ކީރިތި ޤުރުއާނުގައި ފާފައިގެ ވާހަކަ ނުވަތަ އޭގެ ޢުޤުބާތުގެ ވާހަކަ އައިސްފިނަމަ، އެއާ ވިދިގެން ތައުބާގެ ވާހަކަ އައިސްފައިވެއެވެ. އަދި އެކަމަށް ދަޢުވަތު ދެއްވާފައިވެއެވެ. މިއީ ﷲ ގެ ރަޙްމަތެވެ. (ހަތަރުވަނަ އާޔަތް)
– ހުވާއެއް ކުރުމަށްފަހު، އެހުވާއާ ޚިލާފުވާ މީހާގެ މައްޗަށް އޮތީ ކައްފާރާ ދިނުމެވެ. (2 ވަނަ އާޔަތް)
އަލްމާއިދާ ސޫރަތުގެ 89 ވަނަ އާޔަތުގައި ހުވާގެ ކައްފާރާ ބަޔާންކުރައްވާފައިވެއެވެ.
މާނައީ: “ފަހެ، ހުވާގެ كفّارة އަކީ ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީ އުޅޭ މެދުމިނުން، ދިހަ مسكين ންނަށް ކާންދިނުމެވެ. ނުވަތަ އެއުރެންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ފަހެ، (އެއިންކަމެއް ކުރަން) ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް، އެ ހުވަޔާ خلاف ވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ كفّارة އެވެ. “
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވެއެވެ.
((مَنْ حلَف عَلَى يَمِينٍ فَرأَى غَيْرَها خَيْرًا مِنْهَا، فَلْيُكَفِّرْ عَنْ يَمِينِهِ، ولْيَفْعَل الَّذِي هُوَ خَيْرٌ)) [رواهُ مسلم]
މާނައީ: “މީހަކު ހުވައެއް ކޮށްފައި، އެއަށޤވުރެ ރަނގަޅު ގޮތެއް ފެނިއްޖެނަމަ ދަންނައެވެ. ފަހެ، އޭނާ ކުރި ހުވާގެ ކައްފާރާ ދޭ ހުށިކަމެވެ. އަދި އެކަމުގައި އޮތް ރަނގަޅު ގޮތަށް ޢަމަލު ކުރާހުށިކަމެވެ.”
– މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ އެންމެ މުހިއްމު އެއް ވާޖިބަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމެވެ. ނަމަވެސް ވަރަށް ގިނަ މީހުން، އެބައިމީހުންގެ ދަރިންގެ ދުނިޔަވީ ކަންކަމުގައި ވަރަށް ފަރުވާތެރިވާތަން ފެނެއެވެ. ﷲ އަށް ތަޤުވާވެރިވުމަށާއި ދީނުގެ ކަންކަން އުނގަންނައިދިނުމަށް އެކުދިންނަށް ބާރުއަޅާ ތަނެއް ނުފެނެއެވެ. އެއީ ﷲ އެބައިމީހުންނަށް އެކަމަށް އަމުރުކުރައްވާފައިވުމާއެކުވެސް މެއެވެ. (6 ވަނަ އާޔަތް)
__________________________
މަޞްދަރު: أول مرة أتدبر القرآن
ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް