-
ފެމިނިޒަމް އުފެދިގެން އައި ގޮތާއި އެ ފިކުރަށް އައި ބަދަލުތައް
ފެމިނިޒަމް އުފެދިގެން އައި ގޮތާއި ތަރައްޤީވެގެން ދިޔަ މަރުޙަލާތަކަށް ބަލައިލުމުގެ ކުރިން ފެމިނިޒަމް އުފަންވެގެންއައި ހުޅަނގުގެ ޤައުމުތަކުގައި އޭރު އަންހެނުންގެ ޙާލަތު ހުރި ގޮތް އަދި [އަންހެނުންގެ ޙައްޤުތައް]، [އަންހެނުންނަށް ދެވޭ އަނިޔާއާއި ނާއިންސާފު] އަދި [އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން] ފަދަ ޝިޢާރުތައް އުފެދެން މެދުވެރިވި ސަބަބުތައް ދެނެގަތުން މުހިންމުކަމުގައި ދެކެމެވެ. އަދި އަންހެނުންގެ ގޮވާލުންތަކާއި މަސައްކަތްތަކާއި ޙަރަކާތްތަކާއެކު 19 ޤަރުނުއްސުރެ މިއަދާ ހަމައަށް ޙާޞިލުވީ ކަންކަމަށްވެސް ބަލައިލަން ޖެހެއެވެ.
- ހުޅަނގުގެ ޤައުމުތަކުގައި 19 ވަނަ ޤަރުނުގެ މެދަކާ ޖެހެންދެން އަންހެނުންގެ ޙާލަތު ހުރިގޮތް
އެ ދުވަސްވަރުގައި ހުޅަނގުގެ މުޖުތަމަޢުތަކުގައި އަންހެނުންނާމެދު ޢާންމުކޮށް ދެކެވެމުން އައީ ބަލިކަށި ދެރަ ބައެއްގެ ގޮތުގައެވެ. އަދި އޭރު އަންހެނުންނަށް އެއްވެސްކަހަލަ ޙަރަކާތެއްގައި ބައިވެރިވެ އުޅުންވެސް މަނައެވެ. އަންހެނެއްނަމަ އަބަދުވެސް ހުންނާނީ ފިރިހެނެއްގެ އަމުރުވެރިކަމުގެ ދަށުގައެވެ. އޭނާގެ ބައްޕަ ނުވަތަ ފިރިމީހާގެ އަމުރުވެރިކަމުގެ ދަށުގައެވެ. އަންހެނާއަށްވަނީ އޭނާގެ ފިރިމީހާގެ ނިންމުންތަކާއި ރައުޔުތަކަށް ބޯލެނބުމެވެ. އަދި ކައިވެނީގެ ކަންކަން ހިންގާ ބެލެހެއްޓުންވަނީ ހަމައެކަނި ފިރިމީހާއަށެއެވެ. ހަމައެހެންމެ ޤާޟީއެއްގެ ކުރިމަތީގައި އަންހެނަކަށް އޭނާގެ އަމިއްލަ ނަފުސު ދިފާޢުކުރުމުގެ އިޚްތިޔާރުވެސް ލިބިގެން ނުވެއެވެ. އަދި އަންހެނަކަށް އޭނާގެ ފިރިމީހާގެ އިޒުނައާނުލާ އެއްވެސް ކަމެއް ނުކުރެވެއެވެ. ތަރިކަ މުދާ ބެހުމުގައިވެސް އަންހެނުން މިންކުރެވެނީ ފިރިހެނުންނަށްވުރެ ދަށުގައެވެ.[1]
އަދި މިއަށްވުރެވެސް ނިކަމެތި ޙާލަތުގައި އަންހެނުން ވިއެވެ. މީލާދީން 1805 ވަނަ އަހަރާ ހަމައަށް އިނގިރޭސިވިލާތުގައި ފިރިހެނުންނަށް އެމީހުންގެ އަނބިން ވިއްކުން އޮތީ ޤާނޫނުން ހުއްދަކޮށްފައެވެ. އެންމެ 6 ޕެންސް ވަރު ކުޑަ އަގަކަށް އެމީހުންގެ އަނބިން ވިއްކާ އުޅުނެވެ. ހަމަ އެހެންމެ އަންހެނުންނަށް ތަޢުލީމު ދިނުމަކީ މަލާމާތެއްފަދަ ކަމެއްކަމުގައި 19 ވަނަ ޤަރުނުގެ މެދަކާޖެހެންދެން ދެކުނެވެ.[2]
އެހެންކަމުން ނާދިރު ޙާލަތެއްގައި މެނުވީ ނުވަތަ ބައެއް މުޖުތަމަޢުތަކުގައި އިސްތިސްނާ ޙާލަތެއްގައި މެނުވީ އިހުގެ ހުޅަނގުގެ މުޖުތަމަޢުތަކުގައި އަންހެނުންނަށް އެބައިމީހުންގެ އިޖުތިމާޢީ އަދި ސިޔާސީ ޙައްޤުތައް ލިބިފައި ނުވެއެވެ.[3] އަދި ޤާނޫނީ ގޮތުންވެސް ޢަދުލުވެރިކަމެއް ފެނިފައި ނުވެއެވެ. އެދުވަސްވަރުގެ ޙާލަތެކޭ އެއްފަދައިން އަންހެނުންގެ ޚަރަދުބަލަދު ބެލެހެއްޓުން ފިރިހެނުންގެ މައްޗަށް ލާޒިމުވެފައިވުމާއެކުވެސް، އަންހެނުން އެ ދިރިއުޅެމުން ދިޔަ ނިކަމެތި ދިރިއުޅުމުގައިވެސް ޚަރަދުތައް ބެލެހެއްޓުމަށްޓަކާ ގޭތެރޭގައި ކުދިކުދި މަސައްކަތްތައް ކުރަމުން ދިޔައެވެ.[4]
ދެން މީލާދީން 1769 ވަނަ އަހަރު އައި ސިނާއީ އިންޤިލާބު ވެގެންދިޔައީ ހުޅަނގުގެ އަންހެނުންގެ ކަންތައްތަކުގެ މިސްރާބީ ބަދަލުވެގެން ދިއުމަށް ބޮޑު ދައުރެއް އަދާކުރި ކަމަކަށެވެ. އަދި އެއާއެކު ސިލްސިލާގޮތެއްގައި ވަމުންދިޔަ ކަންކަން ވެގެންދިޔައީ އަންހެނުންގެ މައްސަލަތައް އުފެދުމަށް މެދުވެރިވި ކަންތައްތަކެއް ކަމުގައެވެ. މެޝިނުތައް އުފެދި ކާރުޚާނާތައް ތަޢާރަފުވެގެން ދިޔުންވީ ރަށްފުށުގައްޔާއި ސިޓީތަކުގައިވެސް ކަންކަން އެފުށްމިފުށަށް ޖެހިގެން ދިޔަ ކަމަކަށެވެ. ނަމަވެސް މިކަމުގައިވެސް އެންމެ ބޮޑު އަގެއް ދައްކަން ޖެހުނު ބަޔަކީ އަންހެނުންނެވެ. އަންހެނުންނަށް އެބައިމީހުންގެ ޚަރަދުތައް އަމިއްލައަށް ބަލަހައްޓަން މަޖުބޫރު ކުރެވުމުން ކާރުޚާނާތަކަށް މަސައްކަތްކުރަން ނުކުންނަށް ފެށިއެވެ. ނަމަވެސް ކާރުޚާނާތަކުގެ ވެރިން އަންހެން މަސައްކަތްތެރިން ނަހަމަގޮތުގައި ބޭނުންކުރިއެވެ. އެތަކެއް ދިގު ގަޑިއިރުތަކަކަށް މަސައްކަތް ކުރުވުމަށް ފަހު އަންހެނުންނަށް އުޖޫރައަކަށް ދެނީ ހަމަ އެ ކާރުޚާނާގައި އެމީހުންނެކޭ އެއްވަރަކަށް އެއް މަސައްކަތެއް ކުރި ފިރިހެނުންނަށް ދޭ އުޖޫރައަށް ވުރެ ކުޑަ އުޖޫރައެކެވެ.[5]
އަދި މީލާދީން 1789 ވަނަ އަހަރު ފެށިގެންއައި ފަރަންސޭސީ އިންޤިލާބުގައި މިނިވަންކަމާއި ހަމަހަމަކަމާއި އަޚުވަންތަކަމުގެ ޝިޢާރުތައް އުފުލިގެން އައިއިރު އަދި ހުޅަނގުގެ އިންސާނުން އަޅުވެތިކަމުން ސަލާމަތްކޮށްދީ ޤަދަރުވެރިކަން ހޯދައިދިނުމަށް ވަކާލާތުކުރެވުނު އިރު، މި ޝިޢާރުތަކުގައި އަންހެނުން ޝާމިލު ނުކުރެއެވެ. އެހެނީ ފަރަންސޭސިވިލާތުގެ މަދަނީ ޤާނޫނުގައިވާ ގޮތުން ކައިވެނި ނުކޮށް ތިބޭ އަންހެނުންނަނީ އޭނާގެ ވަލީގެ ރުހުންނެތި އެއްވެސް ކަމެއް ކުރެވޭނެ ބައެއް ނޫނެވެ. ހަމަ އެހެންމެ އެ ޤާނޫނުގައި، ތަޞައްރަފު ފުދިގެން ނުވާ މީހުންގެ ގޮތުގައި ކުޑަކުދިންނާއި ބުއްދި ހަމަނުޖެހޭ މީހުންނާއެކު އަންހެނުން ކަނޑައަޅާފައިވެއެވެ.[6]
ފަރަންސޭސިވިލާތުގެ ލިޔުންތެރިއަކު ލިޔެފައިވެއެވެ. [ފަރަންސޭސި އިންޤިލާބުން އަންހެނުންގެ ޙާލަތަށް ބަދަލެއް އަންނާނެކަމުގެ އިންތިޒާރުގައި ބަޔަކު ތިބެދާނެއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުވެއެވެ. އިޖުތިމާޢީ އިންޤިލާބު މުޖުތަމަޢުގެ ނިޒާމުތަކާއި މަފްހޫމުތައް ބަލައިގަނެގެން ތިބީއެވެ.][7]
މި ޙާލަތުގައި މީލާދީން 1936 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށް ފަހު އެ ޤާނޫނުތައް އަންހެނުންގެ މަޞްލަޙަތާ އެއްގޮތަށް ބަދަލު ކުރެވުނެވެ.[8] އެހެނަސް އޭރު އޮތް ބައެއް އަނިޔާވެރިކަމާއި ނާއިންސާފުތައް ހުއްޓިގެން ދިޔަ ނަމަވެސް މިކަންވެގެން ދިޔައީ އެއް އަނިޔަލާއި ނާއިންސާފުން އެހެން އަނިޔާތަކަކާއި ނާއިންސާފުތަކަކަށް ބަދަލުވެލި ބަދަލުވުމަކަށެވެ. އަންހެނުންގެ މިނިވަންކަމުގެ ނަމުގައި ފިރިހެނުން ދިޔައީ އަންހެނުން މަޅީގައި ޖައްސާ، މުދާ ހޯދުމަށާއި އެމީހުންގެ އެދުންތައް ފުއްދުމަށް ބޭނުންކުރަމުންނެވެ.[9]
= ނުނިމޭ =
[1] موسوعة تاريخ أوروبا العالم – لجان بيرنجيه وآخرين
[2] المرأة بين الفقه والقانون – للدكتور مصطفى السباعي
[3] قصة الحضارة – لول ديورانت
[4] حقوق المرأة بين المساواة والعدالة – للدكتور صهيب طه
[5] حقوق المرأة بين المساواة والعدالة – للدكتور صهيب طه / قصة الحضارة – لول ديورانت
[6] المرأة بين الفقه والقانون – للدكتور مصطفى السباعي
[7] The Second Sex – by Simone de Beauvoir
[8] المرأة بين الفقه والقانون – للدكتور مصطفى السباعي
[9] نحو ثقافة إسلامية أصيلة – للدكتور عمر الأشقر