[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 70

މިޤަރުނުގައި ސުންނަތް ރައްކާތެރިކުރެވުނު ގޮތް 3 ބަޔަކަށް ބަހާލާނަމެވެ. އެއީ:

 

ފުރަތަމައީ: އިސްވެ ދިޔަ ޤަރުނުތަކާ އަޅާ ބަލާއިރު މިޤަރުނުގައި (ހިޖުރައިން ދެވަނަ ޤަރުނުގައި) ސުންނަތް ރައްކާތެރިކުރުން ކުރިއަރައިގެން ދިޔަ ގޮތް

 

ހ. ހަމައެކަނި ޖަމާކޮށް ރައްކާތެރިކުރުމުގެ ބަދަލުގައި މިޤަރުނުގައި ލިޔެވުނު ލިޔުންތަކުގައި ތަރުބީތުކަމާއެކު ބާބުތަކަށް ބަހާލައިގެން ވަކި ފަންނުތަކުގައި ފޮތްތައް ލިޔެވިގެން ދިޔުން.

ށ. މިޤަރުނުގައި ލިޔެވިގެން ދިޔަ ފޮތްތަކުގައި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުގެ އިތުރަށް ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ފަތުވާތައްވެސް ޖަމާކޮށްފައިވުން. އޭގެ ކުރިން އެފަދަ ފަތުވާތައް ޛިކުރުކުރެވެމުން ދިޔައީ އަނގަބަހުންނެވެ. އަދި އޭގެ ކުރިން ލިޔެވުނު ފަތްފުށްތަކުގައިވަނީ ހަމައެކަނި ނަބަވީ ޙަދީޘްތަކެވެ.

ނ. މިޤަރުނުގެ ފޮތްތަކުގައި ސުންނަތް ރައްކާތެރިކޮށްފައިވާ ގޮތަކީ: އެއް މައުޟޫޢެއްގެ ޙަދީޘްތައް އެއް ބާބެއްގައި ގެނައުން. ދެން އެއަށްފަހުގައި އެބާބުތައް ނުވަތަ ކިތާބުތައް އެއް ފޮތެއްގެ ގޮތުގައި ގެނައުމެވެ. އެހެނަސް އިސްވެ ދިޔަ ޤަރުނުގައި ސުންނަތް ޖަމާކޮށްފައިވަނީ އެއްވެސް ތަރުތީބެއް އަދި ވަކިކުރުމެއް ނެތި ފަތްފުށްތަކުގައެވެ. [1]

އަލްޚަޠީބު އަލްބަޣުދާދީ ވިދާޅުވިއެވެ.

“ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ޒަމާނުގައި، ވަކި މައުޟޫޢެއްގައި ފޮތްތައް ލިޔުއްވާފައި ނުވެއެވެ. އަދި ބާބުތަކާއި ކިތާބުތަކުގެ މައްޗަށްވެސް ލިޔުއްވާފައި ނުވެއެވެ. އެފަދައިން ލިޔުއްވާފައިވަނީ އެއަށްފަހު ވަޑައިގެން ބޭކަލުންނެވެ. ދެން އެއަށްފަހުގައި ވަޑައިގެންނެވި ބޭކަލުންވެސް އެގޮތަށް ލިޔުއްވީއެވެ. [2]

އަލްޙާފިޡް އިބްނު ރަޖަބު އަލްޙަންބަލީ (އަވަހާރަވީ 795 ހ) ގެ ބަސްފުޅު އިސްވެބަޔާންވެގެން ހިނގައްޖެއެވެ. އޭގައި ވަނީ:

“ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ދުވަސްވަރުގައި ލިޔެވުނު ލިޔުންތަކަކީ ތަރުތީބުކޮށް ބާބުތަކަށް ބަހައިގެން ލިޔެވިގެން ދިޔަ ލިޔުންތަކެއް ނޫނެވެ. އެހެނަސް އެއީ އެބޭކަލުން ހިތުދަސްކުރައްވަން ނުވަތަ މުރާޖަޢާކުރައްވަން ލިޔުއްވި ލިޔުންތަކެކެވެ. ދެން އެއަށްފަހުގައި އަތުބާޢުއް ތާބިޢީންގެ ދުވަސްވަރުގައި ފޮތްތައް ލިޔުއްވިގެން ދިޔައެވެ.” [3]

ރ. ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ޒަމާނުގައި ފަތްފުށްތަކުގައި ލިޔެވިފައިހުރި ވާހަކަތަކާއި ޞަޙާބީ ބޭކަލުންގެ ފަތުވާތަކާއި ތާބިޢީ ބޭކަލުންގެ ފަތުވާތައް މި ޤަރުނުގައި ލިޔެވިގެން ދިޔަ ފޮތްތަކުގައިވަނީ ޝާމިލު ގޮތަކަށް ބަޔާންކޮށްފައި. [4]

މި ޤަރުނުގައި ލިޔެވިގެން ދިޔަ ފޮތްތަކަށް ނަންދިނުމުގައި: موطأ – مصنف – جامع – سنن މިފަދަ ނަންތައް ދެއްވާފައިވެއެވެ. އަދި ވަކި ޚާއްޞަ މައުޟޫޢުތަކުގައިވެސް އެދުވަސްވަރު ފޮތްތައް ލިޔެވިގެން ދިޔައެވެ. އޭގެ ތެރޭގައި: الجهاد – الزهد – المغازي والسير ހިމެނެއެވެ.

ޙަދީޘާއި އަސާސީ ފޮތްތަކުގެ ތެރެއިން ކިޔަވާ ކުއްޖާ ފަށަންވީ މުހިންމު ފޮތްތައް ބަޔާންކުރައްވަމުން އަލްޚަޠީބުލް ބަޣުދާދީ ވިދާޅުވިއެވެ.

“ދެން އެއަށްފަހުގައި ޙުކުމްތަކާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތްތަކެވެ. އަދި މުސްނަދުތައް ޖަމާކޮށްފައިވާ ފޮތްތަކާއި މުސްނަދު ނޫން – ޙަދީޘާއި އާޘާރުތައް – ރިވާކުރައްވާފައިވާ ފޮތްތަކެވެ. މިޘާލަކަށް: އިބްނު ޖުރައިޖާއި އިބްނު އަބީ ޢުރޫބާއާއި އިބްނުލް މުބާރަކާއި އިބްނު ޢުޔައިނާއާއި ހުޝައިމު ބުން ބަޝީރާއި ޢަބްދުﷲ ބުން ވަހްބާއި ވަކީޢާއި ޢަބްދުއްރައްޒާޤު ބުން ހުމާމާއި ސަޢީދު ބުން މަންޞޫރު އަދި އެ ނޫން ބޭކަލުންގެ ފޮތްތަކެވެ.”

ދެން އެއަށް ފަހުގައި ވިދާޅުވިއެވެ.

“އިމާމު މާލިކުގެ މުވައްޠާއާ މެދު ދަންނައެވެ. އެއީ މިބާވަތުގެ ފޮތްތަކުގެ ތެރެއިން އެންމެ އިސްކަންދޭން ޖެހޭ ފޮތެވެ. އަދި ކޮންމެ ފޮތެއްވެސް ފައްޓަމުން އެންމެ ފުރަތަމަ ޛިކުރުކުރަންވީ ފޮތަކީ އެއީއެވެ.” [5]

= ނުނިމޭ =

އެހެނިހެން ބައިތައް


[1]  އަލްޙާފިޡް އިބްނު ޙަޖަރު تدريب الراوي (1 / 88 -89) ގައި ވިދާޅުވިއެވެ. “މިއީ ބާބުތައް އެއްކޮށް ގެނައުމުގެ ވާހަކައެވެ. އެއްގޮތް ޙަދީޘްތައް އެއް ބާބެއްގައި ޖަމާކުރުމާމެދު ދަންނައެވެ. އެކަން އެންމެ ކުރިން ކުރެއްވި ބޭކަލެއްގެ ގޮތުގައި އެނގިފައިވަނީ އައްޝަޢުބީ އެވެ. އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. މިއީ ވަރިއާ ބެހޭގޮތުން ވަރަށް ބޮޑު ބާބެކެވެ. އަދި އެކަމާ ގުޅޭ ޙަދީޘްތަކެއް ދެން ރިވާކުރެއްވިއެވެ. (المحدث الفاصل ص: 609، الجامع لأخلاق الراوي وآداب السامع للخطيب 2 / 285.)

[2] الجامع 2 / 186

[3] شرح العلل (1/37).

[4] بحوث في تاريخ السنة المشرَّفة ص: 234، الحديث والمحدِّثون ص: 244.

[5] الجامع لأخلاق الراوي (2/186).