[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (13)

މިޖީލުގެ ކުދިން އެމީހުންގެ މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން ބޭރުވީ ކިހިނެތް އަދި ކީއްވެ؟

މިބާބަކީ މިފޮތުގެ އެންމެ މުހިއްމު ބައެވެ. އަދި މައިގަނޑު މައުޟޫޢަށް އަލިއަޅުވާލެވޭ ބާބެވެ. މީގައި ވަނީ މިޖީލުގެ ކުދިންގެ ނުކިޔަމަންތެރިވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކެވެ. މައިންބަފައިންނަށް ހެދޭ ގޯސްތަކާއި، އެގޯސްތަކުގެ ޙައްލުގެ މައްޗަށް އަލިއަޅުވާލެވިފައިވާނެއެވެ. އަދި ބައްޔަކީ ކޮބައިކަމާއި، އެބައްޔަށްވާ ބޭހަކީ ކޮބައިކަންވެސް ބަޔާންކުރެވިފައިވާނެއެވެ. މައްސަލަތަކަކީ ކޮބައިކަމާއި، އަދި އެމައްސަލަތަކުގެ ޙައްލަކީ ކޮބައިކަންވެސް ވާނީ ބަޔާންކުރެވިފައެވެ.

ދަރިން ނުކިޔަމަންތެރިވާން މެދުވެރިވީ ސަބަބުތަކާއި، މައިންބަފައިންނަށް ހެދޭ ގޯސްތައް ކޮންޓްރޯލުކުރުމުގެ ބާރު މައިންބަފައިންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މުރައްބީންވަނީ މިކަންކަމުގެ ކުރިމަތީގައި އަމާންދީފައެވެ. މީގެ ނަތީޖާއަކަށްވީ މައިންބަފައިންގެ ކުރިމަތީގައި ދަރިން ނުކިޔަމަންތެރިވާން ފެށުމެވެ. ތިރީގައި މިބަޔާންކުރެވެނީ މިޖީލުގެ ކުދިން މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން ވީއްލިގެން ދިއުމަށް މެދުވެރިވި ސަބަބުތަކެވެ. އެއީ:

އެންމެ ފުރަތަމައަށް: ނުރަގަނޅު ތަރުބިއްޔަތު ދިނުން

މިއަދު ބައެއް މައިންބަފައިންވަނީ، އެމީހުންގެ ދަރިންނަށް ވުރެ ކުރިން ތަރުބިއްޔަތުކުރަން ޖެހިފައެވެ. ބައެއް މައިންބަފައިންގެ ކައިރީގައި އެކިއެކި މަފްހޫމްތަށް މިވަނީ ބަދަލުވެފައެވެ. އޭގެ ސަބަބުން ރިވެތި އާދަތަކާއި، މަބާދިއުތައް އެމީހުންވަނީ ހަނދާން ނައްތާލާފައެވެ. އަދި ދުނިޔެ ބަވަނަވުމުގެ ސަބަބުން އެމީހުންނަށް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. އެހެންކަމުން، އެމީހުންގެ މުޖުތަމައުތަކާ ނުގުޅޭ ތަރުބަވީ ފިކުރުތަކުގައި އެމީހުން ޖެހި، އެއަށް ޢަމަލުކުރަން ފަށައިފިއެވެ. ތިރީގައި މިބަޔާންކުރެވޭ ކޮންމެ ކަމަކީވެސް ތަރުބިއްޔަތުކުރުމުގެ އުޞޫލަށް ބަދަލު ގެނުވި، އަދި ޖީލު ފަސާދަކުރުމަށް މަގުފަހިވީ ކަންކަމެވެ. އޭގެ ތެރޭގައި:

1. ދަރިންނަށް ނުބައި ކަންތައް ދަސްކޮށްދިނުން އަދި ގޯސް ޞިފަތައް އަށަގެންނެވުން: ބައެއް މައިންބަފައިން އެމީހުންގެ ދަރިން، އެހެން ކުދިންނަށް އަނިޔާކުރާއިރުގައިވެސް، އަދި އަނިޔާ ލިބޭ ޙާލުގައިވެސް އެކުދިންނަށް އެހީތެރިވެއެވެ. އެކަންކަން ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. އެހެންނަމަވެސް އެދަރިފުޅަށް، އަނިޔާވެރިވުމަށް މަގުދައްކައެވެ: “އޭނާ ކުރިމަތީގައި މަޑުން ހުންނާނެ ކަމެއް ނެތް. ދަރިފުޅަށްވުރެ އޭނާ މާމޮޅެއް ނޫން.” އަދި ދަރިފުޅަށް ދަސްކޮށްދެނީ އޭނާއަށް ލިބޭ ގެއްލުމަކަށް އޭގެ ދެގުނައަށް ބޮޑު ގެއްލުމެއް ދޭށެވެ. އަދި އެހެން މީހުންނާ ތަފާތުކޮށް ކަންކުރުމަކީ ބުއްދިވެރިވުން ކަމުގައި ދަސްކޮށްދެއެވެ. މިސާލަކަށް: ބަހުގައި ނުވަތަ ކޮންމެވެސް ރަސްމީ ތަނެއްގައި އޮތް ކިއުއެއްގައި އެހެންމީހެއްގެ ޖާގަ ނެގުމަކީ ވިސްނުންތޫނުކަން ކަމުގައި ދެކެއެވެ.

އަދި ފިރިހެން ދަރިން ނުބައި ވިސްނުންތަކުގެ މަތީގައި ބޮޑުކުރެއެވެ. މިސާލަކަށް: “ފިރިހެނުން، އަންހެނުން ފަދައިން ގޭގައި މަޑުކޮށްގެން ނުތިބެއެވެ.” އޭގެ ސަބަބުން ފިރިހެން ދަރިން މަގުމަތީގައި އެއްވެސް އަމާޒެއް ނެތި އުޅެއެވެ. އަދިވެސް ބުނެ އުޅެއެވެ. “ފިރިހެނުން އެމީހުން ބުނާ ބަސް ބަދަލެއް ނުކުރާނެއެވެ.” މިގޮތަށް ވިސްނައިދިނުމުން، އެކުދިންނަށް ކަމެއްގެ ޙައްޤު ގޮތް ބަޔާންވެ ފާޅުވިއަސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ.

2. ދަރިންގެ ކުރިމަތީގައި މުރައްބީ، އޭނާގެ ނަފްސުގެ ޤަދަރުކުޑަވާ ގޮތަށް ޢަމަލުތައް ބެހެއްޓުން: ކޮންމެ އާދަމުގެ ދަރިއަކީ ކުށްކުރެވޭނެ މީހެކެވެ. އެގޮތުން ތިބާއަކީ މަޢުޞޫމު މީހެއް ނޫނެވެ. ތިބާއަށް ކުށެއް ކުރެވިއްޖެނަމަ އެކަމަށް އިޢުތިރާފުވެ، މަޢާފަށް އެދޭށެވެ… އެކަމަކު ތިބާގެ އަމިއްލަ ނަފްސު ދަށް ކޮށްނުލާށެވެ. ތިބާގެ ކުށަށް އިޢުތިރާފުވާށެވެ. އެހެންނަމަވެސް ތިމަންނައަކީ މޮޔައެކޭ ނުބުނާށެވެ. އަދި ތިބާގެ އުޅުން ރަނގަޅު ނުކޮށްވެސް ނުހުންނާށެވެ. އަދި ޙިކުމަތްތެރިކަން ދޫކޮށް ނުލާށެވެ. އަދި ތިބާގެ ދަރިންގެ ކުރިމަތީގައި ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ ތިބާއަށް ނިކަމެތިކޮށް ހިތަން ދޫނުކުރާށެވެ. މިގޮތަށް ވާނަމަ ތިބާގެ ހައިބަތަށް އުނިކަން ލިބި، އަދި އިޙްތިރާމު ކުޑަވެގެންދާނެއެވެ.

ތިބާގެ ދަރިފުޅުގެ ޙަޔާތުގައި، ހުރިހާ މީހަކީވެސް ތިބާއެވެ. (ތިޔައީ އޭނާގެ ހިޔާވަހިކަމެވެ. އަމާންކަމެވެ. ނަމޫނާއެކެވެ.) އެހެންކަމުން އެގޮތުގައި ތިބާ ދެމިހުންނާށެވެ. އަދި އޭނާގެ ކައިރީގައި ތިބާގެ ޖާގަ އެގޮތުގައި ދަމަހައްޓާށެވެ. އެކުދިން ބޮޑުވާ ވަރަކަށް އެޖާގަ އެގޮތަށް ދެމެހެއްޓުމަށްޓަކައި، އިތުރަށް މަސައްކަތް ކުރާށެވެ. ދަރިފުޅުގެ ފުރާވަރު އުމުރުގައި އޭނާގެ ނަފްސުގެ ކަންކަމާމެދު ފިކުރުކޮށް، އެކަންކަން މުރާޖަޢާ ކުރާނެއެވެ. އަދި ތިބާގެ ހައިބަތު ދަމަހައްޓައި ތިބާ ސާބިތުވެއްޖެނަމަ، އޭނާވެސް ތިބާއަށް ދޭ އިޙްތިރާމާއި ލޯބީގައި ސާބިތުވާނެއެވެ. އަދި ތިބާއާމެދު އޮތް އިތުބާރުވެސް އެގޮތުގައި ދަމަހައްޓާނެއެވެ. މި އުމުރުގައި އެދަރިފުޅަށް ރަނގަޅު މަގަށް މަގު ދައްކައި ދިނުމުގައި، އޭނާގެ ހިތުގައި ތިބާއަށް އިތުބާރު އޮތުމަކީ ވަރަށް މުހިއްމުކަމެކެވެ.

ދަރިންނަކީ އެކުދިންގެ މައިންބަފައިންގެ އުޅުން ނަކަލުކުރާ ހިތްވާ ބައެކެވެ. އެހެންކަމުން، މައިންބަފައިން އެމީހުންގެ ހައިބަތު މަތިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާނަމަ ތަރުބިއްޔަތުކުރުމުގެ މަސައްކަތް މައިންބަފައިންނަށާއި، ދަރިންނަށްވެސް ފަސޭހަވެގެން ދާނެއެވެ. އަދި މައިންބަފައިންގެ ޙަރަކާތްތަކުންނާއި، މަޑުމައިތިރިކަމުގެ ވަގުތުތަކުންވެސް ނަމޫނާއަކަށް ވުމަށް މައިންބަފައިން މަސައްކަތްކުރާނެއެވެ. އެއީ ދަރިފުޅަށް ވާހަކަ ދެއްކުމަކާނުލައި، މަގުދައްކައިދެވޭ ދެވުމެކެވެ. އަދި ދަރިފުޅަށް އެއްވެސް ކަމެއް ދަތިވެއްޖެ ހިނދެއްގައި، އޭނާ އެފަރާތަކާމެދު ޔަޤީންކަން އޮންނަ ފަރާތަކަށް މައިންބަފައިންވެގެން ދާނެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން އޮޅުން ބޮޅުން ނާރައި، އަދި ވަރުބަލިނުވެ ކުރިއަށް ދިއުމަށްޓަކައި ނަމޫނާއަކަށް ބެލޭނެ ފަރާތަކީވެސް މައިންބަފައިން ކަމުގައި ވާނެއެވެ.

_________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!