-
ޝަރީޢަތް
ޙަޔަވާނުން ދިރިއުޅޭ ދިރިއުޅުމަކުން އިންސާނުން އުޅޭ ދިރިއުޅުމަކަށް ބަނޫ އިސްރާއީލުގެ މީހުންނަށް ނުކުމެވުނެވެ. އެ މީހުން ސަހަރާގައި ދިރިއުޅެމުން ދަނީ މިނިވަނުން ފަދައިން ޝަރަފުވެރި ދިރިއުޅުމެއްގައެވެ. އެމީހުންނަށް އިލާހީ ޝަރީޢަތެއް ޙާޖަތްތެރިވެއެވެ. އެއީ ޢަދުލުވެރިކާމާއެކު އެމީހުންގެ މެދުގައި ޙުކުމުކުރުމަށެވެ. އަދި ދާންވީ މަގު އަލިކުރުމަށެވެ.
އިލާހީ ޝަރީޢަތަކާއި ނުލައި ދިރިއުޅުމަކީ އިންސާނުންނަށް ވާނެ ކަމެއް ނޫނެވެ. އަދި ﷲ ތަޢާލާގެ ހިދާޔަތާ ނުލައިވެސްމެއެވެ. އެ ޝަރީޢަތް އަހަރުމެންނާއި ހަމައަށް ގެނެސްދެއްވި ބޭކަލުންނަކީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނެވެ. އެއީ އޭގެ ސަބަބުން މީސްތަކުންނަށް ހިދާޔަތުގެ އަލިކަން ލިބިގަތުމަށްޓަކައެވެ.
ޢާލަމު އެކީ އެކައްޗަކަށް ވަނީ އަނދިރިވެގެންނެވެ. ހަމައެކަނި ﷲ ތަޢާލާގެ ނޫރު ފާޅުކުރެއްވި ތަނެއްގައި ފިޔަވައެވެ. އެއީ މީސްތަކުން ހިދާޔަތް ލިބިގަތުމަށެވެ. މި ނޫރުން ހިދާޔަތް ނުލިބުނު މީހާ ވަނީ މަގުގެއްލިގެން ގޮސްފައެވެ. އެ މީހުންނަށް ދެއްވާފައިވާ ބުއްދީގެ ބޭނުމެއް ނުކުރެއެވެ. މި ނޫރާއި ނުލާއި ޤަބޫލުކުރެވޭ ޤަބޫލުކުރުންތަކަކީ ވަހުމުތަކާއި ޚުރާފާތްތަކެވެ.
މައްކާގެ މުޝްރިކުންނާއި ކާފިރުވި މީހުންނާއި، ޔަހޫދީންނާ އަދި ނަޞާރާއިންގެ ޤަބޫލުކުރާކުރުންތައް ތިޔަ ކުދިން އަޑުއެހިން ހެއްޔެވެ؟ އަދި އެ މީހުން ގެންގުޅޭ ޚުރާފީކަންތަކުގެ ވާހަކަވެސް އަޑުއެހިން ހެއްޔެވެ؟ އެމީހުންގެ ޢިލްމުގައި ވަނީ ޖާހިލުކަމެވެ. އަދި ހީތަކެކެވެ. އަދި ޝައްކުވާ ކަންތައްތަކެވެ. އަދި ވަހުމުތަކެވެ.
(إِن يَتَّبِعُونَ إِلَّا الظَّنَّ ۖ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا)[1]
މާނަ: “ހީއަކަށް މެނުވީ އެއުރެން ތަބާވާކަމުގައެއް ނުވެއެވެ. އަދި ހަމަކަށަވަރުން ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއް ނޫނެވެ.”
އެ މީހުންގެ އަޚްލާޤުވަނީ ފަސާދަވެފައެވެ. އެމީހުންގެ ކިބައިން ފެންނަނީ ފަރުވާކުޑަކަމާއި، އިސްރާފުކުރުމެވެ. ނަބީބޭކަލުންނަށް ތަބާ ނުވާ މީހުންގެ އުޅުން ހުރިގޮތް ތިޔަކުދިން ދުށިން ހެއްޔެވެ؟ އެމީހުން މީސްތަކުންގެ، ޙައްޤުތައް ނިގުޅައިގަނެފައިވަނީ ކޮންފަދައަކުން ހެއްޔެވެ. ޙައްދުތައް ޤާއިމުނުކޮށް އެމީހުންވަނީ އިން ފަހަނައަޅާފައެވެ. އެމީހުން، އެމީހުންގެ ހަވާ ނަފްސަށް ތަބާވަނީ ކިހިނެއް ހެއްޔެވެ.
އެމީހުންވަނީ އެމީހުން ކަނޑައަޅާފައިވާ ސިޔާސަތަކުގަައްޔާ އަދި މީސްތަކުން މެދުގައި ޙުކުމްކުރުމުގައި އަނިޔާވެރިވެފައެވެ. މީސްތަކުންގެ މުދަލާއި، ޙައްޤުތައް ނުޙައްޤުން ފޭރިގަނެއެވެ. އަދި ޙައްޤަކާ ނުލާ މީސްތަކުން ޤަތުލުކޮށް ހަދައެވެ.
ﷲ އަށް ބިރުވެތި ނުވާ އަދި އެ އިލާހުގެ ޝަރީޢަތަށް ތަބާނުވާ ވެރިން، ތިޔަކުދިން ދުށިން ހެއްޔެވެ؟ އެމީހުން އަމާނާތްތަކަށް ރައްކާތެރިވާނީ ކިހިނެއް ހެއްޔެވެ؟ ﷲ ގެ މުދަލާމެދު އެމީހުންނަށް ޢަދުލުވެރިވެވިދާނެ ހެއްޔެވެ. މީސްތަކުން ޙައްޤުތަކާމެދު އެފަދަ ވެރިއަކަށް ރައްކާތެރިވެވިދާނެ ހެއްޔެވެ؟
އެފަދަ މީހުން މީސްތަކުން އަޅުވެތިކުރީ ކޮންފަދައަކުން ހެއްޔެވެ. ފިރިހެނުން ކަތިލައެވެ. ދެން އެއަށް ފަހު ޤަތުލުކުރެވުނު މީހުންގެ އަންހެނުން ޤަތުލުނުކޮށް ދޫކޮށްލައެވެ.
މުޅި ދުނިޔެއަށް ވަނީ އަނދިރި ކަމަކަށް ފަހު އަނދިރިކަމެއް ވެރިވެފައެވެ. ﷲ ތަޢާލާގެ ނޫރު (އަލިކަން) ލިބިފައިވާ ތަނެއް ފިޔަވައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
(ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّـهُ لَهُ نُورًا فَمَا لَهُ مِن نُّورٍ)[2]
މާނަ: “މަތިމައްޗަށް ހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް އެއްވެސް އަލިކަމެއް ނުވެއެވެ.”
ﷲ އަށް އަޅުކަން ކުރާނީ ކިހިނެއްކަން ނަބިއްޔުން އުނގަންނަވައިދެއްވިއެވެ. ހަމަ އެފަދައިން އެއްބަޔަކު އަނެއް ބަޔަކާ މުޢާމަލާތު ކުރަންޖެހޭ ގޮތް ވެސް އުނގަންނަވަދެއްވިއެވެ. ދުނިޔެވީ އަދަބުތައް އަދި ހަމައެއާއެކު ދީނުގެ އަދަބުތައް ވެސް، މީސްތަކުންނަށް ނަބިއްޔުން އުނގަންނަވައިދެއްވިއެވެ. މީސްތަކުންނަށް ކެއުމާއި ބުއިމުގެ އަދަބުތަކާއި، ނިދުމުގެ އަދަބުތަކާއި، މަޖްލިސްކުރުމުގެ އަދަބުތަކާ އަދި ދިރިއުޅުމުގެ އެންމެހާ ކަމެއްގެ އަދަބުވެރި ގޮތް ދަސްކޮށްދެއްވިއެވެ.
މައިންބަފައިން، އެމީހުންގެ ދަރިންނަށް އަދަބުތައް ދަސްކޮށްދޭ ފަދައިން މީސްތަކުންނަށް، ނަބިއްޔުން އަދަބުތައް އުނގަންނަވައިދެއްވައެވެ. މީސްތަކުން ކުޑަކުދިން ފަދައެވެ. އެމީހުންނަށް ނަބިއްޔުންގެ ތަރުބިއްޔަތު އުނގަންނައިދޭނެ ބަޔަކަށްވަނީ ބޭނުންޖެހިފައެވެ. މައިންބަފައިން އެ މީހުންގެ ކުޑަ ދަރިންނަށްދޭ ތަރުބިއްޔަތަށް ވުރެވެސް ބޮޑަށެވެ.
މި ނަބަވީ ތަރުބިއްޔަތު ޙާޞިލުނުކޮށް، ނަބިއްޔުންގެ ކިބައިން އަދަބުވެރި ނުވާ މީހުން، ސަހަރާގައިވާ ގަހެއް ފަދައެވެ. އެ ގަސް އޭގެ އަމިއްލަ ޒާތުގައި ހެދެއެވެ. ތިޔަކުދިންނަށް އެ ގަހުން ފެންނާނީ ކަށްޓެވެ. އެ ގަހުގައި އެއްވެސް ސީދާކަމެއް ނުވެއެވެ. އަދި ތަންތަންކޮޅުން ހަލާކުވެފައިވާ ތަން ފެންނާނެއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] 28 النجم
[2] 40 النور