އީމާންކަމާމެދު އެކި ފިރުޤާތައް ދެކޭ ގޮތް
ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ޞައްޙަ ޙަދީޘް ބަސްފުޅުތަކުން އެނގެނީ އިހުގެ އުންމަތްތަކެކޭ އެއްފަދައިން މިއުންމަތްވެސް ބައިބައިވެގެން ދާނެކަމެވެ. އަދި ހަތްދިހަ އެތައް ބަޔަކަށް މިއުންމަތް ބައިބައިވެ އެކި ފިރުޤާތައް ފާޅުވާނެކަމެވެ. [1] މިކަންވަނީ ޞަޙާބީ ބޭކަލުންގެ ޒަމާނުގައި ފެށިފައެވެ. [2] މިފިރުޤާތަކަކީ ޢަޤީދާގެ އެކި ކަންކަމުގައި ސުންނަތް ޖަމާޢަތާ ޚިލާފުވާ ބައެކެވެ. އެގޮތުން އީމާންކަމާ ގުޅޭގޮތުންވެސް ބައެއް ފިރުޤާތައްވަނީ ޚިލާފުވެފައެވެ. އޭގެ ތެރޭގައި:
ފުރަތަމައީ: މުރުޖިއާއިން
ބަހުގެ ގޮތުން مرجئة ނެގިފައިވަނީ إرجاء އިންނެވެ. މާނައަކީ ފަސްކުރުމެވެ. [3] އަދި މިބަހުގެ އެހެން މާނަތަކެއްވެސް ޢިލްމުވެރިން ޛިކުރުކުރައްވައެވެ. [4] ޢިލްމުވެރިންގެ އިޞްތިލާޙުގައި މުރުޖިއާއިންނޭ ކިޔަނީ އީމާންކަމުގައި ޢަމަލު ނުހިމަނާ މީހުންނަށެވެ. [5]
އެބައިމީހުންގެ ތެރޭގައިވެސް އެކި ފިރުޤާތައް ވެއެވެ. އޭގެ ތެރެއިން މައިގަނޑު ތިން ޖަމާޢަތެއް ވެއެވެ. [6]
ފުރަތަމައީ: އީމާންކަމަކީ ހަމައެކަނި ހިތުގައިވާ އެއްޗެއްކަމަށް ބުނާ މީހުންނެވެ.
– ޢަޝާއިރާއިންގެ ގާތުގައި އެއީ ހަމައެކަނި ހިތުން ތަޞްދީޤުކުރުމެވެ.
– އަދި ޖަހްމު ބުން ޞަފްވާނާ އޭނާއަށް ތަބާވީ މީހުންގެ ބަހަކީ އެއީ ﷲ ތަޢާލާ ވޮޑިގެންވާކަން އެނގުމެވެ.
މިބަހުގެ ނުބައިކަމަކީ އީމާންކަމުގެ ޝަރުޢީ މާނައަކީ މިއީ ކަމުގައިވާނަމަ ﷲ ތަޢާލާ ވޮޑިގެންވާކަން ދަންނަ ކޮންމެ މީހަކު އެއީ މުއުމިނެއްކަމުގައިވެއެވެ. އެއީ އޭނާ ކިތަންމެ ބޮޑެތި މުންކަރާތްތަކެއް ކުރިޔަސް މެއެވެ. އަދި ޝަހާދަތުގެ ދެކަލިމަ ނުކިޔަސްމެއެވެ. މިސާލެއްގެ ގޮތުން ފިރުޢައުނުވެސްވަނީ ﷲ ތަޢާލާ ވޮޑިގެންވާކަމަށް އިޤުރާރުވެފައެވެ. އެހެނަސް ޙަޤީޤަތަކީ އޭނާއަކީ މުސްލިމެއް އަދި މުއުމިނެއްވެސް ނޫނެވެ. އެހެންކަމުން މިއީ ބާޠިލު ޤައުލެކެވެ. [7]
ދެވަނައީ: އީމާންކަމަކީ ހަމައެކަނި ދުލުން އިޤުރާރުވުމޭ ބުނާ މީހުންނެވެ.
މިއީ މުޙައްމަދު ބުން ކައްރާމުގެ ބަހެވެ.
މިބަހުގެ ނުބައިކަމަކީ އީމާންކަމުގެ ޝަރުޢީ މާނައަކީ މިއީ ކަމުގައިވާނަމަ މުނާފިޤުންވެސް މުއުމިނުންގެ ތެރޭގައި ހިމެނޭނެއެވެ. އެހެނީ އެމީހުންނަކީ ހަމައެކަނި ދުލުން އިޤުރާރުވާ ބައެކެވެ. އެހެންކަމުން މިއީވެސް ބާޠިލު ޤައުލެކެވެ. [8]
ތިންވަނައީ: އީމާންކަމަކީ ހިތުގެ އިޢުތިޤާދާއި ދުލުން ޝަހާދަތް ކިޔުންކަމުގައި ބުނާމީހުންނެވެ. އަދި ގުނަވަންތަކުގެ ޢަމަލުތައް އީމާންކަމުގެ ތެރޭގައި ނުހިމެނޭކަމަށް ބުނާ މީހުންނެވެ.
އެއީ މުރުޖިއަތުލް ފުޤަހާގެ ބަހެވެ. މިއީ ކޫފާގައި ފެތުރުނު ޢަޤީދާއެކެވެ.
މިބަހުގެ ނުބައިކަމަކީ މިއީ މިކަމާ ގުޅުން ހުރި އެހެނިހެން ޢަޤީދާތަކަށް މަގުފަހިކުރުވި ބަހެވެ. [9]
= ނުނިމޭ =
[1] ބައްލަވާ: سلسلة الأحاديث الصحيحة للألباني (1/409).
[2] ބައްލަވާ: شرح العقيدة الأصفهانية لابن تيمية (ص: 199).
[3] ބައްލަވާ: الصحاح للجوهري (6/2352) ومقاييس اللغة لابن فارس (2/495) والنهاية لابن الأثير (2/206).
[4] ބައްލަވާ: الملل والنحل (1/139).
[5] ބައްލަވާ: آراء المرجئة في مصنفات شيخ الإسلام ابن تيمية لد. عبدالله السند (ص: 86).
[6] ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (7/195).
[7] ބައްލަވާ: الإيمان لقاضي أبي يعلى الفراء (ص: 138) وشرح الطحاوية لابن أبي العز (2/460) وآراء المرجئة في مصنفات شيخ الإسلام ابن تيمية لد. عبدالله السند (ص: 119 – 120).
[8] ބައްލަވާ: شرح الطحاوية لابن أبي العز (2/460) وآراء المرجئة في مصنفات شيخ الإسلام ابن تيمية لد. عبدالله السند (ص: 120).
[9] ބައްލަވާ: الإيمان لابن تيمية (ص: 308) وآراء المرجئة في مصنفات شيخ الإسلام ابن تيمية لد. عبدالله السند (ص: 120).