-
ތައުރާތު
ޠާހިރުވެވަޑައިގަތުމަށް ﷲ ތަޢާލާ މޫސާގެފާނަށް އަމުރުކުރެއްވުއެވެ. އަދި ތިރީސް ދުވަހު ރޯދަހިއްޕެވުމަށްވެސް އަމުރު ކުރެއްވިއެވެ. ދެން އެއަށް ފަހު ތޫރު ސައިނާ އޭ ކިޔުނު ހިސާބަށް ވަޑައިގެންނެވުމަށް އެންގެވިއެވެ. އެއީ މޫސާގެފާނުގެ ވެރި ރައްބު، އެކަލޭގެފާނަށް ބަސް ވަޙީކުރެއްވުމަށެވެ. އަދި ބަނޫ އިސްރާއީލުގެ މީހުންގެ މައްޗަށް ފޮތް ބާވައިލެއްވުމަށެވެ. އެއީ އެމީހުން އުޅެންޖެހޭ ގޮތް ބަޔާންކުރެއްވުމަށްޓަކައެވެ. މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ހަތްދިހަ ފިރިހެނުން ހޮއްވެވިއެވެ. އެއީ އެ މީހުން އެކަމަށް ހެކިކުރެއްވުމަށްޓަކައެވެ. ހަމަޔަޤީނުންވެސް ބަނޫއިސްރާއީލުގެ މީހުންނަކީ ޖަދަލުކުރުމުގައި އަރާތިބި ބައެކެވެ.
(وَقَالَ مُوسَىٰ لِأَخِيهِ هَارُونَ اخْلُفْنِي فِي قَوْمِي وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ الْمُفْسِدِينَ)[1]
މާނަ: “އަދި މޫސާގެފާނު އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ޤައުމުގެމީހުންގެ ތެރޭގައި ތިމަންކަލޭގެފާނުގެ ބަދަލުގައި ހުންނަވާށެވެ! އަދި އިޞްލާޙު ކުރައްވާށެވެ! އަދި ފަސާދަކުރާ މީހުންގެ މަގަށް ތަބާވެވަޑައިނުގަންނަވާށެވެ!”
އެއި ހަމަޔަޤީނުންވެސް ޖަމާޢަތެއްގައި، އިމާމެއް ހުންނަން ޖެހޭނެތީއެވެ. ﷲ ތަޢާލާ މޫސާގެފާނަށް ކަނޑައަޅުއްވާފައިވާ ވަގުތުމުގައި އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވުރެ ކުރިން މޫސާގެފާނު ވަޑައިގަތެވެ. އެއީ އެކަލޭގެފާނުގެ ވެރި ރައްބުގެ ވަޙީ ބަސް އަޑުއެއްސެވުމަށް އެކަލޭގެފާނު ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ. އެހެންކަމުން ތޫރު ފަރުބަދައަށް ވަޑައިގަތުމުގައި ކުރި ހޯއްދެއްވިއެވެ.
(وَمَا أَعْجَلَكَ عَن قَوْمِكَ يَا مُوسَىٰ)[2]
މާނަ: “އޭ މޫސާގެފާނެވެ! ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވުރެ އަވަހަށް ވަޑައިގަންނަވަން ޖެހުނީ ކީއްވެގެންތޯއެވެ؟”
(قَالَ هُمْ أُولَاءِ عَلَىٰ أَثَرِي وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ)[3]
މާނަ: “އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެއެވެ. އަޅުގެ ރައްބެވެ! އިބައިލާހުގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބައިލާހު (މިއަޅާއަށް) ރުއްސެވުމަށްޓަކައެވެ.”
ސާޅީސް ދުވަސް ފުރިހަމަ ކުރެއްވުމަށް ﷲ ތަޢާލާ، މޫސާގެފާނަށް އަމުރުކުރެއްވިއެވެ. މޫސާގެފާނު ތޫރުސައިނާ އަށް ވަޑައިގަތެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް ބަސް ވަޙީކުރެއްވިއެވެ. މޫސާގެފާނު އުފާފުޅުން ހުންނަވައި ﷲ ތަޢާލާ އާއި ކުއްތަވެވަޑައިގަތެވެ. އެއީ އެކަމަށް ހުންނެވި ޝަވްޤެއްގެ ބޮޑުކަމުންނެވެ. އެކަލޭގެފަނު ވިދާޅުވިއެވެ.
(رَبِّ أَرِنِي أَنظُرْ إِلَيْكَ)[4]
މާނަ: “އަޅުގެ ރައްބެވެ! އިބައިލާހަށް ތިމަން ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ!”
މޫސާގެފާނު އެކަމުގައި ކުޅަދާނަކަމެއް ލިބިފައިނުވާކަން ﷲ ދެނެވޮޑިގަންނަވައެވެ.
އަދި ފަރުބަދައަކަށް ވެސް ﷲ ތަޢާލާގެ ބަސްފުޅު އުފުލުމުގެ ކުޅަދާނަކަމެއް ނުވެއެވެ. އެއީ އެކަލާނގެ ނޫރުގެ މަތިވެރިކަމުގެ ސަބަބުންނެވެ.
(لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّـهِ) [5]
މާނަ: “ތިމަންއިލާހު ފަރުބަދައެއްގެ މައްޗަށް މި ޤުރުއާން ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ.”
(قَالَ لَن تَرَانِي وَلَـٰكِنِ انظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي) [6]
މާނަ: “އެކަލާނގެ ވަޙީކުރެއްވިއެވެ. ކަލޭގެފާނަކަށް ތިމަންއިލާހު (މިދުނިޔޭގައި) ފެނިވަޑައެއް ނުގަންނަވާނެއެވެ. އެހެނެއްކަމަކު، ފަރުބަދަޔަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންއިލާހު ފެނިވަޑައިގެންފާނެތެވެ.”
(فَلَمَّا تَجَلَّىٰ رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ مُوسَىٰ صَعِقًا)
މާނަ: “ފަހެ، އެކަލޭގެފާނުގެ ވެރިރައްބު ފަރުބަދައަށް ތަޖައްލީވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ. އަދި މޫސާގެފާނު ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ.”
(فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ)
މާނަ: “ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އިބައިލާހަށް ތިމަންއަޅާ ތައުބާވެއްޖައީމެވެ. އަދި އީމާންވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ.”
(قَالَ يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ)[7]
މާނަ: “އެއިލާހު ވަޙީކުރެއްވިއެވެ. އޭ މޫސާގެފާނެވެ! ތިމަންއިލާހުގެ ރަސޫލުކަމާ އަދި ބަސް ވަޙީކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނު ޚިޔާރުކުރައްވައިފީމެވެ. ފަހެ، ތިމަންއިލާހު ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!”
މޫސާގެފާނު ތައުރާތުގެ ފިލާތައް ނެންގެވިއެވެ. އެ ފިލާތަކުގައި ބަނޫ އިސްރާއީލުގެ މީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއްވެއެވެ. ނަޞޭޙަތެއްގެ ގޮތުގައެވެ. އަދި އެންމެހައި ކަންތައް ބަޔާންކޮށްދެއްވުމެއްގެ ގޮތުގައެވެ. އަދި ބާރާއެކު އޭގައި ހިތްޕެވުމަށް، މޫސާގެފާނަށް ﷲ އަމުރުކުރެއްވިއެވެ. އަދި އޭގައިވާ އެންމެ މޮޅުގޮތުގައި ހިފުމަށް، ޤައުމުގެ މީހުންނަށް އަމުރުކުރެއްވުމަށް ވެސް ﷲ ތަޢާލާ މޫސާގެފާނަށް އަމުރުކުރެއްވިއެވެ. މޫސާގެފާނު އިޚްތިޔާރުކުރެއްވި ހަތްދިހަ ބޭކަލުންގެ އަރިހަށް ވަޑައިގަތެވެ. އަދި ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވި ނިޢުމަތުގެ ވާހަކައިން އެބައިމީހުންނަށް ޚަބަރުދެއްވިއެވެ. އެހިނދު އެއްވެސް އަދަބުވެރިކަމެއް، އިޙްތިރާމެއް ނެތި އެމީހުން ބުންޏެވެ.
(لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّـهَ جَهْرَةً) [8]
މާނަ: “ފާޅުގައި އަހަރެމެން ﷲ ދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް އީމާނެއް ނުވާނަމުއެވެ.”
އެ މީހުންގެ އަދަބުވެރިކަމާއި ލަދުވެތިކަން ނެތުމުން، ﷲތަޢާލާ އެކަމަށް، އެމީހުންނަށް ކޯފާވެވޮޑިގެންނެވިއެވެ. އެމީހުން ބަލަބަލައިތިއްބައި ހޮނުގުގުރިއެއް އެމީހުންގެ މައްޗަށް އައިސް، އެމީހުންގެ މަރު ހިއްޕަވައިފިއެވެ. ﷲ ތަޢާލާ އުފެއްދެވި އެ ހޮނުގުގުރީގެ މައްޗަށް އެ މީހުންނަށް ތަޙައްމަލެއް ނުކުރެވުނެވެ.
މޫސާގެފާނު އެކަލޭގެފާނުގެ ރައްބަށް ދުޢާ ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
(رَبِّ لَوْ شِئْتَ أَهْلَكْتَهُم مِّن قَبْلُ وَإِيَّايَ ۖ أَتُهْلِكُنَا بِمَا فَعَلَ السُّفَهَاءُ مِنَّا ) [9]
މާނަ: “އަޅުގެ ވެރިރައްބެވެ! އިބައިލާހު އިރާދަކުރެއްވިނަމަ، މީގެ ކުރިންވެސް އެއުރެންނާއި ތިމަންއަޅާ ހަލާކުކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިން ހަމަބުއްދި ނުވާމީހުން ކުޅަކަންތަކުގެ ސަބަބުން، އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟”
ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވައި، މަރުގެންނެވި މީހުން އަލުން ދިރުއްވިއެވެ. އެއީ އެމީހުން ﷲ އަށް ޝުކުރުވެރިވުމަށްޓަކައެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] 142 الأعراف
[2] 83 طه
[3] 84 طه
[4] الأعراف 143
[5] الحشر 21
[6] الأعراف 144-143
[7] الأعراف 144
[8] البقرة 55
[9] الأعراف 155