-
ގެރިއަށް އަޅުކަންކުރުން
ބަނޫ އިސްރާއީލުގެ މީހުން، އެތައް ޤަރުނެއް ވަންދެން މިޞްރުގެ މީހުންނާ (ﷲއަށް އީމާން ނުވާ މީހުންނާ) އެކު މިޞްރުގައި ދިރިއުޅުނެވެ. މިޞްރުގެ މީހުންނަކީ (ޤިބްތީންނަކީ) ވަރަށް ގިނަ ތަކެއްޗަށް އަޅުކަން ކުރާ ބައެކެވެ. ބަނޫއިސްރާޢީލުގެ މީހުންގެ ލޯތަކަށް މިތަން ފެނުނެވެ. ﷲއަށް ޝަރީކުކުރުމުގެ ނުރުހުންތެރިކަން އެ މީހުންގެ ކިބައިން ފިލާއިގެން ދިޔައެވެ. ﷲތަޢާލާއަށް އޮތް ލޯބި މިޞްރު މީހުން އަޅުކަން ކުރާތަކެއްޗަށް ކުރެވެން ފެށުނެވެ. ދުވަސްވެފައިވާ ބަލިކަށި ގެއަކަށް ފެން ވަދެ ފުރާލައި ފަދައިންނެވެ.
ފުރުޞަތެއް ލިބޭ ކޮންމެ ފަހަރަކު، ޝިރުކުގެ ތެރެއަށް އެމީހުން ވެއްޓެއެވެ. އުފުލިފައިވާ ތަނަކުން ފެންފައިބާ ފަދައިންނެވެ. އެ މީހުންގެ ހިތްތައްވަނީ ﷲ ފިޔަވައި އެހެން ފަރާތްތަކަށް ލެނބިފައެވެ. އެމީހުންގެ އަޚްލާޤުވަނީ ފަސާދަވެފައެވެ. ރަނގަޅު މަގު އެމީހުންނަށް ފެނުނަސް، އެއީ ރަނގަޅު މަގެއްކަމުގައި އެމީހުން ނުދެކެއެވެ. އަދި ފުރެދުމުގެ މަގު އެމީހުންނަށް ފެނިއްޖެނަމަ، އެއީ ރަނގަޅު މަގެއްކަމުގައި އެމީހުން ބަލައިގަނެއެވެ. އެމީހުން ޙައްދުފަހަނައަޅައި ދިޔައެވެ.
(فَأَتَوْا عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰ أَصْنَامٍ لَّهُمْ ۚ قَالُوا يَا مُوسَى اجْعَل لَّنَا إِلَـٰهًا كَمَا لَهُمْ آلِهَةٌ) [1]
މާނަ: “ދެން އެބައިމީހުން ބައެއްގެ ގާތަށް ދިޔައިރު، އެބައިމީހުން ތިބީ، އެބައިމީހުންގެ ބުދުތަކަކަށް އަޅުކަންކުރާށެވެ. އެބައިމީހުން (އެބަހީ: އިސްރާއީލުގެ ދަރިން) ދެންނެވިއެވެ. އޭ މޫސާގެފާނެވެ! އެބައިމީހުންނަށް އިލާހުންތަކެއްވާ ފަދައިން، ތިމަންމެންނަށްވެސް އިލާހެއް ލައްވައި ދެއްވާށެވެ!”
މޫސާގެފާނު ކޯފާވެވަޑައިގަތެވެ. އަދި ވިދާޅުވިއެވެ.
( إِنَّكُمْ قَوْمٌ تَجْهَلُونَ)
މާނަ: “ހަމަކަށަވަރުން ތިޔަބައިމީހުންނީ ޖާހިލު ބަޔެކެވެ.”
އޭ ހުރި ޢަޖައިބެއްގެ ބޮޑުކާމާއެވެ! އޭ ހުރި އަނިޔާވެރިކަމެއްގެ ބޮޑުކަމާއެވެ! ހަމަޔަޤީނުންވެސް ތިޔަބައިމީހުންނަށް ﷲ ތަޢާލާ ނިޢުމަތް ދެއްވިއެވެ. އަދި މާތްކުރެއްވިއެވެ. އަދި ޢާލަމުތަކުގެ ތެރެއިން އެކަކަށްވެސް ނުދެއްވާ ނިޢުމަތް ތިޔަބައިމީހުންނަށް ދެއްވިއެވެ.
(قَالَ أَغَيْرَ اللَّـهِ أَبْغِيكُمْ إِلَـٰهًا وَهُوَ فَضَّلَكُمْ عَلَى الْعَالَمِينَ) [2]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ޢާލަމުތަކުގެ މައްޗަށް ތިޔަބައިމީހުން މާތްކުރެއްވީ، އެއިލާހުކަމުގައިވާ ޙާލު، ތިޔަބައިމީހުންނަށް އިލާހަކު ކަމުގައި ﷲ ނޫން އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަންވީ ހެއްޔެވެ؟”
މޫސާގެފާނު ތޫރު ފަރުބަދައަށް ވަޑައިގަތެވެ. ދުވަސްތަކެއް ވަންދެން އެމީހުންނާ ވަކިވެވަޑައިގަތެވެ. ޝައިތާނާ ދިޔައީ އެމީހުން ޝިކާރަކުރަމުންނެވެ. އެބައިމީހުން ﷲއަށް ޝަރީކުކުރިއެވެ. ބަނޫއިސްރާއީލުގެ މީހުންގެ ތެރެއިން ސާމީރީޔޭ ކިޔުނު މީހެއް މިކަމަށް ތެދުވިއެވެ.
(فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَّهُ خُوَارٌ فَقَالُوا هَـٰذَا إِلَـٰهُكُمْ وَإِلَـٰهُ مُوسَىٰ فَنَسِيَ) [3]
މާނަ: “ފަހެ، އޭނާ އެބައިމީހުންނަށް ޅަ ގެރިއެއްގެ ސިފައިގައިވާ އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް ނެރެދިނެވެ. ފަހެ، އެއުރެން ބުންޏެވެ. މިއީ ތިޔަބައިމީހުންގެ އިލާހެވެ. އަދި މޫސާގެފާނުގެވެސް އިލާހެވެ. (އެކަން އެންގެވުމަށް) މޫސާގެފާނު ހަނދުމަފުޅު ނެތުނީއެވެ.”
އެ ގެރީގެ ސަބަބުން، ބަނޫއިސްރާއީލުގެ މީހުން ފިތުނަވެރިވިއެވެ. އެމީހުންވީ ގެރީގެ ކުރިމަތީގައިވީ ކަނު، ބީރު ބަޔެއްކަމުގައެވެ.
(أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا)[4]
މާނަ: “ފަހެ، އެ ބުދު އެއުރެންނަށް ޖަވާބެއް ނުދޭކަމާއި، އެއުރެންނަށް ގެއްލުމެއް އަދި މަންފާއެއް ދިނުންވެސް އެއަށް މިލްކުވެގެން ނުވާކަން އެބައިމީހުންނަށް ނޭނގެނީ ހެއްޔެވެ؟”
(أَلَمْ يَرَوْا أَنَّهُ لَا يُكَلِّمُهُمْ وَلَا يَهْدِيهِمْ سَبِيلًا) [5]
މާނަ: “އެ ގެރި، އެބައިމީހުންނާ ވާހަކަ ނުދައްކާކަމާ އަދި އެއްވެސް މަގަކަށް އެއުރެންނަށް މަގުނުދައްކާކަން އެއުރެން ނުދެކެނީ ހެއްޔެވެ؟”
ހާރޫނުގެފާނު އެމީހުންނަށް، ގެރިއަށް އަޅުކަންކުރުން މަނާކުރެއްވިއެވެ. މަނާކުރެއްވުމަށް ގަދައަޅައި މަސައްކަތްކުރަވައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޤައުމުގެ މީހުންނަށް މިފަދައިން ވިދާޅުވިއެވެ.
(يَا قَوْمِ إِنَّمَا فُتِنتُم بِهِ ۖ وَإِنَّ رَبَّكُمُ الرَّحْمَـٰنُ فَاتَّبِعُونِي وَأَطِيعُوا أَمْرِي) [6]
މާނަ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން އިމްތިޙާނު ކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރައްބަކީ ރަޙްމާނުވަންތަ އިލާހެވެ. ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބާވާށެވެ! އަދި ތިމަންކަލޭގެފާނުގެ އަމުރަށް ކިޔަމަންވާށެވެ!”
އެހެނެއްކަމަކު ސާމިރިއްޔު ވަނީ ބަނޫ އިސްރާއީލުގެ މީހުން ގެރީގެ ފިތުނާގައި، ގަދައަށް ބަނދެލާފައެވެ. ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެމީހުންގެ ހިތްތަކުގައިވަނީ ގަދައަށް ހިފާފައެވެ. އެމީހުން ދެންނެވިއެވެ.
(لَن نَّبْرَحَ عَلَيْهِ عَاكِفِينَ حَتَّىٰ يَرْجِعَ إِلَيْنَا مُوسَىٰ) [7]
މާނަ: “މޫސާގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެއަށް އަޅުކަންކުރުންމަތީ ދެމި ތިބޭނީއެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] الأعراف 138
[2] الأعراف 140
[3] طه 88
[4] طه 89
[5] الأعراف 148
[6] طه 90
[7] طه 91