މުޤައްދިމާ
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޤިޔާމަތް ދުވަހަކީ ބޮޑުވެގެންވާ ދުވަހެކެވެ. ﷲ سبحانه وتعالى ވަނީ އެދުވަހަށް ތައްޔާރުވުމަށް އެންމެހާ މީސްތަކުންނަށް އަންގަވާފައެވެ. އަދި އެދުވަހުގެ ބިރުވެރިކަމާއި ނުރައްކާތެރިކަމުގެ ޚަބަރުތައް ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވަރަށް ތަފްޞީލުކޮށް އަންގަވާފައި ވެއެވެ.
ޤިޔާމަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ހަ ރުކުނުގެ ތެރެއިން ރުކުނެކެވެ. އެހެންކަމުން ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އެދުވަހު ހިނގާނޭކަމަށް ޘާބިތުވާ ކޮންމެ ކަމަކަށް އީމާންވުމަކީ ޤިޔާމަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ޤިޔާމަތް ދުވަހާމެދު ވިސްނާ ފިކުރުކުރުމަކީ ނަފްސު އިޞްލާޙުވުމަށް ބާރުއަޅައިދޭ ކަމެކެވެ.
އެގޮތުން ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ އެތައް ނައްޞެއްގައި ޞިރާޠު މަގުގެ ވާހަކަވަނީ ބަޔާންކުރައްވާފައެވެ. މި ރިސާލާގައި ގެނެސްދޭނީ ޞިރާޠު މަގާ ގުޅުން ހުރި އެކި ނައްޞުތަކާ އޭގެ ޝަރަޙައެވެ.
މި ރިސާލާގެ އަޞްލަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު حفظه الله ދެއްވާފައިވާ ޚުޠުބާއެކެވެ.
ދުޢާއަކީ ﷲ ތަޢާލާ އަޅަމެންނަކީ ފަސޭޙަކަމާއެކު ޞިރާޠުމަގު ހުރަސްކުރާނޭ ބަޔަކުކަމުގައި ލެއްވުމެވެ! އާމީން.
ޞިރާޠުމަގަށް އީމާންވުން
ޞިރާޠުމަގަށް އީމާންވުމަކީ ވާޖިބެކެވެ. ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުން އެކަން ޘާބިތުވެއެވެ. ޤިޔާމަތް ދުވަހު އެންމެހާ މީސްތަކުން އަލުން ދިރުއްވާ މަޙްޝަރު ބިމަށް އެއްކުރެއްވޭނެއެވެ. އަދި ޙިސާބު ބެއްލެވުމަށް ފަހު، ކާފިރުން ނަރަކަށް ވެއްދޭނެއެވެ. ދެން ބާކީ ތިބޭނީ އިސްލާމްދީނަށް ނިސްބަތްވި މީހުންނެވެ. އަދި މަލާއިކަތުންނާއެކު ﷲ سبحانه وتعالى ފައިބާވޮޑިގަންނަވާނެއެވެ. ދުނިޔެ މަތީގައި ސަޖިދަކޮށް އުޅުނު މުސްލިމުން އެބައިމީހުންގެ ރައްބަށް ސަޖިދަކުރާނެއެވެ. ދުނިޔެ މަތީގައި މީސްތަކުންނަށް ދެއްކުމަށް ސަޖިދަކޮށް އުޅުނު މުނާފިޤުންނަށް ސަޖިދައެއް ނުކުރެވޭނެއެވެ. މިއީ މުއުމިނުންނާ މުނާފިޤުން ވަކިކޮށްދޭ އިމްތިޙާނެކެވެ.
ދެން ނަރަކައިގެ މަތީގައިވާ ޞިރާޠުމަގަށް އެބައިމީހުން ގެންދެވޭނެއެވެ. އެއީ ނަރަކައިގެ މަތީގައި، އެއް ކޮޅުން އަނެއް ކޮޅަށްވާ ދިގު މަގެކެވެ. އެބައިމީހުން އެމަގު ހުރަސް ކުރާނެއެވެ.
ޘައުބާން رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ.
أَيْنَ يَكُونُ النَّاسُ يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ؟
فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:«هُمْ فِي الظُّلْمَةِ دُونَ الْجِسْرِ». [1]
މާނައީ: “އުޑުތަކާއި ބިން ބަދަލުކުރައްވާ ދުވަހު، މީސްތަކުން ތިބޭނީ ކޮން ތަނެއްގައި ހެއްޔެވެ؟”
ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެބައިމީހުން ތިބޭނީ ޞިރާޠުމަގުގެ ކައިރީގައިވާ އަނދިރީގައެވެ.”
=ނުނިމޭ=
______________________________
[1] رواه مسلم في صحيحه برقم: (34 – (315)).