[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 72

ތިންވަނައީ: މިޤަރުނުގައި ލިޔެ ރައްކާކުރެވުނު ފޮތްތަކުގެ މިޘާލެއް

 

* މިޘާލެއްގެ ގޮތުން ބަލާލާނީ: އިމާމު މާލިކުގެ މުވައްޠާއަށެވެ.

 

* ލިޔުއްވީ: أبو عبد الله، مالك بن أنس الأصبحي އެވެ. އެއީ ދާރުލް ހިޖުރައިގެ (އެބަހީ: މަދީނާގެ) އެދުވަސްވަރުގެ އިމާމެވެ. އަދި ކިއެއް ހެއްޔެވެ. އެޒަމާނުގައި އުޅުއްވި މުސްލިމުންގެވެސް އިމާމެކެވެ.

އައްޛަހަބީ ވިދާޅުވިއެވެ.

“އެއީ އަލްއިމާމު، އަލްޙާފިޡް، އުންމަތުގެ ފަޤީހު، ޝައިޚުލް އިސްލާމެވެ.” [1]

 

* އެ ފޮތަށް މުވައްޠާގެ ނަމުން ނަން ދެވުނީ ކީއްވެގެން ހެއްޔެވެ؟

އެފަދައިން ނަން ދެއްވުނީ ދެސަބަބަކާ ހުރެއެވެ. އެއީ:

1- ޙަދީޘް އުނގެނެން މީސްތަކުންނަށް ފަސޭހަކޮށްދިން ފޮތަކަށް އެފޮތް ވުން.

2- އެފޮތާމެދު މަދީނާގެ ޢިލްމުވެރިން އެކަލޭގެފާނާ އެއްބަސްވެވަޑައިގެންނެވުމުން.

އިމާމު މާލިކު ވިދާޅުވިއެވެ.

” މަދީނާގެ ފިޤުހުވެރިން ކުރެ ހަތްދިހަ ބޭކަލުންނަށް ތިމަންކަލޭގެފާނުގެ މި ފޮތް (އެބަހީ: އަލްމުވައްޠާ) ހުށަހެޅުއްވީމެވެ. ފަހެ އެ ހުރިހާ ބޭކަލުންވެސް ތިމަންކަލޭގެފާނާ އެފޮތާމެދު އެއްބަސްވެވަޑައިގެންނެވިއެވެ. ފަހެ އެހެންވެ ތިމަންކަލޭގެފާނު އެފޮތަށް الموطأ ގެ ނަމުން ނަންދެއްވީމެވެ.” [2]

 

* ފޮތުގެ މައުޟޫޢު:

އެފޮތުގައިވަނީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކާއި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ބަސްފުޅުތަކާއި ފަތުވާތަކެވެ. އެކަލޭގެފާނު ރިވާކުރައްވާ އުޅުއްވި 100000 ޙަދީޘުން އެފޮތުގައިވަނީ އެކަލޭގެފާނު ޚިޔާރުކުރައްވާފައިވާ ޙަދީޘްފުޅުތަކެކެވެ. [3]

 

* ޙަދީޘުގެ ޢަދަދު: އަލްމުވައްޠާގެ ޙަދީޘުގެ ޢަދަދަކީ 853 އެވެ. އެއީ ޔަޙްޔާ އައްލައިޘީ އަލްއަންދަލުއްސީ އެފޮތް ރިވާކުރެއްވިއިރު ވާރިދުވެފައިވާ ޙަދީޘުގެ ޢަދަދެވެ. [4]

އަދި އަބޫބަކުރު އަލްއަބްހަރީ ވިދާޅުވާ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުންނާ އަދި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ އަރިހުން އަލްމުވައްޠާގައި ރިވާކުރައްވާފައިވާ އަޘަރުތަކުގެ ޖުމްލަ ޢަދަދަކީ: 1720 ޙަދީޘެވެ.

އެއީ 600 މުސްނަދު ޙަދީޘާއި 222 މުރްސަލު ޙަދީޘާއި 613 މައުޤޫފު ޙަދީޘާއި ތާބިޢީ ބޭކަލުންގެ އަރިހުން 285 ޤައުލެވެ. [5]

އަލްމުވައްޠާގެ ރިވާޔަތްތަކުގެ ޢަދަދު ބަޔާންކުރުމުގައި އައިސްފައިވާ ތަފާތަކީ (އިމާމު މާލިކުގެ އަރިހުން) އަލްމުވައްޠާ ރިވާކުރެއްވިއިރު އައިސްފައިވާ ތަފާތަކަށްވުން އެކަށީގެންވެއެވެ. އެހެނީ އެކަލޭގެފާނު އަބަދުވެސް އެފޮތް އިޞްލާޙުކުރައްވަމުން ގެންދެވިއެވެ. އަދި އެފޮތް ލިޔުއްވައި އިޞްލާޙުކުރެއްވުމަށް ގާތްގަނޑަކަށް ސާޅީސް އަހަރު އެކަލޭގެފާނު ވޭތިކުރެއްވިއެވެ.

 

* އެފޮތުގައިވާ ޙަދީޘްތަކުގެ ދަރަޖަ: އަލްއިމާމު ޝާފިޢީ ވިދާޅުވިއެވެ.

“ﷲ ތަޢާލާގެ ފޮތަށް ފަހުގައި (އެބަހީ: ކީރިތި ޤުރުއާނަށް ފަހުގައި) އެންމެ ޞައްޙަ ފޮތަކީ އިމާމު މާލިކުގެ މުވައްޠާއެވެ.” [6]

ޢިލްމުވެރިންގެ އަރިހުގައި މަޝްހޫރު ބަސްފުޅަކީ ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަ ފޮތްތަކަކީ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމެވެ. މިބަސްފުޅާ އިސްވެ ބަޔާންވެ ދިޔަ ބަސްފުޅާ ތަޢާރުޟެއް ނުވެއެވެ. އޭގެ ސަބަބުތަކަކީ:

  1. އިމާމުއް ޝާފިޢީ އެފަދައިން ވިދާޅުވީ އައްޞަޙީޙައިނު ވުޖޫދަށް އައުމުގެ ކުރިންނެވެ. އިމާމު ޝާފިޢީ އަވަހާރަވީ ހިޖުރައިން 204 هـ ގައެވެ. އޭރު އިމާމު ބުޚާރީގެ ޢުމުރުފުޅަކީ ގާތްގަނޑަކަށް ވިހި އަހަރެވެ. އަދި އިމާމު މުސްލިމު އުފަންވެވަޑައިގަތީ ހިޖުރައިން 204 هـ ގައެވެ.
  2. އަލްމުވައްޠާގައި ވާރިދުވެފައިވާ ގިނަ ޙަދީޘްތައް ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި ގެންނަވާފައިވެއެވެ. ދެން އިތުރަށް ހުރި ޙަދީޘްތައް އައްސުނަނުލް އަރްބަޢާގައި ގެންނަވާފައިވެއެވެ.

އަލްމުވައްޠާގައިވާ ހުރިހާ ޙަދީޘެއްވެސް ޞައްޙަކަމުގައި މަޝްރިޤާއި މަޣްރިބުގެ ބައެއް ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ. ޢުލޫމުލް ޙަދީޘްގައިވާ ޞައްޙަ ޙަދީޘްގެ ބާބު ނިންމާލައްވަމުން އިބްނު ޞަލާޙާއި އިބްނު ޙަޖަރު އެކަމަށް އިޝާރާތްކުރައްވާފައިވެއެވެ. އެހެނަސް ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ރާޖިޙު ބަސްފުޅަކީ (ޞައްޙަކަމުގައި) އަލްމުވައްޠާ އަންނަނީ ޞަޙީޙައިނިއަށް ފަހުގައިކަމެވެ. والله تعالى أعلم.

މިއީ ކުތުބުއްސިއްތާގެ ހަވަނަ ފޮތްކަމުގައި ބައެއް ޢިލްމުވެރިން ހިމަނުއްވާފައިވެއެވެ. އެގޮތުން رزين ابن معاوية السَرَقُسْطِيّ (އަވަހާރަވީ: 535 ހ) އެކަލޭގެފާނުގެ ފޮތް “الجمع بين الكتب الستة” ގައި އެފަދައިން ހިމަނުއްވާފައިވެއެވެ. އަދި المجد ابن الأثير (އަވަހާރަވީ: 606 ހ) އެކަލޭގެފާނުގެ ފޮތް “جامع الأصول” ގައި ހިމަނުއްވާފައިވެއެވެ.

 

* އަލްމުވައްޠާގެ އެންމެ މުހިންމު ޝަރަޙަތަކުގެ ތެރޭގައި:

1- الاستذكار في شرح مذاهب علماء الأمصار. މިފޮތްވަނީ ޗާޕުކުރެވިފައެވެ.

2- والتمهيد لما في الموطأ من المعاني والأسانيد.

މިދެ ފޮތަކީވެސް ابن عبد البر (އަވަހާރަވީ: 463 ހ) ގެ ދެ ފޮތެވެ. މަޣުރިބުގައި 24 މުޖައްލަދަށް މިފޮތް ޗާޕުކުރެވިފައިވެއެވެ.

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] تذكرة الحفاظ (1 / 207)

[2] تنوير الحوالك للسيوطي (ص: 7).

[3] المصدر السابق (ص: 8).

[4] تجريد التمهيد لابن عبد البر (ص: 258).

[5] تنوير الحوالك للسيوطي (ص: 8).

[6] علوم الحديث لابن الصلاح (ص: 14).