[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 41

  • ބަނޫއިސްރާއީލުގެ މީހުންގެ ފިނޑިކަން

 

  މިޞްރުގައި ބަނޫ އިސްރާއީލުގެ މީހުން، ބޮޑުވެގެން ދިޔައީ އަޅުވެތިކަމުގައެވެ. ނިކަމެތިކަމާއި އިހާނާތްތެރިކަމުގައެވެ. އެމީހުންގެ ކުޑަކުދިން ފުރާފަށަށް އައީ ވެސް މި އަޅުވެތިކަމުގައެވެ. އަދި ޒުވާނުން ޒުވާންކަން ކެނޑިގެން ދިޔައީވެސް މިއަޅުވެތިކަމުގައެވެ.

ބަނޫއިސްރާއީލުގެ މީހުން ދިރިއުޅެމުން ދިޔައީ ބީރައްޓެހި ބަޔެއްގެ ގޮތުގައެވެ. ދިރިއުޅެން ވާންނާނެ ވަޒަނެއް އަދި އެމީހުންގެ ކަންކަން އިންތިޒާމު ކުރާނެ އިދާރާއެއް، އެމީހުންނަކަށް ނުވޭއެވެ.

ﷲގެވަޙީފުޅުގެ މަތިން، މުޤަދަސްކުރެވިގެންވާ ބިމަށް، ބަނޫ އިސްރާއީލުގެ މީހުން ވަނުމަށް، މޫސާގެފާނު ބޭނުންފުޅުވެ ވަޑައިގަތެވެ. އެއީ މިނިވަނުން ފަދައިން އެ ބިމުގައި އުޅުމަށެވެ. އެކަމަކު ބަނޫއިސްރާއީލުގެ މީހުންގެ ތަބީޢަތް މޫސާގެފާނު ދެނެވަޑައިގަންނަވައެވެ.

އަދި އެމީހުންގެ ކިބައިގައިވާ ބަލިކަށިކަން ވެސް ދެނެވަޑައިގަންނަވައެވެ. އެމީހުން އެކަމަށް ޝައުޤުވެރިކުރައްވައި، އެކަންކުރެއްވުމަށް މޫސާގެފާނު ވަރަށް ބޮޑަށް ބޭނުންފުޅުވެ ވަޑައިގަތެވެ. އެހެނީ އެ މުޤައްދަސް ކުރައްވާފައިވާ ބިމުގައި އޭރު އުޅެނީ، އާރާއި ބާރުހުރި ގަދަފަދަ ބައެކެވެ.

މުޤަދަސް ކުރައްވާފައިވާ ބިމަށް ވަނުމަށް ބަނޫ އިސްރާއިލުގެ މީހުން ބޭނުމެއް ނުވިއެވެ. އެއީ އެ ޖައްބާރު މީހުން އެ ބިމުން ނުކުތުމަށް ދާންދެނެވެ. އެ މީހުންނަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން، އެމީހުންނަށް ހަނދާން ކޮށްދއްވުނެވެ. އަދި އެޒަމާނުގައި ޢާލަމްތަކުގެ މައްޗަށް އެމީހުން މާތްކުރެވުނު ކަންވެސް ހަނދާންކޮށްދެވުނެވެ. އެއީ ﷲގެ މަގުގައި ޖިހާދު ކުރުމަށް ހިތްވަރު ދެއްވުމަށްޓަކައެވެ.

(وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ اذْكُرُوا نِعْمَةَ اللَّـهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنبِيَاءَ وَجَعَلَكُم مُّلُوكًا وَآتَاكُم مَّا لَمْ يُؤْتِ أَحَدًا مِّنَ الْعَالَمِينَ) [1]

މާނަ: “އަދި މޫސާގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ﷲ ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، އެއިލާހު ތިޔަބައިމީހުންގެ ތެރޭގައި ނަބީބޭކަލުން ލެއްވިއެވެ. އަދި ތިޔަބައިމީހުން (ގެ ތެރެއިން ބަޔަކު) ރަސްކަލުންތަކެއް ކަމުގައި ލެއްވިއެވެ. އަދި (އެޒަމާނުގެ) ޢާލަމުތަކުގެ ތެރެއިން އެކަކަށްވެސް ނުދެއްވާ ނިޢުމަތް ތިޔަބައިމީހުންނަށް ދެއްވިއެވެ.”

ދެން އެއަށްފަހު މޫސާގެފާނު ބަނޫއިސްރާއީލުގެ މީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ކުރިމަތީގައި އެ ވަނީ މުޤަދަސްކުރެވިގެންވާ ބިމެވެ. ތިޔަބައިމީހުންގެ ޢަދާވާތްތެރިންނާއި ދެކޮޅަށް ކުރިމަތިލައި، އެމީހުން އެ ރަށުން ނެރެލުން ނޫން ގޮތެއް ތިޔަބައިމީހުންނަކަށް ނެތެވެ.

ﷲ ތަޢާލާ މީހަކަށް ކަމެއް ލިޔުއްވާއިފިނަމަ، އެމީހަކަށް އެކަމެއް ދެއްވައެވެ. ފަހެ އެކަމަކަށް ނިކަމެތިކޮށް ހިތާފިނަމަ، އެ މީހެއްގެ އަތުން އެކަމެއް ﷲ އަތުލައްވާ ހުށްޓެވެ. ފަހެ ﷲ ގެ ޤަޟާ ރައްދުނުކުރެވޭ ހުށްޓެވެ.

(يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّـهُ لَكُمْ) [2]

މާނަ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މުޤައްދަސްވެގެންވާ ބިމަށް، ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ބިމެވެ.”

އެ މީހުންގެ ކިބައިގައި ހަރުލާފައިވާ ފިނޑިކަމުގެ ސިފަ، އެމީހުންގެ މައްޗަށް ގަދަވެދާނެކަމަށް ބިރުފުޅުން ހުންނަވައި މޫސާގެފާނު ވިދާޅުވިއެވެ.

(وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ فَتَنقَلِبُوا خَاسِرِينَ)[3]

މާނަ: “އަދި ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެން ހިނގައިދާނެތެވެ.”

 އެ މީހުންގެ ކިބައިން ބިރުފުޅުގަތް ކަންތައްތައް، މޫސާގެފާނު ހީކުރެއްވި ފަދައިން ދިމާވިއެވެ. މޫސާގެފާނު އެ މީހުންނަށް އެއްޗެއް ވިދާޅުވެއްޖެނަމަ، އެ މީހުންގެ ޖަވާބު ދެނީ މިފަދައިންނެވެ.

(يَا مُوسَىٰ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا مِنْهَا) [4]

މާނަ: “އޭ މޫސާގެފާނެވެ! ހަމަކަށަވަރުން، ގަދަފަދަ ޖައްބާރު ބަޔަކު އެތަނުގައި އެބަ ތިއްބެވެ. އަދި ހަމަކަށަވަރުން، އެއުރެން އެތަނުން ނުކުމެއްޖައުމަށް ދާންދެން، ތިމަންމެން އެތަނަކަށް ނުވަންނާނަމެވެ.”

އެމީހުން އެއްވެސް ޙަރަކާތެއް ނެތިފައި ވަރަށް ޙިލުމުވެރިކަމާއެކު ބުންޏެވެ.

(فَإِن يَخْرُجُوا مِنْهَا فَإِنَّا دَاخِلُونَ)

މާނަ: “ފަހެ، އެއުރެން އެތަނުން ނުކުންނަނީނަމަ، ހަމަކަށަވަރުން، ތިމަންމެންނީ އެތަނަށް ވަންނާނޭ ބަޔަކީމުއެވެ.”

(قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّـهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ ۚ وَعَلَى اللَّـهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ)[5]

މާނަ: “(ﷲ ދެކެ) ބިރުވެތިވާ މީހުންގެ ތެރެއިން ﷲ، ނިޢުމަތް ދެއްވާފައިވާ ދެމީހަކު ބުންޏެވެ. އެއުރެންނާ ދިމާއަށް (އެރަށުގެ) ދޮރޯށިން ތިޔަބައިމީހުން ވަދެގެން ދާށެވެ! ފަހެ، ތިޔަބައިމީހުން އެރަށަށް ވަދެއްޖެނަމަ، ތިޔަބައިމީހުންނީ، (އެއުރެންގެ މައްޗަށް) ގަދަވެގަންނާނޭ ބަޔަކުކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނީ، އީމާންވެގެންތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި ﷲއަށް ތިޔަބައިމީހުން ވަކީލުކުރާށެވެ!”

އެ ނަޞޭޙަތްތަކަކުން އެ މީހުންނަށް އެއްވެސް އަޘަރެއް ނުކުރިއެވެ. އެމީހުން ބުންޏެވެ.

ކޮންމެހެން އެ ރަށަށް ވަންނަން ޖެހޭނަމަ، މުޢުޖިޒާތެއް ގެންނަވައިގެން ކަލޭގެފާނު އެ ރަށަށް ވަދެވަޑައިގަންނަވާށެވެ. އަހަރުމެންނަށް ކަލޭގެފާނު އެ ރަށަށް ވަދެވަޑައިގެން، އެ ޚަބަރު އަޅުގަނޑުމެންނަށް އައިސްފިނަމަ، އަހަރުމެން ވެސް އަންނަ ހުށީމެވެ. އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ޙާލު އަހަރުމެންވެސް އެ ރަށަށް ވަނުމަށެވެ.

(قَالُوا يَا مُوسَىٰ إِنَّا لَن نَّدْخُلَهَا أَبَدًا مَّا دَامُوا فِيهَا ۖ فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ)[6]

މާނަ: “އެއުރެން ދެންނެވިއެވެ. އޭ މޫސާގެފާނެވެ! އެއުރެން އެރަށުގައި ދެމިތިބިހާ ހިނދަކު އެއްގޮތަކަށްވެސް ތިމަންމެން އެރަށަކަށް ނުވަންނާނަމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރައްބާއި ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތަނުގައި ތިބޭނީއެވެ.”

އެހިނދު މޫސާގެފާނު އެ މީހުން ދެކެ ކޯފާވެވަޑައިގަތެވެ. އެމީހުންނާއި މެދު އުންމީދު ކަނޑާލެއްވިއެވެ.

(قَالَ رَبِّ إِنِّي لَا أَمْلِكُ إِلَّا نَفْسِي وَأَخِي ۖ فَافْرُقْ بَيْنَنَا وَبَيْنَ الْقَوْمِ الْفَاسِقِينَ) [7]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. މިއަޅާގެ ވެރި ރައްބެވެ! މިއަޅާގެ އަޚާއި، މިއަޅާގެ އަމިއްލަ ނަފްސު މެނުވީ މިއަޅާޔަށް މިލްކުވެގެނެއް ނުވެއެވެ. ފަހެ، ފާސިޤުވީ މީހުންނާއި އަޅަމެންނާ ދެމެދު (ނިޔާއެއް ކުރައްވާ) ވަކިކުރައްވާ ފާނދޭވެ!”

(قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِي الْأَرْضِ ۚ فَلَا تَأْسَ عَلَى الْقَوْمِ الْفَاسِقِينَ)[8]

މާނަ: “އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، އެކަން (އެބަހީ: މުޤައްދަސްވެގެންވާ ރަށުގެ ބިމަށް ވަނުން) އެއުރެންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ. ސާޅީސް އަހަރުވާންދެނެވެ. ދެވޭނުދެވޭ ތަނެއް ނޭނގި ބިމުގައި ބެހިގެން އެއުރެން އުޅުމަށެވެ. ފަހެ، ފާސިޤުވި ޤައުމުގެ މީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ!”

އެ މުއްދަތުގެ ތެރޭގައި އެ ޖީލުގެ މީހުންތައް މަރުވެހިނގައްޖެއެވެ. އެއީ މިޞްރުގައި އަޅުވެތިކަމާއި ނިކަމެތިކަމުގައި ބޮޑުވެގެންދިޔަ މީހުންތަކެވެ. އާ ޖީލެއް އުފެދިގެންއައެވެ. އެ މީހުން ބޮޑުވެގެން އައީ މަގުގެއްލިފައިވާ ނިކަމެތި ބަޔެއްގެ ގޮތުގައެވެ. މުސްތަޤްބަލުގެ އުއްމަތަކީ އެއީ އެވެ. ކޮންމެ ޒަމާނެއްގައިވެސް ޔަހޫދީންގެ ނިމުން އަންނަ ގޮތަކީ އެއީ އެވެ. އަޅުވެތިވެ ނިކަމެތިވެ، މަގުގެއްލިފައިވާ ބަޔެއްގެ ގޮތުގައެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] 20 المائدة

[2] 21  المائدة

[3] 21   المائدة

[4] 22  المائدة

[5]  23   المائدة

[6] 24     المائدة

[7]   المائدة   25

[8]   26   المائدة