[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 73

ތިންވަނަ ބާބު: ހިޖުރީ ގޮތުން ތިންވަނަ ޤަރުނުގައި ސުންނަތް ރައްކާތެރިކުރެވުނު ގޮތް

 

 

ފެށުން

 

މި ޤަރުނަކީ ޢާންމު ގޮތެއްގައި އިސްލާމީ ޢިލްމުތައް ވަރަށް ކުރިއަރައިގެން ދިޔަ ދުވަސްވަރެކެވެ. ވަކިން ޚާއްޞަކޮށް ނަބަވީ ސުންނަތުގެ ޢިލްމުތަކެވެ. އަދި ކިއެއް ހެއްޔެވެ. ސުންނަތަށް އެންމެ ޚިދުމަތް ކުރެވުނު ދުވަސްވަރުތަކުގެ ތެރެއިން މި ޤަރުނު ހިމެނިގެން ދާނެއެވެ. އެހެނީ މި ޤަރުނުގައި ދީނީ ޢިލްމު ޙާޞިލުކުރުމަށްޓަކައި ދަތުރުފަތުރުކުރުން ގިނަވެގެން ދިޔައެވެ. އަދި ޙަދީޘްގެ ރާވީންގެ ޢިލްމުގެ ފޮތްތައް ލިޔެވުނެވެ. އަދި ޙަދީޘް ރައްކާތެރިކުރުން ފުޅާ ދާއިރާއެއްގައި ކުރެވުނެވެ. އަދި މުސްނަދު ފޮތްތަކާއި ކުތުބުއްސިއްތާގެ ފޮތްތައް – ޞަޙީޙު ފޮތްތަކާއި ސުނަންގެ ފޮތްތައް – ފާޅުވެގެން ދިޔައެވެ. މުޅި އުންމަތް އެފޮތްތައް ބަލައިގަނެ އަދި އެ ފޮތްތަކަކީ އިސްލާމްދީނުގެ މުހިންމު މަރުޖިޢުތައްކަމުގައި ވެގެން ދިޔައެވެ.

އަދި މިދުވަސްވަރުގައި ވަރަށް ގިނަ ޙާފިޒުންނާއި ޢިލްމީ ހަމަތަކުގެ މަތިން ޙަދީޘް ޢިލްމުގެ ދިރާސާކުރެއްވި ބޭފުޅުންނާއި ބޮޑެތި ޢިލްމުވެރިން ފާޅުވެގެން ދިޔައެވެ. އޭގެ އާއި ތެރޭގައި: أحمد بن حنبل، وإسحاق بن راهويه، وعلي ابن المديني، ويحيى بن معين، ومحمد بن مسلم بن وارة، وأبو عبد الله البخاري، ومسلم بن الحجاج، وأبو زرعة، وأبو حاتم الرازيان، وعثمان بن سعيد الدارمي، وعبد الله  بن عبد الرحمن الدارمي ހިމެނިވަޑައިގަންނަވައެވެ. އަދި އެނޫނަސް އެފަދަ އެތައް ބޭކަލުންނެއް ޙަދީޘް ޢިލްމު އެޒަމާނުގައި ތައުސީސުކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް ޖަރަޙަ ވައްތަޢުދީލުގެ ޢިލްމަށް ޚިދުމަތްކުރެއްވިއެވެ.

ހަމަ އެއާއެކު އެބޭކަލުން އާ ވައްތަރެއްގެ ފޮތްތަކެއްވެސް އެދުވަސްވަރުގައި ލިޔުއްވިއެވެ. އެއީ ޢަޤީދާގެ ފޮތްތަކުގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ފޮތްތަކެވެ. އެފޮތްތައް ލިޔުއްވުމުގައި ދެ ގޮތަކަށް ލިޔުއްވާ އުޅުއްވިއެވެ. އެއީ:

ފުރަތަމައީ: ކީރިތި ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވާ ޢަޤީދާއާ ގުޅުން ހުރި ނައްޞުތައް ޖަމާކޮށްފައިވާ ފޮތްތަކެވެ. އަދި އެ ނައްޞުތައް ފަހުމްކުރެއްވުމުގައި ސަލަފުންގެ ބޭކަލުން – ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން – ގެ މަންހަޖާއި ބިދުޢަވެރިންނާ ބެހޭގޮތުން އެބޭކަލުން ދެކިލެއްވި ގޮތް ބަޔާންކުރައްވާފައިވެއެވެ. މިބާވަތުގެ ގިނަ ފޮތްތަކަށް ނަން ދެއްވާފައިވަނީ “السُّنَّة” މިފަދައިންނެވެ. އޭގެ މިޘާލުތަކުގެ ތެރޭގައި: އިމާމު ޢަހްމަދު ލިޔުއްވި “السُّنَّة” އާއި އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ލިޔުއްވި “السُّنَّة” އާއި އަބޫ ނަޞްރު އަލްމަރްވަޒީ ލިޔުއްވި “السُّنَّة” އާ އަދިވެސް އެނޫން ފޮތްތައްވެސް ހިމެނެއެވެ.

ދެވަނައީ: ބިދުޢަވެރިންނަށް ރައްދުދީ ލިޔުއްވާފައިވާ ފޮތްތަކެވެ. އެއީ އެބައިމީހުންގެ ސިއްރުތައް ފަޅާ އަރުވާލައި މުސްލިމުން އެބައިމީހުން ހުށިޔާރުކުރުމަށާއި އެބައިމީހުންގެ ފުށުން އުންމަތަށް ހުރި ނުރައްވާ ބަޔާންކުރެއްވުމަށެވެ. އެދުވަސްވަރަކީ މުޢުތަޒިލާއިންނާއި ޖަހްމީންގެ ޙަރަކާތްތައް ކުންނަށް ގޮސްފައިވާ ދުވަސްވަރެކެވެ. ޢައްބާސީ ދައުލަތުގެ ދެ ޚަލާފާއިންކަމުގައިވާ މަޢުމޫނާއި މުޢުތަޞިމުގެ ދުވަސްވަރުގައި އެޚަލީފާއިންވަނީ އެބައިމީހުންގެ ރައުޔުތަކާއި ޢަޤީދާތައް ބަލައިގަނެފައެވެ. އެހެންކަމުން އެދުވަސްވަރުގެ ގިނަ ރައްދުތައް އަމާޒުވެފައިވަނީ އެ ފިރުޤާތަކަށެވެ. އޭގެ ތެރޭގައި އިމާމު އަޙްމަދު ބުން ޙަންބަލު ލިޔުއްވި “الرد على الجهمية” އާއި އައްދާރިމީ ލިޔުއްވި “الرد على الجهمية” އާއި އައްދާރިމީ ލިޔުއްވި “الرد على بشر المريسي المعتزلي” އާއި އިމާމު ބުޚާރީ ލިޔުއްވި “خلق أفعال العباد” އާ އަދިވެސް އެނޫން އެތައް ފޮތެއް ހިމެނެއެވެ. [1]

= ނުނިމޭ =

_________________

އެހެނިހެން ބައިތައް

 

[1] انظر: رسالة “مكانة أهل الحديث ومآثرهم وآثارهم الحميدة في الدين” لفضيلة الدكتور ربيع بن هادي المدخلي، طبعت بدار الأرقم بالبحرين، މިއީ ވަރަށް އަގުހުރި ރިސާލާއެކެވެ.