އިމާމް އަލްބަޣަވީގެ ތަޢާރަފު
އެކަލޭގެފާނުގެ ނަންފުޅަކީ أَبُو مُحَمَّدٍ الْحُسَيْنُ بْنُ مَسْعُودٍ بن محمد الفراء البغوي އެވެ. މަޝްހޫރުވެވަޑައިގެންފައިވަނީ އަލްބަޣަވީގެ ނަންފުޅުންނެވެ. އެއީ އެކަލޭގެފާނުގެ ރަށްކަމުގައިވާ އަލްބަޣްޝޫރު ނުވަތަ ބަޣު އަށް ނިސްބަތްކުރެވިގެންނެވެ. އަދި ބައެއް ފަހަރަށް الفراء ނުވަތަ ابن الفراء ގެ ނަމުންވެސް އެކަލޭގެފާނަށް ނިސްބަތް ކުރެވިފައިވެއެވެ.
އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 433 ވަނަ އަހަރެވެ. އަދި ބޮޑުފުޅުވީ ބަޣްޝޫރުގައެވެ. އެންމެ ފުރަތަމަ ޢިލްމު އުނގެނިވަޑައިގަތީވެސް މިބިމުގައެވެ. އެހެނަސް އެކަލޭގެފާނުގެ ރަށުން ލިބިވަޑައިގެން ޢިލްމުން ފުއްދަވާ ނުލައްވައެވެ. އަދި ޢިލްމީ އެތައް ދަތުރުފުޅުތަކެއް ކުރެއްވިއެވެ. މިގޮތުން مرو الرّوذ އަށް ވަޑައިގެން القاضي الحسين بن محمد المرّوذي ގެ އަރިހުން ޢިލްމު ހޯއްދަވަން އެތައް އަހަރަކު އުޅުއްވިއެވެ. އެއަށްފަހު ޠޫސް އާއި سرخس ފަދަ ޚުރާސާނުގެ އެތައް ރަށެއްގައި ދަތުރުކުރެއްވިއެވެ. އަދި އެކިއެކި ޙަދީޘް ރާވީންގެ އަރިހުން ޙަދީޘް ފޮތްތައް ރިވާކުރެއްވިއެވެ. އަދި ބަހުގެ ޢިލްމުވެރިންގެ އަރިހުން ފައިދާ ހޯއްދެވިއެވެ.
އެކަލޭގެފާނަކީ ފިޤްހު ޢިލްމުވެރިއެކެވެ. އަދި މުފައްސިރެކެވެ. އަދި މުޙައްދިޘެކެވެ. އެކަލޭގެފާނަކީ ޝާފިޢީ މަޛްހަބުގެ ބޭކަލެއްކަމުން ރާޖިޙްކުރެއްވުމުގައި ޝާފިޢީ މަޛްހަބުގެ ރައުޔުތައް އިސްކުރައްވައެވެ. އެހެނަސް އެއީ އެކަލޭގެފާނުގެ މަޛްހަބަށް ތަޢައްޞުބުވުމެއް ނެތިއެވެ. އެކަލޭގެފާނު އެހެން މަޛްހަބުގެ އިމާމުންގެ ރައުޔުތައް ބައްލަވާ އެބޭކަލުންގެ ދަލީލުތަކަށް ވިސްނަވާ ކަމުގައިވެއެވެ. އަދި ޤުރްއާނާއި ސުންނަތަށް ތަބާވުމަށް ގޮވާލައްވާކަމުގައިވެއެވެ. އަލްއިމާމް އައްސުބުކީ އެކަލޭގެފާނަކީ ޝާފިޢީ މަޛްހަބުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމަނުއްވައެވެ. އެކަލޭގެފާނު ދީނަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅުގެ ސަބަބުން އެކަލޭގެފާނަށް ރުކްނުއްދީން، މުޙްޔިއްސުންނާ އަދި ޝައިޚުލް އިސްލާމް މިފަދަ ލަޤަބުތައް ދެއްވިފައިވެއެވެ.
އެކަލޭގެފާނަކީ ޒުހުދުވެރިކަމުގައި މަޝްހޫރުވެވަޑައިގަންނަވާފައިވާ ބޭކަލެކެވެ. ޢިލްމު އުނގަންނަވާ ދެއްވާނަމަ ޠަހާރަތުގެ މަތީގައި މެނުވީ އެކަމެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ޢާންމު ފަރިއްކޮޅުކަމުގައި ވާރިދުވެގެންވަނީ ހުސް ރޮށިކޮޅެކެވެ. ނުވަތަ ރޮށިކޮޅަކާއި ތެޔޮފޮދެކެވެ.
އެކަލޭގެފާނުގެ ޝައިޚުން
- الإمام القاضي أَبُو عَلِيٍّ الْحُسَيْنُ بْنُ مُحَمَّدٍ بن أحمد المَرُّوْذِيُّ
- أَبُو عُمَرَ عَبْدُ الْوَاحِدِ بْنُ أحمد المليحي الهروي
- أَبُو بَكْرٍ يَعْقُوبُ بْنُ أَحْمَدَ الصيرفي النيسابوري
- أَبُو عَلِيٍّ حَسَّانُ بْنُ سَعِيدٍ المنيعي
- أَبُو الْحَسَنِ عَلِيُّ بْنُ يُوسُفَ الجويني އަދި މިނޫނަސް އެތައް އެތައް ޢިލްމުވެރިންނެއް ހިމެނިވަޑައިގަންނަވައެވެ.
އެކަލޭގެފާނު ލިޔުއްވި ބައެއް ފޮތްތައް
- الأربعون الصغرى
- الأنوار في شمائل النبي المختار
- ترجمة الأحكام في الفروع على مذهب الشافعي
- التهذيب في الفقه
- شرح جامع الترمذي
- الكفاية في القراءة
- الكفاية في فروع الشافعية
- مشكل القرآن
- معالم التنزيل
އައްޛަހަބީ ވިދާޅުވާ ގޮތުގައި އެކަލޭގެފާނު އަވަހާރަފުޅުވީ مرو الرّوذ ގައި ހިޖުރައިން 516 ވަނަ އަހަރުގެ ޝައްވާލުމަހުގެ 16 ވަނަ ދުވަހުއެވެ. އިބްނު ޚައްލިކާން ދެކެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 510 ވަނަ އަހަރުއެވެ. (رحمه الله)
= ނުނިމޭ =
_____________________________