[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުން ފިލާވަޅުތަކެއް

ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ * لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ إِنْ نَعْفُ عَنْ طَائِفَةٍ مِنْكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ) التوبة: 65-66 މާނައީ: “ހަމަކަވަރުން، ކަލޭގެފާނު، އެބައިމީހުންނާ ސުވާލުކުރައްވައިފިނަމަ، އެބައިމީހުން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، ﷲއާއި، އެއިލާހުގެ އާޔަތްތަކާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފަރުވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންއިލާހު ޢަފޫކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންއިލާހު ޢަޛާބުދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެބައިމީހުން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.”

މިއާޔަތް ބާވާލެއްވުނު ސަބަބު:

ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތަބޫކު ހަނގުރާމައަށް ކުރި ދަތުރުގައި، އެއްދުވަހަކު މީހަކު މަޖިލިސެއްގައި ބުންޏެވެ. “ތިމަންމެންގެ މިތިބަ ޤާރީވެރިން ފަދަ ބަޔަކު ތިމަންމެން ނުދެކެމެވެ. އަދި މިބޭފުޅުން ފަދަ ބަނޑުތައްފުޅާ ގިނައިން ކާ ބަޔަކުވެސް ނުދެކެމެވެ. އަދި މިބޭކަލުން ފަދަ ދޮގުވެރި ދޫތަކެއްގެ ވެރި ބަޔަކުވެސް ތިމަންމެން ނުދެކެމެވެ. އަދި މިބޭކަލުން ފަދަ (ކާފަރުންނާ) ބައްދަލުކުރާ ވަގުތު ފިނޑި ބަޔަކުވެސް ތިމަންމެން ނުދެކެމެވެ.” ފަހެ، އެމަޖިލީހުގައި އިން ބޭކަލަކު ވިދާޅުވިއެވެ. “ކަލޭ ތިހެދީ ދޮގެކެވެ. އެހެނެއްކަމަކު ކަލޭތީ މުނާފިޤެކެވެ. ތިމަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތިޚަބަރު ދޭހުށީމެވެ.” ފަހެ، އެޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފޯރައިފިއެވެ. އަދި ޤުރުއާން ބާވާލެއްވުނެވެ. (އެބަހީ، މިއާޔަތް ބާވާލެއްވުނެވެ.)

ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޖަމަލުކޮޅުގެ ވާގަނޑުގައި އެމީހާ އެލިގެން ވަނިކޮށް ތިމަން ދެކުނީމެވެ. އަދި ހިލަތަކުމަތީ އޭނާ ދެމެމުން ދެއެވެ. އޭނާ އެހިނދު ބުނަމުން ދިޔައެވެ. “އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅެލީއެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވަމުން ގެންދެވިއެވެ. “ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، ﷲއާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟” (أخرجه الطبري في تفسيره وابن أبي حاتم في تفسيره بسند حسن – انظر: الإستيعاب في بيان الأسباب 287/2)

މިދެއާޔަތުން ލިބޭ ފައިދާތަކަށް ބަލާލުމެއް:

1. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅު (قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ) (މާނައީ: “ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފަރުވެފައިކަން ކަށަވަރެވެ.”) ދަންނައެވެ. މިބަސްފުޅުން ދަލީލުލިބޭގޮތުގައި، ފުރައްސާރަކޮށް މަލާމާތްކުރި މީހުންނަކީ މުނާފިޤުން ނޫންކަމާއި، މުއުމިނުންކަން އެނގެއެވެ. އެބަސްތައް ބުނުމުގެ ކުރިން އެބައިމީހުންނަކީ މުނާފިޤުން ކަމުގައިވާނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ (قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ) މިފަދައިން ވަޙީ ނުކުރެއްވީހެވެ. އެހެނީ، މުނާފިޤުންނަކީ މުއުމިނުންނެއް ނޫނެވެ. އެބައިމީހުންނަށް މުއުމިނުންނެކޭ ނުކިޔާނެއެވެ. އެބައިމީހުންނަށް ކިޔާނީ މުނާފިޤުންނެވެ. މުނާފިޤުންނާ ބެހޭގޮތުން އެހެން އާޔަތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ قَالُوا كَلِمَةَ الْكُفْرِ وَكَفَرُوا بَعْدَ إِسْلامِهِمْ) التوبة: 74 މާނައީ: “އަދި ހަމަކަށަވަރުން، ކުފުރުގެ ބަސް އެބައިމީހުން ބުންޏެވެ. އަދި އިސްލާމްވުމަށްފަހު، އެބައިމީހުން ކާފަރުވިއެވެ.” މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުން ކާފަރުވީ އީމާންވުމަށްފަހުގައި ކަން ބަޔާން ނުކުރައްވައެވެ. އިސްލާމްގެ މާނައަކީ އިސްލާމްދީނަށް ވަނތްކަން އިޢުލާން ކުރުމެވެ. އެއީ ތެދުހިތުން ޤަބޫލުނުކޮށް ކަމުގައި ވީނަމަވެހެވެ. ފަހަރެއްގައި، އެތެރެފުށުން ކާފަރުވެ، ބޭރުފުށުން އިސްލާމްކަން ދައްކައިގެން އުޅެފާނެއެވެ. އެފަދަ މީހުންނަކީ މުނާފިޤުންނެވެ. އެހެންކަމުން، ދެނެގަންނަންޖެހޭ މުހިއްމު ނުކުތާއަކީ، ޞަޙާބީންނަށާއި ރަސޫލާއަށް އެފުރައްސާރަކޮށް މަލާމާތްކުރިމީހުންނަކީ މުއުމިނުންގެ ގޮތުގައި ތިބި ބައެއްކަމެވެ.

2. މިއާޔަތްތަކުން ދަލީލުލިބޭގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޙްތިރާމުކޮށް، އެއިލާހު މަތިވެރިކުރުމަކީ ވާޖިބުކަމެކެވެ. އެއިލާހަށް އިޙްތިރާމުނުކުރާ މީހުންނަކީ ކާފަރުންކަންވެސް މިއާޔަތުން ދަލީލުލިބެއެވެ. މީގެ މިސާލުތަކަކީ ޔަހޫދީންނާއި ނަޞާރާއިންގެ ބުނުންތަކެވެ. ޔަހޫދީން ބުނެފައިވެއެވެ. (إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ) آل عمران:181މާނައީ: “ހަމަކަށަވަރުން، ﷲއީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދިންނެވެ.” (يَدُ اللَّهِ مَغْلُولَةٌ) المائدة:64މާނައީ: “ﷲގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ.” އަދި ނަޞާރާއިން ބުނެފައިވެއެވެ. (إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ) المائدة:17މާނައީ: “ހަމަކަށަވަރުން ﷲ އަކީ އަލްމަސީޙު ބުން މަރްޔަމެވެ. (އެބަހީ، ޢީސާގެފާނެވެ.)” މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޤަދަރުކުޑަކޮށް، އެއިލާހަށް ކުފުރުވުމުގެ ބަސްތަކެވެ.

3. މިއާޔަތުން ދަލީލުލިބޭގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށްވެސް އިޙްތިރާމްކޮށް، އެކަލޭގެފާނަށް ޤަދަރުކުރުމަކީ ވާޖިބެކެވެ. އަދި އެކަލޭގެފާނަށް އެއްޗެހިކިޔާ، ފުރައްސާރަކޮށް، މަލާމާތްކުރުމަކީ ކާފަރުވާނޭކަމެއްކަން މިއާޔަތްތަކުގައި ބަޔާންކުރައްވާފައިއެވަނީއެވެ.

4. ޤުރުއާނަށްވެސް އަޅުގަނޑުމެން އިޙްތިރާމްކޮށް، އެފޮތް މަތިވެރިކުރުމަކީ ވާޖިބެއްކަން މިއާޔަތުން ޘާބިތުވެއެވެ. އެހެނީ، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ އެންމެހާ ޚަލްޤުތަކަށްވުރެ މަތިވެރިވެވޮޑިގެންވާ ފަދައިން، އެއިލާހުގެ ކަލާމްފުޅު އެންމެހާ މީސްތަކުންގެ ބަސްތަކަށްވުރެ މަތިވެރިވެގެންވެއެވެ. އެފޮތުގައިވާ އާޔަތްތަކަށާއި، ޙުކުމްފުޅުތަކަށް ހަޖޫޖަހައި، އެޙުކުމްފުޅުތަކަކީ ޒަމާނާނުގުޅޭ، އިންސާނީ ޙައްޤުތައް ނިގުޅައިގެންފައިވާ ޙުކުމްފުޅުތަކެއްކަމުގައި ބުނެހެދުމަކީ މިއާޔަތުގައިވާ ވަޢީދުގެ ތެރެއަށް މީހާ ވަންނާނެކަމެކެވެ.

5. ހަމައެފަދައިން، ވާޖިބުވެގެންވަނީ އިސްލާމްދީނަށް އިޙްތިރާމްކުރުމާއި، މިދީނުގެ ޤަދަރުކުޑަނުކުރުމެވެ. އެހެނީ، އެއީ ﷲގެ ދީނެވެ. އެއިލާހުގެ ޝަރީޢަތެވެ. ފަހެ، އެއްވެސްމީހަކަށް މިދީނުގެ ޤަދަރުކުޑަވާގޮތަށް، ނުވަތަ މަލާމާތް ރައްދުވާގޮތަށް އެއްވެސް ބަހެއް ބުނުމަކީ އެއްވެސް މީހަކަށް ހުއްދަކަމެއްނޫނެވެ. އެމީހަކީ ކޮންމެ ފަންތިއެއްގެ މީހެއް ނަމަވެހެވެ.

6. ހަމައެފަދައިން، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތައް އިޙްތިރާމްކުރުންވެއެވެ. އެހެނީ އެއީ މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އިޤުރާރުފުޅުތަކެވެ. އެކަލޭގެފާނުގެ ސުންނަތަށް ކުޑައިމީސްކޮށް އެއްޗެއް ބުނުމަކީ ﷲއަށާއި އެކަލޭގެފާނަށް ކުޑައިމީސް ބުނުމެވެ.

7. މިއާޔަތްތަކުން ދަލީލުލިބޭގޮތުގައި، ދީނުގެ ޢިލްމުވެރިންނަށް އިޙްތިރާމްކުރުމަކީ ވާޖިބެކެވެ. އެހެނީ، އެބޭކަލުންނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ވާރުތަވެރިންނެވެ. މިދެއާޔަތް ބާވާލެއްވުމުގެ ސަބަބަށް އަޅުގަނޑުމެން ބަލާލައިފިކަމުގައިވާނަމަ، އެބައިމީހުން މަލާމާތްކޮށް ފުރައްސާރަކުރިކަމަށް ބުނީ ޤާރީވެރިންނަށެވެ. އެބަހީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީންނެވެ. އެޒަމާނުގައި ޤާރީވެރިއެކޭ ބުނެއްޖެނަމަ، އޭގެތެރޭގައި ޢިލްމުވެރިންވެސް ހިމެނެއެވެ. އެހެނީ، އެޒަމާނުގައި ޤާރީވެރިންނަކީ ފިޤުހުވެރި ޢިލްމުވެރި ބޭކަލުންނެވެ. ޢިލްމުވެރިންނަކީ ﷲގެ ފޮތުންނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ޢިލްމު ލިބިގަނެ، އެޢިލްމު މީސްތަކުންނާ ހަމައަށް ފޯރުކޮށްދޭ މެދުވެރީންނެވެ. ވީހިނދު، އެބޭކަލުންނަށް އިޙްތިރާމު ކުރުމަކީ ވާޖިބެކެވެ.

8. ސުބުޙާނަﷲ! މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެންމެ މީހަކު ކުރިކަމެއްގެ ސަބަބުން އެމަޖިލިސްގައި ކުޅިބަލައި، އެކަން މަނާނުކޮށް ތިބި އެންމެންނަށް މަލާމާތްކުރިކަމާއި ފުރައްސާރަކުރިކަން ނިސްބަތްކުރައްވާފައެވެ. މިއާޔަތުން ދަލީލު ލިބޭގޮތުގައި، މަޖިލީހެއްގައި ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށާއި، ޞަޙާބީންނަށާއި، އިސްލާމްދީނަށާއި، ޢިލްމުވެރިންނަށް ބަދުބަސް ރައްދުކުރާއިރު، އަޅާނުލައި ހުންނަމީހެކޭ އެބަދުބަސް ބުނެހެދިމީހެކޭ އެއްފަދައެވެ.

9. މަލާމާތްކޮށް ފުރައްސާރަކުރުމުގައި ދެވައްތަރެއް ވެއެވެ. ފުރަތަމަ ވައްތަރަކީ ބަހުން ފުރައްސާރަކުރުމެވެ. ދެވަނައީ، އިޝާރާތުން ފުރައްސާރަކުރުމެވެ. އެއީ މިސާލަކަށް ފުރައްސާރަކުރުމުގެ ގޮތުން ލޮލުން ނުވަތަ އަތުން ކޮށްލާ އިޝާރާތްތަކެވެ.

10. މިދެއާޔަތުން ވަރަށް މުހިއްމު މައްސަލައެއް ނެގެއެވެ. އެއީ ދެކޮޅުހެދުމުގެ ގޮތުންވިޔަސް، ނުވަތަ ޖޯކަކަށް ވިޔަސް، ނުވަތަ މަޖާކޮށްލުމުގެ ގޮތުން ވިޔަސް ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށާއި، ޤުރުއާނަށާއި، ނަބިއްޔާގެ ސުންނަތަށް ބަދުބަހެއް ރައްދުކޮށްފިމީހާ ކާފަރުވާ ހުއްޓެވެ. އެހެނީ، މިކަންކަމަކީ ޖޯކުޖަހާ މަޖާކުރަންޖެހޭ ކަންކަމެއް ނޫނެވެ. އެއްވެސް ޙާލެއްގައި މިކަންކަމަށް ޖޯކުޖަހައި މަޖާކޮށްހެދުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ، މިއިންކަމަކަށް އަރައިގެންފިމީހާ މިއާޔަތުގައިވާ ވަރުގަދަ ވަޢީދުގެ ބަސްފުޅަށް ފެތޭހުއްޓެވެ.

11. ހަމައެފަދައިން، މިއާޔަތްތަކުން ދަލީލުލިބޭގޮތުގައި، ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށާއި، ޤުރުއާނަށާއި، ނަބިއްޔާގެ ސުންނަތަށް ބަދުބަހެއް ރައްދުކޮށްފިމީހާ ކާފަރުވާ ހުއްޓެވެ. އެމީހާއަށް އެއީ ކާފަރުވާނެކަމެއްކަން ނޭނގުނުނަމަވެހެވެ. އެހެނީ، އެފުރައްސާރަކޮށް މަލާމާތްކޮށް އުޅުނު މީހުންނަކަށް އެއީ މީހާ ދީނުން ބޭރުވެ ކާފަރުވާނެކަމެއްކަން ނޭނގެއެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންގެ ޢުޛުރު ޤަބޫލުނުކުރައްވައި، އެބައިމީހުންނަކީ ކާފަރުންކަން ބަޔާންކުރައްވާފައި އެވަނީއެވެ. ވީހިނދު، މިއީ ނޭނގި އެކަންކުރާމީހާގެ ޙާލުކަމުގައިވާއިރު، މިއިންކަމަކަށް ފުރައްސާރަކޮށް ހެދުމަކީ ހުއްދަކަމެއްނޫންކަން އެނގިގެން އެކަންކުރާމީހާގެ ޙާލަކީ ފަހެ ކޮބައިބާއެވެ؟ ފަހެ، ހަމަގައިމުވެސް އެފަދަ މީހެއްގެ ނުބައިކަން އިތުރުވެގެން ވާނެއެވެ.

ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ފާފަފުއްސަވައި، އެއިލާހުގެ ހިދާޔަތުގެ ތެދުމަގު ދައްކަވައި، އެމަގުގައި ޘާބިތުކުރައްވާށި!

_______________________________

މަރުޖިޢުތައް:

1. : الإستيعاب في بيان الأسباب – سليم بن عيد الهلالي و محمد بن موسى آل نصر

2. شرح نواقض الإسلام – صالح بن فوزان الفوزان