ޞިރާޠުމަގު ހުރަސްކުރުމުގައި މީސްތަކުންގެ ޙާލު
ޞިރާޠުމަގު ހުރަސްކުރުމުގައި މީސްތަކުންގެ ތެރެއިން ސަލާމަތްވާ މީހުންނާއި ހަލާކަށް ހުށަހެޅޭ މީހުންވެއެވެ. މިކަން ބަޔާންކުރައްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
«فَنَاجٍ مُسَلَّمٌ، وَنَاجٍ مَخْدُوشٌ، وَمَكْدُوسٌ فِي نَارِ جَهَنَّمَ». [1]
މާނައީ: “ފަހެ، (އެއްބަޔަކު) ސަލާމަތްތެރިކަމާއެކު ނަޖާވާނެއެވެ. އަދި (އެއްބަޔަކު) (ކަށިތަކާއި އަލިފާނުން) ގެއްލުން ލިބުމަށްފަހު ނަޖާވާނެއެވެ. އަދި (އެއްބަޔަކު) ނަރަކައިގެ އަލިފާނަށް ވެއްޓޭނެއެވެ.”
މި ޙަދީޘުން އެނގޭގޮތުގައި ޞިރާޠުމަގު ހުރަސްކުރުމުގައި މީސްތަކުންގެ ޙާލަށް ބަލާއިރު ތިން ބައެއް ވެއެވެ.
ފުރަތަމައީ: ސަލާމަތްތެރިކަމާއެކު ނަޖާވާ މީހުން
އެބައިމީހުންނަށް ޞިރާޠުމަގުގައިވާ ކަށިތަކުން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދި ނަރަކައިގެ އަލިފާނުންވެސް އަސަރެއް ނުކުރާނެއެވެ. އެބައިމީހުންނަކީ ހަލުވިކަމާއެކު އެމަގު ހުރަސްކުރާ މީހުންނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«ثُمَّ يَنْجُو الْمُؤْمِنُونَ، فَتَنْجُو أَوَّلُ زُمْرَةٍ وُجُوهُهُمْ كَالْقَمَرِ لَيْلَةَ الْبَدْرِ سَبْعُونَ أَلْفًا لَا يُحَاسَبُونَ، ثُمَّ الَّذِينَ يَلُونَهُمْ كَأَضْوَإِ نَجْمٍ فِي السَّمَاءِ». [2]
މާނައީ: “ދެން މުއުމިނުން ސަލާމަތްވާނެއެވެ. ފަހެ، ސަލާމަތްވާ ފުރަތަމަ ޖަމާޢަތުގެ އަހުލުވެރިންގެ މޫނުތައް ފުރިހަމަ ހަނދު ފަދައިން ވާނެއެވެ. އެބައިމީހުންގެ ޙިސާބެއް ނުބައްލަވާނެއެވެ. އެއީ ހަތްދިހަ ހާސް މީހުންނެވެ. ދެން އެއަށްފަހު އަންނަ މީހުން ވާހުށީ އުޑުގައިވާ އެންމެ އަލިގަދަ ތަރި ފަދައިންނެވެ.”
އެއީ ނަރަކައިން ދުރުކުރައްވާފައިވާ މީހުންނެވެ. އަންނަނިވި އާޔަތްތަކުގައި ﷲ سبحانه وتعالى ބަޔާންކުރައްވާފައިވާ ފަދައިންނެވެ.
﴿أُولَـٰئِكَ عَنْهَا مُبْعَدُونَ [١٠١] لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِي مَا اشْتَهَتْ أَنفُسُهُمْ خَالِدُونَ [١٠٢] لَا يَحْزُنُهُمُ الْفَزَعُ الْأَكْبَرُ﴾ [سورة الأنبياء 101 – 103]
މާނައީ: “އެބައިމީހުން އެތަނާ (އެބަހީ: ނަރަކައާ) ދުރުކުރެއްވޭނެއެވެ. [101] އެބައިމީހުންނަކަށް އެތަނުގެ އަލިފާނުގެ އަޑެއްވެސް ނީވޭނެއެވެ. އަދި އެބައިމީހުން ހިތް އެދޭ ކަންތައްތަކުގައި (ސުވަރުގޭގައި) އެބައިމީހުން ދެމިތިބޭނެއެވެ. [102] އެންމެ ބޮޑު ބިރުވެރިކަން (އެބަހީ: ޤިޔާމަތް ދުވަހުގެ ބިރުވެރިކަން) އެބައިމީހުންނަކަށް އެއްވެސް ހިތާމައެއް ނުދޭ ހުށްޓެވެ.”
ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
ދެވަނައީ: ނަރަކައިގެ އަލިފާނަށް ވެއްޓޭ މީހުން
އެއީ މުނާފިޤުންނާއި ހެޔޮ ޢަމަލުތަކަށް ވުރެ ނުބައި ޢަމަލުތައް ގިނަވި މީހުންނެވެ. މުނާފިޤުންވާނީ ނަރަކައިގެ އެންމެ އަޑީގައެވެ. މުސްލިމުންގެ ތެރެއިން ނަރަކައަށް ވެއްޓޭ މީހުން ދަންނައެވެ. ﷲ ތަޢާލާ އެބައިމީހުން ސަލާމަތްކުރައްވަންދެން ނަރަކައިގައި ޢަޛާބު ދެއްވޭނެއެވެ.
އެފަދަމީހުންނާ ބެހޭ ގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَمَنْكُوسٌ فِيهَا». [3]
މާނައީ: “އަދި އެކޮޅުކޮޅުން (ނަރަކައަށް) އެއްލައިލެވޭނެއެވެ.”
އަދި އެހެން ހަދީޘެއްގައިވެއެވެ.
«وَمُكَرْدَسٌ فِي النَّارِ». [4]
މާނައީ: “ހަތަރެސްފައި އެއްކޮށްފައި ނަރަކައަށް ލެވޭނެއެވެ.”
ތިންވަނައީ: ކަށިތަކާއި އަލިފާނުން ގެއްލުން ލިބުމަށް ފަހު ނަޖާވާ މީހުން
އެބައިމީހުންގެ ފައި ކައްސާލައި، އެމަގުގައިވާ ކަށިތަކާއި ބުޅިތަކުން އެބައިމީހުންގެ ގައިގައި އެޅި ގެއްލުން ލިބޭނެއެވެ. އަދި ނަރަކައިގެ އަލިފާނުގެ އަސަރުވެސް ކުރާނެއެވެ. އެބައިމީހުންނަށް އެއްފަހަރު ގެއްލުންވާނެއެވެ. އަދި އަނެއްފަހަރު ސަލާމަތްވާނެއެވެ. ނަމަވެސް ނަރަކައަށް ނުވެއްޓި އެބައިމީހުން ސަލާމަތްވާނެއެވެ. މިފަދަ ޙާލެއްގައި ވެއްޓެމުން، ފިރުކެމުން ޞިރާޠުމަގު ހުރަސްކޮށް ނިންމާލެވޭނެއެވެ. އެއީ އެންމެ ފަހުން ޞިރާޠުމަގު ހުރަސްކުރާމީހާގެ ޙަދީޘްގައި ސިފަކުރައްވާފައިވާ ފަދައިންނެވެ.
އެފަދަ ޙާލެއްގައި އެމަގު ހުރަސްކޮށް ނިމުމުން އެބައިމީހުން ބުނާ ބަސްތަކަށް ވިސްނަވާ ބައްލަވާށެވެ!
«تَبَارَكَ الَّذِي نَجَّانِي مِنْكِ، لَقَدْ أَعْطَانِي اللهُ شَيْئًا مَا أَعْطَاهُ أَحَدًا مِنَ الْأَوَّلِينَ وَالْآخِرِينَ». [5]
މާނައީ: “ތިބާގެ ކިބައިން ތިމަން އަޅާ ސަލާމަތްކޮށްދެއްވި ފަރާތް ހެޔޮކަން އިތުރުވެ މަތިވެރިވެގެންވެއެވެ! ހަމަކަށަވަރުން އެންމެ ކުރީގެ މީހުންނާއި އެންމެ ފަހުގެ މީހުންގެ ތެރެއިން އެކަކަށްވެސް ނުދެއްވާފަދަ އެއްޗެއް ﷲ ތިމަން އަޅާއަށް ދެއްވައިފިއެވެ.”
______________________________
[1] رواه البخاري في صحيحه برقم: (7439).
[2] رواه مسلم في صحيحه برقم: (316 – (191)).
[3] رواه ابن ماجه في سننه برقم: (4280) ، وصححه الألباني في صحيح الجامع الصغير برقم: (8189).
[4] رواه الحاكم في المستدرك برقم: 8749، وصححه الألباني في مشكاة المصابيح برقم: (5608 – 5609).
[5] رواه مسلم في صحيحه برقم: (310 – (187)).