
* ޞިރާޠުމަގުގެ ބިރުވެރިކަމުން ސަލާމަތްވާން އެދޭނަމަ މިއަދު އެކަމަށް ތައްޔާރުވޭ!
އަލްޤުރުޠުބީ رحمه الله ވިދާޅުވިއެވެ.
“ޞިރާޠުމަގާ އެތަނުގެ ހިމަކަން ފެންނަ ހިނދު، ތިބާގެ ހިތަށް ވަންނާނެ ބިރުވެރިކަމާމެދު ވިސްނާލައްވާށެވެ. އަދި އެއަށްފަހު ނަރަކައިގެ އަނދިރިކަމަށް ތިބާގެ ނަޒަރު ހުއްޓުމުން ވާނޭ ގޮތް އަންދާޒާ ކޮށްލައްވާށެވެ. ދެން ނަރަކަ އުތުރި އަރަމުންދާ އަޑުފައްގަނޑު ތިބާގެ ކަންފަތުގައި އައިސް ޖެހެމުން ވާނެ ގޮތާމެދު ވިސްނާލާށެވެ. ތިބާގެ ޙާލު ދެރަކަމާއި ހިތާއި ދެފައި ތެޅެމުންދާ ޙާލުގައި، ބުރަކަށްޓަށް ބަރުހެލިވެފައިވާ އެމަގުން ހުރަސްކުރުމަށް ތިބާއަށް ޖެހޭނެއެވެ. އެޙާލުގައި ބިންމަތީވެސް ހިނގުމަށް ތިބާއަށް ދަތިވީހެވެ. ދެން ފަހެ އެފަދަ ތޫނު މަނެއްގައި ހިނގާނީ ކޮން ފަދައަކުން ހެއްޔެވެ!
އެމަގުގައި އެއްފައި އެޅުމުން އޭގެ ތޫނުކަން އިޙްސާސްވުމުން ވާނީ ކިހިނެތް ހެއްޔެވެ! އަދި ދެވަނަ ފައި ނަގައި އެތާ މަތީގައި އަޅަން ޖެހޭނެއެވެ. އަދި ތިބާގެ ކުރިމަތިން މީސްތަކުން ކައްސާލައިގެން ވެއްޓޭ މަންޒަރު ފެންނާނެއެވެ.” [التذكرة بأحوال الموتى وأمور الآخرة للقرطبي، ص: 757]
﴿وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ﴾ [سورة البقرة 197]
މާނައީ: “އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤުވާއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ތިމަންއިލާހަށް ތަޤުވާވެރިވާށެވެ!”
ސަލާމަތްވާން އެދޭމީހާ، މިއަދު އެކަމަށް ތައްޔާރުވާށެވެ.
ﷲ ގެ ޙަޟްރަތުގައި އަޅަމެން އެދެނީ ޞިރާޠުމަގުގައި އަޅަމެންގެ ފައިތިލަތައް ޘާބިތުކޮށްދެއްވައި، ޞިރާޠުމަގުގައި ނަޖާވާ މީހުންގެ ތެރެއިން ލެއްވުމެވެ! އަދި ނަބިއްޔާ صلى الله عليه وسلم ގެ ޝަފާޢަތް ލިބޭ މީހުންގެ ތެރެއިން ލެއްވުމެވެ!
= ނިމުނީ =
______________________________