[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެތަކެތީގެ ނަޖިސްކަމުގެ މައްޗަށް ދަލީލު ޤާއިމުވެފައިވާ ނަޖިސް ތަކެތި

ދެވަނައީ: އެތަކެތީގެ ނަޖިސްކަމުގެ މައްޗަށް ދަލީލު ޤާއިމުވެފައިވާ ނަޖިސް ތަކެތި

 

1- އާދަމުގެ ދަރިޔާގެ ހޮޑާއި، އޭނާގެ ކުޑަކަމުދާ އެއްޗެއްސާއި، އޭނާގެ ބޮޑުކަމުދާ އެއްޗެހި: މި ތަކެއްޗަކީ ނަޖިސް ތަކެއްޗެވެ. އެއީ ކެއުމަށްޓަކައި ކިރު ނޫން އެހެން އެއްޗެއް ބޭނުން ނުކުރާ ދެ އަހަރުނުވާ ކުޑަ ފިރިހެން ކުއްޖާގެ ކުޑަކަމުދާ ތަކެތި ފިޔަވައެވެ. އެއީ އުންމު ޤައިސްގެ ކިބައިން ރިވާވެފައިވާ ޙަދީޘްގެ ސަބަބުންނެވެ.

عَنْ أُمِّ قَيْسٍ بِنْتِ مِحْصَنٍ رضي الله عنها ((أَنَّهَا أَتَتْ بِابْنٍ لَهَا صَغِيرٍ لَمْ يَأْكُلْ الطَّعَامَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَجْلَسَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي حَجْرِهِ، فَبَالَ عَلَى ثَوْبِهِ ، فَدَعَا بِمَاءٍ فَنَضَحَهُ وَلَمْ يَغْسِلْهُ)) . [رواه البخاري (223) ومسلم (287)]

އުންމު ޤައިސް ބިންތު މިޙްޞަން ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރިވާވެގެންވެއެވެ. “ކާ އުމުރަށް ނުފޯރާ އެކަމަނާގެ ޅަ ފިރިހެން ދަރިއަކު ގޮވައިގެން އެކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު، އެކަލޭގެފާނުގެ އުނގުކޮޅުގައި އެކުއްޖާ ބޭންދެވިއެވެ. އެހިނދު އެކުއްޖާ އެކަލޭގެފާނުގެ އުނގުކޮޅަށް ކުޑަކަމުދިޔައެވެ. ދެން ފަހެ އިތުރުއެކަލޭގެފާނު ފެން ގެނައުމަށް އެދިވަޑައިގަތެވެ. ފެން ގެނައުމުން އެކުއްޖާ ކުޑަކަމުދިޔަ ތަނަށް ފެން ވިހުރުވައިލެއްވިއެވެ. ނުއެއް ދޮންނަވައެވެ.”

ފަހެ، ކާބޯތަކެތި ކާ ކުޑަ ފިރިހެންކުއްޖާގެ ކުޑަކަމުދާ ތަކެތި ޖެހިއްޖެނަމަ ޖެހޭނީ ދޮންނާށެވެ. އަދި ކާބޯތަކެތި ކާ ޢުމުރަށް ނުފޯރާ އަންހެންކުއްޖާގެ ކުޑަކަމުދާތަކެތި ޖެހިއްޖެނަމަވެސް ޖެހޭނީ ދޮންނާށެވެ. އެއީ ހަމަ ބޮޑެތިމީހުންގެ ކުޑަކަމުދާ ތަކެތި ފަދައިންނެވެ.

 

2- މަސްކެޔުން ހުއްދަ ޖަނަވާރުން (ކަތިލާ ވަގުތު) އޮހޮރިގެން އަންނަ ލޭ: ފަހެ އެފަދަ ޖަނަވާރުގެ މަހުގައި އަދި ނާރުތަކުގައި ހުންނަ ލެޔަކީ ޠާހިރު އެއްޗެކެވެ. (އެބަހީ: އެ ކަތިލުމަށް ފަހުގައި، އޭގެ މަސްގަނޑުގަޔާއި ނާރުތަކުގައި ބޭރުނުވެ ހުންނަ ލެއެވެ.) އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅުގެ ސަބަބުންނެވެ.

﴿أَوْ دَمًا مَّسْفُوحًا﴾ [الأنعام 145]

“ނުވަތަ އޮހޮރޭ ލޭ ކަމުގައި”

އެލެއަކީ އެއީ އޮހޮރިގެން އަންނަ ލެއެވެ.

 

3- މަސްކެއުން ހުއްދަ ނޫން ޖަނަވާރުގެ ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާ ތަކެތި: މިސާލަކަށް: ބުޅާ އަދި މީދަލުގެ ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާ ތަކެތި.

 

4- މަރުވެފައިވާ ތަކެތި: މަރުވެފައިވާ ތަކެތީގެ މުރާދަކީ ޝަރްޢީ ޛަބަޙަކުރުމަކާ ނުލައި ކޮންމެވެސް އެހެން ގޮތަކަށް މަރުވެފައިވާ ތަކެއްޗެވެ.

﴿إِلَّا أَن يَكُونَ مَيْتَةً﴾ [الأنعام 145]

“އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި”

މޫދު މަހާއި ގޮށްފުޅަނގި، މަރުވެފައިވާ ތަކެތީން އިސްތިސްނާވެގެންވެއެވެ. އަދި އޭގައި އޮހޮރޭ ލޭ ނުހުންނަ، ހިންޏާއި މެހިފަދަ ތަކެތިވެސް އިސްތިސްނާވެގެން ވެއެވެ. އެތަކެއްޗަކީ ޠާހިރު ތަކެއްޗެވެ.

 

5- މަޛްޔު: މިއީ ކުރިމަތިފަރާތު ދޮރުން ނުކުންނަ ކުލައެއް ނެތް ސާފު އޮލަ ފެނެކެވެ. މިފެން ނުކުންނަނީ ޖިންސީ ޚިޔާލުކުރާ ވަޤުތު ނުވަތަ ޖިންސީ ގުޅުމުގެ ކުރީކޮޅުގައެވެ. މި ފެން ނުކުންނަނީ މަނި ނުކުންނަ ގޮތާ ޚިލާފަށް، ހަށިގަނޑަށް ބާރު އެރުމެއް ނެތިއެވެ. އަދި މިފެން ނުކުތުމަށްފަހު ހަށިގަނޑަށް ބަލިކަށިކަމެއް ނާދެއެވެ. އަދި ބައެއް ފަހަރު އެފެން ބޭރުވާކަން އޭނާއަށް ނުވެސް އެނގޭނެއެވެ. މިއީ ނަޖިސް ފެނެކެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޢަލީ ރަޟިޔަﷲ ޢަންހުއަށް މިފަދައިން ޙަދީޘްކުރައްވާފައިވާތީއެވެ.

((تَوَضَّأْ وَاغْسِلْ ذَكَرَكَ)) [رواه البخاري 269]

“ތިބާ ވުޟޫކުރާށެވެ. އަދި ތިބާގެ ޛަކަރު ދޮންނާށެވެ.”

އެބަހީ މަޛްޔު އައުމުންނެވެ. މަޛްޔު އައުމުން ހިނައިގަންނަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުނުކުރައްވައެވެ. އެއީ ލުއިފަސޭހަކޮށް ދެއްވުމުގެ ގޮތުންނެވެ. އެހެނީ އެއީ އޭގެން ސަލާމަތްވުން އުނދަގޫ އެއްޗެކެވެ.

 

6- ވަދްޔު: މިއީ ކުޑަކަމުދިއުމަށް ފަހު ކުޑަކަމުދާ ދޮރުން ބައެއް ފަހަރު ނުކުންނަ ހުދުކުލައިގެ އޮލަ ފެނެކެވެ. އެފެން އައިސްފި މީހާ، އޭނާގެ ކުރިމަތިފަރާތް ދޮވެ، ވުޟޫކުރާނީއެވެ. އޭނާ ހިނައިގަންނާކަށް ނުޖެހޭނެއެވެ.

 

7- ޙައިޟުގެ ލޭ: އަސްމާ ބިންތު އަބޫ ބަކްރު ރަޟިޔަﷲ ޢަންހާގެ ޙަދީޘްގައިވާ ފަދައިންނެވެ.

عن أسماء بنت أبي بكر رضي الله عنها قالت : ((جَاءَت امرَأَةٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيهِ وَسَلَّمَ فَقَالَت : إِحدَانَا يُصِيبُ ثَوبَهَا مِن دَمِ الحَيضَةِ كَيفَ تَصنَعُ بِهِ ؟ قَالَ : تَحُتُّهُ ثُمَّ تَقرُصُهُ بِالمَاءِ ثُمَّ تَنضَحُهُ ثُمَّ تُصَلِّي فِيهِ)) [رواه البخاري (227) ومسلم (291)]

އަސްމާ ބިންތު އަބޫ ބަކްރު ރަޟިޔަﷲ ޢަންހާގެ ވިދާޅުވިއެވެ.

“ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނަކު އައިސް ދެންނެވިއެވެ. “އަހަރެމެންގެ ތެރެއިން މީހެއްގެ ފޭރާމުގައި ޙައިޟުގެ ލޭ ހޭކިއްޖެނަމަ، އެ ޠާޙިރުކުރާނީ ކިހިނެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “(ލޭތައް) ކަހާލާށެވެ. އޭގެ ފަހުގައި ފެންލައިގެން އުނގުޅާލާށެވެ. އޭގެ ފަހުގައި އެ ދޮވެލާށެވެ. އޭގެ ފަހުގައި އެ ފޭރާމުގައި ނަމާދު ކުރިޔަސް މައްސަލައެއް ނެތެވެ. (އެބަހީ: ރަނގަޅަށް އެ ދޮވުމުން އެހާރުން އެވަނީ އެ ފޭރާން ޠާހިރުވެފައެވެ.)””


الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية