ތަފްސީރުގެ މަންހަޖު
- އެކަލޭގެފާނު ތަފްސީރު ކުރެއްވުމުގައި ގެންގުޅުއްވާފައިވަނީ ފަސޭހަ، ކުރު ޢިބާރާތްތަކެވެ. އެކަލޭގެފާނުގެ ބަސްމަގުގައި އުނދަގޫކަމެއް ނުވެއެވެ. އަދި ދިގުކުރެއްވުމެއްވެސް ނުވެއެވެ. މިގޮތުން އެހެން ބައެއް ތަފްސީރު ފޮތްތަކުގައި ޢަޤީދާގެ މައްސަލަތަކަށާއި ޝަރުޢީ މައްސަލަތަކަށް އިތުރަށް ޙުއްޖަތް ދެއްކެވުމުގެ ގޮތުން މަންޠިޤީ ދަލީލުތަކާއި މިފަދަ ޙުއްޖަތްތައް ގެންނަވާފައިވީ ކަމުގައިވިޔަސް، އަލްއިމާމް ބަޣަވީ އެކަމުން ދުރުހެލިވެވަޑައިގެންފައިވެއެވެ. އެކަލޭގެފާނުގެ މަންހަޖަކީ ޤުރްއާނުގެ ޣަރީބު ކަލިމަތައް ގެނެސްދެއްވުމާއި އޭގެ މާނައާއި މުރާދު ޤުރްއާނާއި ސުންނަތުގެ އަލީގައި ބަޔާންކޮށްދެއްވުމެވެ.
- އަހްލުއްސުންނާ ވަލް ޖަމާޢަތުގެ ޢަޤީދާއާއި އެކު އެހެނިހެން ޢަޤީދާގެ މަޛްހަބުތަކުގެ ރައުޔު ގެންނެވުމަށް ފަހު އަހްލުއްސުންނާގެ ކޮޅަށް ބުރަވެވަޑައިގަނެއެވެ. މިސާލަކަށް މުޢުތަޒިލާއިން ﴿لَّا تُدْرِكُهُ الْأَبْصَارُ﴾ މިއާޔަތަށް ބުރަވެ ﷲ ތަޢާލާ ޤިޔާމަތް ދުވަހުންވެސް ލޮލަށް ނުފެންނާނޭކަމަށް ގެންނަ ދަލީލަށް އެއާޔަތުގެ ތަފްސީރުގައި ބަޙުޘްކުރައްވާ، މުއުމިނުންނަށް އެކަލާނގެ ޤިޔާމަތް ދުވަހުން ފެންނާނޭ ކަމަށްވާ ރައުޔަށް ބުރަވެވަޑައިގެން، އެކޮޅަށް ދަލީލު ގެންނަވައެވެ. (تفسير البغوي – إحياء التراث (2/ 148))
- އެކަލޭގެފާނު ތަފްސިރު ކުރެއްވުމުގައި ގެންގުޅުއްވާ އުސްލޫބަކީ ފުރަތަމަ ޤުރްއާނުން ޤުރްއާނު ތަފްސީރު ކުރެއްވުމެވެ. އަދި ހަމައެއާއެކު މާތް ނަބިއްޔާ g ގެ ސުންނަތުންނާއި ޞަޙާބީންގެ ބަސްފުޅުތަކުން ތަފްސީރުކުރެއްވުމެވެ. އަދި އެބަސްފުޅުތަކާއެކު ތާބިޢީންނާއި މުޖުތަހިދު ޢިލްމުވެރިންގެ ބަސްފުޅުތައް ގެންނަވައެވެ.
މިސާލު: ސޫރަތުލް ފާތިޙާގައި އަލްޙަމްދުގެ މާނަކުރައްވަމުން، ޙަމްދާއި ޝުކުރުގެ ފަރަޤު ބަޔާންކުރެއްވިއެވެ. އަދި ވިދާޅުވެފައިވެއެވެ. އަލްޙަމްދަކީ ދުލުގެ ޢަމަލެކެވެ. އަދި އައްޝުކުރު އަންނާނީ ގުނަވަންތަކުންނެވެ. އަދި އޭގެ ދަލީލަކަށް ޤުރްއާނުގެ މި ދެ އާޔަތް ގެންނަވައެވެ.
وَقُلِ الْحَمْدُ لِلَّـهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا ﴿١١١﴾
މާނައީ: އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ ރަސްކަލާނގެއެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން سلامة ކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް تكبير ވިދާޅުވާށެވެ!
يَعْمَلُونَ لَهُ مَا يَشَاءُ مِن مَّحَارِيبَ وَتَمَاثِيلَ وَجِفَانٍ كَالْجَوَابِ وَقُدُورٍ رَّاسِيَاتٍ ۚ اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ﴿١٣﴾
މާނައީ: އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ. (تفسير البغوي – طيبة (1/ 52)، المحقق: حققه وخرج أحاديثه محمد عبد الله النمر – عثمان جمعة ضميرية – سليمان مسلم الحرش، الناشر: دار طيبة للنشر والتوزيع، الطبعة: الرابعة، 1417 هـ – 1997 م)
ސުންނަތުން ތަފްސީރު ކުރެއްވުމުގެ މިސާލަކީ ރޯދަ ހިފާ ވަޤުތު ބަޔާންކޮށްދެއްވުމުގެ ގޮތުން ބާއްވާލެއްވުނު ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގެ ތަފްސީރުގައި ޙަދީޘެއް ގެންނަވާ ހުދު ރޮއްޖާއި ކަޅު ރޮދި ޝަރަޙަކުރެއްވުމެވެ. تفسير البغوي – إحياء التراث (1/ 229)
ޞަޙާބީންނާއި ތާބިޢީން އަދި މުޖްތަހިދުންގެ ބަސްފުޅު ގެންނެވުމުގައި އެކަލޭގެފާނު ސަނަދު ދޫކުރައްވައެވެ. އަދި އިބްނު ޢައްބާސް މިފަދައިން ވިދާޅުވިއެވެ، މިފަދަ ޢިބާރާތަކުން ނިންމަވާލައްވައެވެ. އެކަލޭގެފާނުގެ ފޮތުގައި މައުޟޫޢު ޙަދީޘަތަކާއި ބިދުޢަވެރި ރައުޔުތައް ނުގެންނަވައެވެ. އަދި މުންކަރު ހަދީޘްތައް ދޫކޮށްލައްވައެވެ.
އެހެނަސް އެކަލޭގެފާނުގެ ތަފްސީރުގައި އަލްކަލްބީގެ (އަބޫ އައްނަޟިރު މުޙައްމަދު ބިން އައްސާއިބު) ގެ ރިވާޔަތްތައް ގެންނަވާފައިވެއެވެ. އަލްކަލްބީއާއި މެދު އިބްނިލް ޖައުޒީ އެކަލޭގެފާނުގެ ފޮތް އަލްމައުޟޫޢާތުގައި ލިޔުއްވާފައިވެއެވެ. “ޙަދީޘް އުފައްދާ ވައްޟާޢުންގެ އެންމެ ބޮޑެތި މީހުންގެ ތެރޭގައި ވަހުބް ބިން ވަހުބާއި މުޙައްމަދު ބިން އައްސާއިބު އަލްކަލްބީ ހިމެނެއެވެ.” އަދި ހަމަ އެފަދައިން މުޢުތަމިރު ބިން ސުލައިމާން އެކަލޭގެފާނުގެ ބައްޕާގެ ކިބައިން ރިވާ ކުރެއްވިއެވެ. “ކޫފާގައި ދެދޮގުވެރިންވެއެވެ. އޭގެ ތެރެއިން އެކަކީ އަލްކަލްބީއެވެ.”
މިގޮތަށް ޢަމަލުކުރައްވާފައިވަނީ ޙުއްޖަތް ދެއްކެވުމުގެ ގޮތުންނެއް ނޫނެވެ. އެހެނަސް އެއާޔަތުގެ މާނައާއި މެދު ވާރިދުވެފައިވާ ހުރިހާ މާނަތަކެއް މީސްތަކުންނާއި ހަމައަށް ފޯރުކޮށްދިނުމަށެވެ. އެހެނީ އަލްކަލްބީއަކީ ކާކުކަމާއި، އޭނާއާއި މެދު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތަކީ މީސްތަކުންނަށް އެނގިގެންވާ އެއްޗެކެވެ.
- އެކަލޭގެފާނު ގިނަ ޙަދީޘްތައް ރިވާކުރައްވާފައިވަނީ ސަނަދު ފުރިހަމަ ކުރައްވައިގެންނެވެ.
މިސާލު: ފުރަތަމަަ މުޖައްލަދުގެ 55 ވަނަ ޞަފްޙާގައި ފާތިޙާގެ ޙުކުމްތައް ގެންނަވަމުން އިމާމާ ފާތިޙާ ސޫރަތުގެ ފަހު އާޔަތް ނިމޭ އިރަށް މައުމޫމުން އާމީން ކިޔުމަށް ބާރު އަޅުއްވާފައިވާ ޙަދީޡް ގެންނަވާފައިވަނީ ޞަޙާބީއާއި އެކު ސަނަދު ފުރިހަމަ ކުރައްވައިގެންނެވެ. (تفسير البغوي – طيبة (1/ 55)، المحقق: حققه وخرج أحاديثه محمد عبد الله النمر – عثمان جمعة ضميرية – سليمان مسلم الحرش، الناشر: دار طيبة للنشر والتوزيع، الطبعة: الرابعة، 1417 هـ – 1997 م)
ސަނަދު ދޫކުރައްވާފައިވާ ޙަދީޘްތަކުގެ ތެރޭގައި ޞަފްޙާ 59، އެއްވަނަ މުޖައްލަދުގައިވާ
قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((أَفْضَلُ الصَّلَاةِ طُولُ الْقُنُوتِ)) މިޙަދީޘް ހިމެނެއެވެ. (تفسير البغوي – إحياء التراث (1/ 159) ع «79»)
= ނުނިމޭ =
_____________________________