5. ސޫރަތް ފެއްޓެވުމުގެ ކުރިން ސޫރަތަކީ މައްކީ ސޫރަތެއްތޯ ނުވަތަ މަދަނީ ސޫރަތެއްތޯ ބަޔާންކުރައްވައެވެ. އަދި އެޙުކުމުން އިސްތިސްނާވާ އާޔަތްތައް ބަޔާންކުރައްވައެވެ. މިސާލު: ފުރަތަމަ މުޖައްލަދުގެ 59 ވަނަ ޞަފްޙާގައި ބަޤަރާ ސޫރަތް ފެއްޓެވުމުގެ ކުރިން މަދަނީ ސޫރަތެއްކަން ބަޔާންކުރައްވާފައި އޮތުން. (تفسير البغوي – طيبة (1/ 59)، المحقق: حققه وخرج أحاديثه محمد عبد الله النمر – عثمان جمعة ضميرية – سليمان مسلم الحرش، الناشر: دار طيبة للنشر والتوزيع، الطبعة: الرابعة، 1417 هـ – 1997 م)
6. އާޔަތާއި ގުޅޭ ފިޤްހީ ޙުކުމްތައް ބަޔާންކުރައްވާ އެކަމާއި ގުޅޭ އާޔަތްތަކާއި ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތައް ގެންނަވައެވެ.
މިސާލު: ފުރަތަމަަ މުޖައްލަދުގެ 55 ވަނަ ޞަފްޙާގައި ފާތިޙާގެ ޙުކުމްތައް ގެންނަވަމުން އިމާމުމީހާ ފާތިޙާ ސޫރަތުގެ ފަހު އާޔަތް ނިމޭ އިރަށް މައުމޫމުން އާމީން ކިޔުމަށް ބާރު އަޅުއްވާފައިވާ ޙަދީޡް ގެންނަވާފައި ވެއެވެ. (تفسير البغوي – طيبة (1/ 55)، المحقق: حققه وخرج أحاديثه محمد عبد الله النمر – عثمان جمعة ضميرية – سليمان مسلم الحرش، الناشر: دار طيبة للنشر والتوزيع، الطبعة: الرابعة، 1417 هـ – 1997 م)
7. އާޔަތެއްގެ ތަފްސީރުގައި ސަލަފުންގެ ޢިލްމުވެރިންގެ އަރިހުން ވާރިދުވެފައިވާ ޚިލާފު ނަޤުލު ކުރައްވާއިރު ވަކި ގޮތެއް ރާޖިޙު ނުކުރައްވާ ގެންނަވައެވެ.
މިސާލު: وَالْتَفَّتِ السَّاقُ بِالسَّاقِ ﴿٢٩﴾ މާނައީ: “އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައި ލެވޭހިނދެވެ.”
މިއާޔަތުގެ ތަފްސީރުގައި ޤަތާދާ (ދަތިކަމުގެ މައްޗަށް ދަތި)، ޢަޠާއު (މަރުގެ ދަތިކަމުގެ މައްޗަށް އާޚިރަތުގެ ދަތިކަން)، ސަޢީދު ބިން ޖުބައިރު (ފުލުފުލުން އޭނާގެ މައްޗަށް ދަތިތައް އައުން)، އިބްނު ޢައްބާސް (ދުނިޔޭގެ ކަންކަމާއި އާޚިރަތުގެ ކަންކަން އެއްވުން)، މުޖާހިދު (އިންސާނައިގެ ގައިގައި ޙަޔާތާއި މަރު އެއްތަންވުން)، އައްޝަޢުބީ (މަރުގެ ވަގުތު ދެފަޔަށްވާ ގޮތަށް ނިސްބަޔް ކުރައްވާ) މިހުރިހާ ބޭބޭކަލުންގެ ރައުޔު ގެންނަވާފައިވެއެވެ. އެހެނަސް އެއްވެސް ރައުޔެއް ރާޖިޙެއް ނުކުރައްވައެވެ. (މަޢާލިމުއް ތަންޒީލި 4/424-425، އަލްވަޖީޒް ފީ މަނާހިޖިލް މުފައްސިރީން، ސ73)
8. ައެކަލޭގެފާނު ޤިރާއަތްތަކުގެ ވާހަކަ ގެންނަވާފައިވަނީ، ޤިރާއަތް ބަދަލުވާ ގޮތުން މާނައަށް ތަފާތުކަމެއް އަންނަނަމައެވެ. މިގޮތުން ސޫރަތުލް އަޙްޒާބުގެ 33 ވަނަ އާޔަތުގައިވާ ﴿وَقَرْنَ فِي بُيُوتِكُنَّ﴾ މިއާޔަތުގައިވާ (وقرن) ޤާފުގައި އަބަފިލި ޖެހިގެންނާއި (ޢާޞިމް އަދި މަދީނާގެ އަހުލުވެރިންގެ ޤިރާއަތް) އަދި އިބިފިލި ޖެހިގެން ރިވާކުރައްވާފައިވެއެވެ.
9. އެކަލޭގެފާނު ގިނަ ތަންތަނުގައި އިސްރާއީލިއްޔަ ރިވާޔަތްތައް ނުގެންނެވި ކަމުގައިވިޔަސް، މަދު ފަހަރަކު މިފަދަ ރިވާޔަތްތައް ނަޤުލު ކުރައްވާފައިވެއެވެ. އެހެނަސް މިއީ ކުރީގެ ގިނަ ތަފްސިރާއި އަޅާކިޔާއިރު ޚާއްޞަކޮށް މަދު ފަހަރަކު ނޫނީ ނުކުރައްވާ ކަމެކެވެ. މީގެ މިސާލަކީ ހާރޫތު މާރޫތު ދެމަލާއިކަތުންގެ ވާހަކައާއި އެކު ބުރުސޫރަ ރީތި އަންހެނަކާއި މެދު އަންނަ ރިވާޔަތް ގެންނެވުމެވެ.
ނިންމުން
އަލްއިމާމް އަލްބަޣަވީގެ ތަފްސީރަކީ ޢިބާރާތުގެ ގޮތުން ފަސޭހަވުމުގެ އިތުރުން، މިތަފްސީރު ކުރައްވާފައިވަނީ މައުޘޫރުކޮށް، ޤުރްއާނާއި ސުންނަތުގެ އަލީގައެވެ. އިސްރާއީލިއްޔަ ރިވާޔަތްތައް މަދުފަހަރަކު މެނުވީ ނުހިމަނުއްވައެވެ. އަދި މައުޟޫޢު ޙަދީޘްތައް ނުހިމަނުއްވައެވެ. މިހެންކަމުން މިފޮތުގެ ޢިލްމީ ޤަދަރު މަތިވެރިވުމާއި އެއްވަރަށް، ތަފްސީރު އުނގެނުމަށް ފަށައިގަންނަ ދަރިވަރުންނަށް މިފޮތުން ކުރާނޭ ފައިދާ ބޮޑެވެ.
ރިފަރެންސް
ޢަފާފް ޢަބްދުލްޣަފޫރު ޙަމީދު. (1983). އަލްބަޣަވީ ވަމަންހަޖުހޫ ފިއްތަފްސީރި. ބަޣުދާދު: މަކްތަބަތުލް އިރުޝާދި.
ޢަފާފް ޢަލީ އައްނައްޖާރު. (ތ.ނ.). އަލްވަޖީޒް ފީ މަނާހިޖިލް މުފައްސިރީން. އަލްޤާހިރާ: ޖާމިޢަތުލް އަޒްހަރް.
އަލްބަޣަވީ. (ތ.ނ.). މަޢާލިމުއް ތަންޒީލި. المحقق : عبد الرزاق المهدي. ނެގީ https://al-maktaba.org/book/12217.
އަލްބަޣަވީ. (ތ.ނ.). މަޢާލިމުއް ތަންޒީލި. المحقق: حققه وخرج أحاديثه محمد عبد الله النمر – عثمان جمعة ضميرية – سليمان مسلم الحرش. ނެގީ https://al-maktaba.org/book/41.