[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަޖިސް ޠާހިރު ކުރާނޭ ގޮތް

ތިންވަނައީ: ނަޖިސް ޠާހިރު ކުރާނޭ ގޮތް

 

1- ނަޖިސްހުރީ ބިންގަނޑުގައި ނުވަތަ ތަނެއްގައިނަމަ، އެއްފަހަރު ދޮވެލުމުން ފުދޭނެއެވެ. ފެންނަން ހުރި ނަޖިހުގެ އަސަރު ފިލައިދިޔުމުން ޠާހިރުވީއެވެ. އެތަނަށް އެއްފަހަރު ފެން އެޅުމުން ފުދޭނެއެވެ. އެއީ މިސްކިތަށް ކުޑަކަމު ދިޔަ އަޢުރާބީ ކުޑަކަމުދިޔަ ތަނާމެދު އެފަދައިން ކަންތައްކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރައްވާފައިވާތީއެވެ. (ބުޚާރީ 220 މުސްލިމް 284)

 

2- ނަޖިސް ހުރީ ބިންމަތީގައި ނޫން ތަނެއްގައި ނަމަ: މިސާލަކަށް ފޭރާމުގައި ނުވަތަ ކަންވާރުގައި ނަމަ، އަދި އެކަންވާރަކަށް ކުއްތާ ދޫލާފައިވާނަމަ، ހަތްފަހަރު ދޮންނަން ޖެހޭނެއެވެ. އަދި އޭގެ ތެރެއިން އެއްފަހަރު ވެލި ލައިގެންނެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްގެ ސަބަބުންނެވެ.

((إِذَا وَلَغَ  الْكَلْبُ فِيْ إِنَاءِ أَحَدِكُمْ أَنْ فَلْيَغْسِلْهُ سَبْعًا أُوْلَاهُنَّ بِالتُّرَابِ)). (رواه مسلم 279)

“ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކަންވާރަށް ކުއްތާ ދޫލައިފިނަމަ، ފަހެ، އޭނާ ހަތްފަހަރު އެ ދޮންނާށެވެ. ފުރަތަމަ ފަހަރު ވެލީންނެވެ.”

މި ޙުކުމަކީ ކުއްތާ ދޫލާ ހުރިހާ ތަކެއްޗަށް ޢާންމު ޙުކުމެކެވެ. އެގޮތުން ފޭރާމާއި ގޭތެރޭގައި ގެންގުޅޭ ސާމާނުވެސް މިފަދައެވެ.

ފަހެ އޫރުގެ ނަޖިސް ދަންނައެވެ. މިކަމުގައި ޞައްޙަ ވެގެންވާ ބަހަކީ އޫރުގެ ނަޖިހަކީ އެހެން ނަޖިސްތަކާއި އެއް ޙުކުމެއްގައިވާ އެއްޗެކެވެ. އެއްފަހަރު ދޮވެލުމުން ފުދޭނެއެވެ. ފެންނަން ހުންނަ ނަޖިހުގެ އަސަރު ފިލައިދިޔުމުން ފުދޭނެއެވެ. ހަތް ފަހަރު ދޮވުމަކީ ޝަރުޠެއް ނޫނެވެ.

ނަޖިހަކީ ކުޑަކަމުދާ ތަކެތި ނުވަތަ ބޮޑުކަމުދާ ތަކެތި ނުވަތަ ލޭނަމަ، އެ ފިލަންދެން ކޭއްތުމާއެކު ފެނުން ދޮންނާނީއެވެ. އޭގެ އެއްވެސް އަސަރެއް ނެތި ފިލައްޖެއުމަށް ދާންދެނެވެ. (ކާއްތާލުމަށްފަހު) އެއްފަހަރު ދޮވެލުމުންވެސް ފުދޭނެއެވެ.

ކިރުނޫން އެހެން ކާއެއްޗެއް ނުކާ ކުޑަ ފިރިހެން ކުއްޖާގެ ކުޑަކަމުދާ ތަކެތި ޠާހިރު ކުރުމުގައި ފެން ބުރުވާލުމުން ފުދޭނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވާފައިވާތީއެވެ.

((بَوْلُ الْغُلاَمِ يُنْضَحُ عَلَيْهِ، وَبَوْلُ الْجَارِيَةِ يُغْسَلُ)) [رواه أبو داود 376 والنسائي 303 وابن ماجة 526 وصححه الألباني في صحيح النسائي 293] 

“(ހަމައެކަނި މައިމީހާގެ ކިރުބޯ) ޅަފިރިހެންކުއްޖާ ކުޑަކަމުދާ ތަނަށް ފެން ވިހުރުވައިލާށެވެ. (އެބަހީ: އެގޮތް ފުދޭނެއެވެ.) އަދި އެފަދަ އަންހެންކުއްޖާ ކުޑަކަމުދިޔުމުން އެތަނެއް ދޮންނާށެވެ. (އެބަހީ: ފުދޭނީ އެގޮތެވެ.)”

އެއީ ބަޔާންވެދިޔަ އުންމު ޤައިސްގެ ޙަދީޘްގައިވާ ފަދައިންނެވެ.

ފަހެ، މަރުވެފައިވާ ޖަނަވާރުގެ ހަން (އެބަހީ: އޭގެ ތެރެއިން މަސްކެއުން ހުއްދަ ބާވަތްތަކުގެ ޖަނަވާރުގެ ހަން) ދިބާޣުކުރުމުން ޠާހިރުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްގެ ސަބަބުންނެވެ.

«أَيُّمَا إِهَابٍ دُبِغَ فَقَدْ طَهُرَ» [رواه الترمذي برقم 1650 ومسلم برقم 366 بلفظ إذا دبغ الإهاب فقد طهر]

“މަރުވެފައިވާ ޖަނާވަރުގެ ހަން ދިބާޣުކުރެވިއްޖެނަމަ ހަމަކަށަވަރުން ޠާޙިރުވެއްޖެއެވެ.”

ޙައިޟުގެ ލޭ ފޭރާމުގައި ޖެހިފައިވާނަމަ، އެ ފެންލައިގެން އުނގުޅާ، އޭގެ ފަހުގައި ފެނުން ދޮންނާނީއެވެ. އޭގެ ފަހުގައި އެ ފޭރާމުގައި ނަމާދު ކުރިޔަސް މައްސަލައެއް ނެތެވެ.

ފަހެ މުސްލިމުމީހާގެ މައްޗަށް ވަނީ، އޭނާގެ ހަށިގަނޑާއި، އޭނާ ނަމާދުކުރާ ތަނާއި، އޭނާ ނަމާދު ކުރާ ފޭރާން ނަޖިހުން ޠާހިރުކޮށް ބެހެއްޓުމަށް ސަލާމުކަން ދިނުމެވެ. އެހެނީ އެއީ ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ.


الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية