[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބައިތުލްމަޤްދިސްގެ މާތްކަން – 2

* ޢީސާ ބުން މަރްޔަމް عليه السلام ގެ އަތްޕުޅުން ދައްޖާލު ޤަތުލުވާނީ ބައިތުލް މަޤްދިސްގެ ކައިރީގައިއެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

«يَقتُلُ ابنُ مَرْيَمَ الدَّجَّالَ بِبِابِ لُدٍّ» [رواه مسلم 2937]

މާނައީ: “މަރްޔަމްގެފާނުގެ ދަރިކަލުން، ދައްޖާލު ޤަތުލު ކުރައްވާނީ “ލުއްދު”އަށް ވަންނަ ދޮރޯށި ކައިރިންނެވެ.”

“ލުއްދު”އަކީ ބައިތުލް މަޤްދިސްގެ ކައިރީގައިވާ ތަނެކެވެ.

 

* އިސްރާއާއި މިޢުރާޖުގެ ރޭ، ނަބިއްޔާ صلى الله عليه وسلم އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް ވަޑައިގެންނެވިއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى﴾ [سورة الإسراء ١]

މާނައީ: “އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ.”

 

* އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ.

ބަރާއު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

«أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى إِلَى بَيْتِ المَقْدِسِ سِتَّةَ عَشَرَ شَهْرًا، أَوْ سَبْعَةَ عَشَرَ شَهْرًا» [رواه البخاري 4486 – واللفظ له – ومسلم 525]

މާނައީ: “ހަމަކަށަވަރުން ނަބިއްޔާ  صلى الله عليه وسلم 16 ނުވަތަ 17 މަހު، ބައިތުލް މަޤްދިސްއަށް ކުރިމަތިލައްވާ ނަމާދުކުރެއްވިއެވެ.”

 

* ބައިތުލް މަޤްދިސްއަކީ ވަޙީ ބާވައިލެއްވުނު ބިމެކެވެ. އެއީ އެތައް ނަބީބޭކަލުންނެއް އުޅުއްވި ރަށެވެ.

 

* ބައިތުލް މަޤްދިސްއަކީ (ވަކި މިސްކިތެއްގައި އަޅުކަން ކުރުމުގެ ޤަޞްދުގައި) ދަތުރު ހަދައިގެން އެމިސްކިތްތަކަށް ދިއުން ހުއްދަ ކުރައްވާފައިވާ 3 މިސްކިތުގެ ތެރެއިން މިސްކިތެކެވެ.

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لاَ تُشَدُّ الرِّحَالُ إِلَّا إِلَى ثَلاَثَةِ مَسَاجِدَ: المَسْجِدِ الحَرَامِ، وَمَسْجِدِ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَمَسْجِدِ الأَقْصَى» [رواه البخاري 1189 ومسلم 1397]

މާނައީ: “(ވަކި މިސްކިތެއްގައި އަޅުކަން ކުރުމުގެ ޤަޞްދުގައި) ތިން މިސްކިތަކަށް ފިޔަވާ ދަތުރުހަދައިގެން ދިޔުމެއް ނުވެއެވެ. އެއީ މަސްޖިދުލް ޙަރާމް އާއި ރަސޫލުﷲ صلى الله عليه وسلم ގެ މިސްކިތާއި މަސްޖިދުލް އަޤްޞާއެވެ.”

މިތިން މިސްކިތް ފިޔަވާ މިބިމުގައިވާ އެއްވެސް ތަނަކަށް، އަޅުކަން ކުރުމަށް ޤަޞްދުކޮށް ދަތުރު ހަދައިގެން ދިއުން ހުއްދަވެގެން ނުވެއެވެ.

____________________

މަޞްދަރު

 

މިލިޔުމުގެ އެހެން ބައިތައް