ޝިޔަޢީންގެ ބާތިލު ޢަޤީދާތަކުގެ ޚުލާޞާ:
- ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އެބަޔަކަށް ޘަނާކިޔުއްވާފައިވާ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންގެ ތެރެއިން މަދުބޭކަލުންނެއް ފިޔަވާ އެންމެންނަކީ ކާފިރުންކަމުގައި ޝިޔަޢީން ޤަބޫލުކުރެއެވެ.
 - މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން ކީރިތި ޤުރުއާނަށް ބަދަލު ގެނެސްފައިވާކަމަށާއި، މުޞްޙަފު ފާތިމާގެ ނަމުންވާ ޝިޔަޢީންގެ ޚާއްސަ މުޞްޙަފެއްވާކަމަށް ޤަބޫލުކުރުއެވެ. (ނަމަވެސް މިބުނާ މުޞްޙަފަކީ ވުޖޫދުގައިވާ މުޞްޙަފެއްނޫނެވެ).
 - މާތް ނަބިއްޔާ صلى الله عليه وسلم އަށްފަހު ޚިލާފަތު ޙައްޤުވެގެންވަނީ ޢަލީގެފާނަށް ކަމަށާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނަކީ، ޢަލީގެފާނުގެ އަތްޕުޅުން ޚިލާފަތު ފޭރިގެންފައިވާ ބައެއްކަމުގެ އިލްޒާމުއަޅުވައެވެ.
 - التَّقِيَّةُ: އޭގެ މުރާދަކީ އޮޅުވާލުމުގެ ގޮތުން ދޮގުހެދުމުގެ އައްޑަނައިގެ ބޭނުންކޮށްގެން އެމީހަކު ޤަބޫލުނުކުރާ ކަމެއްގެ ވާހަކަ ދެއްކުމެވެ. މިފަދައިން ދޮގުހަދައި އޮޅުވާލުމަކީ ޝިޔަޢީންގެ ދީނީ އަސްލެކެވެ. މިއައްޑަނައިގެ ބޭނުން ނުކުރާމީހަކީ ނަމާދު އަޅާމީހަކާ އެބައިމީހުން އެއްފަދަކުރެއެވެ. އަދި އެފަދަމީހެއްގެ އީމާންކަމެއް ނުވާކަމަށްވެސް އެބައިމީހުން ޤަބޫލުކުރެއެވެ. ޝިޔަޢީން މިއައްޑަނައިގެ ބޭނުންކުރަނީ ސުންނީންނަށް އޮޅުވާލުމަށެވެ. ޝިޔަޢީއަކާއި ބައްދަލުވެ ސުންނީއަކު ޝިޔަޢީންގެ ބާތިލު ޢަޤީދާތަކުގެ ވާހަކަ ދައްކައިފިނަމަ މިއައްޑަނައިގެ ބޭނުންކޮށްގެން އެފަދަ ޢަޤީދާތައް ޤަބޫލުނުކުރާކަމަށް ބުނެ ދޮގުހަދާނެއެވެ. ނަމަވެސް ޝިޔަޢީންގެ މުޢުތަބަރު ފޮތްތަކުން ޙަވާލާދީ އެބައިމީހުންގެ ބާތިލު ޢަޤީދާތަކުގެ ވާހަކަތައް ބަޔާންކުރެވިއްޖެނަމަ އެބައިމީހުންގެ ދޫތައް ބަންދުވެގެންދެއެވެ.
 - އިމާމަތުކަން: ޝިޔަޢީންގެ ބާތިލު މަޒްހަބު ބިނާވެފައިވަނީ ބާރަ އިމާމުންގެ މައްޗަށެވެ. އެއިމާމުންނަކީ ޝަރީޢަތުގެ ހުރިހާ ޢިލްމަކާއި، ސިއްރަކާއި، ޣައިބުގެ ޢިލްމުތައް އެނގޭ ބައެއްކަމަށް އެބައިމީހުން ޤަބޫލުކުރުއެވެ. އަދި އެއިމާމުންނަށް ޙަލާލާއި ޙަރާމް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންވާކަމާއި، އިމާމަތުކަމަކީ މަލާއިކަތުންނާއި ނަބިއްޔުންނާއި ރަސޫލުންނަށްވުރެ މާތް މަޤާމެއްކަމާއި، އިމާމުންގެ އަތްމައްޗަށް ރަސޫލުންނެކޭ އެއްފަދައިން މުޢުޖިޒާތްތައް ފާޅުވާކަން ޤަބޫލުކުރެއެވެ.
 - އަލްޢިސްމަތު: އޭގެ މުރާދަކީ ޝިޔަޢީންގެ އިމާމުންނަކީ އެންމެހައި ފާފަތަކުންނާއި، ކުށްތަކުންނާއި، ހަނދާންނެތުމުން މަޢުޞޫމްވެގެންވާ ބައެއްކަމަށް ޤަބޫލުކުރުމެވެ.
 - ޣައިބުވުން: އެބަހީ ޝިޔަޢީންގެ ބާރަވަނަ އިމާމު ހޮހޮޅައެއްގައި ޣައިބުވެގެންވާކަމާއި، ފަހު ޒަމާނުގައި ހޮހަޅައިން ނިކުމެ އެބައިމީހުންނަށް ނަސްރުދޭނެކަމަށް ޤަބޫލުކުރުމެވެ. ފަހުޒަމާނުގައި ފާޅުވާނެ މަހުދީގެފާނަކީ މި ބާރަވަނަ އިމާމުކަމަށް އެބައިމީހުން ޤަބޫލުކުރެއެވެ.
 - ބަރީއަވުން: އެބަހީ މުސްލިމުންގެ ފުރަތަމަ ތިންޚަލީފާއިން ކަމުގައިވާ އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނުގެ ކިބައިން ބަރީއަވުމެވެ. އެބައިމީހުން ކުރާ ކޮންމެ ކަމެއްގައި ޙަމްދު ޞަލަވާތަށްފަހުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ލަޢުނަތްދިނުމަކީ ޝިޔަޢީންގެ ދީނީ ވާޖިބެކެވެ.
 - މުތުޢާ ކައިވެނީގެ ދަރިންނަކީ ޝިޔަޢީންގެ ގާތުގައި ޙަލާލު އަނބިމީހާއަށް ލިބޭ ދަރިންނަށްވުރެ މާތް ބައެކެވެ. އަދި މުތުޢާ ކައިވެންޏަށް އިންކާރުކުރާ މީހުންނަކީ މުރުތައްދުންކަމަށް އެބައިމީހުން ޤަބޫލުކުރެއެވެ.
 - ޢީދު ޣަދީރު ޚުމް: ޛުލް ޙިއްޖާ މަހުގެ އަޝާރަ ވަނަ ދުވަހަކީ ނަބިއްޔާ صلى الله عليه وسلم ޢަލީގެފާނާއި ޚިލާފަތު ހަވާލުކުރެއްވި ދުވަސް ކަމަށް ޝިޔަޢީން ޤަބޫލުކުރެއެވެ. ޝިޔަޢީން މިދުވަސް ޢީދެއްގެ ގޮތުގައި ވަރަށް ކުލަގަދަކޮށް ފާހަނގަކުރެއެވެ. މިޢީދަކީ އަޟްޙާ ޢީދާއި ފިތުރު ޢީދަށްވުރެ އެބައިމީހުން މާތްކޮށްހިތާ ޢީދެކެވެ.
 - ފާޅުވުން ނުވަތަ ކަޝްފުވުން: އެބަހީ ވަންހަނާވެފައި އޮތްކަމެއް ފާޅުވެ ބަޔާންވުމެވެ. ޝަޔަޢީން މިކަން މާނަކުރާގޮތަކީ ﷲ ތަޢާލާއަށް ވަންހަނާވެފައިވާ (އެބަހީ ﷲ ތަޢާލާގެ ޢިލްމުފުޅުގައިވާ ނުވާ) ބައެއްކަންކަންވާކަމާއި، އެފަދަކަންކަމުގެ ޢިލްމު ﷲ ތަޢާލާއަށް ކަޝްފުވުމެވެ. (މިފަދައިން ﷲ ތަޢާލާއަށް ޖާހިލުކަން ނިސްބަތްކުރުމަކީ ކަނޑައެޅި ބަޔާންވެގެންވާ ކުފުރުގެ ޢަމަލެކެވެ).
 
-ނުނިމޭ-
(ނޯޓް: މިޢަޤީދާތަކުގެ އިތުރު ތަފްސީލު ކުރިޔަށްހުރި ބައިތަކުން إن شاء الله ލިބިގެންދާނެއެވެ)
				
								
















