[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 2 ، د 1 – އިސްލާމްކަން ގެއްލޭ ކަންތައްތައް)

އިސްލާމްކަން ގެއްލޭ ކަންތައްތައް

 

ދަންނާށެވެ! އިސްލާމްކަން ގެއްލޭ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑެތި ކަންތައްތަކުގެ ތެރޭގައި ދިހަ ކަމެއް ހިމެނެއެވެ.

ފުރަތަމައީ: ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި އެއިލާހަށް ޝަރީކުކުރުމެވެ. (އެބަހީ: އެހެން ފަރާތެއް ބައިވެރިކުރުމެވެ.) އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚوَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا‎﴾ [سورة النساء ٤٨]

މާނައީ: “ހަމަކަށަވަރުން ﷲ، އެއިލާހަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެ ނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވާނެއެވެ. އަދި ﷲއަށް ޝަރީކުކުރާމީހާ (ދަންނައެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގެއްހަދައި ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ﴾ [سورة المائدة ٧٢] ‎

މާނައީ: “ހަމަކަށަވަރުން ﷲއަށް ޝަރީކުކުރާ މީހާ (ދަންނައެވެ!) ފަހެ ﷲ އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިކަން ކަށަވަރެވެ. އަދި އެމީހެއްގެ ހިޔާވެހިކަމަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުރާ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”

އެކަމުގެ ތެރޭގައި ﷲ ނޫން ފަރާތަކަށް (ޖަނަވާރެއް) ކަތިލުން ހިމެނެއެވެ. އެއީ ޖިންނީންނަށް ނުވަތަ މަރުވެފައިވާ މީހަކަށް (މާތްކޮށް ހިތުމުގެ ގޮތުން ނުވަތަ ކުއްތަންވުމުގެ ގޮތުން) ކަތިލުން ފަދަ ކަންކަމެވެ.

ދެވަނައީ: އެ މީހަކާ މާތް ﷲ އާ ދެމެދު މެދެވެރިންތަކެއް ލައިފި މީހެކެވެ. އެ ފަރާތްތަކަށް (އެބަހީ: އެ މެދުވެރިންނަށް) ދުޢާކޮށް، ޝަފާޢަތަށް އެދި، ވަކީލުކޮށްފި މީހަކު ދަންނައެވެ. ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވަނީ އެފަދައިން ޢަމަލުކޮށްފިމީހަކީ ކާފިރެއްކަމުގައެވެ.

ތިންވަނައީ: މުޝްރިކުން ކާފިރު ނުކޮށް ނުވަތަ އެމީހުންގެ ކާފިރުކަމާމެދު ޝައްކުކޮށް ނުވަތަ އެމީހުންގެ ގޮތަކީ ރަނގަޅު ގޮތްކަމުގައި ޤަބޫލުކުރާ މީހާއެވެ. ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވަނީ އެފަދައިން ޢަމަލުކޮށްފިމީހަކީ ކާފިރެއްކަމުގައެވެ. [1]

 

ފިލާވަޅުގެ އިރުޝާދުތައް

 

* އިސްލާމްކަން ގެއްލޭ ކަންތައްތަކަކީ އެކަމެއް ކުރުމުން މީހެއްގެ އިސްލާމްކަން ބާޠިލުވެ، އެމީހަކު ކާފިރަކަށްވެ، މިއްލަތުން ބޭރުވާ ކަންތައްތަކެވެ.

* ޝިރުކުކުރުމަކީ: ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެއްގައި އެހެން ފަރާތެއް އެއިލާހާ ހަމަހަމަކުރުމެވެ. އެއީ އެންމެ ބޮޑު ފާފައެވެ. އަދި އެއީ އެއިލާހުގެ ރައްބުވަންތަކަމާއި ހަމައެކަނި އެއިލާހަށް އަޅުކަން ޙައްޤުވެގެންވާކަން ނަފީކުރުމެވެ.

މިޘާލު: ﷲ ތަޢާލާއަށް އަޅުކަންކުރާ ފަދައިން ޢީސާގެފާނަށް ނުވަތަ މަލާއިކަތަކަށް އަޅުކަންކުރުމެވެ.

ނުވަތަ ﷲއަށް އަދާކުރަން ޖެހޭ އަޅުކަމެއް ޖިންނިއަކަށް ނުވަތަ މަރުވެފައިވާ މީހަކަށް އަދާކުރުމެވެ. އެއީ ޖިންނިއަކަށްޓަކައި އެއްޗެއް ކަތިލުމެވެ. ނުވަތަ މަރުވެފައިވާ މީހަކަށް ކުއްތަންވުމުގެ ގޮތުން އެއްޗެއް ކަތިލުމެވެ.

ނުވަތަ ﷲ ނޫން ފަރާތަކަށް ނަދުރުބުނުމެވެ. މިޘާލަކަށް ތިމަންނައަށް މިވެނި ކަމެއް ޙާޞިލުވެއްޖެނަމަ އުތީމު ގަނޑުވަރަށް މިވެނިކަމެއް ކޮށްދޭނަމޭ ބުނުމެވެ.

* އެ މީހަކާ މާތް ﷲ އާ ދެމެދު މެދެވެރިންތަކެއް ލުމުގެ މިޘާލަކީ: މަރުވެފައިވާ މީހުންގެ ކިބައިން ކަންތައްތައް ކޮށްދިނުމަށް އެދި ދުޢާކުރުމާއި ބޮޑެތި ކަންތައްތައް ޖެހުމުން އެބައިމީހުންގެ ގާތުން އެކަންކަން ކޮށްދިނުމަށް އެދުމެވެ. ނުވަތަ މަރުވެފައިވާ މީހުންނަށް ދުޢާކޮށްފައި ﷲ ގެ ޙަޟްރަތުގައި ދުޢާކުރާމީހާ އެދޭ ކަންތައްތައް ދަންނަވާ ދެއްވުމަށް އެދި ބުނުމެވެ. އަދި ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެ ދިނުމަށާއި މެދުވެރިންތަކެއް ކަމުގައި ވުމަށް، މަރުވެފައިވާ މީހުންގެ ކިބައިން އެދުންވެސް އެކަމުގައި ހިމެނޭނެއެވެ. މިއީ އިސްލާމީ އުންމަތުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ.

* މީހަކު މަރުވުމުން އެމީހެއްގެ މައްޗަށް ކަށުނަމާދުކުރަނީ މަރުވެފައިވާ މީހާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށެވެ. މަރުވެފައިވާ މީހުންނަކީ ދިރި ތިބީންނަށް އެއްވެސް ފައިދާއެއް ކޮށްދެވޭނެ ބައެއް ނޫނެވެ.

މަރުވެފައިވާ މީހެއްގެ ކިބައިން ކަމަކަށް އެދުމަކީ ބޮޑު ޝިރުކެވެ.

* މުޝްރިކުން ކާފިރު ނުކޮށް ނުވަތަ އެމީހުންގެ ކާފިރުކަމާމެދު ޝައްކުކޮށް ނުވަތަ އެމީހުންގެ ގޮތަކީ ރަނގަޅު ގޮތްކަމުގައި ޤަބޫލުކުރާ މީހާ ކާފިރުވަނީ އެފަދަ މީހަކު ޤުރުއާނާއި ސުންނަތަށް އިންކާރުކުރާތީއެވެ.

– މުޝްރިކުން ކާފިރު ނުކުރުމުގެ މިޘާލަކީ ނުވަތަ އެމީހުންގެ ކާފިރުކަމާމެދު ޝައްކުކުރުމުގެ މިޘާލަކީ: ޔަހޫދީންނަކީ ނުވަތަ ނަޞާރާއިންނަކީ ނުވަތަ ބުދަށް އަޅުކަންކުރާ މީހުންނަކީ އެއީ ކާފިރުން ނޫންކަމުގައި ބުނުމެވެ. ނުވަތަ އެކަމާމެދު ޝައްކުކުރުމެވެ.

– އެމީހުންގެ ގޮތަކީ ރަނގަޅު ގޮތްކަމުގައި ޤަބޫލުކުރާ މީހާގެ މިސާލަކީ: ކާފިރުންގެ ޢަޤީދާތަކުގެ ތެރެއިން ކުފުރު ޢަޤީދާއަކާ ބެހޭގޮތުން އެއީ ރަނގަޅު ގޮތެއްކަމުގައި ބުނުމެވެ. އަދި އެބައިމީހުންގެ ކުފުރުގެ މަޛުހަބުތަކަކީ ރަނގަޅު ގޮތްތަކެއްކަމަށް ޤަބޫލުކުރުމަކީވެސް އެފަދަ ކަމެކެވެ. [2]

* އިސްލާމްކަން ގެއްލޭ ކަމަކަށް މީހަކު އަރައިގެންފިނަމަ، އެމީހަކީ ކާފިރެއްކަމަށް ޢިލްމުވެރިން ކަނޑައަޅުއްވަނީ ޝަރުޠުތަކެއް ފުރިހަމަވެ، އެކަން މަނާކުރާ ކަންތައްތައް އެމީހެއްގެ ކިބައިން ފިލައިގެން ދިޔުމުންނެވެ. [3]

 

ސުވާލުތައް

 

1- އިސްލާމްކަން ގެއްލޭ ކިތައް ކަންތައް ވޭ ހެއްޔެވެ؟

2- އެ މީހަކާ މާތް ﷲ އާ ދެމެދު މެދެވެރިންތަކެއް ލުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

3- ޝިރުކުކުރާ ޙާލު މަރުވެއްޖެމީހެއްގެ ފާފަ، ﷲ ތަޢާލާ ފުއްސަވާދެއްވާނެ ހެއްޔެވެ؟ އެކަމުގެ ދަލީލު ބަޔާންކުރާށެވެ.

 

= ނުނިމޭ =


[1] މިއީ نواقض الإسلام ގެ ނަމުން ނަން ދެވިފައިވާ ރިސާލާގެ ބައިތަކެކެވެ.

[2] ބައްލަވާ: شرح نواقض الإسلام لعبدالرزاق البدر (ص: 31 – 32).

[3] مادة التوحيد ގެ މަތީ ގްރޭޑުތަކުގައި މިކަމުގެ ތަފްޞީލުތަކަށް އަލިއަޅުވާލެވޭނެއެވެ. إن شاء الله.

 

مادة التوحيد ٦