الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރޯދަވެރިޔާގެ ދުޢާގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކުގައި، ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވޭނެކަމަށް ވާރިދުވެފައިވެއެވެ.
ތިރްމިޛީ ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((ثَلاَثٌ لاَ تُرَدُّ دَعْوَتُهُمْ، الإِمَامُ العَادِلُ، وَالصَّائِمُ حِينَ يُفْطِرُ، وَدَعْوَةُ الْمَظْلُومِ)). [رواه الترمذي (2526)، وصححه الألباني في صحيح وضعيف سنن الترمذي]
މާނައީ: “ތިން މީހެއްޖެ ދުޢާ ރައްދުނުކުރެވޭނެއެވެ. އެއީ ޢަދުލުވެރި އިމާމާއި ރޯދަވެރިޔާ ރޯދަ ވީއްލާ ހިނދުގައްޔާއި އަނިޔާ ލިބެމުން ދާ މީހާގެ ދުޢާއެވެ.”
އަދި އިމާމު އަޙްމަދުގެ އަރިހުން ރިވާވެގެންވެއެވެ.
((وَالصَّائِمُ حَتَّى يُفْطِرَ)) [رواه أحمد (8043)، وصححه شعيب الأرنؤوط في تحقيق المسند]
މާނައީ: “އަދި ރޯދަވެރިޔާ ރޯދަ ވީއްލައިފުމަށް ދާންދެނެވެ.”
އެހެންކަމުން ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވޭނެ ވަގުތަކީ ރޯދައަށް ހުންނަ ވަގުތުން ފެށިގެން ރޯދަ ވީއްލަން ފައްޓަންދެނެވެ. އަދި އެއަށް ފަހުގައެއް ނޫނެވެ.
އަލްމުނާވީ رحمه الله ވިދާޅުވިއެވެ.
މާނައީ: “އެއް ރިވާޔަތުގައިވަނީ ‘އަދި ރޯދަވެރިޔާ ރޯދަ ވީއްލައިފުމަށް ދާންދެނެވެ.’ އަނެއް ރިވާޔާތުގައިވަނީ ‘ރޯދަ ވީއްލާ ހިނދުގައެވެ.’ އެބަހީ: ރޯދަވީއްލާ ވަގުތު ނުވަތަ ރޯދަވީއްލައިފުމަށް ދާންދެނެވެ.” [التيسير شرح الجامع الصغير (1 / 477)
އަދި މުއްލާ ޢަލީ އަލްޤާރީ رحمه الله ވިދާޅުވިއެވެ.
” ‘ރޯދަ ވީއްލާ ހިނދުގައެވެ.’ އެހެނީ ރޯދަވީއްލުމަކީ އަޅުކަމަކަށް ފަހު ކުރާކަމެކެވެ. އަދި އެކަންކުރަނީ ނިކަމެތިކަމާއި މަޑުމޮޅިކަމާ އެކުގައެވެ.” [مرقاة المفاتيح (4 / 1534)]
އައްޝައިޚް އިބްނު ޢުޘައިމީން رحمه الله އަށް ސުވާލު ދެންނެވުނެވެ.
ރޯދަވީއްލާ ވަގުތުގައި ރޯދަވެރިޔާއަށް މުސްތަޖާބު ދުޢާއެއްވާކަމަށް ވާރިދުވެގެންވެއެވެ. އެ ދުޢާކުރަން ޖެހޭނީ ކޮން ވަގުތެއްގައި ހެއްޔެވެ؟ ރޯދަ ވީއްލުމުގެ ކުރިން ހެއްޔެވެ؟ ނުވަތަ ރޯދަ ވީއްލަމުން ހެއްޔެވެ؟ ނުވަތަ ރޯދަވީއްލާފަ ހެއްޔެވެ؟ އެވަގުތުގައި ކިޔުމަށް ވަކި ޚާއްޞަ ދުޢާއެއް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވޭ ހެއްޔެވެ؟ ނުވަތަ އެވަގުތުގައި ވަކި ޚާއްޞަ ދުޢާއެއް ކުރުމަށް ޝައިޚް އިރުދާދު ދެއްވަން ހެއްޔެވެ؟
ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ.
“ދުޢާކުރާނީ އިރު އޮއްސުމުންނެވެ. ރޯދަ ވީއްލުމުގެ ކުރިންނެވެ. އެހެނީ އެ ވަގުތަކީ ނިކަމެތިކަމާއި މަޑުމޮޅިކަމާއި ﷲ ތަޢާލާއަށް ދުޢާ ދެންނެވޭނެ ވަގުތެކެވެ. އަދި އޭނާ އެވަގުތުގައި ރޯދައަށް ހުރެ ދުޢާކުރުމުން، އެ ހުރިހާ ކަމަކީވެސް ދުޢާ އިޖާބަކުރެއްވޭ ސަބަބުތަކެވެ.
ރޯދަ ވީއްލުމަށް ފަހު ދުޢާކުރުމާ މެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެހާ ހިސާބުން ނަފްސުވާނީ އުފާވެ، ހަމަޖެހިފައެވެ. އަދި ޣާފިލުކަމެއްވެސް މެދުވެރިވެދާނެއެވެ. އެހެނަސް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން – އަންނަނިވި ޛިކުރު ޞައްހަކޮށް ވާރިދުވެފައިވާނަމަ – އެ ޛިކުރު ކިޔާނީ ރޯދަވީއްލުމަށް ފަހުގައެވެ.
«ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ» [رواه أبو داود (2357) وحسنه الألباني في صحيح أبي داود (2041)]
މާނައީ: ““ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ، އަޖުރު ސާބިތުވެއްޖެއެވެ.”
ރޯދަވީއްލުމަށް ފަހުގައި މެނުވީ މި ޛިކުރެއް ނުކިޔާނެއެވެ…
ފަހެ ތިބާ މުޙްތާޖުވެފައިވާ ކަމަކަށް، މުނާސަބު ދުޢާއެއް ތިބާ ކުރާށެވެ.”
[اللقاء الشهري (8 / 25)]
އެހެންކަމުން ރޯދަވީއްލުމުގެ ކުރިންނާއި ރޯދަވީއްލާ ހިނދުގައިވެސް ދުޢާކުރުމަށް
ސަމާލުވާށެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރޯދަވީއްލުމަށް ފަހުގައިވާ ވަގުތުވެސް އެވަގުތުގައި ޝާމިލުވާނެ ކަމަށެވެ. އެބަހީ: ރޯދަ ވީއްލަން ފެށުމަށް ފަހުގައެވެ.
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީގެ ފަތުވާގައިވެއެވެ.
“ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ لِلصَّائِمِ عِنْدَ فِطْرِهِ دَعْوَةً لَا تُرَدُّ»
މާނައީ: “ހަމަކަށަވަރުން ރައްދުނުކުރެވޭނެ ދުޢާއެއް، ރޯދަވީއްލާ އިރުގައި ރޯދަވެރިޔާއަށް ވެއެވެ.”
މިޙަދީޘްގައި، ‘ރޯދަވީއްލާ ވަގުތުގައި’ ގެ މުރާދަކީ ކޮބާ ހެއްޔެވެ؟ އެއީ ރޯދަ ވީއްލުމުގެ ކުޑަ ހިނދުކޮޅެއް ކުރިން ރޯދަވެރިޔާ ކުރާ ދުޢާ ހެއްޔެވެ؟ ނުވަތަ ރޯދަވީއްލައިގެން ވަގުތުން ކުރާ ދުޢާ ހެއްޔެވެ؟
ތިޔަ ޙަދީޘް ރިވާކުރެއްވީ އިބްނު މާޖާއެވެ. الزوائد ގައި ވެއެވެ. އެ ޙަދީޘްގެ ސަނަދު ޞައްޙައެވެ. ރޯދަ ވީއްލުމުގެ ކުރިންވެސް އަދި ފަހުންވެސް ދުޢާ ކުރެވޭނެ އެވެ. އެހެނީ (عند) ‘ރޯދަވީއްލާ އިރުގައި’ މި ލަފްޒުގައި އެ ދެ ޙާލަތްވެސް ޝާމިލުވެއެވެ.”