މި މުސްނަދުގެ އަހައްމިއްޔަތު:
ޙަންބަލު (ބުން އިސްޙާޤު) ވިދާޅުވިއެވެ.
“އިމާމު އަޙްމަދު ބުން ޙަންބަލު، ތިމަންކަލޭގެފާނާއި ޞާލިޙާއި ޢަބްދުﷲ ގެންނަވާފައިވާ ތިމަންބޭކަލުންނަށް ކިޔާ ދެއްވިއެވެ. – އަދި ތިމަންބޭކަލުން ފިޔަވާ އެހެން ބަޔަކަށް އެޔެއް ނުކިޔައިދެއްވަފައެވެ. – އަދި ވިދާޅުވިއެވެ. މިފޮތުގައި ވާނީ ތިމަންކަލޭގެފާނު ޖަމާކުރި ހަތްސަތޭކަ ފަންސާސް ހާސް ޙަދީޘުން ހޮވާލާފައިވާ ޙަދީޘްތަކެއް ޖަމާކޮށްފައެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްތޯ މުސްލިމުން ޚިލާފުވާ ޙަދީޘްތަކަށް ބަލާފައި، އެ ޙަދީޘް މިފޮތުގައި އޮތްތޯ ބަލާށެވެ. މި ފޮތުގައި އެ ޙަދީޘް ނުވާނަމަ އެއީ ޙުއްޖަތެއްކަމަށް ނުބަލާށެވެ.”
އަލްއިމާމު އައްޛަހަބީ ވިދާޅުވިއެވެ.
“މި ބަސްފުޅުގެ މުރާދަކީ ގިނަ ޙަދީޘްތަކުގެ ވާހަކައެވެ. މުސްނަދު އަޙްމަދުގައި ނުވާ ރަނގަޅު ޙަދީޘްތަކެއް ޞައްޙަ ފޮތްތަކުގައްޔާއި ސުނަން ފޮތްތަކުގައްޔާއި އެކި ޖުޒުއު ތަކުގައި ތިމަންބޭކަލުންނަށް ވަނީ ލިބިފައެވެ. އަދި މުސްނަދު ތަހުޛީބުކުރެއްވުމުގެ ކުރިން އިމާމު އަޙްމަދުވަނީ އެރިވާކުރުން ހުއްޓާލައްވާފައެވެ. (އެކަލޭގެފާނު މުސްނަދު ރިވާކުރެއްވީ އެ ތަހުޛީބުކުރެއްވުމުގެ ކުރިންނެވެ. ސަބަބަކީ އޭގެ ކުރިން މަރުވެދާނެކަމުގެ ބިރަށްޓަކައެވެ.) އެއީ އެކަލޭގެފާނުގެ އަވަހާރަވުމުގެ ތޭރަ އަހަރުކުރިންނެވެ. އެހެންކަމުން އެކަލޭގެފާނުގެ ފޮތުގައި ތަކުރާރުވެފައިވާ ޙަދީޘްތަކަކާއި އެއް މުސްނަދު އަނެއް މުސްނަދުގެ ތެރެއަށް ވަދެފައިވާ ތަން ފެންނާނެއެވެ. އަދި ވަރަށް ނާދިރު ފަހަރެއްގައި އެއް ސަނަދު އަނެއް ސަނަދުގެ ތެރެއަށް ވަދެފައިވާ ތަންވެސް ފެންނާނެއެވެ.” [1]
އަދި އަބޫ މޫސާ މުޙައްމަދު ބުން އަބޫ ބަކުރު އަލްމަދީނީ ވިދާޅުވިއެވެ.
މި ފޮތަކީ (ޢިލްމުގެ) ވަރަށް ބޮޑު އަޞްލެކެވެ. އަދި ޙަދީޘްގެ އަހުލުވެރިންނަށް ހުރި އިތުބާރުހުރި މަރުޖިޢެކެވެ. މި ޙަދީޘްތައް ޚިޔާރުކޮށްފައިވަނީ އެކަލޭގެފާނު އަޑުއަހާފައިވާ ވަރަށް ގިނަ ޙަދީޘްތަކުގެ ތެރެއިން ހޮވާލައިގެންނެވެ. އެހެންވެ މިފޮތްވަނީ މީސްތަކުން ތަބާވާ މުޢުތަމަދު ފޮތަކަށެވެ. އަދި ޚިލާފުތަކުގައި ރުޖޫޢަވެވޭ މުސްތަނަދަކަށެވެ.” [2]
= ނުނިމޭ =
[1] މުތަރުޖިމު: އިބްނު ޢަސާކިރު ވިދާޅުވެފައިވަނީ އެކަން ހިނގާފައި އެވަނީ އެ ފޮތް ރިވާކުރި ރާވީންގެ ފުށުންކަމަށެވެ. އިމާމު އަޙްމަދުގެ ފުށުން އެފަދަ ކަމެއް ހިނގާފާނެކަމަށް ހީފުޅުނުވާކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އަދި އިބްނު ޙަޖަރުވެސް މިފަދައިން ވިދާޅުވެފައި ވެއެވެ. (ބައްލަވާ: مقدمة الطبعة الجديدة للمسند الصادرة عن مؤسسة الرسالة (ص: 63)).
[2] انظر: المصعد الأحمد لابن الجزري المطبوع في مقدمة المسند بتحقيق الشيخ أحمد شاكر 1 / 31 – 33.