މުސްނަދުގައިވާ ޙަދީޘްތަކުގެ ޢަދަދު:
އަލްޙާފިޡު އަބޫ މޫސާ އަލްމަދީނީ ވިދާޅުވިއެވެ.
“ފަހެ އެ ފޮތުގެ ޙަދީޘްގެ ޢަދަދާ މެދު ދަންނައެވެ. އޭގައި ސާޅީސް ހާސް ޙަދީޘްވާކަމަށް އެކި ބޭކަލުންގެ ތުންތުން މަތިން އިވެއެވެ. އެހެން އުޅެނިކޮށް أبو منصور بن زريق القزاز ގެ އަރިހުން ބަޣްދާދުގައި އަންނަނިވި ސަނަދުން އަޑުއިވުނެވެ.
‘އަހަރުމެންނަށް އަބޫ ބަކުރުލް ޚަޠީބު ވިދާޅުވިއެވެ. އަހަރުމެންނަށް ابن المنادي ވިދާޅުވިއެވެ. އެކަލޭގެފާނުގެ ބައްޕަގެ އަރިހުން އެކަލޭގެފާނަށް ވުރެ ގިނައިން – އެބަހީ: ޢަބްދުﷲ ބުން އަޙްމަދު ބުން ޙަންބަލު އަށް ވުރެ ގިނައިން – ރިވާކުރެއްވި އެކަކުވެސް ދުނިޔޭގައި ނުވެއެވެ. އެހެނީ ޢަބްދުﷲ ވަނީ އެކަލޭގެފާނުގެ އަރިހުން އަލްމުސްނަދު އަޑު އަހާފައެވެ. އެއީ ތިރީސް ހާސް ޙަދީޘެވެ. އަދި ތަފްސީރުވެސް އަޑު އަހާފައެވެ. އެއީ އެއްލައްކަ ވިހި ހާސް ޙަދީޘެވެ.’
ابن المنادي އެ ބަޔާންކުރެއްވީ ތަކުރާރުކުރުމެއް ނެތި ވާ ޙަދީޘްތަކުގެ ޢަދަދު ކަމެއް އަދި އެހެން ބޭކަލުން އެ ބަޔާންކުރައްވަނީ ތަކުރާރާ އެކުގައިވާ ޙަދީޘްތަކުގެ ޢަދަދު ކަމެއް ތިމަންކަލޭގެފާނަކަށް އެނގިވަޑައިނުގަންނަވައެވެ. އެގޮތަށް އެކަން އެތްނަމަ އެ ދެބަސްފުޅުވެސް ޞައްޙައެވެ.” [1]
އަދި أبو عبد الله الحسين بن أحمد الأسدي ގެ އަރިހުން أبو موسى ރިވާކުރެއްވި އެވެ. އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “مناقب الإمام أحمد” ގައި ވެއެވެ. ވިދާޅުވިއެވެ. أبو بكر بن مالك [2] ވިދާޅުވަނިކޮށް އަޑު އެހީމެވެ. މުސްނަދުގައިވާ ޖުމްލަ ޙަދީޘްގެ ޢަދަދަކީ ސާޅީސް ހާސް ޙަދީޘެވެ. އެއަށް ވުރެ ތިރީސް ނުވަތަ ސާޅީސް ޙަދީޘް މަދުވެދާނެއެވެ.” [3]
= ނުނިމޭ =
[1] شمس الدين ابن الجزري: المصعد الأحمد ص: 32 – 33 من مقدمة أحمد شاكر للمسند، ولأبي موسى المديني كتاب عن مسند الإمام أحمد اسمه “خصائص المسند” وهو مطبوع في مقدمة المسند بتحقيق أحمد شاكر، وقد طبع مفرداً مراراً في الهند ومصر وغيرهما.
[2] އެއީ: أحمد بن جعفر بن مالك القطيعي، عبد الله بن أحمد بن حنبل ގެ އަރިހުން މުސްނަދު ރިވާކުރެއްވި ބޭކަލެވެ.
[3] شمس الدين ابن الجزري: المصعد الأحمد ص: 32 – 33 من مقدمة المسند لأحمد شاكر.