[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމުގެ ޙައްލު 2

الثقافة ގެ މާނަ:

ޢަރަބި ބަހުގައި ثقافة އަކީވެސް އެހާމެ ތަނަވަސް ލަފްޒެކެވެ. އެގޮތުން ޙަޟާރަތާ ގާތް މާނައެއްގައިވެސް ޘަޤާފަތް ބޭނުންކުރެއެވެ. އަދި އޭގެ އިތުރަށް ޘަޤާފަތްތަކުގެ އެންމެ އަސާސީ އެއްކަމަކީ އެއީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަ ކުރާ ކަންތައްތަކެވެ. އެކަމުގައި މާއްދީ އަދި ފިކުރީ، ޢިލްމީ ކަންތައްތައްވެސް ހިމެނެއެވެ. (އަޙްމަދު މުޚްތާރު، 2008 / 1/318)

އަދި ކަމެއްގައި މޮޅުވެ ކުޅަދާނަވުމަށްވެސް މި ބަހުގެ އަޞްލު ބޭނުންކުރެއެވެ. (އިބްރާހީމު މުޞްޠަފާ / ޞ: 98)

އެހެނަސް އެމާނައަށްވުރެ ފުރަތަމަ މާނަ މިބަޙުޘްގެ ސުރިޚީއާ ގުޅޭ ކަމަށް ފާހަގަވެއެވެ.

ޘަޤާފާގެ އިޞްތިލާޙީ މާނައަށް ބަލާލާއިރު ޘަޤާފަތަކީ: ބަޔެއްގެ އާދަތަކާއި އިޖުތިމާޢީ ހަމަތަކާއި ފިކުރީ އަޘަރުތަކާއި ފަންނީ އަދި އަދަބީ އުސްލޫބުތަކާއި ޢިލްމާ ޓެކްނޮލޮޖީގެ މަގުތަކާއި ފިކުރާއި އިޙުސާސުގެ ވައްޓަފާޅިއާ އަދި ވަކި މުޖުތަމަޢެއްގައި ފެތުރިފައިވާ އަޚްލާޤީ މިންގަނޑުތަކެވެ. (ޑރ. ޖަމީލު ޞަލީބިިޔާ 1994 / ޞ: 378)

 

މުސްލިމުންގެ حضارة އާއި ثقافة ތައް:

އިސްވެ ބަޔާންވެ ދިޔަ އިޞްތިލާޙުތަކުގެ އަލީގައި حضارة އާއި ثقافة، މުސްލިމުންނާ ގުޅުވާލައިގެން “މުސްލިމުންގެ حضارة އާއި ثقافة ތައް” ނުވަތަ އިސްލާމްދީނާ ގުޅުވާލައިގެން “އިސްލާމީ حضارة އާއި ثقافة” ، މިފަދައިން ބުނުމުން ދޭހަވަނީ އެއީ: މުސްލިމު އެކި ޤަބީލާތަކާއި ދަރިފަސްކޮޅުތަކުގެ އަހުލުވެރިން އެކި ޒަމާންތަކުގައި ހޯދާފައިވާ ޢިލްމީ، ފިކުރީ، އުފެއްދުންތެރިކަމުގެ ކުރިއެރުންތަކާއި، އެއް ޖީލަކުން އަނެއް ޖީލަކަށް ވާރުތަ ކުރަމުން އައި އެފަދަ ކަންތައްތަކެވެ. (ޢަބްދުލް ޢަޒީޒު އައްތުވައިޖިރީ  2004/ ޞ: 137)

އިސްލާމީ ޙަޟާރަތުގައި ދެ ބައެއް ހިމެނެއެވެ. އެއީ އިސްލާމްދީނުގެ މަޞްދަރުތަކުގެ އަލީގައި މުސްލިމުންނަށް ލިބުނު ކުރިއެރުން ތަކެވެ. ދެވަނަ ބަޔަކީ ފިކުރީ ގޮތުންނާ އަދި އެކި ތަޖުރިބާތަކުގެ އަލީގައި މުސްލިމުން ހޯދި ކުރިއެރުންތަކެވެ. އިސްލާމީ ޙަޟާރަތް ކުރިއަރައިގެން ގޮސްފައިވަނީ މި ދެބައި އެކުވެގެންނެވެ.

އިސްލާމީ ޙަޟާރަތް ފެށިފައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައެވެ. ދެން އެ ޙަޟާރަތް ކުރި އަރާ އުޖާލާވެފައިވަނީ ހަތަރު ޚަލީފާއިންގެ (11- 40هـ)،  ގެ ދުވަސްވަރުގައެެވެ. ދެން އެއަށްފަހު އުމަވީ ދައުލަތުގައި (41 – 132هـ) އެ ޙަޟާރަތުގެ ޢުމްރާނީ ތަރައްޤީއާއި ފިކުރީ ޢިލްމީ އާ އުސްމިންތަކެއް ޙާޞިލު ކުރިއެވެ. އެއަށްފަހު ޢައްބާސީ ދައުލަތުގައި އެ ޙަޟާރަތް އިތުރަށް ފުޅާވެގެން ދިޔައެވެ. އަދި އަންދަލުސްއަކީ އޭރުގެ ޢިލްމީ މަރުކަޒަކަށްވެގެން ދިޔައެވެ. އަދި މަމާލީކުންގެ ދުވަސްވަރުގައިވެސް ކުރިއެރުންތަކެއް ހޯދައި ޢުޘްމާނީ ޚިލާފަތުގައި އާ އިޖާދުތަކާ އަޘަރުތައް ދޫކުރިއެވެ. އަދި މިއަދުވެސް އެފަދަ ގިނަ އަޘަރުތަކެއް އެބައިމީހުން ވެރިކަން ކުރި ތަންތަނުގައި ފެންނަން އެބަ ހުއްޓެވެ.

ނަމަވެސް މިކަމުގައި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއެއް އެބަވެއެވެ. އަޅުގަނޑުމެންނީ މުސްލިމުންނަށް ވީ ހިނދު، އަޅުގަނޑުމެންނަށް ޘަޤާފަތްތަކުގެ ގޮތުގައި ނުވަތަ ޙަޟާރީ ކުރިއެރުންތަކުގެ ގޮތުގައި ކޮންމެ ކަމެއް ބަލައެއް ނުގަނެވޭނެއެވެ. މިފަދަ ކަންތައްތައް އިސްލާާމީ عقيدة އާ ފުށޫ އަރައިގެން ނުވާނެއެވެ.

ރަސޫލުބޭކަލުންގެ ސުންނަތަކީ އަދި ثقافة އަކީ ވެސް ހަމައެކަނި ﷲ އަށް އަޅުކަންކުރުމުގެ މައްޗަށް ބިނާވެފައިވާ، އިސްލާމްދީނުގެ ގިއުގަނޑުގެ މަތީގައި ބިންގާއެޅިފައިވާ އެއްޗެކެވެ. ވުމާއެކު އެބޭކަލުންގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް އައިސްފައިވާ ރިވެތި ޘަޤާފާތްތައް އަޅުގަނޑުމެން ދިރުވަން ޖެހޭނެއެވެ.

އިސްލާމްދީނަކީ އެއްކައުވަންތަކަމުގެ ދީނެވެ. މިކަމާ ފުށޫ އަރުވަން އެތައް باطل ފިރުޤާތަކެއްް މަސައްކަތް ކުރިއެވެ. އެގޮތުން ބާޠިނީންނާއި ޝީޢީންނާއި ޞޫފީންނާވެސް އެކަމުގައި ހިމެނެއެވެ. މިބައިމީހުން އެތައް ދުއްތުރާލެއް ކުރިމަތި ކުރުވިއިރުވެސް އިސްލާމީ އުންމަތް މިއަދާ ހަމައަށްވެސް އޮތުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ޘަޤާފީ އެއްބައިވަންތަކަމެވެ.

އަސްލަށް ވާޞިލުވާކަމުގައި ވަނީނަމަ މި ދީނާ އެކު އައިސްފައިވާ ފުރިހަމަ ޘަޤާފަތެއް ނުވަތަ އާދަކާދައެއް އެހެން ދީނަކުން ގެނެސްދީފައެއް ނެތެވެ. މީގެ ކުރިން އަންހެން ކުދިން ދިރިތިއްބާ ވަޅުލި އާދަކާދައެއް ވެސް ހިނގައްޖެއެވެ. އެއީ فقير ވެދާނެކަމުގެ ބިރަށެވެ. އެއީ ޖާހިލިއްޔަ ޒަމާނެވެ. ނަމަވެސް އިސްލާމީ ދީން އައިސް މިކަން މަނާކޮށް އެ ޘަޤާފަތު ފުނޑުފުނޑު ކޮށްލިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَيَجْعَلُونَ لِلَّهِ الْبَنَاتِ سُبْحَانَهُ ۙ وَلَهُم مَّا يَشْتَهُونَ ‎﴿٥٧﴾‏ وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ‎﴿٥٨﴾‏ يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ ‎﴿٥٩﴾ [سورة النحل] މާނައީ: ” އަދި ﷲއަށް އަންހެން ދަރިން ވާކަމަށް، އެއުރެން ހަދަތެވެ. އެކަލާނގެ (އެފަދަ ކަންކަމުން) ހުސްطاهر ވެވޮޑިގެންވެއެވެ. އަދި އެއުރެން އެދޭ ތަކެތި، (އެބަހީ: ފިރިހެން ދަރިން) ވަނީ، އެއުރެންނަށްކަމަށް ހަދަތެވެ. (57) އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. (58) އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ. (59)” އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ ދީނީ ثقافة ދިރުވަން ނުކުޅެދިފައެވެ. އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ދީނީ ޘަޤާފަތް ދިރުވަން ލަދުގަނެއެވެ.

ކުރީއްސުރެ އަދާ ހަމައަށް ބެލިކަމުގައިވެސް دين އާއި ثقافة ތައް ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. މިސާލަކަށް އުނު ފޭރާންލުމާއި، عيد ގައި އަތާއަތްޖޯޑުކޮށް سلام ކުރުމާއި ގެތަކަށް ވަނުމުގެ ކުރިން ސަލާންކުރުން ފަދަ  އެތައްކަމެކެވެ. އެކަންކަމާމެދު ޢަމަލުކުރާ ގޮތުގެ ކުދިކުދި ތަފްޞީލުތައް ކޮންމެ މުޖުތަމަޢެއްގައިވެސް ތަފާތެވެ. ދީނާ ފުށު ނާރާ ޘަޤާފީ ކަންތައްތަކެއް އެފަދަ ކަންކަމުގައި މުސްލިމު އެކި މުޖުތަމަޢުތަކުން ފެނެއެވެ. އެއީ އިސްލާމްދީނުގެ ލުއި ފަސޭހަކަމާއި ފުރިހިމަކަމުގެ ތެރެއިންވާ ކަމެެކެވެ.

އެހެންކަމުން ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ ޘަޤާފަތުގެ ތެރޭގައްޔާއި ކުރިއެރުންތަކުގެ ތެރޭގައި ރަަނގަޅާއި ނުބައިވެސް އެބައޮތެވެ. އަދި އެތަނުން ބަލައިގަނެވޭނެ ކަންތައްތަކަކީ ޝަރުޢީ ނައްޞަކާ ތަޢާރުޟު ނުވާ ކަންކަމެވެ. އިސްލާމީ ޙަޟާރަތާއި ޘަޤާފަތުގެ ތެރޭގައި ހިމެނޭނީ ދީނުގެ ނައްޞުތަކާ ފުށު ނާރާ ކަންކަމެވެ.

= ނުނިމޭ =

މިލިޔުމުގެ އެހެންބައިތައް