[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާންމަހަށް ފަހު އަޅުކަމުގައި ޘާބިތުވުން

ދާދި އިހަކަށް ދުވަހު އަޅުގަނޑުމެން އިސްތިޤްބާލުކުރި ރަމަޟާންމަސް މިވަނީ އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔާފައެވެ. ރޯދައިގެ މައްސަރު، ޤުރުއާނުގެ މައްސަރު، ރޭއަޅުކަމުގެ މައްސަރު، ސަދަޤާތާއި ޚައިރާތުގެ މައްސަރު، ފާފަފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރު މިވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ނުކުތާތާތަކެއް ވެއެވެ:

  • ރަމަޟާންމަހު އަޅުގަނޑުމެން އަދާކުރި އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވަންޖެހޭނެއެވެ.

ކުރީ ޒަމާންތަކުގައި އުޅުއްވި ޞާލިޙު ބޭކަލުން ރަމަޟާންމަހަށްފަހު ހަމަސްވަންދެން އެބޭކަލުން ރަމަޟާންމަހުގައި އަދާކުރި އަޅުކަންތައް ޤަބޫލުކުރެއްވުމަށް އެދި ދުޢާ ދަންނަވާކަމުގައިވެއެވެ. އަޅުގަނޑުމެން ކިތަންމެ ވަރަކަށް އަޅުކަންތައް އަދާކުރި ކަމުގައި ވިޔަސް އެއަޅުކަމަކުން އާޚިރުގައި މަންފާއެއް ކުރާނީ އެއަޅުކަމެއް ﷲ ތަޢާލާގެ ޙަޟްރަތުގައި މަޤްބޫލުވެވިގެންނެވެ. އަޅުކަމުގައި އިޚްލާސްތެރިކަން ނެތުމާއި، ދެއްކުންތެރިކަމާއި، މީހުންގެ ޘަނާ ލިބިގަތުމުގެ ބޭނުމުގައި އަޅުކަން އަދާކުރުމަކީ އަޅުކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުނުކުރެއްވެވޭ ސަބަބުތަކެވެ.

  • ރަމަޟާންމަސް ފަދަ ބަރަކާތްތެރި އަޅުކަމުގެ މޫސުމެއް މިންވަރު ކޮށްދެއްވި ކަމަށްޓަކައި ގިނަގިނައިން ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރަންޖެހޭނެއެވެ.

އޭރުން ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ފަދައިން އެފަދަ އިތުރު ފުރުސަތުތައް ދެއްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿لَئِن شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾‏ سورة إبراهيم: 7 މާނައީ: “ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ”.

އެހެންކަމުން މިފުރުސަތުގައި ގިނަގިނައިން ﷲ ތަޢާލާ އަށް ޙަމްދުކޮށް ޝުކުރު އަދާކުރަންޖެހޭނެއެވެ. ޙަމްދާއި ޝުކުރުކުރުންވަނީ ހަމައެކަނި ދުލަކުން ނޫނެވެ. ގުނަވަންތަކުން ޝުކުރު އަދާކުރަންޖެހޭނެއެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ގުނަވަންތައް ކިޔަމަންކުރުވުމުންނެވެ. މިފަދައިން ދުލާއި ގުނަވަންތަކުން ޝުކުރު އަދާނުކޮށް ނިޢުމަތްތަކަށް ކުފުރުވެވޭ ކަމުގައި ވަނީނަމަ ﷲ ތަޢާލާ އެނިޢުމަތްތައް ގެންދަވާފާނެއެވެ. އަދި އެމީހަކު ﷲ ތަޢާލާގެ ޢަޛާބަށް ހުށައެޅިގެން ހިނގައިދާނެއެވެ.

  • ކުރެވުނު އަޅުކަމުގެ މައްޗަށް ބޮޑާވެ ދެއްކުންތެރިކަމުގެ ގޮތުން އެވާހަކަތައް މީހުންނަށް އަޑުއިއްވާ ހެދުމުން ދުރުހެލިވާންވާނެއެވެ.

މިކަމަކީ ބައެއް މީހުންނަށް ކުރިމަތިވާ ބޮޑު އިމްތިޙާނެކެވެ. އަޅުކަންތައް ކުރުމަށް ފަހު އެކަމުގެ މައްޗަށް ބޮޑާވެ ނަފްސާއިމެދު ފަޚުރުވެރިވުމަކީ ޝައިތާނާގެ މަޅިއެކެވެ. ޝައިތާނާގެ މަޤްޞަދަކީ އޭނާގެ މައްޗަށް ގަދަވެގަނެ އަޅާ އަދާކުރި އަޅުކަންތައް، ފަހުންވެސް ބާތިލު އަޅުކަމަކަށް ހެދޭތޯ މަސައްކަތްކުރުމެވެ. އަޅާ އޭނާއަށް ކުރެވުނު އަޅުކަންތަކުގެ މައްޗަށް ފަޚުރުވެރިވެ ދެއްކުންތެރިކަމުގެ ގޮތުންނާއި، މީހުންގެ ޘަނާ ލިބުމުގެ މަޤްޞަދުގައި އެފަދަ ވާހަކަތައް ދެއްކުމަކީ އަޅުކަން ބާތިލްވެދާނެ ކަމެކެވެ. އެހެންކަމުން ޝައިތާނާގެ މިމަޅިއާއި މެދު ހޭވެރިވާންޖެހޭނެއެވެ. އަޅާގެ ޙާލު ހުންނަންޖެހޭނީ އުންމީދާއި ބިރުވެރިކަމެއްގެ ތެރޭގައެވެ. އަޅުކަމުން ޘަވާބު ލިބޭނެކަމުގެ އުންމީދާއި، އަޅުކަން ޤަބޫލުނުވެ ރައްދުކުރެވިދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އަޅުކަންތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުކުރެއްވުނު ކަމުގެ ޢަލާމާތްތަކެއްވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ޢަލާމާތަކީ އަޅުކަމުގެ މޫސުމަށްފަހުގައިވެސް އަޅުކަންތައް އަދާކުރުންމަތީ ދެމިހުރުމުގެ ތައުފީޤު އެމީހަކަށް ލިބުމެވެ.

އެހެންކަމުން ރަމަޟާންމަހު ނަމާދުގެ ވަގުތުތަކަށާއި، ނަމާދުގެ ޖަމާޢަތަށާއި، ސުންނަތް ނަމާދުތަކަށް ރައްކާތެރިވީ ފަދައިން، ރަމަޟާންމަހަށް ފަހުގައިވެސް އެކަންކަމަށް ރައްކާތެރިވެވޭނަމަ އެއީ އެމީހެއްގެ ރަމަޟާންމަހުގެ އަޅުކަން ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެކެވެ. ރަމަޟާންމަހު ޤުރުއާން ކިޔެވުމަށާއި، ޒިކުރުކުރުމަށާއި، ދުޢާކުރުމަށާއި، ޞަދަޤާތްދިނުމަށް ސަމާލުކަންދިން ފަދައިން ރަމަޟާންމަހަށް ފަހުގައިވެސް އެކަންކަމަށް ރައްކާތެރިވެވޭނަމަ އެއީ އެމީހެއްގެ ރަމަޟާންމަހުގެ އަޅުކަން ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެކެވެ.

  • އަޅުކަންތައް ކުރުންމަތީ ޘާބިތު ކޮށްދެއްވުން އެދި ދުޢާ ދަންނަވަންވާނެއެވެ.

ރަމަޟާންމަހު އެންމެންވެސް އަޅުކަމުގައި ހީވާގިވެއެވެ. ރޯދަހިފައި، ޤުރުއާން ކިޔަވައި، ފަރުޟު ނަމާދަށް ރައްކާތެރިވެ، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތާއި، ރޭއަޅުކަންކޮށް، ޞަދަޤާތްދީ ހަދައެވެ. ދުލާއި ލޮލާއި އަތްފައިގެ ގުނަވަންތަކަށް ރައްކާތެރިވެގެން އުޅެއެވެ. ނަމަވެސް ރަމަޟާންމަސް ނިމުމާއި އެކީ މިކަންކަން ހުއްޓާލާ، ނުވަތަ ފަރުވާކުޑަކުރާތަން ފެނެއެވެ. މާނައަކީ ގިނަބަޔަކަށް ރަމަޟާންމަހަށް ފަހުގައި އަޅުކަމުގައި ޘާބިތުނުވެވެއެވެ. އެހެންކަމުން އަޅުކަން އަދާކުރުމުގައި ޘާބިތުކަންދެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން އަންނަނިވި ދުޢާފަދަ ދުޢާތައް ގިނަގިނައިން ކުރެވިދާނެއެވެ.

﴿ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا ﴾ [آل عمران: 8]

މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ!”.

އަދި މާތް ނަބިއްޔާ ﷺ ގިނަގިނައިން ކުރެއްވި ދުޢާއެއްގައިވެއެވެ.

((اللَّهمَّ يا مقلِّبَ القلوبِ، ثبِّتْ قلبي على دينِك))

މާނައީ: “އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީންމަތީ ޘާބިތުކޮށްދެއްވާދޭވެ”.

މާތް ނަބިއްޔާ ﷺ އަޅުކަމެއް ފައްޓަވައިފިނަމަ އެކަމެއްގެ މަތީ ދެމިހުންނަވާ ކަމަށް ޙަދީޘްތަކުގައިވެއެވެ. އަދި އަޅުކަމުގައި ދެމިތިބޭ އަޅުތަކުންނަށް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޘަނާކިޔުއްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ﴾ سورة المعارج:23 މާނައީ: “އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ”. މިއާޔަތުގައި ﷲ ތަޢާލާ މިބަޔާންކުރައްވާ ފަދައިން މުއުމިނުންގެ ސިފައަކީ އެމީހުންގެ ކިބައިން ތަކުލީފު އުފުލެންދެން އަޅުކަމުގައި ދެމިތިބުމެވެ. ﷲ ތަޢާލާ ނަބިއްޔާ ﷺ އަށް އަމުރުކުރެއްވީ މިފަދައިން އަޅުކަމުގައި ދެމިހުރުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ سورة الحجر:99 މާނައީ: “އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!”.

ﷲ ތަޢާލާ އީ ރަމަޟާންމަހުގެ ވެރި ރައްބެވެ. އަދި ޝައްވާލުމަހާއި ހުރިހާ މަހެއްގެ ވެސް ވެރި ރައްބެވެ. އެހެންކަމުން ރަމަޟާންމަހު އަޅުކަން އަދާކުރާފަދައިން އެހެން މައްސަރުތަކުގައިވެސް ﷲ ތަޢާލާއަށް ފުރިހަމައަށް އަޅުކަން އަދާކުރަންޖެހޭނެއެވެ. އަޅުގަނޑުމެންނަކީ މޫސުމީ އަޅުވެރިންކަމުގައި ވެގެންނުވާނެއެވެ. ރަމަޟާން މަހުގައި އަޅުކަންކޮށްފަ ހުއްޓާލާ މީހުންނަކީ އަޅުކަމެއްގެ ގޮތުގައި އެކަން ކުރާ ބައެއް ނޫނެވެ. އެއީ އާދަކާދައެއްގެ ގޮތުގައި އެކަން ކުރާ ބައެއްގެ ފެންނާނެކަމެކެވެ.

އަޅަމެންގެ ރޯދައާއި އެންމެހައި އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުކުރައްވާށި!!! އާމީން