[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީނީ ޙައްދުފަހަނައަޅައިދިއުން ހުއްޓުވުމުގައި ބެލެނިވެރިންގެ ދައުރު

   ދަރިއަކު ދީނަށް ލޯބިޖެހި ނަމާދު ޤާއިމުކޮށް، ނަބިއްޔާ ﷺ ގެ ސުންނަތްތަކަށް ލޯބިކުރާ މަންޒަރު ފެނުމަކީ މައިންބަފައިންގެ ހިތަށް ފިނިކަން ލިއްބައިދޭނެ ކަމެކެވެ. އެއީ ކޮންމެ މަޔަކާއި ބަފަޔަކު ދެކެން ބޭނުންވާނެ މަންޒަރެކެވެ. ނަމަވެސް އެ ދަނޑިވަޅުގައި މައިންބަފައިން ނުވަތަ ބެލެނިވެރިން ސަމާލުވާންޖެހޭ ވަރަށް މުހިންމު ނުކުތާއެއް އެބަވެއެވެ. އެނުކުތާއަށް ސަމާލުކަން ނުދެވިއްޖެނަމަ ހިތަށް ލިބުނު ފިނިކަން ހިތި ވޭނަކަށް ވެދާނެއެވެ.

   މައިންބަފައިންނާއި ބެލެނިވެރިން މިފަދަ ދަނޑިވަޅެއްގައި ސަމާލުކަންދޭން ޖެހޭ ނުކުތާއަކީ، ދަރިއަކު، ނުވަތަ ޢާއިލާގެ ފަރުދަކު، ނުވަތަ ރަޙުމަތްތެރިއަކު ކުރީގެ ނޭތްގާނީ އުޅުންގަނޑު ދޫކޮށް، ދީނަށް ލޯބިޖެހޭ ހިނދު އަވަހަށް އިތުބާރުކުރެވޭ ދީނީ ދަންނަބޭކަލެއްގެ ގާތަށް ގެންގޮސް، ދީނީ އިރުޝާދު ދިނުމަށެވެ.

   ދީނަށް ލޯބިޖެހިގެން އަންނަ ދަނޑިވަޅަކީ ވަރަށް ނާޒުކު ދަނޑިވަޅެކެވެ. ދީނަށް ޖެހުނު ލޯބީގައި ނަފްސު ގޮވާލާނީ ދީނަށްޓަކައި އަވަހަށް ކޮންމެވެސް ކަމެއް ކޮށްދިނުމަށެވެ. އިސްލާމީ އުންމަތަށްޓަކައި ވެވެން އޮތް ޤުރުބާނީއެއް އަވަހަށް ވުމަށެވެ. ޖާނާއި މާލުން ދީނަށް ނަސްރުދިނުމަށެވެ. އެދަނޑިވަޅުގައި އިސްލާމީ އުންމަތް ވެއްޓިފައިވާ ނިކަމެތި ޙާލާއިމެދު އެތަކެއް ކަރުނައެއް އަޅަމުންދާނެއެވެ. އުންމަތުގެ ޙާލާއިމެދު އެތަކެއް ވިސްނުންތަކެއް ވިސްނާނެއެވެ. ހުރިހާ ކާފިރުންނާއި، ދީނަށް ފުރައްސާރަކުރާ މީހުންނަށް ގެއްލުމެއް ދިނުމަށް ހިތަށް އަރާފާނެއެވެ. ކޮންމެވެސް ބިނާއެއް ފުނޑުފުނޑު ކޮށްލުމަށް ހިތަށް އަރާފާނެއެވެ. ފުރައިގެން ހަނގުރާމައަށް ދިއުމަށް ހިތަށް އަރާފާނެއެވެ.

އެހެންކަމުން މިނާޒުކު ޖަޒްބާތީ ދަނޑިވަޅުގައި އޭނާއަށް ދީނީ އިރުޝާދު އަވަހަށް ދޭންވާނެއެވެ. ދީނުގެ މައްޗަށް ޣީރަތްތެރިވެ ހިތުގައި އުފެދޭ ޖަޒުބާތު ދީނީ ޤައިދުތަކުން އަވަހަށް ބަދެލަންޖެހޭނެއެވެ. ރަސޫލާ ﷺ ގެ މަޖިލިސްތަކުގައި ބައެއްފަހަރު މީހުން ބޭއަދަބީ ގޮތަކަށް ކަންތައް ކުރުމުން ބައެއް ޞަޙާބީންވެސް ޖަޒުބާތު އިސްކޮށް އެމީހެއްގެ ބޯ ބުރިކޮށްލުމުގެ އިޒްނަޔަށް ރަސޫލާ ﷺ ގެ އަރިހުން އެދިފައިވެއެވެ. ނަމަވެސް އެފަދަ ދަނޑިވަޅުތަކުގައި އެފަދަ ޖަޒްބާތުގެ މައްޗަށް ގަދަވެގަންނަންޖެހޭ ދީނީ އިރުޝާދު ރަސޫލާ ﷺ ދެއްވުމުން އެކަމުން އެޞަޙަބީއެއް ވަގުތުން މަނާވެގަނެއެވެ. އެހެންކަމުން މިނަބަވީ މަންހަޖާއި އެއްގޮތަށް ދީނަށް ލޯބިޖެހިގެން އަންނަ ދަނޑިވަޅުގައި ހިތުގައި އުފެދޭ ޖަޒުބާތުތައް ޤައިދުކުރާނެ ދީނީ އިރުޝާދު އެކުދިންނަށް އަވަހަށް ދެވެންވާނެއެވެ. އެއިރުޝާދުތައް ނުލިބިއްޖެނަމަ އެކުއްޖަކު ދާނީ ޖަޒުބާތު ކޮށައިދޭ މަގަކުންނެވެ. އޭރުން އޮންނާނީ އަތުންފައިން ގޯހެއް ހެދިފައެވެ.

އަދި ހަމައެއާއެކީ މިދަނޑިވަޅަކީ އެފަދަ ކުދިންގެ މައްޗަށް ފާރަވެރިވެގެން ތިބޭ ހަރުކަށި ހައްދު ފަހަނައަޅާފައިވާ މީހުންގެ ކެހިވެރި މަޅީގައި އެކުދިން ވަރަށް ފަސޭހައިން ޖެހިދާނެ ވަގުތެކެވެ. އެކުދިން ދީނަށް ލޯބި ޖެހި ނަމާދަށް ގޮސްއައިސްވާ މަންޒަރާއި، ސޯޝަލް މީޑިޔާގައި ދީނާއިމެދު ފާޅުކުރާ ޝުޢޫރުތައް އެމީހުންގެ ރާޑަރަށް ވަރަށް އަވަހަށް އަރާނެއެވެ. އެމީހުންގެ ރާޑަރަށް އެރުމާއި އެކީ އެކުއްޖަކު އެމީހުންގެ މަޅީގައި ޖެއްސުމުގެ މަސައްކަތް އެމީހުން ފަށާނެއެވެ. އެކުދިންގެ ޖަޒްބާތުގެ ނާޖާއިޒް ފައިދާ ނަގައިގެން އެމީހުން އެންމެ ފުރަތަމަވެސް ފަށާނެ މަސައްކަތަކީ އެފަދައިން ދީނަށް ލޯބިޖެހޭ ކުދިންގެ ހިތްތަކުގައި ޢިލްމުވެރިންނާއި މެދު ނަފްރަތު އުފެއްދުމެވެ. ޢިލްމުވެރިން ދީނަށްޓަކައި މަސައްކަތް ނުކުރާކަމަށާއި، މުދަލާއި ފައިސާއާއި ޖާހާއި މަންސަބަށް އަޅުވެތިވެފައިވާކަމަށާއި، ތިމަންމެން ނޫން ދީނަށް ނަޞްރުދޭނޭ ބަޔަކު ނުވާކަން އެކުއްޖަކަށް ވިސްނައިދޭނެއެވެ. މީގެ ބޭނުމަކީ ޢިލްމުވެރިންނާއި އެކުއްޖަކު ދުރުކުރުވުމެވެ. ދީނުގެ ސައްޙަ މަޢުލޫމާތު ލިބި، އެމީހުންގެ ޝުބުހަތަކުގެ ބާތިލުކަން އެކުއްޖަކަށް އެނގޭނެ މަގަކީ އެއީ ކަމުގައިވާތީ، އެމަގު ބަންދުކުރެވެން އޮތްހާ މަސައްކަތެއް އެމީހުން ކުރާނެއެވެ. ދަންނަ ބޭކަލުންނާއި އޮންނަ ގުޅުން ކަނޑުވާލެވިއްޖެނަމަ އެމީހުންގެ ފިކުރުގެ އަސީރަކަށް އެކުއްޖާވެ، އެމީހުން ބޭނުންހާ ގޮތަކަށް އެކުއްޖާ މޮޑެލެވޭނެއެވެ. ދެން ފެނިގެންދާނި ޢިލްމެއް ނެތި، ދީނުގެ އަސްލުތަކާއި ޚިލާފަށް، ޖަޒްބާތުގެ އޮއިވަރެއްގައި ޖެހި ދީނާއި ޚިލާފު ކަންތައްތަކަށް އެކުއްޖާ އަރައިގަންނަ މަންޒަރެވެ.

   އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ވަރަށް ބޮޑަށް ހުށިޔާރުވެ ސަމާލުވެ ތިބެންޖެހޭނެއެވެ. ދަރިން ދީނަށް ލޯބި ޖެހިގެން ސުންނަތަށް އުޅެން މަސައްކަތްކުރާނަމަ އެކަމަށް ތަރުޙީބުދީ ހިތްވަރުދޭން ޖެހޭނެއެވެ. ސުންނަތުން ޘާބިތުވާ ކަންކަމާއި ބެލެނިވެރިން ދެކޮޅުވުމަކީވެސް އޭގެ ނުރަގަނޅު ނަތީޖާ ނުކުމެދާނެކަމެކެވެ. ދެން އަވަސްވެގަންނަންޖެހޭނީ އިތުބާރުކުރެވޭ ދަންނަބޭކަލަކާއި އެކުއްޖާއާއި ގުޅުން ޤާއިމުކުރުމުގެ މަސައްކަތަށެވެ. އޭރުން އެކުއްޖާގެ ހިތުގައި އުފެދިފައިވާ ޖަޒްބާތުތައް ދީނީ އިރުޝާދުގެ އަލީގައި ޤައިދުކުރެވިގެންދާނެއެވެ. ހައްދުފަހަނައަޅާފައިވާ މީހުންގެ ޝުބުހަތަކަށް ޖަވާބު ލިބިގެންދާނެއެވެ. އަޅުގަނޑުމެންގެ މުޖްތަމަޢުން ދީނީ ހަރުކަށި ފިކުރި ނައްތާލެވޭނީ މިބަޔާންކުރި މަންހަޖުގެ ދަށުން އަޅުގަނޑުމެން އެންމެން އަތުގުޅާލައި މަސައްކަތް ކޮށްގެންނެވެ.