[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމުގެ ޙައްލު 5

އިސްލާމީ ޙަޟާރަތާއި ޘަޤާފާތްތަކަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް

 

އަޅުގަނޑުމެންގެ ޙަޟާރަތާއި ޘަޤާފާތްތަކަށް އަދުގެ ދުނިޔޭގައިވަނީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމަކީ:

  1. ބައިބައިވުން

އަޅުގަނޑުމެން ވާން ޖެހޭނީ އެއް امة އެއް ގޮތުގައެވެ. ބައިބައިވެގެން ނުވާނެއެވެ. ފިރުޤާތަކަށް ބެހިގެން ނުވާނެއެވެ. އެކިބަސްތަކުން ވާހަކަދައްކާ، އެކި ނަސްލުގެ މިއުންމަތް ގުޅުވައިދިނީ އިސްލާމް ދީނެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً﴾  މާނައީ: ”އަދި ހަމަކަށަވަރުން މިއީ އެއް އުއްމަތެއްކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ.” [1]

މުސްލިމުންގެ ތެރޭގައި ހުންނަ ޚިލާފުތަކާއި ބައިބައިވުންތަކުގެ ބޭނުން ހިފައިގެން ކާފިރުން މުސްލިމުންގެ މައްޗަށް އަތްގަދަ ކުރެއެވެ. އެގޮތުން ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އިސްލާމީ ޚިލާފަތު ނެތިގެން ދިޔައީވެސް އެފަދަ ކަމެއްގެ ތެރެއިންނެވެ. އަދި ޢިރާޤުފަދަ ޤައުމުތަކަށް ބޭރުގެ ސިފައިން އަރާ އެތަނުގައި ހުރި ޙަޟާރީ ކުރިއެރުންތައް ނައްތާލާފައިވަނީވެސް އެފަދަ ކަމެއްގެ ތެރެއިންނެވެ.

 

  1. އެހެން ޙަޟާރަތްތަކާއި ޘަޤާފަތްތަކުގެ ދަޅަައިގައި ޖެހުން

ދީނީ ثقافة ގެ ތެރެއަށް  ޔޫރަޕުގެ ޘަޤާފަތުގެ ގޮތްތައް ވައްދައި އަޅުގަނޑުމެން މިއަދު ދިރުވަމުން މިގެންދަނީ އެ ثقافة އެވެ. މިސާލަކަށް ބަލައިލަމާ ހިނގާށެވެ. އުފަންދުވަސް ފާހަގަކުރުމާއި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން ފަދަ ކަންތައްތަކެވެ. އިސްލާމީ ތަޢުލީމުން ދުރުވެ، އެދީނުގެ ޢަޤީދާއިން ފެޔަށްޖެހި އަދި ބައެއް މީހުންގެ ކިބައިގައި އިސްލާމީ ނަން ނޫން ދީނުގެ ކަންފުޅެއް ނުވެއެވެ. ކާފަރުންގެ ގޮތްތަކަށް މުސްލިމުން ތަބާވެ ނަކަލުކުރުމުގައި ނަބިއްޔާ صلى الله عليه وسلم ޞިފަކޮށްދެއްވާފައިވާ ގޮތާ އެއްވެސް ތަފާތެއް ނެތެވެ. ޙަދީޘް ކުރެއްވިއެވެ. «شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُ» [2] މާނައީ: “ކައިވަތަކަށްފަހު ކައިވަތެކެވެ. މުށަކަށްފަހު މުށެކެވެ. އެބައިމީހުން ޟައްބެއްގެ ހޮރަށް ވަދުނު ކަމުގައި ވިޔަސް ތިޔަބައިމީހުން އެކަމަށް ތަބާވާހުށީމުއެވެ.”

އަލްއިމާމު ނަވަވީ (676 ހ / 16/220) ވިދާޅުވިއެވެ: “ކައިވަތާއި މުށުން އަދި ޟައްބުގެ ހަރުން މިޘާލުޖެއްސެވުމުން މުރާދުކޮށްދެނީ އެބައިމީހުންނާ އެއްގޮތްވެގަތުމުގެ ބޮޑުކަމެވެ. އަދި އެއީ ފާފަތަކާއި ދީނާ ޚިލާފު ކަންކަމުގައި އެއްގޮތްވެގަތުމެވެ. ކާފިރުކަމުގައި އެއްގޮތްވުމެއް ނޫނެވެ. މިއީ ނަބިއްޔާ صلى الله عليه وسلم އަށް ދެއްވާފައިވާ ފާޅުވެހުރި މުޢުޖިޒާތެކެވެ. އެކަލޭގެފާނު صلى الله عليه وسلم ޚަބަރުދެއްވާފައިވާ ގޮތަށް އެކަން ހިނގައިފައި ވެއެވެ.”

 

  1. ޖާހިލުކަން ފެތެރިގެން ދިޔުން

އިސްލާމްދީނަކީ ޢިލްމުގެ ދީނެވެ. ނަބިއްޔާ صلى الله عليه وسلم އަށް އެންމެ ފުރަތަމަ އަމުރުވެވުނީވެސް ކިޔެވުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾ [3] މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. (1) ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (3) އެކަލާނގެއީ، قلم ން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. (5)”

އިސްލާމް ދީން އައުމުގެ ކުރިން އެއްވެސްތާކު ޢިލްމީ މިނިވަންކަމެއް ނެތެވެ. ޢިލްމުތައްގެނެސް ދިނީ އިސްލާމްދީނެވެ. (ޢަބްދު ﷲ ފާރޫޤް ޙަސަން، 1997/ ޞ: 43) އިސްލާމުންނަށް ކުރިމަތިވެފައިވާ ވެއްޓުމާއި ޢިލްމީ ގޮތުން ދަށަށް ދިއުމުގެ ސަބަބަކީ މުސްލިމުންގެ ތެރެއަށް ޖާހިލުކަން ވެރިވެގަތުމެވެ. ކާފިރުން ބޭނުންވަނީ މުސްލިމް ޒުވާން ޖީލަށް ނުބައި މެސެޖް އެއް ދީގެން ޒުވާނުންގެ ހިތްތައް ލަންބުވާލާށެވެ. މުސްލިމުން ގެ ޙަޟާރާތުގައި ހޯދާފައިވާ ކުރިއެރުންތަކާއި ގުޅުން ކަނޑުވާލާށެވެ. އިސްލާމުންގެ ކުރިއަރާފައިވާ  ޙަޟާރަތަށާއި، ހޭލުންތެރިކަން ނައްތާލުމަށް އެކިގޮތްގޮތުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ކިތަންމެކިތަންމެ ގޮންޖެހުން ތަކެއް އިސްލާމީ ޙަޟާރަތައް މިއަދުވަނީ ކުރިމަތިވެފައެވެ. އަދި މުސްލިމު މުޖުތަމަޢުތަކުގެ ޒުވާނުންނަކީ ބޭކާރު ކަންކަމުގައްޔާއި ކުޅިމަޖަލުގައި ހުރިހާ ވަގުތުތައް ހޭދަކުރާ ބައެއްކަމުގައި ހެދުމަށް އެބައިމީހުން އުންމީދުކުރެއެވެ. އެހެންކަމުން މުސްލިމު މުޖުތަމަޢުތަކުގައި ފާޙިޝް ޢަމަލުތަކާއި މަސްތުވާތަކެތި ފެތުރުމަށް އެބައިމީހުން މަސައްކަތްކުރެއެވެ.

 

  1. ހުޅަނގުގެ އިސްތިޢުމާރާއި ނުފޫޒު

ހުޅަނގުން އިސްލާމީ ޙަޟާރާތް ފުނޑުފުނޑު ކޮށްލުމަށް ކުރާ އެއްކަމަކީ އެބައިމީހުންގެ ހަން ފެތުރުމާއި މުސްލިމު ޤައުމުތަކުގެ މައްޗަށް އެބައިމީހުންގެ ނުފޫޒު ފޯރުވުމެވެ. އެގޮތުން ދުނިޔޭގެ ބައިނަލް އަޤްވާމީ އެތައް ޖަމިއްޔާއެއް އެކަމުގައި ބޭނުންކުރެއެވެ. އަދި ރިބަވީ ލޯނުތައްދީ ޤައުމުތައް އަޅުވެތި ކުރެއެވެ. އަދި އިސްލާމީ އުޞޫލުތަކާ މުސްލިމުން ދުރުކޮށް، އިސްލާމްދީނަކީ ހަރުކަށި ދީނެއްކަމަށް މުސްލިމުންނަށް ވިސްނައިދިނުމަށް މަަސައްކަތްކޮށް، އިސްލާމްކަމުގެ އެއްވެސް އަސަރެއް ނެތް “މޮޑަރޭޓް” މުސްލިމުން އުފައްދަން މަސައްކަތްކުރެއެވެ.

މުސްލިމުން މިހާރުވެސް ބިނާކުރަމުން އަންނަ ޙަޟާރާތް ފެނި ހުޅަނގަށް ކެތްނުވެ އެ ޙަޟާރާތް ނައްތާލަން މަސައްކަތް ކުރާކަމީ އޮޅިފަ އޮންނާނެ ކަމެއް ނޫނެވެ. ދީނަކީ ހަމައެކަނި މިސްކިތުގައި އޮންނަން ޖެހޭ އެއްޗަކަށް ހަދާ، އިސްލާމީ ނިޒާމް ދީނާ ފޭކޮށް، ހުޅަނގުގެ ވަޟުޢީ ޤާނޫނުތައް ވައްދައިގެން މަތި އޮމާންކުރަން އުޅުމަކީވެސް އިސްލާމީ ޙަޟާރަތާއި ޘަޤާފަތްތަކަށް މިއަދު ދިމާވެފައިވާ ބޮޑު ގޮން ޖެހުމެކެވެ. އާއިލާތަކާއި، ތަޢުލީމީ ނިޒާމާއި، އަހަރެމެންގެ ރަސޫލުންގެ ރިވެތި ނަމޫނާތައް އެއީ އެއްވެސް އެއްޗެއް ނޫންކަން ވިސްނައިދޭން މަސައްކަތްކުރެއެވެ. މައިންގެ ދައުރު ގެއްލުވާލައި، މިހާރުގެ ދީން ޤަބޫލު ނުކުރާ މީހުންނަކީ ނަމޫނާ ބަޔަކުކަމުގައި ދައްކުވާ، އަދި އިސްލާމީ ޤައުމުތަކުގެ ކިޔަވައިދޭ މަންހަޖުގެ ތެރެއަށް ޒާތްޒާތުގެ، އެހެން ދީންތަކުގެ ފޮތްތައް ވައްދައި، ކުދިންގެ މުޅި ތަޢުލީމީ ނިޒާމް ފުނޑުފުނޑު ކޮށްލަން މަސައްކަތްކުރާކަމީ ފެންނަންއޮތް ހަޤީގަތެވެ. ދީނާ ސިޔާސަތު ވަކިކޮށް  ސިޔާސީ ގޮތުން، ވެސް ގިނަގުނަ މަސައްކަތްކޮށް، މާރާމާރީއާއި، ކޮރަޕަޝަނާއި، ފަސާދައާއި، މަސްތުވާތަކެއްޗާއި، ސުލްޙަމަސަލަސްކަން ނައްތާލަން މަސައްކަތްކޮށް މިޒަމާނުގެ އެކިއެކި ވަސީލަތްތަކުގެ އެހީގައި މުސްލިމުންގެ ޙަޟާރަތާއި ދިމާކޮށްލިއެވެ.

 

  1. ފިކުރީ ހަނގުރާމަ

މިބައިމީހުންނަށް ކަނޑި ބަޑިންނާއި މުސްލިމުންނާ އެކަށީގެންވާ ގަޮތަކަށް ނުކުޅެވޭނެކަން އެނގޭތީ ފިކުރީގޮތުން، ދިމާކޮށް މުޅި އިސްލާމީ ޙަޟާރާތް ނައްތާލަން މަސައްކަތް ކުރެއެވެ. އަޅުގަޑުމެން ވިސްނާލަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ ހުޅަނގުގެ ޣައިރު މުސްލިމުން އަޅުގަޑުމެންގެ ފިކުރާއި ވިސްނުމާއި އެކި ގޮތްގޮތުން ކުޅެމުން ދާކަމެވެ. އަދި އެކަމަށްޓަކައި ބޮޑެތި ޚަރަދުތައްކޮށް، އެކި އެކި ޖަމްޢިއްޔާތަކުގެ ޛަރީޢާއިން މުސްލިމު ޤައުމުތަކުގައި ދިރާސާތައްކޮށް މުސްލިމުންނާ ފިކުރީ ގޮތުން ދިމާކުރެއެވެ. އަދި މުސްލިމުންގެ ތެރެއިން ދީން ދޫކޮށްލާ މީހުންނާއި ލާދީނީ މީހުން ކުރިއަށް ނެރެގެން އިސްލާމީ ޤައުމުތަކުގެ މުސްލިމުންގެ ފިކުރު ބަދަލުކުރުމަށް އެކި ޕުރޮގްރާމްތަކާއި ސެމިނާތަކާއި ވޯރކްޝޮޮޕްތަކާއި ފޮތްތަކާއި ލިޔުންތައް ޝާއިޢުކުރެއެވެ. އެފަދަ މަޅިއެއްގައި މުސްލިމު މުޖުތަމަޢުތައް ޖެހިއްޖެނަމަ އިސްލާމީ ޙަޟާރާތްކުރިއެރުވުމަށް މުސްލިނުން ނާކާމިޔާބު ވާނެއެވެ. އޭރަށް ވަންނާނީ އެމީހުންގެ ޘަޤާފަތެވެ.

އިސްލާމީ حضارة ވަނީ މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. އެތަށް ޒަމާނެއްވަންދެން ޖާހިލުކަމާއި ޣާފިލުކަމުގައި އޮތް މީސްތަކުން މުސްލިމުންގެ ކިބައިން ހޯދި ޢިލްމުގެ ބާރުގައި ހުނަރުވެރިކަން ހޯދައި މުސްލިމުންނާއި ދިމާކޮށްލިއެވެ. އެބައިމީހުން ބޭނުންވީ މުސްލިމުންގެ ޢިއްޒަތާއި މިނިވަންކަމާއި ކުޅޭށެވެ. އަދި މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތް އެއްކޮށް ނައްތާލާ އިސްލާމީ ރަށްތަކުން އިސްލާމްކަން އެއްކޮށް ފުހެލާށެވެ.

= ނުނިމޭ =


މިލިޔުމުގެ އެހެންބައިތައް

 

[1] سورة المؤمنون: 52

[2] صحيح البخاري (7320).

[3] سورة العلق: 1-5