[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމުގައި ޝައިތާނާގެ ދައުރު

ﷲ ތަޢާލާ އެއިލާހަށް ސަޖިދަކުރުމަށް އިބްލީހަށް އަމުރުކުރެއްވުމުން، އޭނާ ކިބުރުވެރިވެ އެއަމުރުފުޅަށް ކިޔަމަންވުމަށް އިންކާރުކުރިއެވެ. އޭގެ ސަބަބުން ﷲ ތަޢާލާ އޭނާއަށް ލަޢުނަތް ލައްވައި، އެއިލާހުގެ ރަޙްމަތުން ބޭރުކުރެއްވިއެވެ. އެވަގުތުން ފެށިގެން އޭނާ ވަނީ އާދަމުގެ ދަރިންގެ މައްޗަށް ޢަދާވާތްތެރިކަން ފާޅުކޮށްފައެވެ. ﷲ ތަޢާލާ ދަރުބާރުގައި ﷲ ތަޢާލާގެ ޢިއްޒަތްވަންތަކަން ގަންދީ އާދަމުގެ ދަރިން މަގުފުރައްދާނެކަމަށް އޭނާ ވަނީ ވަޢުދުވެފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ﴾([1])

މާނައީ: “އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ ޢިއްޒަތްވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ”.

އާދަމުގެ ދަރިން މަގުފުރެއްދުމުގައި އޭނާގެ ޢަޒުމާއި ޖޯޝުގެ ވަރުގަދަކަން އަންނަނިވި އާޔަތްތަކުން އެނގިގެންދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ ‎﴿١٦﴾‏ ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ ‎﴿١٧﴾([2])

މާނައީ: “އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާސިލުވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ”.

   އެހެންކަމުން ޝައިތާނާ މިޢަޒުމުގެ މަތީގައި މީސްތަކުން މަގުފުރެއްދުމުގައި އޭނާއަށް ކަނޑައެޅިފައިވާ އަޖަލު ހަމަވެއްޖައުމަށް ދާންދެން ދެމިހުންނާނެއެވެ. އޭނާ މީސްތަކުން މަގުފުރެއްދުމުގައި ދެގޮތަކަށް މަސައްކަތްކުރާނެއެވެ. އިމާމް ابن القيم –رحمه الله- ވިދާޅުވާގޮތުގައި ﷲ ތަޢާލާ އަމުރުކުރައްވާ ކޮންމެ ކަމެއްގައި ޝައިތާނާގެ ދެބާވަތެއްގެ ވަސްވާސްތެރިކަމެއް އަންނާނެއެވެ. އެއީ އެއަމުރެއްގައި ފަރުވާކުޑަކޮށްލުމަށް ގޮވާލާ ވަސްވާހަކާއި، އެއަމުރެއްގައި ދީނުގެ އިރުޝާދުތަކުން ބޭރުވެ ހައްދުފަހަނައަޅައި ދިއުމަށް ގޮވާލާ ވަސްވާހެކެވެ. ފަހެ ޝައިތާނާއަށް އިންސާނާގެ ހިތުން އޭނާގެ ނަފްސުގެ ލެބުންތަކުގެ ވަސްދުވާނެއެވެ. ފަހެ އިންސާނާގެ ފަރާތުން ކަންނެތްކަމާއި ފަރުވާކުޑަކަން ފެނިއްޖެނަމަ އޭނާ ވަސްވާސްދޭނީ އަޅުކަމުގައި ފަރުވާކުޑަކޮށް އަޅުކަން އަޅައިލުމަށެވެ. އަދި އިންސާނާގެ ފަރާތުން އަޅުކަމުގައި ހީވާގިކަމާއި ހިތްވަރު ފެނިއްޖެނަމަ އޭނާ ވަސްވާސްދޭނީ އަޅުކަމުގައި ހައްދުފަހަނައަޅައި ދިއުމަށެވެ”([3]).

   ޝައިތާނާ އެންމެ ބޮޑަށް މަސައްކަތް ކުރާނީ އާދަމުގެ ދަރިޔާ ﷲ ތަޢާލާއަށް އީމާންނުވާ ކާފިރަކު ކަމުގައި ހެދޭތޯއެވެ. އެކަމުގައި އޭނާގެ މައްޗަށް އާދަމުގެ ދަރިޔާ ގަދަވިޔަސް ޝައިތާނާ މާޔޫސްނުވާނެއެވެ. ދެން އޭނާ މަސައްކަތްކުރާނީ އާދަމުގެ ދަރިޔާ އީމާންވި އީމާންވުމުގައި އޭނާ ހައްދުފަހަނައަޅައި، ދީނުގެ މެދުމިން ފަހަނައަޅައިގޮސް ދީނުން ބޭރުކުރެވޭތޯއެވެ. މިދެގޮތުން ކުރެ ގޮތަކަށް އޭނާ މަގުފުރެއްދޭތޯ ޝައިތާނާ ކެނޑިނޭޅި މަސައްކަތް ކުރާނެއެވެ.
އެހެންކަމުން ޒުވާނުން ދީނަށް ލޯބިޖެހި ދީނާއި އެއްގޮތަށް އުޅެވޭތޯ މަސައްކަތްކުރާ ހިނދު، ޝައިތާނާ އޭނާގެ ކެހިވެރި މަޅިތަކާއިގެން ކުރިމަތިލާނެއެވެ. އެޒުވާނާ ޝައިތާނާގެ ވަސްވާހުގެ މައްޗަށް ގަދަވެގަތަސް ޝައިތާނާ މާޔޫސްވެ ދޫކޮށް ނުލާނެއެވެ. އޭނާގެ ސްޓްރެޓެޖީ ބަދަލުކޮށް އާހިތްވަރަކާއި އެކީ އާ މަޅިތަކާއިއެކީ މަސައްކަތް ފަށާނެއެވެ. މިގޮތުން އޭނާ ދެން މަސައްކަތްކުރާނީ އެޒުވާނާ ދީނަށް އުޅޭ އުޅުމުގައި ދީނުގެ އުސޫލުތަކާއި ޚިލާފުވެ، ހައްދުފަހަނައަޅައި ދިނުމަށް ވަސްވާސްދިނުމަށެވެ.

   ޝައިތާނާގެ މިވަސްވާހުގައި ގިނަ ޒުވާނުން ޖެހޭތަން މުޖުތަމަޢުތަކުން ދަނީ ފެންނަމުންނެވެ. ދީނަށް އުޅުމުގައި އިސްލާމްދީނުގެ މެދުމިން އުސޫލުތަކާއި ޚިލާފުވެ ހަރުކަށިކަމާއި، ހައްދުފަހަނައެޅުމުގެ ގޮތްތަކެއް ގެންގުޅޭތަން ބައެއް ޒުވާނުންގެ ފަރާތުން ދަނީ ފެންނަމުންނެވެ. ޝައިތާނާގެ މިމަޅީގައި ގިނަ ޒުވާނުން ޖެހޭ ވަރަށް މުހިންމު އެހެން ސަބަބެއްވެއެވެ. އެއީވެސް ޝައިތާނާގެ ރޭވުމުގެ ތެރެއިން ހިމެނޭކަމެކެވެ.

   އެއީ ދީނުގެ ހިދާޔަތުގެ މަގުގައި އެޒުވާނާ ސާބިތުވާނެ އެންމެ މުހިންމު ވަސީލަތްކަމުގައިވާ ދީނުގެ ޢިލްމުން އޭނާ މަޙްރޫމު ކުރުމެވެ. އިމާމު ابن الجوزي –رحمه الله- ވިދާޅުވާ ގޮތުގައި އިބްލީސް އެންމެ ފުރަތަމަ ދޭނެ ވަސްވާހަކީ އެބައިމީހުން ޢިލްމުގެ ނޫރުން އެއްކިބާކުރުވަން ދޭ ވަސްވާހެވެ. ސަބަބަކީ ޢިލްމުގެ ދަންމަރުތައް ނިވާލެވިއްޖެނަމަ ކަނުއަނދިރީގައި އިބްލީސް ބޭނުންހާ ގޮތަކަށް މީސްތަކުން ގެންދެވޭނެތީއެވެ([4]).

   މިނުކުތާއަކީވެސް ދީނަށް ލޯބިޖެހިގެން އަންނަ ޒުވާނުންނަށް ކުރިމަތިވާ ބޮޑު އިމްތިޙާނެކެވެ. ޝައިތާނާގެ މިމަޅީގައި ޖެހި، ދީނަށް ލޯބި ޖެހިގެން އަންނަ ގިނަ ޒުވާނުން ދީނުގެ ޢިލްމުތަކާއި ދުރަށް ދާތަން ފެނެއެވެ. އެއީ ޢިލްމުގެ އަހުލުވެރިންގެ ކިބައިގައިވާ ޢައިބުތައް ދައްކުވައިގެންނާއި، ޢިލްމުވެރިންނާއިމެދު ނަފްރަތު އުފައްދައިގެންނެވެ. މިކަމަށް ޝައިތާނާ ބޭނުންކުރާނެ ވަސީލަތަކީ ހަރުކަށި ހައްދުފަހަނައެޅުމުގެ ފިކުރުގެ މަޅީގައި އޭނާ ޖައްސުވާފައިވާ މީހުންނެވެ. އެފަދަ މީހުން އެޒުވާނާގެ ހިތުގައި ޢިލްމުވެރިންނާއި މެދު ނަފްރަތު އުފެއްދުމުގެ ސަބަބުން އޭނާއަށް ޢިލްމުގެ މަގު ބަންދުވެގެންދާނެއެވެ. ދެން އޭނާ ކުރިޔަށް ދާނީ ދެވޭނުދެވޭ މަގެއް ނޭނގޭ އަނދިރި މަގަކުންނެވެ. ދެން އިސާހިތަކުން އޭނާ އޮންނާނީ އަރައިގަތުން ދަތި ވަޅުގަނޑަކަށް ވެއްޓިފައެވެ. އެހެންކަމުން ޝައިތާނާގެ ކެހިވެރިކަމުގެ މިދެމަޅިއަށް ޒުވާނުން ހޭވެރިވެތިބެންވާނެއެވެ.


([1]) سورة ص:82

([2]) سورة الأعراف:16-17

([3]) إغاثة اللهفان-ابن القيم 1/116

([4]) تلبيس إبليس-ابن الجوزي ص283