މަލާއިކަތުންނަށް އީމާންވުމަކީ ވާޖިބެއްކަމުގެ ދަލީލުތައް
މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ، އެއާ ނުލާ އީމާންކަން ޞައްޙަ ނުވާނެ ކަމެކެވެ. އެކަން ކަށަވަރުކޮށްދޭ އެތައް ދަލީލުތަކެއް ޤުރްއާނާއި ސުންނަތުން ފެންނަން އެބަ ހުއްޓެވެ.
ޤުރްއާނުގެ ދަލީލުތައް:
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ؛ ﴿لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ﴾ البقرة: ١٧٧ މާނައަކީ [ހެޔޮކަމަކީ (ހަމައެކަނި) އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއަކީ، ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތްތަކަށާ އަދި ނަބިއްޔުންނަށް އީމާންވި މީހާއެވެ.]
އަދިވެސް އެ އިލާހު ވަޙީކުރައްވާފައިވެއެވެ. ﴿آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ﴾ البقرة: ٢٨٥ މާނައަކީ [ރަސޫލާއަށް، އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ޤުރްއާނަށް) ރަސޫލާއާއި މުއުމިނުން އީމާންވިއެވެ. އެ އެންމެން، ﷲއާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު (ބާވައިލެއްވި) ފޮތްތަކަށާއި އެއިލާހު ފޮނުއްވެވި ރަސޫލުންނަށް އީމާންވިއެވެ.]
ސުންނަތުގެ ދަލީލުތައް:
ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުގައި، މަލާއިކަތުންނަށް އީމާންވުމަކީ ވާޖިބެއްކަން ވަރަށް ޞަރީޙަކޮށް ވަނީ ބަޔާންވެފައެވެ. އެގޮތުން އީމާންކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވާ، އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ؛ « أَنْ تُؤْمِنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ » މާނައަކީ: [(އީމާންކަމަކީ) ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހު ފޮނުއްވި އެންމެހާ ރަސޫލުބޭކަލުންނަށާއި އާޚިރަތް ދުވަހަށް އީމާންވުމެވެ. އަދި ހެޔޮ މިންވަރަށާއި ނުބައި މިންވަރަށް އީމާންވުމެވެ.] [1]
މި ނޫނަސް، މަލާއިކަތުންގެ ވާހަކަ ޛިކުރުކުރައްވާފައިވާ ކޮންމެ ނައްޞަކުން މަލާއިކަތުންނަށް އީމާންވުމަކީ ވާޖިބެއްކަމަށް ދަލީލުކޮށްދެއެވެ.
[1] ރަވާހު މުސްލިމް