الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين
ޒިނޭއަކީ ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. މިގޮތުން މިދުނިޔެމަތީގައި މިކަން ކުރާމީހުންނަށް ﷲ ތަޢާލާ ޙައްދެއް ކަނޑައަޅުއްވާފައިވެއެވެ. އަދި އެކަންކުރާ މީހުންނަށް އުޚްރަވީ ޙަޔާތުގައި ވޭންދެނިވި ޢަޛާބެއްވާކަން ޝަރުޢީ ނައްޞުތަކުން ޘާބިތުވެއެވެ.
ޙައްދުތައް ޤާއިމުކުރުމުގައި ވަރަށް ގިނަ ޙިކުމަތްތަކެއް ވެއެވެ. މިކަމުގެ ޙިކުމަތްތަކުގެ ތެރޭގައި މުޖުތަމަޢުގައި ބޮޑެތި ކުށްފާފަތައް މަދުވުމާއި، ޙައްދު ޤާއިމުކުރެވޭ މީހާގެ ޙައްޤުގައި، އޭނާ ކުރިފާފައިގެ ކައްފާރާއަކަށް އެޙައްދުވުން ހިމެނެއެވެ. މިކަމާގުޅޭގޮތުން ވާރިދުވެފައިވެއެވެ.
قَالَ لَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَنَحْنُ فِي مَجْلِسٍ:
«تُبَايِعُونِي عَلَى أَنْ لاَ تُشْرِكُوا بِاللَّهِ شَيْئًا، وَلاَ تَسْرِقُوا، وَلاَ تَزْنُوا، وَلاَ تَقْتُلُوا أَوْلاَدَكُمْ، وَلاَ تَأْتُوا بِبُهْتَانٍ تَفْتَرُونَهُ بَيْنَ أَيْدِيكُمْ وَأَرْجُلِكُمْ، وَلاَ تَعْصُوا فِي مَعْرُوفٍ، فَمَنْ وَفَى مِنْكُمْ فَأَجْرُهُ عَلَى اللَّهِ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا فَعُوقِبَ فِي الدُّنْيَا فَهُوَ كَفَّارَةٌ لَهُ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا فَسَتَرَهُ اللَّهُ فَأَمْرُهُ إِلَى اللَّهِ، إِنْ شَاءَ عَاقَبَهُ، وَإِنْ شَاءَ عَفَا عَنْهُ»،
فَبَايَعْنَاهُ عَلَى ذَلِكَ. [1]
މާނައީ: “އެއްދުވަހަކު ތިމަންމެން މަޖިލީހެއްގައި ތިއްބާ، ފަހެ، رسول الله صلى الله عليه وسلم ތިމަންމެންނަށް ޙަދީޘްފުޅު ކުރެއްވިއެވެ.
“ﷲ އަށް ޝިރުކު ނުކުރުމަށާއި ވައްކަން ނުކުރުމަށާއި ޒިނޭނުކުރުމަށާއި ދަރިން ނުމެރުމަށާއި ޒިނޭގެ ދަރި ފިރިމީހާއަށް ނިސްބަތް ނުކުރުމަށާ އަދި އެއްވެސް ހެޔޮކަމެއްގައި އުރެދި ނުގަތުމަށް ތިމަންކަލޭގެފާނަށް ބައިޢަތު ހިފާށެވެ.
“ފަހެ ތިޔަބައިމީހުންގެ ތެރެއިން ފުރިހަމައަށް (މި ކަންތައްތައް) އަދާކޮށްފި މީހެއްގެ އަޖުރުވަނީ ﷲ ގެ ޙަޟުރަތުގައެވެ. މިއިން ކަމަކަށް އަރައިގަނެ، ޢުޤޫބާތް ލިބިއްޖެ މީހަކަށް (އެބަހީ: ޙައްދު ޤާއިމުކުރެވިއްޖެ މީހަކަށް) އެކަމުގެ ކައްފާރާއަކީ އެއީއެވެ. އަދި އެއިން ކަމަކަށް އަރައިގަނެ، ﷲ އޭނާ ފޮރުއްވަވައި ދެއްވައިފި މީހާއަށް، ﷲ އިރާދަކުރެއްވިއްޔާ ފުއްސަވާ ދެއްވާނެއެވެ. އަދި އެއިލާހު އިރާދަކުރެއްވިއްޔާ ޢަޛާބު ދެއްވާނެއެވެ.”
ފަހެ ތިމަންބޭކަލުން އެކަލޭގެފާނަށް ބައިޢަތު ހިއްޕެވީ އެކަންކަމުގެ މައްޗަށެވެ.
އެހެންކަމުން، މިދުނިޔެ މަތީގައި މީހެއްގެ މައްޗަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދު ޤާއިމުކުރެވިއްޖެނަމަ، ނުވަތަ ފުރިހަމަ ތައުބާއަކުން އޭނާ ތައުބާވެއްޖެނަމަ އާޚިރަތުގައި އޭނާއަށް އެފާފައިގެ ޢުޤޫބާތެއް ނެތެވެ. ނަމަވެސް ޙައްދަކަށް އަރައިގަނެވިއްޖެމީހާ ޝަރުޢީ ކޯޓަކަށް ގޮސް އަމިއްލައަށް އިޢުތިރާފުވުން އެއީ ލާޒިމުކަމެއް ނޫނެވެ.
މުޙުޞަނަކު ޒިނޭކުރުމުން އޭނާގެ މައްޗަށް އޮތް ޙައްދު
މިގޮތުން މުޙުޞަނަކު (ޞައްޙަ ޝަރުޢީ ކައިވެންޏަކުން ކައިވެނިކޮށްފައިވާ މީހެއް) ޒިނޭ ކުރިކަން އޭނާގެ އިޤުރާރުން ނުވަތަ އެއްވެސް ޝުބުހައެއް ޝައްކެތްނެތްގޮތުގައި ހަތަރު ހެކީންގެ ހެކިބަހުން ޘާބިތުވެއްޖެނަމަ، ނުވަތަ އަންހެނަކު ޝަރުޢީ ކައިވެންޏަކާނުލައި ބަލިވެއިނދެއްޖެނަމަ އޭނާގެ މައްޗަށް އޮތީ ރަޖަމުކުރުމެވެ. ރަޖަމުގެ ޙުކުމުގައި ފިރިހެނެއްކަމުގައި ވިޔަސް، އަންހެނެއްކަމުގައި ވިޔަސް ތަފާތެއް ނެތެވެ.
މިކަމުގެ ދަލީލަކީ رسول الله صلى الله عليه وسلم ބަސްފުޅާއި ޢަމަލުފުޅެވެ.
رسول الله صلى الله عليه وسلم ބަސްފުޅު:
رسول الله صلى الله عليه وسلم ޒަމާނުގައި ރަށްފުށު ހިސާބެއްގެ މީހަކު އޭނާގެ ދަރިފުޅު މީހެއްގެ ގާތަށް އުޖޫރައަށް މަސައްކަތް ކުރަން ފޮނުވުމުން، އެމީހާގެ (އެބަހީ މަސައްކަތް ޙަވާލުކުރިމީހާގެ) އަނބިމީހާއާއެކު އޭނާ ޒިނޭކުރިއެވެ. މިމައްސަލާގައި رسول الله صلى الله عليه وسلم ޙުކުމްކުރެއްވީ ޒިނޭކުރި ފިރިހެންމީހާ އަކީ ޣައިރު މުޙުޞަނަކަށް ވުމުން އޭނާގެގައިގައި ސަތޭކަ އެތިފަހަރު ޖަޙާ އެއްއަހަރު ދުވަހަށް އަރުވާ ލުމަށެވެ. ދެން އެތާ ހުންނެވި އުނައިސް ކިޔާ ޞަޙާބީ ބޭކަލަކަށް ޙަދީޘްފުޅު ކުރެއްވިއެވެ.
((واغد يا أنيس على امرأة هذا، فإن اعترفت فارجمها))
މާނައީ: “އޭ އުނައިސްއެވެ. މިމީހާގެ (އެބަހީ: މަސައްކަތް ޙަވާލުކުރިމީހާގެ) އަނބިމީހާގެ ގާތަށް ގޮސް އޭނާ (ޒިނޭކުރިކަމަށް) އިޢުތިރާފުވެއްޖެނަމަ އޭނާ ރަޖަމު ކުރާށެވެ.”
ދެން ފަހެ އެއަންހެންމީހާ އިޢުތިރާފުވުމުން އޭނާ ރަޖަމު ކުރެވުނެވެ. [2]
رسول الله صلى الله عليه وسلم ޢަމަލުފުޅު:
އަދި رسول الله صلى الله عليه وسلم ޒަމާނުގައި މާއިޒު ބުން މާލިކު رضي الله عنه ޒިނޭކޮށް އެކަމަށް އިޤުރާރުވުމުން[3]، އަދި ޖުހައިނާ ޤަބީލާގެ އަންހެން ބޭކަނބަލަކު ޒިނޭކޮށް އެކަމަށް އިޤުރާރުވުމުން[4] رسول الله صلى الله عليه وسلم ގެ އަމުރުފުޅަށް އެދެބޭކަލުން ރަޖަމުކުރެވުނެވެ.
ޣައިރު މުޙުޞަނަކު ޒިނޭކުރުމުން އޭނާގެ މައްޗަށް އޮތް ޙައްދު
ޣައިރު މުޙުޞަނަކު (ޞައްޙަ ޝަރުޢީ ކައިވެންޏަކުން ކައިވެނިކޮށްފައިނުވާ މީހެއް) ޒިނޭ ކުރިކަން އޭނާގެ އިޤުރާރުން ނުވަތަ އެއްވެސް ޝުބުހައެއް ޝައްކެތް ނެތްގޮތުގައި ހަތަރު ހެކީންގެ ހެކި ބަހުން ޘާބިތުވެއްޖެނަމަ، ނުވަތަ އަންހެނަކު ޝަރުޢީ ކައިވެންޏަކާ ނުލައި ބަލިވެއިނދެއްޖެނަމަ އޭނާގެ މައްޗަށް އޮތީ ސަތޭކަ އެތިފަހަރުން ޙައްދުޖަހާ އެއްއަހަރު ދުވަހަށް އަރުވާލުމެވެ. ސަތޭކަ އެތިފަހަރުން ޙައްދުޖެހުމުގައި ފިރިހެނެއްކަމުގައި ވިޔަސް އަންހެނެއް ކަމުގައި ވިޔަސް ފަރަޤެއް ނެތެވެ.
އަރުވާލުމުގައި ފިރިހެނެއްނަމަ ޙައްދުޖެހުމަށް ފަހު އަރުވާލަންޖެހެއެވެ. އަންހެނެއްނަމަ މިކަމުގައި ޢިލްމުވެރީން ކޮންމެވެސް ވަރަކަށް ޚިލާފުވެވަޑައިގެންފައިވެއެވެ. ބައެއް ޢިލްމުވެރީން ދެކިލައްވަނީ އޭނާއާ އެކީ ދާނެ އޭނާގެ މަޙުރަމެއް (އަބަދުގެ އަބަދަށް ކައިވެނި ޙަރާމްވާ ފިރިހެނެއް) ވާނަމަ އޭނާ އަރުވާލާނީ އެވެ. ނޫންނަމަ އަމާން ތަނެއްގައި އޭނާ ބަންދުކުރާނީއެވެ. އެހެނީ އަރުވާލުމުގެ އެންމެ މުހިންމު އެއް ފައިދާއަކީ ފިތުނަތަކާއި ދުރުގައި ދިގު މުއްދަތެއް ހޭދަކޮށް ތައުބާ ވުމުގެ ފުރުޞަތު ދިނުމެވެ.[5]
އަރުވާލުމާއި ޙައްދު ޖެހުމުގެ ދަލީލު:
(الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ وَلا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنْ الْمُؤْمِنِينَ) {ނޫރު ސޫރަތް 2}
“ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ. އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން އީމާން ވާކަމުގައިވަނީނަމަ، ﷲ ގެ ޙުކުމް ތަންފީޒުކުރުމުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ. އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ.”
عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ قَالَ: سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُ فِيمَنْ زَنَى وَلَمْ يُحْصَنْ جَلْدَ مِائَةٍ وَتَغْرِيبَ عَامٍ.[6]
ޒައިދު ބުން ޚާލިދު އަލްޖުހަނީ رضي الله عنه ވިދާޅުވިއެވެ. “ޣައިރު މުޙުޞަނެއްގެ ގޮތުގައި ހުރެ ޒިނޭކޮށްފިމީހެއްގެ ގައިގާ ސަތޭކަ އެތިފަހަރުން ޖަހާ އެއްއަހަރު ދުވަހަށް ބީރައްޓެހި ކުރުމަށް[އެބަހީ އަރުވާލުމަށް] رسول الله صلى الله عليه وسلم އަމުރުކުރައްވަނިކޮށް ތިމަން އަޑު އެހީމެވެ.”
އެހެންކަމުން އިސްލާމްދީނުގައި ކަނޑަ އެޅިފައިވާ ޙައްދުތަކުގައި ވަކި ޖިންސެއްގެ ބަޔަކަށް ތަފާތު ކުރާ ކަމަށް އަޑު އުފުލާ މީހުން އެހަދަނީ މިޠާހިރު ޝަރީޢަތުގެ މައްޗަށް ބުހުތާނު ދޮގެވެ. އަދި ކިއެއް ހެއްޔެވެ. އަންހެނަކު ޣައިރު މުޙުޞަނެއްގެ ޙާލުގައި ހުރެ ޒިނޭ ކުރުމުން އިސްލާމްދީނުގައި އެކަމަށް ރިޢާޔަތް ކުރެވި އޭނާގެ މަޙުރަމަކާ އެކީ ނޫންގޮތަކަށް އޭނާ އަރުވާނުލެވެއެވެ.
އަޅުތަކުންގެ މައްޗަށް ﷲ އަށް ވުރެ އޯގާވަންތަ ފަރާތެއް ނުވެއެވެ. އެއިލާހު ޝަރުޢުކުރައްވާފައިވާ ކަމެއްގައި އެއިލާހުގެ އަޅުތަކުންގެ ތެރެއިން ވަކި ބަޔަކަށް ބޭއިންސާފު ވެޔޭ ބުނެ މިޝަރީޢަތަށް ނަފުރަތްތެރިކުރުވާ، އިސްލާމީ ޝަރީޢަތް ތަންފީޒު ނުކުރަން ނަސޭޙަތްތެރިވާ މީހުންގެ ނަސޭޙަތުގެ މިޘާލަކީ ޝައިޠާނާ އާދަމު ޢަލައިހިއްސަލާމާއި ޙައްވާ ޢަލައިހައްސަލާމް ސުވަރުގެއިން ނެރުމަށް ދިން ނަސޭޙަތުގެ މިޘާލެވެ. އޭނާވެސް ބުނީ ހަމަކަށަވަރުން ތިމަންނައީ ކަލޭމެންނަށް ހެޔޮ އެދޭ މީހަކީމުއެވެ.
އެހެން ކަމުން މިފަދަ ކަންކަމުގައި އަހަރުމެން ތަބާވެ ޢަމަލުކުރަންވީ ގޮތް ކީރިތި ޤުރުއާނުގައި ސާފުކޮށް އެނގެން އެބައޮތެވެ.
(فَلا تُطِعْ الْمُكَذِّبِينَ) [ސޫރަތުލް ޤަލަމް 8]
މާނައީ: “ފަހެ، (ކަލޭގެފާނު ގެންނެވި ކަންތައްތައް) ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ.”
(وَأَنِ احْكُمْ بَيْنَهُمْ بِمَا أَنزَلَ اللَّهُ وَلا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنزَلَ اللَّهُ إِلَيْكَ) [ސޫރަތުލް މާއިދާ 48]
މާނައީ: “އަދި ﷲ ބާވައިލައްވާފައިވާ ޙުކުމުން އެބައިމީހުންގެ މެދުގައި ކަލޭގެފާނު ޙުކުމްކުރައްވާށެވެ. އަދި އެބައިމީހުންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބާވެވަޑައި ނުގަންނަވާށެވެ. އަދި ﷲ، ކަލޭގެފާނަށް ބާވައިލެއްވި ބައެއް ކަންތައްތަކުގައި ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެބައިމީހުންނާއި ރައްކާތެރިވެ ވަޑައިގަންނަވާށެވެ.”
ދުޢާއަކީ، ﷲ ތަޢާލާ އަޅަމެންގެ ރާއްޖޭގައި އިސްލާމީ ޝަރީޢަތް އެންމެ ފުރިހަމަ ގޮތުގައި ޤާއިމުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ.
_______________________________________
[1] صحيح البخاري / كتاب الأحكام / باب: بيعة النساء / حديث رقم: 7213
[2] ބައްލަވާ صحيح البخاري / كتاب الحدود / باب: الإعتراف بالزنا / حديث رقم: 6827 ، 6828
[3] ބައްލަވާ صحيح البخاري / كتاب الحدود / باب: هل يقول الإمام للمقر لعلك … / حديث رقم:7824 ، وصحيح أبي داود / كتاب الحدود / باب: رجم ماعز بن مالك
[4] ބައްލަވާ صحيح مسلم / كتاب الحدود / باب: من اعترف على نفسه بالزنا / حديث رقم: 4408
[5] الشرح الممتع لعثيمين / مجلد: 14 / ص: 237 – 238 / طبعة: دار ابن الجوزي
[6] صحيح البخاري / كتاب الحدود / باب: البكران يجلدان وينفيان/ حديث رقم:6831