ޝިޔަޢީން ކީރިތި ޤުރުއާނާއި މެދު ޤަބޫލުކުރާ ޢަޤީދާ:
ޝިޔަޢީން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި ބޭރުފުށުގެ މާނައާއި ޚިލާފު ފޮރުވިފައިވާ މާނަތަކެއް (ތަފްސީރުތަކެއް) ވެއެވެ. މިގޮތަށް ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ޝިޔަޢީން ޤަބޫލުކޮށް ކީރިތި ޤުރުއާން ތަފްސީރުކުރުމުގައި އެބައިމީހުން ވަނީ ހައްދުފަހަނައަޅައި ގޮސްފައެވެ. ޝިޔަޢީން މިގޮތަށް ކީރިތި ޤުރުއާން ތަފްސީރު ކުރުމުގެ ސަބަބުން އެބައިމީހުން ޤުރުއާނުން ޙުއްޖަތް ނަގާގޮތާއި، އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިން ޙުއްޖަތް ނަގާ ގޮތާއި މުޅިން ތަފާތެވެ. މުޅިން އެހެން ފޮތެކޭ ބުނާ ދަރަޖައަށް އެބައިމީހުން ވަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ފުރޮޅާފައެވެ. އެބައިމީހުންގެ އިމާމުންނަށް ނިސްބަތްކޮށްފައިވާ އަސްލެއް ނެތް ރިވާޔަތްތަކެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅިފައިވާ ހަރުދަނާ އުސޫލަކަށް ބިނާކުރުމެއް ނެތި މިގޮތަށް ހަވާ ނަފްސަށް ތަބާވެ ކީރިތި ޤުރުއާނުގެ އާޔަތްތައް މާނަކުރުމުގެ ސަބަބުން މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި ދީނުގެ ޝަރީޢަތްވަނީ ނެތިގެންގޮސްފައެވެ. އެބައިމީހުން މިބީދައިން ކީރިތި ޤުރުއާނާއި މެދު ކަންތައް ކުރަނީ އެބައިމީހުންގެ ބާތިލު މަޒްހަބަށް ދަލީލު ހޯދުމަށެވެ.
ޝިޔަޢީން ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ބޭރުފުށުގެ މާނައާއި ޚިލާފު، އަދި ޢަރަބި ބަހުގެ މާނައާއިވެސް ޚިލާފު ތަފްސީރުކުރުންތަކުގެ ބައެއް މިސާލުތަކަށް ބަލައިލަމާ ހިނގާށެވެ:
1- ﴿ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ﴾([1])
މާނައީ: “އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ”.
ޝިޔަޢީން މިއާޔަތުގައި މިވާ އިމާމަކީ ޢަލީގެފާނުކަމަށް މާނަކުރެއެވެ. މިފަދައިން ޝިޔަޢީން މާނަކުރަނީ ޢަލީގެފާނާއި މެދު ޝިޔަޢީން ޤަބޫލުކުރާ ހައްދުފަހަނައެޅުމުގެ ޢަޤީދާތައް ޘާބިތުކުރުމަށެވެ.
2- ﴿ فَقَاتِلُواْ أَئِمَّةَ الْكُفْرِ ﴾([2])
މާނައީ: “ތިޔަބައިމީހުން ކާފިރުކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ!”.
ޝިޔަޢީން މިއާޔަތުގައި މިވާ “ކާފިރު ކަމުގެ ބޮޑުން” ނަކީ ތަލްޙާގެފާނާއި ޒުބައިރުގެފާނުކަމަށް މާނަކުރެއެވެ. މިއީ ޞަޙާބީންނާއި މެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައި އެބައިމީހުން ކުރާ ކަމެކެވެ. ޞަޙާބީންގެ ތެރެއިން މަދު ބޭކަލުންނެއް ފިޔަވައި އެންމެންނަކީ ކާފިރުންކަމުގައި ޝިޔަޢީން ޤަބޫލުކުރެއެވެ. އެހެންކަމުން މިފަދަ އާޔަތްތައް ޞަޙާބީންނަށް ނިސްބަތްކޮށް ޙުއްޖަތް ދައްކައެވެ.
3- ﴿ وَالشَّجَرَةَ الْمَلْعُونَةَ فِي القُرْآنِ ﴾([3])
މާނައީ: “އަދި ޤުރުއާނުގައި ލަޢުނަތް ލައްވާފައިވާ ގަސް”.
ޝިޔަޢީން މިއާޔަތުގައި މިވާ “ލަޢުނަތް ލައްވާފައިވާ ގަސް” އަކީ ބަނޫ އުމައްޔާކަމަށް މާނަކުރެއެވެ. މިފަދައިން މާނަކުރަނީ އާލު ބައިތުންގެ މައްޗަށް ބަނޫ އުމައްޔާގެ މީހުން ޚިލާފަތަށް އިސްވީތީއެވެ.
އަދި ކީރިތި ޤުރުއާނުގައިވާ އިސްލާމްދީނުގެ ރުކުންތައް އެބައިމީހުން މާނަކުރަނީ އެބައިމީހުންގެ އިމާމުންގެ ގޮތުގައެވެ. އެއީ އެބައިމީހުންގެ ބާތިލު ޢަޤީދާގައި ހިމެނޭ ބާރަ އިމާމުންގެ ޢަޤީދާ ޘާބިތުކުރުމަށެވެ. ކީރިތި ޤުރުއާނުގައިވާ ކުފުރާއި ޝިރުކުގެ އާޔަތްތައް އެބައިމީހުން މާނަކުރަނީ ޢަލީގެފާނުގެ ޚިލާފަތު ޤަބޫލުނުކުރުމުގެ ގޮތުގައެވެ. އެބައިމީހުންގެ ގާތުގައި ކުފުރާއި ޝިރުކުގެ އެންމެ ބޮޑު ޢަމަލަކީ ނަބިއްޔާއަށް ފަހުގައި ޢަލީގެފާނު ޚިލާފަތަށް އިސްނުކުރުމެވެ.
މިފަދަ ގޮތަކަށް ކީރިތި ޤުރުއާން ތަފްސީރުކުރުމުގެ ނަތީޖާއަކީ ޤުރުއާނާއި އެއްވެސް ގުޅުމެއް ނެތް ޚިޔާލީ ވާހަކަތަކެއް ވުޖޫދަށް އައުމެވެ. މިގޮތަށް ޝިޔަޢީންގެ ދަންނަބޭކަލުން ކީރިތި ޤުރުއާން ތަފްސީރުކުރަނީ އެބައިމީހުންގެ ބާތިލު މަޒްހަބު ދިރުވުމެވެ. ސަބަބަކީ ކީރިތި ޤުރުއާނުގެ ސައްހަ ތަފްސީރު ކޮށްފިނަމަ އެބައިމީހުންގެ މަޒުހަބުގައިވާ ކަންކަމުގެ ބާތިލުކަން ޢާންމުންނަށް އެނގި ފަޟީޙަތްވާނެތީއެވެ.
ޝިޔަޢީން ކީރިތި ޤުރުއާނާއި މެދު ޤަބޫލުކުރާ މިޢަޤީދާއަކީ ބާތިލު ޢަޤީދާއެކެވެ. ޝައްކެއްނެތް ވެސް ނެތް ގޮތުގައި ކީރިތި ޤުރުއާނަކީ ޢަޖާއިބުތަކުން ފުރިގެންވާ ސިއްރުތައް އެކުލެވިގެންވާ ފޮތެކެވެ. ނަމަވެސް ޝިޔަޢީންގެ ޢަޖާއިބުން ފުރިގެންވާ މާނަކުރުންތަކަކީ ޢަރަބި ލަފްޒުގެ ބަހަވީ މާނަތަކުންވެސް ބޭރުވެގެންވާ، އަދި ސައްޙަ ޙަދީޘްތަކުންވެސް ޘާބިތުވެގެންވާ މާނަކުރުންތަކެއް ނޫނެވެ. އަދި ޞަޙާބީންނާއި ތާބިޢީންގެ އަރިހުންވެސް ޘާބިތުވެގެންވާ ވާހަކަތަކެއް ނޫނެވެ. އެހެންކަމުން މިފަދަގޮތަކަށް ބާރުފުށުގެ މާނައާއި ޚިލާފު ތަފްސީރުތަކަކީ ބާތިލު ތަފްސީރުތަކެކެވެ. ކީރިތި ޤުރުއާނުގެ އާޔަތެއްގެ ތަފްސީރުގައި ބޭރުފުށުގެ މާނައާއި ޚިލާފު ތަފްސީރެއް ކުރެވޭނީ ސައްޙަ ރިވާޔަތަކުން ޘާބިތުވެގެންނެވެ. ހަވާނަފްސަށް ޤުރުއާނުގެ ތަފްސީރުކުރުމަކީ ﷲ ތަޢާލާ މައްޗަށް ބަސްބުނުން ކަމުގައި ނޫނީ ނުވެއެވެ([4]).
([4]) المصدر: أصول مذهب الشيعة الإمامية الإثني عشرية – ناصر القفاري