މަލާއިކަތުން ޚަލްޤުކުރެއްވުން
ޚަލްޤުކުރެއްވި މާއްދާ
މާތް ﷲ، މަލާއިކަތުން ޚަލްޤުރައްވާފައިވަނީ ނޫރުންނެވެ. މިކަން ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ޞައްޙަމަގުން ވާރިދުވެގެން ވެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. « خُلِقَتِ الْمَلَائِكَةُ مِنْ نُورٍ، وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ، وَخُلِقَ آدَمُ مِـمَّا وَصَفَ لَكُمْ » މާނައަކީ: [މަލާއިކަތުން ޚަލްޤުކުރައްވާފައިވަނީ ނޫރުންނެވެ. އަދި ދުންނާރާ އަލީފާނެއްގެ ހުޅުގަނޑުން ޖިންނީން ޚަލްޤުކުރެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ޞިފަކޮށްދެއްވާފައިވާ ގޮތަށް އާދަމުގެފާނު ޚަލްޤުކުރެއްވިއެވެ.] [1]
އެބޭކަލުން އުފައްދަވާފައިވަނީ ނޫރުންކަން ޘާބިތުވީ ނަމަވެސް އެއީ ކޮން ނޫރެއްކަމެއް ޤުރްއާނުގެ އާޔަތަކުންވެސް އަދި ނަބިއްޔާ صلى الله عليه وسلمގެ ސުންނަތަކުންވެސް ޘާބިތުވާކަށް ނެތެވެ.
މަލާއިކަތުން ޚަލްޤުކުރެއްވުނު ޒަމާން
އެއްވެސް ޝައްކެއްނެތް ގޮތުގައި މަލާއިކަތުން އުފައްދަވާފައިވަނީ އިންސާނުންނަށް ވުރެ ކުރީގައިކަން ޤުރްއާނުން ދަލީލު ލިބެއެވެ. އެގޮތުން ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ﴿ وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ﴾ البقرة: ٣٠
މާނައަކީ؛ “ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިއިލާހު ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވިއެވެ. އަޅަމެން އިބައިލާހަށް ޙަމްދާއެކު ތަސްބީޙަ ކިޔާ، އިބައިލާހަށް ތަޤްދީސުކޮށްކޮށް ތިއްބާ، އެ ބިމުގައި ފަސާދަ އުފައްދާ ލޭއޮހޮރުވާނޭ ބަޔަކު އިބައިލާހު އެ ބިމުގައި ލައްވަނީތޯއެވެ؟ އެއިލާހު ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންއިލާހު ދެނެވޮޑިގެންވަމެވެ.]
މަލާއިކަތުން އުފައްދަވާފައިވަނީ ސުވަރުގެއާއި ނަރަކަ އުފެއްދެވުމުގެ ކުރިންނެވެ. އަންނަނިވި ޙަދީޘް މިކަމަށް ދަލީލުކޮށްދެއެވެ. އެ ޙަދީޘަކީ ދިގު ޙަދީޘަކަށް ވާތީ، މިތަނުގައި ޛިކުރުކޮށްލަން ގަސްކުރަނީ ޙަދީޘްގެ ދިވެހި ތަރުޖަމާ އެކަންޏެވެ.
އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [ސުވަރުގެ އުފެއްދެވުމަށް ފަހު ޖިބްރީލްގެފާނަށް ﷲ ވަޙީކުރެއްވިއެވެ. ވަޑައިގެން އެތަނަށް ބައްލަވާށެވެ! ދެން އެކަލޭގެފާނު އެތަނަށް ވަޑައިގެން ބެއްލެވިއެވެ. އަދި ވިދާޅުވިއެވެ. ޢިއްޒަތްވަންތަ އިލާހެވެ. މިތަނުގެ ވާހަކަ އަޑުއަހައިފި މީހަކު މިތަނަށް ނުވަދެ ނުދާ ހުއްޓެވެ. އެއަށްފަހުގައި އެތަނުގެ ވަށައިގެން، މީހުން އެކަންކަމެއް ކުރަން ނުރުހޭ ކަންތައްތައް ލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ދެން ވަޑައިގެން ބައްލަވާށެވެ! ފަހެ، އެކަލޭގެފާނު ވަޑައިގެން ބެއްލެވިއެވެ. އަދި ވިދާޅުވިއެވެ. ޢިއްޒަތްވަންތަ އިލާހެވެ. ހަމަކަށަވަރުން އެތަނަށް އެއްވެސް މީހަކު ނުވަދެދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގަތް ވަޑައިގަންނަވަމެވެ.
ޙަދީޘްކުރެއްވިއެވެ. ﷲ ނަރަކަ އުފެއްދެވުމަށް ފަހު ޖިބްރީލްގެފާނަށް ވަޙީކުރެއްވިއެވެ. ވަޑައިގެން އެތަނަށް ބައްލަވާށެވެ! ދެން އެކަލޭގެފާނު އެތަނަށް ވަޑައިގެން ބެއްލެވިއެވެ. އަދި ވިދާޅުވިއެވެ. ޢިއްޒަތްވަންތަ އިލާހެވެ. މިތަނުގެ ވާހަކަ އަޑުއަހައިފި އެއްވެސް މީހަކު މިތަނަކަށް ނުވަންނާނެއެވެ. އެއަށްފަހުގައި އެތަނުގެ ވަށައިގެން، ޝަހުވަތްތައް ލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ދެން ވަޑައިގެން ބައްލަވާށެވެ! ފަހެ، އެކަލޭގެފާނު ވަޑައިގެން ބެއްލެވިއެވެ. އަދި ވިދާޅުވިއެވެ. ޢިއްޒަތްވަންތަ އިލާހެވެ. ހަމަކަށަވަރުން އެތަނަށް އެއްވެސް މީހަކު ނުވަދެ ސަލަމާތްވެދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގަތް ވަޑައިގަންނަވަމެވެ.][2]
މަލާއިކަތުންގެ އުފެއްދަވާފައިވަނީ ކޮން ދުވަހެއްގައި ކަމެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް ބައެއް ޢިލްމުވެރިން، މަލާއިކަތުން އުފައްދަވާފައިވަނީ ބުދަ ދުވަހެއްގައިކަމަށް ވިދާޅުވެއެވެ. އެބޭކަލުން އެފަދައިން ވިދާޅުވަނީ ހަތްދުވަހު ޚަލްޤުކުރެއްވުނު ތަކެތި ބަޔާންކޮށްދެއްވި ޙަދީޘަށް ބައްލަވާފައެވެ. އެހެންނަމަވެސް އެ ޙަދީޘްގައި މަލާއިކަތުންގެ ވާހަކަ ޛިކުރުކުރައްވާފައެއް ނުވެއެވެ. ޛިކުރުކުރައްވާފައިވަނީ ނޫރު އުފެއްދެވުނީ ބުދަ ދުވަހުކަމަށެވެ.
[1] ރަވާހު މުސްލިމް
[2] ރަވާހު އަބީ ދާވޫދު، ތިރްމިޛީ، ނަސާއީ އަދި އަޙްމަދު (މި ރިވާޔަތަކީ އަބޫ ދާވޫދުގެ ރިވާޔަތް)