މުޤައްދިމާ
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދުނިޔޭގެ އޮއިވަރުތަކަށް ދިވެހިރާއްޖެވެސް ހުޅުވިފައިވާ ދުވަސްވަރެއްގައި، އެކި ކަންކޮޅުތަކުގައި ހިނގާ ފިކުރީ އޮއިވަރުތައް ރާއްޖެއަށްވެސް އާދެއެވެ. އަދި އެފަދަ ފިކުރުތައް ގެނެސް ވަކި ހިއްޕުވާލުމަށް ފައި ވިއްދައިގެން ތިބި ބަޔަކުވެސް މިއަދު ރާއްޖޭގައި އެބަ ތިއްބެވެ. އެއީ ހުޅަނގުގެ ތަޢުލީމާއި ނިޒާމާއި އުޅުމާއި ފިކުރު ކަމުގޮސްގެން ތިބި ބަޔަކާއި އިސްލާމްދީނާ މެދު ނަފްރަތުކުރާ ބަޔަކާ އަދި ކާފިރުންގެ އެޖެންޑާތައް ތަންފީޒުކުރުމަށްޓަކައި އެބައިމީހުން ޚަރަދުކޮށް، ތަމުރީނުކޮށް ނެރެފައިވާ ބައެކެވެ.
މި ލިޔުމުގައި އަލި އަޅުވާލާނީ އެފަދަ ފިކުރެއްގެ ގޮވެއްޔެއްކަމުގައިވާ، ‘ނަފުރަތު އުފެއްދުން’ އާ ބެހޭ ގޮތުންނެވެ. އެއީ އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ.
* ނަފުރަތުގެ މާނަ
* ނަފުރަތު އުފެއްދުމުގެ ޙުކުމް، އިސްލާމީ ނަޒަރަކުން
* މީސްތަކުން އުފައްދާ އެކި އިޞްތިލާޙުތައް ދީނީ ހަމަތަކުން ކިރާލުން
* ނަފްރަތު އުފެއްދުމުގެ ބިލު ކުރިފަޅައިގެން އައިސްފައިވާ ގޮތް
* މީސްތަކުން ކާފިރުކުރުން
* ނަފްރަތުގެ ބިލުގެ އެކި މާއްދާތަކަށް ނަޒަރެއް
* އެހެން ޤާނޫނުތަކުގައި ހިމަނާފައިވާ ނުވަތަ ހިމަނަން ޖެހޭ ނުކުތާތައް ނަފުރަތުގެ ބިލުގެ ތެރޭގައި
* ދިވެހި ރާއްޖޭގައި މީސްތަކުންގެ މެދުގައި ނަފްރަތު އުފެއްދުމުގައި އަރާ ތިބި އިމާމުން
ނަފުރަތުގެ މާނަ
ދިވެހިބަހުގައި ނަފުރަތުގެ މާނައަކީ: ކަމަކާ ނުވަތަ އެއްޗަކާ ނުވަތަ މީހަކާމެދު ނުރުހޭ ނުރުހުމެވެ. އެއީ އިނގިރޭސި ބަހުގައި ‘hate’ އެވެ. އަދި ޢަރަބި ބަހުގައި ‘كراهية’ އެވެ.
އަދި މި ބަސް އެހެން ލަފްޒުތަކާ ގުޅުވާލައިގެން އިޞްތިލާޙެއްގެ ގޮތުގައިވެސް ބޭނުންކުރެއެވެ. އެއީ ‘ނަފުރަތުގެ ޢަމަލު’ ނުވަތަ ‘ނަފުރަތުގެ ބަސްތައް’ އެވެ. އިނގިރޭސި ބަހުގައި ކިޔާ އުޅެނީ ‘hate crimes’ ނުވަތަ ‘hate speech’ އެވެ. އަދި ޢަރަބި ބަހުގައި ‘جريمة كراهية’ ނުވަތަ ‘خطاب الكراهية’ ކިޔާ އުޅެއެވެ.
އ.ދ. އިން ‘hate speech’ މާނަކުރަނީ:
“އަނގަބަހުން، ލިޔުމުން ނުވަތަ އިޝާރާތުން ވިޔަސް މީހަކަށް ނުވަތަ ބަޔަކަށް ބަހުގެ ހަމަލާއެއް ދިނުމަށް ބޭނުންކުރާ ކުޑައިމީސްކުރަނިވި ލަފްޒުތަކެވެ. އެއީ އެބައިމީހުންގެ ދީނަށް ނުވަތަ ނަސްލަށް ނުވަތަ ޤައުމަށް ނުވަތަ ދަރިކޮޅަށް ނުވަތަ ކުލައަށް ނުވަތަ ޖިންސަށް ނުވަތަ އެ ނޫންވެސް ފާހަގަކުރެވޭ އެފަދަ ކަމަކަށް ބިނާކޮށް ކުރާ ކަންކަމެވެ.” [1]
“the term hate speech is understood as any kind of communication in speech writing or behaviour, that attacks or uses pejorative or discriminatory language with reference to a person or a group
on the basis of who they are, in other words, based on their religion, ethnicity, nationality,race, colour, descent, gender or other identity factor.”
ނަފުރަތު އުފެއްދުމުގެ ޙުކުމް، އިސްލާމީ ނަޒަރަކުން
އެއްވެސް ޝައްކެއް ނެތް ގޮތުގައި ނަފްރަތު އުފެއްދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. އަދި ނަހީކުރައްވާފައިވާ ނަފްރަތަކީ ކޮބާކަން ޝަރުޢީ ނައްޞުތަކުންވަނީ ޝަރަޙަކޮށްދެއްވާފައެވެ. އަދި ދުނިޔޭގެ އެކި ޖަމާޢަތްތަކުން ނަފްރަތު މާނަކުރާ ގޮތަށް މުސްލިމުން އެ މާނައެއް ނުކުރެއެވެ. އިސްލާމްދީނުގައި އެ މާނަކޮށްފައިވަނީ މާ ފުރިހަމަކޮށެވެ. މުސްލިމުން އެ މާނަކުރަނީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ވަޙީގެ އަލީގައެވެ.
އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ނަފްރަތުގެ ބައެއް މިސާލުތައް
– ދެމަފިރިންގެ މެދުގައި ނަފްރަތު އުފެއްދުން.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَيْسَ مِنَّا مَنْ خَبَّبَ امْرَأَةً عَلَى زَوْجِهَا، أَوْ عَبْدًا عَلَى سَيِّدِهِ» [رواه أبو داود في سننه (2175) وصححه الألباني في صحيح أبي داود (1890)]
މާނައީ: “ދެމަފިރިންގެ ދެމެދުގައި ދޭތެރެ ޖައްސައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. ނުވަތަ އަޅަކާ އޭނާގެ ސާހިބުމީހާއާ ދެމެދުގައި ދޭތެރެ ޖައްސައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.”
– މުސްލިމުންގެ މެދުގައި ރުޅިވެރިކަން އުފެދޭ ކަންތައްތައްކުރުމާއި އަބުރަށް އަރައިގަތުން.
ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إِخْوَانًا.
الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَحْقِرُهُ، التَّقوَى ههُنَا – وَيُشِيرُ إِلَى صَدْرِهِ ثَلاَثَ مَرَّاتٍ – .
بِحَسْبِ امْرِئٍ مِنَ الشَّرِّ أنْ يَحْقِرَ أَخَاهُ الْمُسْلِمَ. كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ، وَمَالُهُ، وعِرْضُهُ». [رَوَاهُ مُسْلِمٌ 32 – (2564)]
މާނައީ: “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދިނުމުގެ ގޮތުން މުދަލުގެ އަގު ބޮޑުނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ. އަދި ގަނެވިއްކުމުގައި (ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް) އެކަކު ކިޔާ އަގުގެ މައްޗަށް އަނެކަކު އަގު ނުކިޔާށެވެ. އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚުވަންތަވާށެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އޭނާގެ އަޚާއަށް އެހީތެރިކަން ބޭނުންވާ ވަގުތު އެހީނުވެ ނުހުންނާނެއެވެ. އަދި އޭނާގެ އަޚާ ކުޑައިމީސް ނުކުރާނެއެވެ. ތަޤުވާވެރިކަންވަނީ މިތަނުގައެވެ.” މިފަދައިން ޙަދީޘްކުރައްވާފައި އެކަލޭގެފާނުގެ މޭފުޅަށް ތިން ފަހަރު އިޝާރާތްކުރެއްވިއެވެ. “ތިބާގެ މުސްލިމު އަޚާ ކުޑައިމީސްކުރިމީހާ ދަންނައެވެ. ނުބައިކަމެއްގެ ގޮތުގައި އޭނާއަށް އެކަން ފުދެއެވެ. ކޮންމެ މުސްލިމެއްގެ މައްޗަށްވެސް، އަނެއް މުސްލިމެއްގެ ލެޔާއި މުދަލާއި އަބުރު ޙަރާމްވެގެންވެއެވެ.”
– މީސްތަކުން ނުރުހޭ ނަންތަކުން އެބައިމީހުންނަށް ގޮވުމާއި ޢައިބު ކިޔުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ﴾ [سورة الحجرات ١١]
މާނައީ: “އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ!”
އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ނަފުރަތުގައި ނުހިމެނޭ ބައެއް ކަންތައްތައް
‘އަލްވަލާއު ވަލްބަރާއު’ އަކީ އިސްލާމީ ޢަޤީދާގައި ނުހަނު އަހަންމިއްޔަތުކަން ދެއްވާފައިވާ ކަމެކެވެ. އެއީ ﷲ އަށްޓަކައި ލޯބިވުމާއި އެއިލާހަށްޓަކައި ރުޅިއައުމެވެ. އެގޮތުން އެއިލާހު ޝަރުޢުކުރެއްވި އެންމެހާ ކަންތައްތަކާއި ޙުކުމްފުޅުތައް ދެކެ ލޯބިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. އަދި އެއިލާހު ނަހީކުރެއްވި އެންމެހާ ކަމަކާމެދު ނަފްރަތު ކުރުމަކީވެސް މުސްލިމުންގެ މައްޗަށް ލާޒިމުކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ أَحَبَّ لِلَّهِ، وَأَبْغَضَ لِلَّهِ، وَأَعْطَى لِلَّهِ، وَمَنَعَ لِلَّهِ فَقَدِ اسْتَكْمَلَ الْإِيمَانَ» [سنن أبي داود (4681)]
މާނައީ: “ﷲ އަށްޓަކައި ލޯބިވެ، ﷲ އަށްޓަކައި ރުޅިއައިސް، ﷲ އަށްޓަކައި ހޭދަކޮށް، ﷲ އަށްޓަކައި މަނާވެގެންފި މީހަކު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހެއްގެ އީމާންކަން ފުރިހަމަވެއްޖެއެވެ.”
ކާފިރުންގެ ޢަމަލުތައް ބާޠިލުވާ ސަބަބުތަކުގެ ތެރެއިން މައިގަނޑު އެއް ސަބަބަކީ، ﷲ ތަޢާލާ ބާވައިލެއްވި ޝަރީޢަތާ ޙުކުމްފުޅުތަކަށް އެބައިމީހުން ނުރުހުންތެރިވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَالَّذِينَ كَفَرُوا فَتَعْسًا لَّهُمْ وَأَضَلَّ أَعْمَالَهُمْ ﴿٨﴾ ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ ﴿٩﴾ [سورة محمد]
މާނައީ: “ކާފިރުވިމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ހަލާކާއި، އަބާއްޖަވެރިކަން ހުށްޓެވެ. އަދި އެއިލާހު އެއުރެންގެ ޢަމަލުތައް ގެއްލެނިކުރެއްވިއެވެ. (8) އެއީ އެއުރެން، ﷲ ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެއިލާހު އެއުރެންގެ ޢަމަލުތައް ބާޠިލުކުރެއްވިއެވެ. (9)”
އެހެންކަމުން ޝަރުޢީ ނައްޞުތަކުގައިވާ ޙުކުމްތައް ބަޔާންކުރުމަކީ އެއްވެސް ޙާލެއްގައި ނަފްރަތު ފެތުރުމުގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫނެވެ. މިސާލަކަށް މިވެނި ކަމަކީ ނަރަކަވަންތަވެރިންގެ ސިފައެކޭ ބުނުމަކީ މުޖުތަމަޢުގައި އެގޮތަށް އުޅޭ މީހުންނާމެދު ނަފުރަތު އުފެއްދުމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ އިސްލާމްދީނުގައި އަމުރުކުރައްވާފައިވާ ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ތެރެއިންވާ ކަމެކެވެ. އަދި އެއީ އެ ހެޔޮކަމަށް ގޮވާލި މީހާއާއި ގޮވާލެވުނު މީހާއަށްވެސް ދެދުނިޔޭގައިވެސް ރައްކާތެރިކަމާއި ކާމިޔާބު ލިބެނިވި ޢަމަލެކެވެ. ބަނޫ އިސްރާއީލުގެ މީހުންނަށް ﷲ ތަޢާލާ ލަޢުނަތްލެއްވީ އެބައިމީހުން މުންކަރާތްތައް ނަހީކުރުން ދޫކޮށްލުމުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾ [سورة المائدة]
މާނައީ: “އިސްރާއީލުގެ ދަރިންގެ ތެރެއިން ކާފިރުވި މީހުންނަށް، ދާވޫދުގެފާނާއި މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅު މަތިން ލަޢުނަތްލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. (78) އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެއެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! (79) “
އެހެންކަމުން މިސާލަކަށް ބުރުގާ ނާޅާ އަންހެނެއްގެ ގާތުގައި ބުރުގާ އެޅުމަށް ނަސޭޙަތްތެރިވެ، އެކަން ދޫކޮށްލުމުން އުޚްރަވީ ޙަޔާތުގައި ހުރި ޢުޤޫބާތުގެ ވާހަކަތައް ދެއްކުމަކީ މުޖުތަމަޢުގައި އުޅޭ ބުރުގާ ނާޅާ މީހުންނާމެދު ނަފްރަތު އުފެއްދުމެއް ނޫނެވެ. އަދި އެއީ އެފަދަ މީހުން ‘ޖަޖު’ ކުރުމެއްވެސް ނޫނެވެ. އެފަދަ މީހުންގެ ޙިސާބުބެއްލެވުން ވަނީ ﷲ އަށެވެ. އެހެނަސް މުސްލިމުންނަށް އަމުރުވެވިގެންވަނީ އެބައިމީހުންގެ މުޖުތަމަޢުގައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ހިނގާ މުންކަރާތްތަކަށްވެސް އިންކާރުކުރުމެވެ. އަދި އެކަމަށް ފަރުވާކުޑަކޮށްފިނަމަ އެމުޖުތަމަޢެއްގައި އުޅޭ އެންމެންނަށް ޢާންމުވެގެންވާ ކޯފާއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މުންކަރާތްތައް މަނާކުރުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ އެއްގޮތަށް، މީސްތަކުން ފަޟީޙަތް ނުކޮށް، ރިވެތި ނަސޭޙަތް ދިނުމާއި މަޑުމައިތިރިކަމާއި ޙިކުމަތްތެރިކަމާއެކު އެކަންކުރުމަކީ އެކަމުގެ ހެޔޮކަން މުޖުތަމަޢުން ފެނިގެންދާނެކަމެކެވެ.
އަދި ވަކި ބަޔަކާމެދު ސަމާލުވުމަށާއި އެބައިމީހުންގެ ހުރި ނޭދެވޭ ސިފައެއް ބަޔާންކުރައްވާ ﷲ ތަޢާލާ ޤުރުއާނުގައި ދެއްވާފައި ޚަބަރެއް ބަޔާންކުރުމަކީވެސް މުޖުތަމަޢުގެ ވަކި ބަޔަކާމެދު ނަފްރަތު އުފެއްދުންކަމުގައި ނުވާނެއެވެ.
އޭގެ މިސާލަކީ އަންނަނިވި އާޔަތެވެ.
﴿لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا﴾ [سورة المائدة ٨٢]
މާނައީ: “އީމާންވި މީހުންނަށް މީސްތަކުން ކުރެ، ޢަދާވާތްތެރިކަން އެންމެ ބޮޑު ބަޔަކީ، ޔަހޫދީންނާ އަދި ޝަރީކުކުރާ މީހުންކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.”
މި އާޔަތުގައި މިވާ މުޠުލަޤު ޙުކުމް މީސްތަކުންނަށް ކިޔައިދިނުމަކީ މައްސަލައެއް ނޫނެވެ. އަދި އެކަން ނަފްރަތު އުފެއްދުމުގެ ތެރޭގައިވެސް ނުހިމެނޭނެއެވެ. މިއީ ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ތެދު ޚަބަރެކެވެ. އަދި މިއީ ކަން ހިނގާ ގޮތެވެ. އަދި އިސްލާމްދީނުގެ ސަމާޙަތްތެރިކަން މިފަދަ އާޔަތްތަކުން ނަފީއެއް ނުކުރެއެވެ. އަދި އިސްލާމްދީނަކީ ‘ނަފްރަތު’ އުފައްދާ ދީނަކަށްވެސް ނުވެއެވެ. އެފަދަ މީހުންނާ މެދު މުސްލިމުން ރައްކާތެރިވުމާއެކު، އެބައިމީހުންނާ މުޢާމަލާތްކުރާނޭ ޢަދުލުވެރި ނިޒާމެއް އިސްލާމްދީނުގައި ވެއެވެ. އެއީ ޞުލްޙައިގެ ޙާލަތާއި މުސްލިމުންގެ ބެލުމުގެ ދަށުގައި އެބައިމީހުން ތިބޭ ޙާލަތާއި އަމާންކަން ހޯދާ ޙާލަތާ އަދި ހަނގުރާމައިގެ ޙާލަތުގައިވެސްމެއެވެ.
އިސްލާމްދީނުގައި ބާރު އަޅުއްވާފައިވަނީ މީސްތަކުންގެ މެދުގައި ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި ޢަދުލުވެރިކަމާއެކު ހެޔޮގޮތުގައި އުޅުމަށެވެ. އެހެނަސް އެބައިމީހުން މުސްލިމުންނަށް އަނިޔާވެރިވާ ޙާލަތުގައި އެފަދަ މީހުންގެ އަނިޔާވެރިކަން ހުއްޓުމަށް ކުރަންޖެހޭ ކަންތައްތައްވެސް އިސްލާމްދީނުގައި ވަނީ ބަޔާންކުރައްވާފައެވެ. އެއީ ނަފްރަތު އުފެއްދުމެއް ނޫނެވެ. ހަނގުރާމަ ކުރަން ޖެހޭ ޙާލަތްތަކުގައި ހަނގުރާމަކުރުމަށްވެސް އިސްލާމްދީނުގައި ވަނީ އަމުރުކުރައްވާފައެވެ. އަދުގެ ތަހުޒީބީ އެއްވެސް މުޖުތަމަޢެއްގައި މީހަކު މަގުމަތީ ހިނގާފައި ދަނިކޮށް އެމީހެއްގެ އަނބިދަރިންނާ ބަޔަކު ދިމާކުރުމުން ތިމަންމެންގެ ދީނަކީ ޞުލްޙަވެރިކަމުގެ ދީނެކޭ ބުނެ އަތްއުރާލައިގެން ތިބޭ ބަޔަކު ނޫޅެއެވެ.
މި އާޔަތްތަކުން ދަލާލަތު ކުރަނީ ޔަހޫދީންނާއި މުޝްރިކުންނަކީ މުސްލިމުންނަށް ނަފުރަތު ކުރާ ބައެއްކަމުގައެވެ. އަދި މުސްލިމުން އެކަމަށް ހުށިޔާރުވެ ސަމާލުވާން ޖެހޭނެކަމެވެ. އަދި ކޮންމެ ޙާލަތަކަށާއި ބަޔަކާ އެކަށޭނެ ގޮތަށް މުޢާމަލާތްކުރުމަށް އިސްލާމްދީނުގައި އިރުޝާދުދެއްވާފައިވާ ކަމެވެ.
މީސްތަކުން އުފައްދާ އެކި އިޞްތިލާޙުތައް ދީނީ ހަމަތަކުން ކިރާލުން
‘hate speech’ ނުވަތަ ‘hate crimes’ އަކީ މި ޒަމާނުގެ އިޞްތިލާޙުތަކެކެވެ. އަދި އިސްލާމްދީނަކީ މީގެ އެތައް އަހަރެއް ކުރިން ފުރިހަމަކުރައްވާފައިވާ ޝާމިލު ދީނެކެވެ. އަދުގެ މުޖުތަމަޢުތަކުގައި ‘އިންސާނީ ޙައްޤު’ އޭ ބުނުމުން އޭގެ މުރާދަކީ ހަމައެކަނި ހުރިހާ އިންސާނުންނަށްވެސް ހެޔޮކޮށް ހިތަންޖެހޭނެކަމެއް ނޫނެވެ. މި ރީތި ޝިޢާރުގެ ދަށުގައި އިސްލާމްދީނާ ޚިލާފު އެތައް ކަމެއް އެބައިމީހުން ރާވާ ހިންގައެވެ. Universal Declaration on Human Rights ގައިވެސް ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ބަޔާންކޮށްފައިވެއެވެ. (އެކަމުގެ ތަފްޞީލު މި ލިންކުން ބައްލަވާށެވެ.) އަދި ‘އަންހެނުންގެ ޙައްޤުތައް’ ހޯދާދިނުމުގެ ނަމުގައި ބޭނުންކުރާ ޝިޢާރަކީވެސް މިފަދަ ޝިޢާރެކެވެ. އޭގެ މުރާދަކީ ހަމައެކަނި އަންހެނުންނަށް ހެޔޮކޮށް ހިތާ އެބައިމީހުންނަށް ކުރެވޭ އަނިޔާތައް ހުއްޓުވުމެއް ނޫނެވެ. އެހެނަސް އެކަމުގައިވެސް އިސްލާމްދީނާ ޚިލާފު އެތައް ކަމެއް އެބައިމީހުން ދަޢުވާކުރެއެވެ. އެގޮތުން ވާރުތަމުދާ ބެހުންފަދަ ކަންކަމުގައި އިސްލާމްދީނުގައި އަންހެނާއަށް ބޭއިންސާފުކޮށްފައިވާކަމަށް އެބައިމީހުން ދަޢުވާކުރެއެވެ. ބުރުގާ ނެގުމަށް މީހަކަށް ލިބޭ ޙައްޤު، ބުރުގާ އަޅާ މީހަކަށް މި ޙައްޤުތަކުގެ ދަށުން ނުލިބިދާނެއެވެ. އަދި ނިވާކަން ކުޑަވާވަރަކަށް އަންހެނުން ބާރުވެރިވެ، ނިވާވާވަރަކަށް އެބައިމީހުން އަޅުވެތިވާކަމަށްވެސް މި ފިކުރުގައި ސިފަކުރެއެވެ.
އެހެންކަމުން މީސްތަކުން އަލަށް ކުރާ ކަންކަމުގެ ނުވަތަ މިފަދަ އިޞްތިލާޙުތަކުގެ ޙުކުމް ހޯދުމަށްޓަކައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ގޮތަކީ:
– ޝަރީޢަތުގައި ވާރިދުވެފައި ނުވާ މިފަދަ އިޞްތިލާޙުތައް އިސްވެ ބޭނުން ނުކުރުމެވެ. އަދި މިފަދަ އިޞްތިލާޙުތައް ދޫކޮށް ދީނީ ގޮތުން އިޤުރާރުވާ އިޞްތިލާޙުތައް ބޭނުން ކުރުމެވެ.
– އަދި މިފަދަ އިޞްތިލާޙުތަކުގެ ޙުކުމް ހޯދުމަށް ދީނީ ނައްޞުތަކާ އަޅާ ކިޔާ މި އިޞްތިލާޙުގެ މުރާދަކީ ކޮބާތޯ ސުވާލު އުފެއްދުމެވެ. [2]
– މިސާލަކަށް ސުވާލު އުފެއްދިދާނެއެވެ. ‘hate speech’ ގެ މުރާދަކީ ކޮބާ ހެއްޔެވެ. މީސްތަކުންނަށް ލަޤަބުތަކުން ގޮވުމާއި ދެމަފިރިންގެ ދެމެދުގައި މައްސަލަ އުފެއްދުމާއި މީސްތަކުންގެ އަބުރަށް އަރައިގަނެ ކުޑައިމީސްކުރުން ހެއްޔެވެ. މިއީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންކަމެވެ. އަދި މިފަދަކަންކަމަށް މަނާކުރުމަކީ އިސްލާމްދީނުގައި އިރުޝާދުދެއްވާފައިވާ ކަމެކެވެ.
– ‘hate speech’ ގެ މުރާދަކީ އިސްލާމްދީނުގެ ޙުކުމްތައް އިންކާރުކޮށް ވާހަކަދައްކާ މީހުންނާއި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއި އެއް ޖިންސުން ގުޅުން ހިންގުންފަދަ ޢަމަލުތައް ހުއްދަކޮށް އެކަމަށް ހިތްވަރުދީ ވާހަކަދައްކާ މީހުންނަކީ ގޯސްބައެއްގެ ގޮތުގައި އަދި އެބައިމީހުން ދައްކާ ވާހަކައަކީ ބާޠިލުވާހަކައެއްކަމުގައި ސިފަކުރުންކަމުގައި ވާނަމަ، މި ކަންކަމަކީ އިސްލާމްދީނުގައި ހުއްދަކުރާ ކަންކަމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. މިފަދަ ބަސްތަކަކީ ކުފުރުގެ ބަސްތަކެކެވެ. މިފަދަ ވާހަކަ ދައްކާ މީހަކީ ނުބައި ނުލަފާ މުޖުރިމަކަށް ނުވާނޭ ގޮތެއް ދީނީ ހަމައަކުން ނުވެއެވެ. އަދި މިފަދަ މީހުންނާމެދު މުސްލިމުން ނަފުރަތު ކުރަންޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۖ كَبُرَ مَقْتًا عِندَ اللَّهِ وَعِندَ الَّذِينَ آمَنُوا﴾ [سورة غافر ٣٥]
މާނައީ: “އެއުރެންނީ، ﷲގެ އާޔަތްތަކާ މެދުގައި އެއުރެންނަށް ލިބިފައިވާ އެއްވެސް ދަލީލަކާ ނުލައި ޖަދަލުކުރާ މީހުންނެވެ. ﷲގެ ޙަޟްރަތުގައްޔާއި، އީމާންވިމީހުންގެ ގާތުގައި އެކަމަށްހުރި ނުރުހުން ބޮޑުވެގެންވެއެވެ.”
އަދި ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ އަޞްލުގެ ދަށުން، އެފަދަ މީހުން އެކުރާ ޢަމަލުތަކަށް އިންކާރުކުރަން ޖެހެއެވެ. މުޖުތަމަޢުގެ ހުރިހާ އަފުރާދުންވެސް އެބަޔަކަށް ކުޅަދާނަވީ މިންވަރަކުންނެވެ. އަދި ޝަރުޢީ ކޯޓެއްގައި މިފަދަ މީހުންނަށް ތައުބާ ލައިދީ ތައުބާ ޤަބޫލުނުކޮށްފިނަމަ މުރުތައްދުންގެ ޙުކުމުން ޙުކުމްކޮށް ޙައްދު ޤާއިމުކުރުމަކީވެސް އިސްލާމީ ދައުލަތުގެ ޙާކިމާގެ މައްޗަށް ލާޒިމު ކަމެކެވެ. އެއީ ދީނުގެ ޙުކުމްތަކަށް އިންކާރުކުރިކަމަށްޓަކައެވެ. [3]
– އެހެންކަމުން ‘hate speech’ ފަދަ އިޞްތިލާޙުތަކަކީ އެކުއެކީގައި ޤަބޫލުކުރަން ޖެހޭ އަދި އެކުއެކީގައި އިންކާރުކުރާ އިޞްތިލާޙުތަކެއް ނޫނެވެ. އެހެނަސް އަޅުގަނޑުމެން މުސްލިމުން ބޭނުންކުރާނީ އިސްލާމީ ފިޤުހުގައި، ދީނީ ނައްޞުތަކުގެ އަލީގައި ބަޔާންވެގެން އައިސްފައިވާ އިޞްތިލާޙުތަކެވެ. މިސާލަކަށް ‘އަބުރަށް އަރައިގަތުން’ ފަދަ އިޞްތިލާޙުތަކެވެ. އެއީ އިސްވެ ބަޔާންވެ ދިޔަ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. “ކޮންމެ މުސްލިމެއްގެ މައްޗަށްވެސް، އަނެއް މުސްލިމެއްގެ ލެޔާއި މުދަލާއި އަބުރު ޙަރާމްވެގެންވެއެވެ.” އިސްލާމީ ފިޤުހުގައި ވާރިދުވެފައި ނުވާ އިޞްތިލާހެއް މީހަކު ބޭނުންކޮށްފިނަމަ އެ އިޞްތިލާޙުގެ މުރާދަކީ ކޮބާތޯ ބަލާނީއެވެ.
– އަދި ‘hate crimes’ އަށް ބަލާއިރު ޙައްޤަކާ ނުލާ މީހަކަށް ނުވަތަ ބަޔަކަށް އަނިޔާކޮށްފިނަމަ އެކަމުގެ ޙައްޤު އަދަބު އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ވެއެވެ. އަދި އެއީ ޖިނާއީ ކުށެކެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގެ ދަށުން ޤިޞާޞްގެ ޙުކުމާ، ޤަޞްދުގައި މީހަކު މަރާލި މީހަކު މެރުމާ، ފަސާދަކޮށް މަގުފޭރޭ މީހުންނަށް ހުރި ޙިރާބާގެ ޙުކުމާ އަދި ބަޣާވާތްކުރާ މީހުންނަށް ބާޣީންގެ ޙުކުމް ކަނޑައެޅިގެން ދެއެވެ. އަދި އެކަމުގައި ދީނުގައި ކަނޑައެޅިފައިވާ ޙުކުމާ އެއްގޮތަށް ޙުކުމްކުރެވި އެގޮތުގެ މަތިން އެފަދަ މީހުންނާ މުޢާމަލާތުކުރަން ޖެހެއެވެ. އެއީ ވަކި ނަސްލެއްގެ ވީތީ ނުވަތަ ވަކި ދީނެއްގެ މީހަކަށް ވީތީ އަރައިގަތް ކުށެއްތޯ ނުވަތަ ކުރި ކަމެއްތޯ ބަލާކަށް ނުޖެހެއެވެ. ދީންތަކުގެ މީހުންގެ މެދުގައި ނުވަތަ ގިންތިތަކުގެ މީހުންގެ މެދުގައި ޙުކުމެއް ތަފާތުވަންޏާ ކީރިތި ޤުރުއާނާއި ސުންނަތުގައި ސާފުކޮށް އެކަން އަންގަވާފައި ވެއެވެ. މީހަކަށް އަނިޔާކޮށްފިނަމަ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޢުޤޫބާތް ކޮންމެ މީހަކަށްވެސް ޙައްޤުވެގެން ދާނެއެވެ. މުސްލިމަކު ކާފިރަކަށް އަދި ކާފިރަކު މުސްލިމަކަށް އަނިޔާކުރުމުގެ ޖާގައެއް އިސްލާމްދީނުގައި ދެއްވާފައި ނުވެއެވެ. މިސާލަކަށް މުސްލިމުންގެ ދަށުގައި އުޅޭ ޛިންމީންގެ މުދާ ފޭރި އެބައިމީހުންގެ ގައިގައި ތަޅާ އަނިޔާކުރުން އެއްވެސް މުސްލިމަކަށް ހުއްދަވެގެން ނުވެއެވެ. [4]
ޢާންމު ގޮތެއްގައި މީހަކު އެހެންމީހަކަށް އަނިޔާވެރިވަނީ އެމީހަކާ މެދު ނަފްރަތެއް އޮވެގެންނެވެ. ނަފްރަތަކީ ހިތުގެ ޢަމަލެއްކަމުން ފިޔަވަޅު އެޅޭނީ ދުލާއި ޢަމަލުން އެކަމެއް ފާޅުކުރުމުންނެވެ. އެފަދައިން ފާޅުކޮށްފިނަމަ އިސްލާމްދީނުގައި އެފަދަ މީހުންނަށް ކަނޑައެޅިފައިވާ ޙައްދެއް ނުވަތަ ތަޢުޒީރީ ޙުކުމެއް ޙާކިމަށް ކަނޑައެޅިދާނެއެވެ.
މިކަމުން އެނގިގެންދަނީ އިސްވެ ބަޔާންވެ ދިޔަ ފަދައިން ‘hate speech’ އެކޭ އެއްގޮތަށް ‘hate crimes’ އަކީވެސް ވަކި އެހެން މަޤްޞަދެއްގައި ވަކި އެޖެންޑާއެއްގައި ދުނިޔޭގައި މިހާރު ތަޢާރަފުކޮށް ފަތުރަމުންދާ އިޞްތިލާޙުތަކެއް ކަމެވެ. އަދި އޭގެ ބަދަލުގައި ބޭނުންކުރެވޭނެ މާ ފުރިހަމަ އިޞްތިލާޙުތަކާއި ޝާމިލު ޙުކުމްތައް އިސްލާމީ ޝަރީޢަތުގައި އައިސްފައިވާކަމެވެ.
ނަފްރަތު އުފެއްދުމުގެ ބިލު ކުރިފަޅައިގެން އައިސްފައިވާ ގޮތް
25 މެއި 2021 ގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ޤާނޫނުލްޢުޤޫބާތަށް އިޞްލާޙެއްގެ ގޮތުގައި ހުށަހަޅާފައިވާ ‘ނަފުރަތުގެ ޢަމަލު ހިންގުން’ ބިލު ކުރި ފަޅައިގެން އައިސްފައި މިވަނީ ހުޅަނގުގެ ޤައުމުތަކުންނެވެ. އެއީ އެ ޤައުމުތަކުގައިވާ އެކިއެކި ‘މައިނޯރިޓީ’ ތައް ޙިމާޔަތްކުރުމަށްޓަކައި ތަޢާރުފުކޮށްގެން އުޅޭ ޤާނޫނުތަކެކެވެ. އެއީ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ޔަހޫދީންނާ އަދިވެސް އެފަދަ އެހެނިހެން މައިނޯރިޓީތައް ޙިމާޔަތްކުރުމަށެވެ.
އަދި އދ ގެ ބާރުއެޅުމާއެކު އެކިއެކި ޤައުމުތަކުގައި މިހާރު މިފަދަ ޤާނޫނުތައް ހަދަމުން ދެއެވެ. [5]
އަދި ރާއްޖޭގައިވެސް UNDP ގެ އެހީގައި ދިވެހި ސަރުކާރުން ‘ޖަޒީރާ ރާއްޖެ’ އަކަށް ދިޔުމަށް އިނގިރޭސި ބަހުން ލިޔެ ތައްޔާރުކޮށްފައިވާ ‘ސްޓްރެޓޭޖިކް އެކްޝަން ޕްލޭން’ ގައިވެސް މިކަން ހިމަނާފައި އެބަ އޮތެވެ. އެހެންކަމުން މިއީ ދުރާލާ ރާވައިގެން ލާދީނިއްޔަތާއި ސެކިއުލަރިޒަމް ވަރުގަދަ ކުރުމަށް ހަދަން އުޅޭ ޤާނޫނެކެވެ. [6]
“This document outlines the developmental targets and priorities of the Government for the five-year period 2019 – 2023. It sets out realistic strategic goals that would help achieve key developmental milestones in realising our hopes and dreams of a Jazeera Raajje.
This document would not have reached its ultimate conclusion
without the assistance and technical input of the multiple agencies that worked on the various sub-sectors. In particular, the assistance of our multilateral partner in development UNDP and their consultants is noteworthy.”
އަދި ބޭރުގެ ނުފޫޒުވެސް އޮވެގެން ކުރިއަށްދާ ކަމެކެވެ. އަދި އިސްލާމީ އުޞޫލަތަކަށް ބެލުމެއް ނެތި، ދީނީ މަފްހޫމު އެއްފަރާތްކޮށްފައި މީހުންގެ ބޮލުގައި ‘ޓެރަރިސްޓު ލޭބަލް’ އަޅުވައި ‘ވިޗް ހަންޓެއް’ ހިންގަން ކުރާކަމެކެވެ. އަދި ‘ޓެކްޓިކަލީ’ ރާވައިގެން ދިވެހިރާއްޖޭގައި އިސްލާމްދީން ތައުހީނުކޮށް، މުސްލިމުންގެ ބާރުކުޑަކުރުމަށް ކުރާކަމެކެވެ.
މީޑިއާގައި މިއީ މީސްތަކުން ކާފިރުކުރުން ހުއްޓުވާ ބިލެއްކަމަށް ފަތުރަމުން ދަނީ، ދީނަށް ލޯބިކުރާ މުސްލިމުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ. އެއީ ރާއްޖޭގައި އޮތް ހަރުކަށި ފިކުރުގެ ނުރައްކާ ދައްކާފައި އިސްލާމްދީނަށް ޣީރަތްތެރި އެންމެންނަށް ފިޔަވަޅު އަޅާ އަނގަތައް ބަންދުކުރުމަށެވެ. އަދި ދީނަށް ފުރައްސާރުކުރާމީހުންނާއި ދިވެހިންގެ ތެރެއިން ފާޅުގައި މުރުތައްދުވާ މީހުން ޙިމާޔަތްކުރުމަށެވެ.
= ނުނިމޭ =
[1] UNITED NATIONS STRATEGY AND PLAN OF ACTION ON HATE SPEECH, authorised by United Nations Secretary-General António Guterres (May 2019)
[2] التدمرية لابن تيمية (ص: 65 – 66).
[3] حد الكفر والتكفير لد. لطف الله خوجه (ص: 132).
[4] الكافي لابن قدامة (4 / 181).
[5] UNITED NATIONS STRATEGY AND PLAN OF ACTION ON HATE SPEECH, authorised by United Nations Secretary-General António Guterres (May 2019)
[6] STRATEGIC ACTION PLAN OF THE GOVERNMENT OF MALDIVES (2019 – 2023)